ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (20)

އައްޝައިޚު އިބްރާހީމް އަޙުމަދު

14 މޭ 2026

(2026 މޭ 02ގެ ޢަދަދާ ގުޅޭ)

މަޝްވަރާއާއި ޑިމޮކުރަސީ

އިސްލާމްދީނުގައި ހިމެނޭ މަޝްވަރާކުރުމުގެ އުޞޫލާއި މި ޒަމާނުގެ ޑިމޮކުރަސީގައި ވަރަށް ބޮޑު ތަފާތެއް އެކުލެވިފައި ވެއެވެ. އެ ތަފާތު އެހެން ހުރުމާ އެކު ދޮގު ވާހަކަތަކާއި ހަދަހަދައިގެން ވާހަކަ ފެތުރުމަކީ މި ޒަމާނުގެ ޑިމޮކުރަސީގެ އުޞޫލެއް ނޫންކަމުގައި ދަންނަވާން ޖެހެއެވެ. އަދި އެ ކަމަކީ ދުރުވެގަންނާން ޖެހޭ ކަމެކެވެ. މަޝްވަރާކުރެވޭނީ އަންނަނިވި އުޞޫލުގެ ތެރެއިންނެވެ.

1-     އެކަމަކާމެދު ދީނުގައި ވަކިގޮތެއް ކަނޑައެޅިގެން އަންގަވައިފައި ނުވާ ކޮންމެ ކަމެއްގައި މަޝްވަރާކޮށް ގޮތެއް ނިންމިދާނެއެވެ. އެހެންވީމާ ވަޙީގެ ޒަރީޢާއިން ނުވަތަ ރަސޫލާގެ ސުންނަތުން އެކަމަށް ނައްޞެއް ނެތް ކޮންމެ ކަމެއްގެމައްޗަށް  އަދި އެކަމަކަށް މުޅި އުންމަތް އިޖުމާއު ވެފައިނުވާ ކަންކަމުގެ މައްޗަށް މަޝްވަރާ ކޮށް ގޮތެއް ނިންމިދާނެއެވެ. އެހެން

2-     މަޝްވަރާ ކުރުމަށް އިޚުތިޔާރު ކުރެވޭ ފަރާތްތަކަކީ  ޢަދުލުވެރި ޢިލްމުވެރި ހުނަރުވެރި  މީހަކަށް މަޝްވަރާއެއް ދިނުމުގެ ޤާބިލުކަން ހުރި ރައުޔުތައް ނެރުމުގެ ޤާބިލުކަން ހުރި  ފަންނުތަކުގެ ހުނަރުވެރި ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

3-     މަޝްވަރާގެ ނިޒާމުގައި ހުރިހައި ޙާލަތެއްގައި ގިނަ ބަޔަކީ ޙައްޤު ގޮތުގައި ތިބި ބަޔެއްކަން އެގިކަށަވަރެއް ނުވެއެވެ. މިކަމަށް އިޝާރާތް ކުރައްވާ މާތްﷲ ވަޙީ ކުރެއްވިއެވެ. وَإِن تُطِعْ أَكْثَرَ‌ مَن فِي الْأَرْ‌ضِ يُضِلُّوكَ عَن سَبِيلِ اللَّـهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُ‌صُونَ [1]މާނައަކީ "އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ."  އެހެންނަމަވެސް ޙުއްޖަތާއި ހެއްކާއި ދަލީލުން އަދި ޤަބޫލު ކޮށްދެވޭ ދިނުމުންނާ ޝަރުޢީ އުޞޫލުތަކުން ޙައްޤު ކަށަވަރުކޮށްދެއެވެ. ހަމަ އެހެންމެ އުންމަތުގެ މަޞްލަޙަތުންވެސް ޙައްޤު ކަށަވަރު ކޮށްދެއެވެ. އެހެންނަމަވެސް ޒަމާނީ ޑިމޮކުރަސީގައި ހަމައެކަނި ބެލެނީ އަޣުލަބިއްޔަތުގެ މައްޗަށެވެ. އޭގައި ބުއްދީގެ ދަލީލަކަށް ޝަރުޢީ ހަމައަކަށް އަދި މައްސަލައިގެ އަޞްލު ބާވަތަށް ނުވަތަ މުހިންމު ކަމުގެ މައްޗަށްވެސް ބެލުމެއް ނުއޮވެއެވެ.

 

ޤާނޫނުތަކާ ގަވާއިދުތަކަށް ބޯލެނބުމާއި ވެރީންނަށް ކިޔަމަންވުން.

1-     އަހުލުއްސުންނާ ވަލްޖަމާޢާގެ އަހުލުވެރީން އެއްބަސްވެ ވަޑައިގެންފައިވާ ގޮތުގައި ވަލިއްޔުލްއަމުރު ނުވަތަ ޙާކިމާއަށާ އެފަދަ މަސްއޫލު ވެރީންނަށް ބޯލަބާ ކިޔަމަންވުމަކީ  އަދި  ޝަރުޢީ ނައްޞުތަކާ ޚިލާފުނުވާ ޤާނޫނާ ޤަވާޢިދުތަކަށް ބޯލެބުމަކީ ވާޖިބުކަމެކެވެ. ފަހެ ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ. عَنْ عَلِيٍّ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال : "لَا طَاعَةَ فِي مَعْصِيَةٍ إِنَّمَا الطَّاعَةُ فِي الْمَعْرُوفِ" [2].މާނައީ: "ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އުރެދޭ ކަމެއްގައި ކިޔަމަންތެރި ވުމެއް ނެތެވެ.  އެހެންނަމަވެސް ކިޔަމަންވުން އޮތީ ހެއުކަންތައް ތަކުގައެވެ."  ވެރީންނަށް ކިޔަމަންވުމަކީ ވާޖިބުކަމެއްކަން ބަޔާންކޮށްދެއްވާ މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّ‌سُولَ وَأُولِي الْأَمْرِ‌ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُ‌دُّوهُ إِلَى اللَّـهِ وَالرَّ‌سُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۚ ذَٰلِكَ خَيْرٌ‌ وَأَحْسَنُ تَأْوِيلًا [3]މާނައަކީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ." މިއާޔަތުން ދޭހަކޮށްދޭ ގޮތުގައި ވެރީންނަށް ކިޔަމަންތެރިވުމަކީ މުއުމިނުންނަށް ﷲ ވާޖިބު ކުރައްވައިފައިވާ ކަމެކެވެ.

އަދިވެސް ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގައި ވެއެވެ.  عَلَى الْمَرْءِ الْمُسْلِمِ السَّمْعُ وَالطَّاعَةُ فِيمَا أَحَبَّ وَكَرِهَ إِلاَّ أَنْ يُؤْمَرَ بِمَعْصِيَةٍ فَإِنْ أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ [4]މުސްލިމު  ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ ރުހޭ ކަންކަމާ ނުރުހޭ ކަންކަމުގައިވެސް (ވެރިމީހާގެ) ބަސްއަހާ ކިޔަމަންތެރިވުމެވެ. އެއީ އޭނާ ﷲ އަށް އުރެދުމަކަށް އަމުރު ނުކުރާހާ ހިދެއްގައެވެ. ﷲ އަށް އުރެދުމަކަށް އަމުރުކޮށްފިނަމަ އޭނާއަށް ކިޔަމަންވުމެއް ނުވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޢަލީގެފާނު ރިވާކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ عَلِيِّ بْنِ أَبِي طَالِبٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " لا طَاعَةَ لِبَشَرٍ فِي مَعْصِيَةِ اللَّهِ جَلَّ وَعَلا " [5] މާނައަކީ ރަސޫލާގެ އަރިހުން ޢަލީގެފާނު ރިވާކުރައްވައިފައި ވެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "މަތިވެރިވަންތަ ﷲއަށް އުރެދޭ ކަމެއްގައި އިންސާނަކަށް ކިޔަމަންވުމެއް ނެތެވެ."

މިޙަދީޘާމެދު ވާހަކަދައްކަވަމުން ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. އެބައިމީހުން މާނައަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރީން  ވެރީންނަށް ކިޔަމަންގަތުމުގައި އޭނާ އަމުރުކުރާ ކޮންމެކަމަކަށް ކިޔަމަންވުން ޖާއިޒެއް ނުކުރައްވައެވެ. އެހެންނަމަވެސް އެބައިމީހުންގެ ގާތުގައި ޝަރީޢަތް ހުއްދަކުރާ ކޮންމެ ކަމަކަށް ވެރިޔަކު އަމުރުކުރުމުން ކިޔަމަންވުން ވާޖިބު ވެގެންވެއެވެ. ފަހެ ﷲއަށް އުރެދެވޭ ކަމަކަށް އަމުރު ކުރުމުން އެކަމަށް ވެރިމީހާއަށް ކިޔަމަންވުމެއް ނުވެއެވެ. އެނޫން ކޮންމެ ކަމެއްގައި ކިޔަމަންވާން ވާޖިބުވެގެން ވެއެވެ. ޢަދުލުވެރި ވެރިޔަކު ﷲ އަށް ކިޔަމަންވުމަށް އަމުރުކޮށްފިނަމަ އޭނާއަށް ކިޔަމަންތެރިވުން ވާޖިބުވެގެން ވެއެވެ. މިސާލަކަށް ނަމާދުކުރުމަށް ޒަކާތްދިނުމަށް ތެދުބުނުމަށް ޢަދުލުވެރިވުމަށް ޙައްޖުވުމަށް ﷲގެ މަގުގައި ޖިހާދު ކުރުމަށް އަމުރުކުރުމުން ޙަޤީޤަތުގައި އޭނާ އަމުރު ކުރުމުން އެކަމަށް ކިޔަމަންވެއްޖެނަމަ އެކިޔަމަންވެވެނީ ﷲ ތަޢާލާއަށެވެ.

ކާފިރަކު ނުވަތަ ފާސިޤަކު ﷲ އަށް ކިޔަމަންވުމަށް އަމުރުކުރުމުން  އެޙާލަތުގައި އޭނާއަކީ ފާސިޤެއް ކަމަށްވުމުގެ ސަބަބުން ކިޔަމަންގަތުން ޙަރާމްވެގެން ނުވެއެވެ. ދޮގަކަށްވުން ގާތްނުވާ ފަދަ ކަމެއްގައި ފާސިޤެއް ޙައްޤުކަމަކަށް އަމުރުކޮށްފިނަމަ އޭނާއަކީ ފާސިޤެއް ކަމަށްވުމަކުން އެޙައްޤަށް ތަބާވުން ވާޖިބުވުން ކެނޑިގެން ނުދާހުއްޓެވެ. [6]  އަދި މިކަމުން އެ އަންގައިދެނީ އޭނާ ކޮންމެ އެއްޗެއް ބުނިކަމުގައި ވީނަމަވެސް އެއެއްޗަކަށް ތަބާވާން ޖެހުމެއް ނޫނެވެ.  ﷲއަށް އުރެދޭ ކަމަކަށް އޭނާ އަމުރު ކުރިނަމަ އޭނާއަށް ކިޔަމަންތެރިވުމެއް ނުވެއެވެ. ކިޔަމަންތެރިވާން ޖެހެނީ ﷲ އަށް އުރެދެވޭ ކަންކަން ފިޔަވައި އެނޫން އެންމެހާ ކަންކަމަށެވެ[7].

އެހެންވީމާ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވަނީ ވެރީންގެ އަމުރަށް ކިޔަމަންވުމަށެވެ. އެއީ އެވެރިޔަކު ﷲއަށް އުރެދުމަށް އަމުރު ނުކުރާހާ ހިނދަކުގައެވެ. ވެރިމީހާ ﷲއަށް އުރެދުމަށް އަމުރުކޮށްފިނަމަ ޚާލިޤަށް ނުވަތަ ހެއްދެވި ފަރާތަށް އުރެދުމަށް މަޚުލޫޤަކަށް ކިޔަމަންގަތުމެއް ނުވެއެވެ. ވަލިއްޔުލްއަމްރާ ތިޔަބައިމީހުންނާމެދު ކަމަކާ ދެބަސްވުމެއް އުފެދިއްޖެނަމަ ﷲގެ ފޮތަށާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް އެބުރި ރުޖޫޢަވާށެވެ. ވަލިއްޔުލްއަމުރުން އެގޮތަށް ކަންތައް ނުކޮށްފިނަމަ އެމީހުން ﷲ އަށް ކިޔަމަންގަތުމަށް ކުރާ އަމުރުތަކަށް ކިޔަމަންވާށެވެ! އޭރުން އެކިޔަމަންތެރިވެވެނީ ﷲއަށާއި އެކަލާނގެ ރަސޫލާއަށެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ފަދައިން އެބައިމީހުންގެ ޙައްޤުތައް އަދާކުރެވުނީއެވެ.[8]

2-     ޤައުމުގެ ވެރީންނާއި ދައުލަތުގެ އެންމެހައި މަސްއޫލުވެރީންގެ ބަސްއަހައި ކިޔަމަންގަތުމަކީ ވަކި ހިނދަކަށް ވަކި ވަގުތަކަށް އޮތް ކަމެއް ނޫނެވެ. އަބަދާ އަބަދު ނުވަތަ ހުރިހައި ޙާލަތެއްގައިވެސް ދަތިޙާލާ ފަސޭހަ ޙާލުގައިވެސް ރުހޭ އަދި ނުރުހޭ ޙާލުގައިވެސް އަދި އެކަންކަން ބަލައިގަންނަން ތިމާގެ ނަފުސަށް ބުރަ އަދި ނުރުހެވޭ ކަންކަމުގަޔާ އެނޫން ކަންކަމުގައިވެސް އޮންނަންވާނެ ކަމެކެވެ.  

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. ޢިލްމުވެރީންނާ ދީނުގެ ޢިލްމުވެރީންނާ މާތްމީހުން އެއްވެސް މީހަކަށް ހުއްދަ އޮތް ކަމަށް ބުނެ ނެހެދޭނެ ކަމަކީ ﷲ ނަހީކުރައްވައިފައިވާ ފާފައެއް ކުރުމަށް ވެރީންނަށް ހުއްދަކުރެވިދާނެކަމަށް ބުނެގެން ނުވާނެއެވެ. އަދި އެއްވެސް ޙާލަތެއްގައި އެބައިމީހުންނަށް މަކަރުހެދުމާއި އަދި ވެރީންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަކަމެއްކަމަކަށް ނުބުނެވޭނެއެވެ. ހަމައެކަނި ކިޔަމަންތެރި ނުވާންވީ ޙާލަތަކީ ﷲގެ އަމުރަކަށް އުރެދެން އެވެރިޔަކު އަމުރު ކުރާނަމައެވެ. އެއީ އޭނާޔާ މެދު ތިބާ ރުހުނަސް އަދި ތިބާ ނުރުހުނު ކަމުގައި ވިޔަސް ކަންއޮތް ގޮތެވެ.  އަދި އެކަމަށް ތިމާ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ކަންކުރަންޖެހޭ ގޮތެވެ.

މި ކަމަށް ބާރު ލިބޭ ދަލީލަކީ އަބޫހުރައިރާގެ އަރިހުން ރިވާވެފައިވާ ޙަދީޘް ބަސްފުޅެވެ. عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " عَلَيْكَ السَّمْعُ وَالطَّاعَةُ فِي عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ[9] " މާނައަކީ  އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދަތި ޙާލާއި ފަސޭހަ ޙާލަތުގައިވެސް އަދި ހީވާގި ކަމުގައި ވެސް ނުވަތަ ނުރުހުންތެރި ކަމުގައިވެސް ނުވަތަ އޭނާގެ އަތުން އެއްޗެއް ލިބުނަސް އަދި ނުލިބުނު ކަމުގައިވިޔަސް ތިބާޔަށް އޮތީ ބަސްއަހައި ކިޔަމަންތެރި ވުމެވެ." މިބަސްފުޅުގެ މާނަޔާމެދު އިމާމު ޤުރްޠަބީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ވެރިމީހާއަށް ކިޔަމަންތެރި ވުމަކީ ހުރިހައި ޙާލެއްގައި ވެސް ވާޖިބު ކަމެކެވެ. އެއީ އޭނާއަށް އޭނާ ކުރާ ކަމަކާ ގުޅޭ ގޮތުން ކުރި އަމުރެއް ނަމަވެސް ނުވަތަ އޭނާ ކުރާ ކަމަކާ ދެކޮޅަށް ކުރި އަމުރެއްކަމުގައި ވީނަމަވެހެވެ. ނުވަތަ މީސްތަކުންނާ ގުޅުމެއް ނެތް މުދަލާ ގުޅުން އޮތް ޢަމަލަކަށް ވީނަމަވެސް ކިޔަމަންގަތުން ވާޖިބު ވާނެއެވެ.  ނުވަތަ އެޔަށްވުރެ އުދަގޫ ކަން ބޮޑު ކަމަކަށް އަމުރު ކުރިނަމަވެސް ކިޔަމަންވުން ވާޖިބު ވާނެއެވެ. ފަހެ ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ. تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ[10] މާނައަކީ ވެރިމީހާގެ ބަސްއަހާ ކިޔަމަންވާ ށެވެ. އެއީ ތިޔަބައިމީހުން ކުރެ މީހެއްގެ ބުރަކަށީގައި ޖަހާ އަދި މުދާ އަތުލިނަމަވެސް ފަހެ އޭނާ އޭނާގެ ވެރިމީހާއަށް ކިޔަމަންވާހުށި ކަމެވެ.

އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. اسْمَعُوا وَأَطِيعُوا وَإِنِ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ[11]މާނައަކީ ތިޔަބައިމީހުންގެ މައްޗަށް ވެރިއަކު ކަމުގައި އޭނާގެ ބޯ އެކިގޮތްގޮތަށް ހާވާލެވިފައިވާ ޙަބްޝީ އަޅަކު ހުރި ކަމުގައި ވިޔަސް ތިޔަބައިމީހުން ވެރީންގެ ބަސްއަހާ ކިޔަމަންވާށެވެ!"

އެބައިމީހުން ރައްޔިތުންގެ ޙައްޤު މަނާކުރި ކަމުގައި ވިޔަސް ވެރީންނާ މަސްއޫލުވެރީންނަށް ކިޔަމަންގަތުމަކީ ވާޖިބު ކަމެކެވެ. އެބައިމީހުންނަށް ނުކިޔަމަންތެރި ވުމަކީ ﷲގެ ޙައްޤަށްޓަކައި ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޝަރުޢު ކުރައްވާ ފަރާތުން މިކަމުގެ ބަދަލެއްގެ ގޮތުން ރައްޔިތުންނަށް ވެރީން ހޭދަކުރަންޖެހޭ ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި ކަނޑައަޅުއްވަނީ ކުޅަދާނަ މިންވަރަކުން ހެއުކޮށް ކަންތައް ކުރުމެވެ.  މަޞްލަޙަތާ ފުރިހަމަ ޙިކުމަތާއެކުގައެވެ.  (ނުނިމޭ)

 

މަރުޖާ

[1]   ސޫރަތުލްއަންޢާމު 116

[2]  متفق عليه

[3]  ސޫރަތުއްނިސާ 59

[4]  رواه مسلم

[5]   މުޙައްމަދު ނާޞިރުއްދީނު އަލްބާނީ، އައްތަޢުލީޤާތުލްޙައްސާނު ޢަލާ ޞަޙީޙު އިބްނު ޙިއްބާނު، ދާރުބާވަޒީރު، ސަޢޫދިއްޔާ ( ޙަދީޘް ނަންބަރު 4559)

[6]  ޢަބްދުއްސަލާމް ބުނު ބަރުޖިސް، މުޢާމަލަތިލްޙުއްކާމި ފީ ޟައުއިލްޤުރްއާނި ވައްސުންނާ ، ޞ117

[7]   އައްސިޔާސަތުއްޝަރުޢިއްޔާ، ޞ3-5

[8]  އައްސިޔާސަތުއްޝަރުޢިއްޔާ، ޞ3-5

[9]  މުސްލިމު ބުނު އަލްޙައްޖާޖު، ޞަޙީޙު މުސްލިމު ، ޙަދީޘް ނަންބަރު 1836

[10]   ރަވާހު މުސްލިމް

[11]  ރަވާހުލްބުޚާރީ

ކޮމެންޓު