ad_banner
ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދިހަ ދުވަސް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 މޭ 2026

އަޅުގަނޑުމެން މިހާރު މި ދަނީ މާތްﷲ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދިހަ ދުވަހާ ބައްދަލުކުރުމަށް ޓަކައި ތައްޔާރުވަމުންނެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ކައު ރަސޫލާ  صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((ما من عَمَلٍ أَزْكَى عِنْدَ الله عزَّ وجلَّ ولا أَعْظَمَ أَجْرًا من خَيْرٍ يعملهُ في عَشْرِ الْأَضْحَى، قِيلَ: ولا الْجِهَادُ في سَبِيلِ الله؟ قال: ولا الْجِهَادُ في سَبِيلِ الله عزَّ وجلَّ إلا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فلم يَرْجِعْ من ذلك بِشَيْءٍ[1] - އަޟުޙާގެ ދިހަ ދުވަހުގައި މީހަކު ކުރާ ހެޔޮ ޢަމަލަކަށް ވުރެ، ﷲގެ ޢައްޒަ ވަ ޖައްލަގެ ޙަޟުރަތުގައި ޠާހިރުކަން ބޮޑު އަދި ސަވާބު މަތިވެރި އެހެން ޢަމަލެއް ނުވެތެވެ.  އެ ބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު، އެބުރި ނައި މީހާ ފިޔަވައެވެ.))

އާދޭހެވެ! މިއީ މާތް ދުވަސްތަކެކެވެ. ބަރަކާތްތެރި ފޯވައްސެކެވެ. އަގުހުރި ދުވަސްތަކެކެވެ. އިސްވެ ދިޔަ ޙަދީސްފުޅުންނާއި އެހެނިހެން ޙަދީސްބަސްފުޅުތަކުން އެނގޭ ގޮތުގައި ﷲގެ ޙަޟުރަތުގައި މި ދުވަސްތަކަށް ވުރެ މާތްކަން ބޮޑު ދުވަސްތަކެއް ނުވެތެވެ. ﷲގެ ޙަޟުރަތުގައި ހެޔޮ ޢަމަލުތައް ކުރުން އިތުރުވެގެންވާ ދުވަސްތަކެއް ނުވެތެވެ. އެއީ އެކަލާނގެ ޒާތުފުޅަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެކެވެ. މި ދުވަސްތަކުގައި ﷲގެ މުއުމިނު އަޅާ ކުރާ ހެޔޮ ޢަމަލުތަކުގެ ދަރަޖަ މަތިވެރިވެގެންވެއެވެ. މާތް ﷲ މި ދުވަސްތައް ގަންދެއްވައި ބަސްވަޙީކުރެއްވިއެވެ. )وَلَيَالٍ عَشْرٍ [2]- އަދި ދިހަ ރޭ ގަންދެއްވަމެވެ.( އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުއްވައި ދެއްވައިފައިވާ ޚައިރާތުގެ މޫސުމެއްގެ މަތީންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ މި ދުވަސްތަކުގެ ބޭނުން ރަނގަޅަށް ހިފައި އެކަލާނގެ ޙަޟުރަތަށް  އައުމަށެވެ. މަތިވެރި އެއްޗެއް ފިޔަވައި އެހެން އެއްޗެއް ގަންދެއްވައި މާތް ﷲ Y ހުވައިވަޙީއެއްނުކުރައްވާނެތެވެ. މި ދިހަ ދުވަހުގައި ޢިބާދާތުގެ ތަފާތު ބާވަތްތައް ހިމެނޭތީއެވެ. ޢަރަފާތުދުވަސް ހިމެނެނީ މި ދިހަ ދުވަހުގައެވެ. ޢަރަފާތުދުވަހާ ބެހޭ ގޮތުން ލޮބުވެތި ރަސޫލުﷲ ޙަދީސްކުރެއްވިއެވެ. ((ما رُئيَ الشَّيطانُ يَومًا هو فيه أصغَرُ ولا أدحَرُ ولا أحقَرُ ولا أغيَظُ منه يَومَ عَرَفةَ؛ لما يَرى مِن تَنزيلِ الرَّحمةِ وتَجاوُزِ اللهِ عنِ الذُّنوبِ العِظامِ[3]– ޢަރަފާތުދުވަހަށް ވުރެ ޝައިޠާނާއަށް ނިކަމެތިކަން ބޮޑު، އިހާނަތްތެރިކަން ބޮޑު، ޤަދަރުވެރިކަން ކުޑަ ދުވަހެއް އެކަލޭގެ ނުދެކެތެވެ. އެއީ އެ ދުވަހު މާތްﷲ ބާވައިލައްވާ ރަޙުމަތާއި ބޮޑެތިފާފަތައް ފުއްސަވައިދެއްވާ މިންވަރު ގިނަކަމުންނެވެ.))   

އަޟުޙާ ޢީދުދުވަހާއި އުޟުޙިޔާ ކަތިލާ ދުވަސް (ނަޙުރުގެ ދުވަސް) ހިމެނެނީ މި ދިހަ ދުވަހުގެ ތެރޭގައެވެ. އެއީ ﷲގެ ނަފުޙާތުތައް ބާވައިލައްވާ ދުވަސްތަކެކެވެ. ހެޔޮ ޢަމަލުތަކުގެ ސަވާބު ގިނަގުނަކުރައްވާ ދުވަސްތަކެކެވެ. އެހެންކަމުން މުސްލިމުން މި ދުވަސްތަކާ ކުރިމަތިލާން ވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންނެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ﷲގެ ދަރުބާރަށް ޙާޒިރުވެގެންނެވެ. މި ދުވަސްތަކުގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރަމުންނެވެ. މާތް ﷲ މި ތަނަވަސްކޮށްދެއްވި ބަރަކާތްތެރި ދުވަސްތަކުގައި އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައިތޯ ދަންނަވަމުންނެވެ.

މި ދުވަސްތަކުގައި ކުރުން ޝަރުޢުކުރައްވައިފައިވާ ޢަމަލުތަކުގެތެރޭގައި ޒިކުރުކުރުމުގެ ތަފާތު ބާވަތްތައް ވެއެވެ. ކައުރަސޫލާ ޙަދީސްކުރެއްވިއެވެ. ((فأكثروا فيهنَّ من التهليلِ والتكبيرِ والتحميد[4] -ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލުކިޔުމާއި ތަކުބީރުކިޔުމާއި ތަޙްމީދުކުރުން ގިނަކުރާށެވެ!)) ޒިކުރުކުރުމުގައި ޙަމްދުކުރުމާއި ތަސްބީޙަކިޔުމާއި ތަހުލީލުކިޔުން  ހިމެނޭ ފަދައިން އެ ކަމުގައި ކީރިތި ޤުރްއާން ކިޔެވުމާއި އިސްތިޣުފާރުކުރުމާއި މުނާޖާ ދެންނެވުމާއި ދުޢާކުރުން ވެސް ހިމެނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޒިކުރުކުރުމަކީ އެންމެ ލުއި އެންމެ ފަސޭހަ އެންމެ މާތް  އަޅުކަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )وَلَذِكْرُ اللَّهِ أَكْبَرُ [5] -އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ.(  މަޝްހޫރުކަން ބޮޑު ޙަދީސްބަސްފުޅެއްގައި އައިސްފައިވެއެވެ. ((أَلَا أُنَبِّئُكم بِخَيْرِ أعمالِكُم، وأَزْكاها عِندَ مَلِيكِكُم، وأَرفعِها في دَرَجاتِكُم، وخيرٌ لكم من إِنْفاقِ الذَّهَب والوَرِقِ، وخيرٌ لكم من أن تَلْقَوا عَدُوَّكم، فتَضْرِبوا أعناقَهُم، ويَضْرِبوا أعْناقكُم؟، قالوا: بَلَى، قال: ذِكْرُ الله[6] - ތިޔަބައިމީހުން ކުރާ އެންމެ ހެޔޮ ޢަމަލަކީ، އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އެންމެ މާތް ޢަމަލަކީ، އަދި ތިޔަބައިމީހުންގެ ދަރަޖަ އެ ކަމުގައި އެންމެ މަތިވެރި ޢަމަލަކީ، އަދި ރިއްސާއި ރަން ހޭދަކުރުމަށް ވުރެ ހެޔޮކަން ބޮޑު ޢަމަލަކީ، އަދި ތިޔަބައިމީހުން ޖިހާދުގެ މައިދާނުގައި ތިޔަބައިމީހުންގެ ޢަދުއްވުންނާ ބައްދަލުކޮށް ތިޔަބައިމީހުން އެބައިމީހުން ގަތުލުކޮށް އަދި އެބައިމީހުން ތިޔަބައިމީހުން ގަތުލުކުރުމަށް ވުރެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިކަން އަންގަވައިދެއްވަންހެއްޔެވެ؟ އެބައިމީހުން ދެންނެވޫއެވެ. އާދޭހެވެ! ޙަދީސް ކުރެއްވިއެވެ. އެއީ ﷲ ހަދުމަކޮށް ޒިކުރުކުރުމެވެ.))

އާދޭހެވެ! ޒިކުރުކުރުމަކީ ހިތުގެ ކާނާއެވެ. ލޮލުގެ ފިނިކަމެވެ. ނަފުސުގެ ހިތްހަމަޖެހުމެވެ. ރޫޙުގެ އަރާމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ [7]- ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟(

އަދިކިއެއްތޯއެވެ؟ ޒިކުރުކުރުމަކީ ޝުކުރުކުރުމުގެ ބޮލެވެ. އެއީ ސުވަރުގޭގެ ނިރެވެ. ލޮބުވެތިކަމުގެ ސުރުޚީއެވެ. މާތް ﷲ ޒިކުރުކުރާ މީހާ މާތް ﷲ ހަނދުމަކުރައްވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )فَٱذْكُرُونِىٓ أَذْكُرْكُمْ [8]- ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ.(

ނަމާދުގެ ދަރަޖަ މަތިވެރިކަމާ އެކުގައި ވެސް އެއީ ވެސް ހަމަ ޒިކުރުކުރުމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. )فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ [9] - ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު قائم ކުރައްވާށެވެ.( އެއްވެސް ޝައްކެއްނެތް ގޮތުގައި އެންމެ މާތް ޢަމަލަކީ ފަރުޟުވިޔަސް ސުންނަތް ވިޔަސް ނަމާދެވެ. ﷲގެ މަޙައްބަތާއި ރުއްސެވުމާއި ފުއްސެވުން ޙާޞިލުކުރުމަށް ޓަކައި ލިބިގެންވާ އެންމެ ވަރުގަދަ ވަސީލަތަކީ ނަމާދެވެ. ސުންނަތް ނަމާދުތައް ގިނަކުރި ވަރަކަށް ﷲގެ ޙަޟުރަތާ ކުއްތަންވުން އިތުރުވެގެންދެއެވެ.    

މި ދިހަ ދުވަހުގައި ކުރެވިދާނެ ހެޔޮ ޢަމަލުތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އޭގެ ތެރޭގައި ޞަދަޤާތްކުރުންވެއެވެ. ރަމަޟާންމަހުގައި ޞަދަޤާތްކުރުމަށް ވުރެ މި ދިހަ ދުވަހުގައި ޞަދަޤާތްކުރުމުގެ ސަވާބު އިތުރުވެގެންވެއެވެ.   

ރޯދަހިފުމަކީ  ވެސް ހެޔޮ ޢަމަލުތަކުގެ ލިސްޓުގެ އެންމެ މަތީ ހަރުފަތްތަކުގައި ހިމެނޭ ކަމެކެވެ. [ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރަސޫލާ e ރޯދަފުޅު ހިއްޕެވިއެވެ.] ރަސޫލާ eގެ ބައެއް އަނބިއަނބިކަނބަލުންގެ އަރިހުން ރިވާކުރެއްވިގެންވާ ގޮތުގައި އެކަލޭގެފާނު ޙައްޖުމަހުގެ ފުރަތަމަ  9 ދުވަހާއި ޢާޝޫރާދުވަހާއި ކޮންމެ މަހެއްގެ 13އާއި 14އާއި، 15ވަނަ ދުވަހާއި ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަފުޅުހިއްޕެވިއެވެ."[10] މާތް ﷲ ރަޙުމަތްލެއްވި އަލްޙަސަނުލްބަޞްރީ ރިވާކުރެއްވިއެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((صِيَامُ يَوْمٍ مِنَ الْعَشْرِ يَعْدِلُ شَهْرَيْنِ [11]- ދިހަ ދުވަހުގެ ދުވަހެއްގައި ރޯދައެއް ހިފުމަކީ ދެ މަސް ދުވަހު ރޯދަހިފުމާ އެއްވަރު ކަމެކެވެ.)) ޙައްޖާޖީން ނޫން މީހުން ޢަރަފާތުދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ އަދި އެހައިމެ ސަވާބު ބޮޑު ކަމެކެވެ. ކީރިތި ރަސޫލާ e ޙަދީސްކުރައްވައިފައިވާ ގޮތުގައި ޢަރަފާތުދުވަހު ރޯދަހިފުމަކީ ދެ އަހަރު ދުވަހުގެ ކުށްފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ. އެއީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ ޤުރްބާއެކެވެ.

މި ދިހަ ދުވަހުގެ ތެރޭގައި ކުރެވިދާނެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ﷲގެ ވަޖުހުފުޅު އަދައިގެން އުޟުޙިޔާ ކަތިލުން ވެއެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި އެއީ ގަދަވެގެންވާ ސުންނަތެކެވެ. އެ ކަމަށް ކުޅަދާނަވެގެންވާ މީހާ އެ ކަން ނުކޮށް ދޫކޮށްލުމަކީ މަކުރޫހަ ކަމެކެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ))ثَلَاثٌ هُنَّ عَلَيَّ فَرَائِضُ وَهُنَّ لَكُمْ تَطَوُّعٌ الْوتْرُ وَالنَّحْرُ وَصَلَاةُ الضُّحَى [12]- ތިން ކަމެއް ތިމަންކަލޭގެފާނުގެ މައްޗަށް ފަރުޟުކުރެއްވިގެން ވެއެވެ. އެހެނަސް އެއީ ތިޔަބައިމީހުންގެ މައްޗަށް ސުންނަތްވެގެންވާ ކަންތައްތަކެކެވެ. އެއީ، ވިތުރިއާއި، އުޟުޙިޔާއާއި، ޟުޙާނަމާދެވެ.))

ވިސްނަވައިލައްވާށެވެ! މި ދިހަދުވަސް މި އަންނަނީ އަހަރުގެ ފަހުކޮޅުގައެވެ. އަހަރެއް ނިމުމަކީ އަދި އައު އަހަރެއް ފެށުމަކީ އަޅުގަނޑުމެންގެ ނަފުސު ހިސާބުކޮށް ސަވާބުގެ އަރަންޏާއި ފާފައިގެ ދަރަނި އޮތް މިންވަރު ބަލާންޖެހޭ ވަގުތެކެވެ. މިއީ ފަރުވާކުޑަކުރެވުނު ކަންތައްތަކަށް އައު އަހަރުގައި ސަމާލުކަން ދިނުމަށް ގޮވައިލާ ވަގުތެކެވެ. މާތް ﷲ ދެއްވައިފައިވާ އެންމެ ބޮޑު ދެ ނިޢުމަތަކީ ހުސް ވަގުތާއި ޞިއްޙަތެވެ. މި ދެ ނިޢުމަތުގެ ބޭނުންހިފައިގެން މި ދިހަ ދުވަހުގެ ބަރަކާތާއި ސަވާބު ހާޞިލުކުރުމަށް އަތުކުރިއޮޅައިލައްވާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. )يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدَۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفُۢ بِٱلْعِبَادِ [1]- ކޮންމެ نفسއެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމެއް حاضرކުރައްވައިފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفسއެއް ކުޅަ ނުބައިކަމަކާއި، އެ نفسއަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެ ކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقابއަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّهއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.(

 

މަރުޖާ:

[1]  -  آل عمران:30

[1]  - أخرجه الدارمي (١٧٧٤)، والبيهقي في ((شعب الإيمان)) (٣٤٧٦) وأصله في صحيح البخاري (٩٦٩)

[2] - الفجر : 1-2

[3]  - أخرجه مالك (١/٤٢٢)، والفاكهي في ((أخبار مكة)) (٢٧٦٢)، والطبري في ((التفسير)) (١٦١٨٩) والبيهقي في ((شعب الإيمان)) (٤٠٦٩) 

[4]  -  أخرجه أحمد (٥٤٤٦)، والدارقطني في ((العلل)) (١٢/٣٧٦) والطحاوي في ((شرح مشكل الآثار)) (٢٩٧١) و الطبراني (١١/٨٢) (١١١١٦) ، والبيهقي في ((شعب الإيمان)) (٣٧٥٨)

[5]  - العنكبوت:45

[6]  - أخرجه الترمذي (٣٣٧٧)، وأحمد (٢٧٥٢٥)، وأبو نعيم في ((الحلية)) (٢/ ١١وابن ماجه (٣٧٩٠

[7]  - الرعد:28

[8]  - القرة : 152

[9]  - طه:14

[10]  - أخرجه أبو داود (٢٤٣٧)، والنسائي (٢٣٧٢)، وأحمد (٢٦٤٦٨

[11]  - أخرجه عبد الرزاق في مصنفه: (٨١٢٦)، 

[12] - أخرجه أحمد (٢٠٥٠)، والدارقطني (٢/٢١)  وابن الجوزي في ((التحقيق)) (٦٤٦)  والبيهقي (٤٦٣٥)

[13]  -  آل عمران:30

ކޮމެންޓު