އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
10 މޭ 2026
ދުނިޔޭގެ އިގުތިސާދީ އަދި ސިޔާސީ މަސްރަހުގައި ގަލްފު ސަރަހައްދަކީ އެންމެ މުހިންމު އެއް ސަރަހައްދެވެ. ދުނިޔޭގެ ހަކަތައިގެ ބޮޑު ބައެއް މި ސަރަހައްދުން ހިއްސާކުރެއެވެ. ހުރުމުޒު ކަނޑުއޮޅިއަކީ މި ސަރަހައްދުން ދުނިޔޭގެ އެކި ބައްރުތަކަށް ތެލާއި ގޭހުގެ %20 އިންސައްތަ ބޭރުކުރާ މައި ދޮރޯއްޓެވެ. މިއަދު މި ކަނޑުއޮޅީން މިނިވަންކަމާ އެކު، ބިރެއް ނެތި ވަދެނުކުމެ އުޅުމަކީ ދަތިކަމެކެވެ. އީރާނުން ބުނާ ވަރަކަށް ފައިސާ ދިން ވަރަކަށް ނޫނީ ނުކުތުމުގެ ފުރުސަތެއް ނޯވެއެވެ. އަނެއްކޮޅުން އީރާނުގެ ބަނދަރުތައް އެމެރިކާއިންވަނީ ބަންދުކޮށްފައެވެ.
އާދޭހެވެ! ފަހަކަށް އައިސް ގަލްފުގެ މަސްރަހު ފެންނަނީ ވަރަށް ބޮޑަށް ހަލަބޮލިކޮށެވެ. ޚާއްސަކޮށް އެމެރިކާއިން ސަރަހައްދީ ބާރުވެރިކަން ހޯދުމަށް ޓަކައި ކުރާ މަސައްކަތްތަކުގެ ސަބަބުންނާއި އަދި ވަކީން ޚާއްޞަކޮށް އީރާނު އިނދަޖައްސައިލައި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލައި އީރާނުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށްގެން އެ ސަރަހައްދުގެ ތެލުގެ މައްޗަށް ބާރު ހިންގާން، މި ދިޔަ ފެބުރުވަރީމަހު 28ގައި އެމެރިކާއާއި އިޒުރޭލުން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން މި ސަރަހައްދު ވަނީ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
އެންމެ ފަހުގެ މަސްރަހަށް ބަލާއިރު، އެމެރިކާގެ އަސްކަރީ މަނަވަރުތައް ގަލްފު ސަރަހައްދުން ބޭރުވުމާއި، އީރާނުގެ ނިއުކްލިއަރު ޕްރޮގްރާމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ކުރާ މަޝްވަރާތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރީގެ މަގާލެއްގައި ވެސް އަޅުގަނޑު ފާހަގަކޮށްފައިވާ ފަދައިން، އެމެރިކާގެ ބޮޑެތި މަނަވަރުތައް ގަލްފު ސަރަހައްދު ދޫކޮށް ދާންޖެހުމަކީ އީރާނުގެ އަސްކަރީ ވަރުގަދަކަން ދައްކުވައިދިން ކަމެއްގެ ގޮތުގައި ބައެއް މުހައްލިލުން ދެކެއެވެ.
މީގެ އިތުރަށް، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު ނިގުޅައިގަނެ އެ މަސައްކަތް ހުއްޓުވުމަށް ޓަކައި އެމެރިކާގެ ރައީސް ޓުރަންޕު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް އަމަލީ ސިފައެއް ނައުމަކީ ވެސް ސަރަހައްދީ ނުތަނަވަސްކަން އިތުރުވުމަށް ދިމާވި ސަބަބެކެވެ. އީރާނުން އަންނަނީ އެ ގައުމުގެ ޝަރުތުތަކަށް އެމެރިކާއިން ދޭ އިޖާބަ މުރާޖާކުރަމުންނެވެ. އެމެރިކާއިން ހުށަހަޅާ ޝަރުޠުތަކަކީ އީރާނުން ހުށަހަޅާ ޝަރުޠުތަކުގެ ދިމާ އިދިކޮޅު ޝަރުޠުތަކެކެވެ. މި ކަމުގެ ސަބަބުން ގަލްފުގައި މިހާރު މި އޮތް ނުތަނަސްކަން މާ އަވަހަކަށް ފިލައިދާނެކަމަކަށް ނުބެލެވެއެވެ. މިއީ މުޅި މެދުއިރުމަތީގެ ސަލާމަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކުރާނެ ކަމެއްކަމަށް ބެލެވެއެވެ.
އިއްޔެ މި ވަނީ އީރާނުގެ އާގުބޯޓަކަށް އެމެރިކާއިން ޙަމަލާދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމުކޮށްލައިފައެވެ. މީގެ ބަދަލުގައި އީރާނުން ޢަޜަބި ޢިމާރާތުގައި ހުރި އެމެރިކާގެ ބައެއް މަސްލަޙަތުތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އީރާނަށް އެމެރިކާއިން ޙަމަލާދިނުމަށް ޓަކައި ޢިމާރާތުގެ ފަސްގަނޑު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ދީފައިވާތީއެވެ. އީރާނުން ބުނާ ފަދައިން އީރާނަކަށް އެމެރިކާގެ ފަސްގަނޑާ ހަމައަކަށް ޙަމަލައެއް އަމާޒެއް ނުކުރެވޭނެއެވެ. ހަމަ އެ ފަދައިން އެމެރިކާގެ ފަސްގަނޑުގައި ތިބެ އެމެރިކާއަކަށް އީރާނަކަށް ވެސް ޙަމަލައެއް ނުދެވޭނެއެވެ. އެހެންވީމާ ޢަރަބި ގައުމުތަކުގެ ބިން އީރާނާ ދެކޮޅަށް ޙަމަލާދޭން އެމެރިކާއަށް ބޭނުންކުރުމުގެ ހުއްދަދީފައިވާތީ، އެމެރިކާގެ މަސްލަޙަތުތަކަށް ޙަމަލާދީނުން ނޫން ގޮތެއް އީރާނަށް ނޯންނާތީއެވެ.
އެއްވެސް ޝައްކެއް ނެތެވެ. ގަލްފުގައި ހިނގާ ކޮންމެ ހަމަނުޖެހުމެއްގެ ސީދާ އަސަރު ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރެއެވެ. ޚާއްޞަކޮށް ހުރުމުޒު ކަނޑުއޮޅި ފަދަ މުހިންމު މަގުތައް ބަންދުވުމުގެ ބިރު އޮތުމަކީ ބައިނަލްއަގުވާމީ އިގުތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރަށް، މައުމޫލުގެ ހަނގުރާމައާއި، އީރާނާ ދެކޮޅަށް އަޅައިފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުކަން އައިސްފައެވެ. މިއީ އީރާނު ގިއްގަޅުވައިލައި ގަލްފު ސަރަހައްދަށް އެމެރިކާ ވެރިވެގަންނާށެވެ!
ހަމައެކަނި އަސްކަރީ ކުރިމަތިލުންތަކުގެ އިތުރަށް، އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި އަޑުއުފުލުމާއި، އިދާރީ ހިންގުމުގެ ދާއިރާއިން އަންނަ ބަދަލުތަކަކީ ވެސް ފާހަގަކޮށްލާންޖެހޭ ކަންކަމެވެ. ސަރަހައްދީ ބާރުތަކުން އެ ގައުމުތަކުގެ އިދާރިއްޔަތު ހަރުދަނާކޮށް، ނަޒާހަތްތެރިކަން އިސްކުރުމަކީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. އެހެންނަމަވެސް، ދޮގު މައުލޫމާތު ފެތުރުމާއި ސިޔާސީ ގޮތުން އޮޅުވައިލުންތައް އިތުރުވުމަކީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އޮތް ހުރަހެކެވެ.
އެމެރިކާއިން ދުނިޔޭގެ ސުޕަރ ޕަވަރުގެ މަގާމު ދުނިޔެއަށް ދައްކާން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ފެންނަނީ އެމެރިކާގެ ބާރުވެރިކަން ދުނިޔެއިން ކެނޑެމުންދާ ތަނެވެ. އެހެން ހަނގުރާމަތަކާ ޚިލާފަށް މި ހަނގުރާމައިގައި އެމެރިކާއާ ސީދާ ގޮތުން ބައިވެރިވާނެ ގައުމެއް ނުވިއެވެ. އެހީތެރިކަން ފޯރުކޮށްދޭ ގައުމަކުން ވެސް އެ ކަން ކުރަނީ ސިއްރުންނެވެ. މިއަދު ދިރާސާތަކުން ދައްކާ ގޮތުގައި މިއަދު ދުނިޔެއަށް އެންމެ ނުރައްކާތެރި ދެ ގައުމަކީ އެމެރިކާއާއި އިޒުރޭލުކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. ޗައިނާއަކީ ދުނިޔެއަށް ނުރައްކަލެއް ނޫންކަމަށް ގަބޫލުކުރާ އިރު، ރޫސީވިލާތުގެ ނުރައްކާ، އެމެރިކާގެ ނުރައްކަލަށް ވުރެ މާ ކުޑަކަށް ވެސް ދުނިޔެ މިއަދު ގަބޫލުކރާކަމަށް ދިރާސާތަކުން ދައްކައެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ސިޔާސީ މަސްރަޙު މިހާރު ފެންނަނީ ވަރަށް ބޮޑަށް ބައިބައިވެ، ދެކޮޅުވެރިކަން އިތުރުވެފައިވާ ތަނެއްގެ ގޮތުގައެވެ. ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައި އޮތް ފިކުރީ ތަފާތުތައް މިހާރު ވަނީ އާދައިގެ ސިޔާސީ ވާދަވެރިކަމަކަށްވުރެ ބޮޑުވެ، އިޖުތިމާޢީ ބޮޑު މައްސަލައަކަށް ބަދަލުވެފައެވެ.
މިއަދު އެމެރިކާގެ މަސްރަޙުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެ އަތަށް ކެނޑިކެނޑި އޮތް ބައިބައިވުމެކެވެ. މައިގަނޑު ދެ ޕާޓީގެ މެދުގައި އެއްބަސްވެވޭނެ އެއްވެސް ކަމެއް ނެތް ފަދައެވެ. މީގެ ސަބަބުން ސަރުކާރުގެ މުހިންމު ނިންމުންތައް ނިންމުމުގައްޔާއި، ބަޖެޓު ފާސްކުރުމުގައި ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.
އެމެރިކާގެ ރައްޔިތުންނާއި ސިޔާސީ ވެރީން ބައިބައިވެފައިވާ މައިގަނޑު ދާއިރާތަކަކީ:
· އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ: އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފަށއިފައިވާ ހަނގުރާމައިން އެމެރިކާ ޙާޞިލުކުރާން ބޭނުންވާ އެއްވެސް މަގުސަދެއް ހާސިލުނުވުމާއި މި ހަނގުރާމައަށް ކުރާ ޚަރަދު އިންތިހާއަށް އިތުރުވެ، މި ހަނގުރާމައިން އެމެރިކާގެ މޫނުމަތި ރީތިކޮށްގެން ނުކުންނާނޭ ގޮތެއް ޓުރަންޕަށް ފެނިފައިނުވުން.
· އިޤްތިޞާދު: ލާދަ މަތިވުމާއި (inflation) އަދި ޓެކްސްގެ ސިޔާސަތުތައް.
· ހިޖުރަކުރުން: މެކްސިކޯ ބޯޑަރުގެ މައްސަލައަކީ ދެ ޕާޓީގެ މެދުގައި އެންމެ ހޫނު ބަހުސް ހިނގާ އެއް މައްސަލައެވެ.
· އިޖުތިމާޢީ މައްސަލަތައް: ގަރުބަ ވައްޓައިލުމުގެ ހައްގު (abortion rights)އަދި ހަތިޔާރު ގެންގުޅުމުގެ ޤާނޫނުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަންކަމެވެ.
ކުރިއަށް އޮތް އިންތިޚާބުތަކަށް އެމެރިކާ ތައްޔާރުވަމުންދާ އިރު، އިންތިޚާބުގެ ނިޒާމަށް އޮތް އިތުބާރު ކުޑަވުމަކީ ބޮޑު ގޮންޖެހުމެކެވެ. ރައީސް ޑޮނަލްޑު ޓުރަންޕާއި ކުރީގެ ރައީސް ޖޯ ބައިޑަންގެ ފިކުރީ ހަނގުރާމަ ވަނީ މުޅި ޤައުމުގެ މަސްލަޙަތަށް އަސަރު ފޯރުވައިފައެވެ. ކުރިއަށް ހުރި އިންތިޚާބުތަކުގައި ޓުރަންޕަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންޖެހޭނެކަމަށް ޚިޔާލު ހޯދުންތަކުން ދައްކައެވެ. މިއަދު އެމެރިކާގެ ރައްޔިތުންގެ މަދުވެގެން 62 އިންސައްތަ ރައްޔިތުން ޓުރަންޕުގެ ސިޔާސަތަށް ތާއީދެއް ނުކުރެއެވެ.
އެމެރިކާގެ ސިޔާސީ މަސްރަޙަށް، ބޭރުގެ ހަނގުރާމަތަކުގެ (މިސާލަކަށް ޔުކުރޭން މައްސަލަ، ފަލަސްޠީނު-އިސްރާއީލް މައްސަލަ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ބޭކާރު ހަނގުރާމަ) އަސަރު ވަރަށް ބޮޑަށް ކުރެއެވެ. މި ކަންކަމަށް ބޮޑެތި ޚަރަދުތައްކުރާކުރުމާއި ޓުރަންޕު ގެންގުޅޭ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.
އަނެއްކޮޅުން މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް ބަލާ އިރު، އީރާނަކީ އެންމެ ނުފޫޒުގަދަ، އެއް ޤައުމެވެ. އީރާނުގެ ބާރުވެރިކަން ބިނާވެފައިވަނީ ހަމައެކަނި އެ ޤައުމުގެ އަސްކަރީ ޤާބިލުކަމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އީރާނުގެ ޖިއޮގްރަފީއާއި، އެބައިމީހުންގެ ޒަމާންވީ ޙަޟާރަތާއި، އީރާނުން ހޯދައިފައިވާ ފަންނިއްޔާތުގެ ކުރިއެރުމާއި ސަރަޙައްދީ ގޮތުން ހިންގާ ހަރަކާތްތަކަކީ އެ ޤައުމުގެ ބާރުގެ މައިގަނޑު އަސާސްތަކެވެ.
އީރާނު އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހުރުމުޒު ކަނޑުއޮޅި އަދި ވެސް އޮތީ އީރާނުގެ ބާރުގެ ދަށުގައެވެ. މިއީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ނުފޫޒު ފޯރުވުމަށް އީރާނަށް ލިބިފައިވާ ވަރުގަދަ ހަތިޔާރެކެވެ.
މީގެ އިތުރަށް އީރާނުގެ އަސްކަރީ ބާރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ:
· މިސައިލު ފަންނިއްޔާތު: މެދުއިރުމަތީގެ އެންމެ ވަރުގަދަ މިސައިލް ނިޒާމު އޮތީ އީރާނުގައެވެ.
· ޑުރޯނު ފަންނިއްޔާތު: ފަހަކަށް އައިސް އީރާނުން އުފައްދާ ޑުރޯނުތަކަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ވަސީލަތްތަކެކެވެ.
· އީރާނުގެ ބައިވެރީންގެ ވިއުގަ: ލުބުނާނުގެ ހިޒްބުﷲއާއި ޔަމަނުގެ ހޫޘީންނާއި، އިރާޤާއި ސޫރިޔާގައިވާ އެކި ޖަމާޢަތްތަކާ އީރާނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން، އީރާނުގެ ބާރު އެ ޤައުމުގެ ބޯޑަރުން ބޭރަށް ވެސް ވަނީ ފެތުރިފައެވެ.
އީރާނުގެ ނިއުކުލިއަރު މަޝްރޫޢަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އެންމެ ބޮޑު ބަހުސެއް ހިނގާ އެއް ކަންތަކެވެ. މިއީ އެ ޤައުމުގެ ސިޔާސީ ބާރުވެރިކަން ދެއްކުމަށާއި، ހުޅަނގުގެ ޤައުމުތަކާ މަޝްވަރާގެ މޭޒުދޮށުގައި ބާރު ހޯދުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. އެހެންކަމުން ނިޔުކުލިއަރު ތަރައްގީކުރުމުގެ ހައްގު އީރާނަކުން ދުލެއްނުކުރާނެއެވެ.
އީރާނުގެ މައްޗަށް އެތައް އަހަރެއް ވަންދެން ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވީ ނަމަވެސް، އެ ޤައުމުގެ ސަރަޙައްދީ ނުފޫޒު ވަނީ ދުވަހުން ދުވަހަށް ވަރުގަދަވެފައެވެ. އީރާނަކީ މިއަދު މެދުއިރުމަތީގެ މަސްރަޙު ބަދަލުކޮށްލުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ [ބޮޑު ބާރެއް]ކަމަށް ދުނިޔެ ގަބޫލުކޮށްފިއެވެ.
އާދޭހެވެ! އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަޙު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޓުރަންޕުގެ ޚުދުމުޚުތާރު ސިޔާސަތުގެ ސަބަބުން ޑިމޮކްރަސީގެ ހަމަތަކާއި، މުއައްސަސާތަކަށް އޮތް އިތުބާރު ދެމެހެއްޓުމަކީ އެމެރިކާއަށް މި ވަގުތު އޮތް އެންމެ ބޮޑު އިމްތިޙާނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ގަލްފުގެ ހަމަނުޖެހުންތަކަކީ ހަމައެކަނި ދެ ގައުމެއްގެ ދެމެދުގައި އޮތް މައްސަލައެއް ނޫނެވެ. މިއީ ދުނިޔޭގެ ބާރުވެރިކަމާއި، ހަކަތައާއި، ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ޑިޕްލޮމެސީގެ ރީތި އުސޫލުން މަޝްވަރާގެ މޭޒުން ހައްލެއް ނުހޯދިއްޖެ ނަމަ، މި ސަރަހައްދުން މުސްލަތަގުބަލުގައި ފެންނާނީ އިތުރު ހަލަބޮލިކަމެވެ. ކާމިޔާބު ލިބޭނީ ކޮން ގައުމަކަށްތޯ ބެލުމުގެ ބަދަލުގައި، މުޅި ސަރަހައްދުގެ ސަލާމަތާއި އަމާންކަން އިސްކުރުމަކީ މި ވަގުތު ދުނިޔެއަށް އޮތް އެންމެ މަސަލަހަތު ހުރި ގޮތެވެ. ހުރިހައި ވެސް މައްސަލައަކީ އެމެރިކާއާއި އިޒުރޭލުގެ އަނިޔާވެރިކަމެވެ. ނަމަވެސް ހަގީގަތަކީ އެމެރިކާގެ ބާރުކުޑަވެ ދުނިޔެއަށް އެ މީހުން ފަޟީޙަތްވެއްޖެކަމެވެ. އީރާނުގެ ބާރުވެރިކަން ދުނިޔެއަށް އެނގި ހާމަވެއްޖެއެވެ.
ބައެއް ލަފުޒުގެ މާނަ:
ފަންނިއްޔާތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު.
ފަޟީޙަތްވުން މ. (1) ބޭޒާރުވުން. (2) ބަދުނާމުވުން.
ގަރުބަވައްޓައިލުން މ. ރަޙިމުގައި އުފެދޭ ދަރިވައްޓައިލުން