ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
10 މޭ 2026
[ސަހާރާ] ސަހަރާއަކީ ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ހޫނުގަދަ ސަހަރާއެވެ. އުތުރު އެފުރިކާގެ ހުރިހައި ހިސާބަކަށް ފެތުރިފައިވާ، [ސަހާރާ] ސަހަރާގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3.6 މިލިއަން އަކަމޭލު ނުވަތަ 9.2 މިލިއަން އަކަކިލޯމީޓަރެވެ. އެ ސަހަރާއަކީ އެފުރިކާ ބައްރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އެޓްލާންޓިކް ކަނޑުން ފެށިގެން ރަތް ކަނޑާ ހަމައަށް ދެމިގެން ގޮސްފައިވާ، އެ ސަހަރާއަކީ އިންތިހާއަށް ހޫނު، ހިލަ ފަރުބަދަތަކާއި، ވާދީތަކާއި، ބޮޑެތި ވެލިފަރުބަދަތައް ހުންނަ ތަނެކެވެ. އެތަނުގެ ހޫނުމިން 136 ޑިގްރީ ފޭރެންހައިޓަށް ނުވަތަ 59 ޑިގްރީ ސެލްސިއަސްއަށް އަރައެވެ. އެ ސަހަރާ 11 ޤައުމެއް ޙިއްޞާކުރެއެވެ. އޭގެ ތެރޭގައި އަލްޖީރިއާއާއި، ޗާޑާއި، މިސްރާއި، ލީބިޔާއާއި، މާލީއާއި، މޮރިޓޭނިއާއާއި، މޮރޮކޯއާއި، ނައިޖަރާއި، ސޫދާނާއި، ޓިއުނީޝިއާއާއި، އަދި ހުޅަނގު ސަހާރާ ހިމެނެއެވެ.
1960ވަނަ އަހަރު، އަލްޖީރިއާގެ ސަހާރާ ސަހަރާގައި،ފަރަންސޭސިވިލާތުގެ ފުރަތަމަ އެޓޮމިކް ބޮން ގޮއްވައިލިއެވެ. އެއީ ހިރޯޝިމާއަށް ވައްޓައިލި ނިއުކުލިއަރު ބޮމަށް ވުރެ ހަތަރު ގުނަ ބާރުގަދަ ބޮމެކެވެ. އެ ބޮން ގޮއްވައިލުމާ އެކު، ބޮޑު ހަންޑިކުޑަ ވިލާގަނޑެއް ޖައްވުގެ ތެރެއަށް އަރައިގެން ދިޔައެވެ. އިންތިހާއަށް ގަދަ ހޫނުގެ ސަބަބުން ސަހަރާގެ ވެލިގަނޑު ކަޅުކުލައިގެ ބިއްލޫރިއަށް ބަދަލުވެގެން ދިޔައެވެ. ފަރަންސޭސިވިލާތުގެ ރައީސް ޗާލްސް ޑިގޯލް އުފާފާޅުކުރަމުން ވިދާޅުވިއެވެ. [ފަރަންސޭސިވިލާތް ޒިންދާބާދު!]
ފަރަންސޭސިވިލާތުން ބުނެފައިވާ ގޮތުގައި އެ ބޮން ގޮއްވާލި ސަރަޙައްދަކީ މީހުން ނޫޅޭ ފަޅު ތަނެކެވެ. އެކަމަކު، އެއީ ބުހުތާނު ދޮގެކެވެ. އެ ބޮންގޮއްވައިލި ސަރަޙައްދާ ކައިރީގައި 30 ހާހަށް ވުރެ ގިނަ މީހުން ދިރިއުޅުނެވެ.
ޠަވާރިޤުގެ ބަދަވީންނާއި، ދަނޑުވެރިންނާއި، ރަށްފުށުގެ އަހުލުވެރިން އެ ހިސާބުގަނޑުގައި ދިރިއުޅުނެވެ. އެއްވެސް މީހަކަށް އިންޒާރެއް ނުދެއެވެ. ގަޑިއެއްހައި އިރުގެ ތެރޭގައި ރޭޑިއޯ އެކްޓިވް ޒައްރާތައް މުޅި އެފުރިކާ ބައްރުގެ، އަލްޖީރިއާ، ސެނެގާލް، އައިވަރީ ކޯސްޓް، ސޫދާނުގެ ސަރަޙައްދަށް ފެތުރިގެން ދިޔައެވެ. އެކަމަކު ވެސް، ފަރަންސޭސިވިލާތުން ތަޙުލީލުކުރުން ހުއްޓައެއް ނުލިއެވެ.
1960 އާއި 1966އާ ދެމެދު، މަދުވެގެން 17 ނިއުކްލިއަރު ޓެސްޓް، [ސަހާރާ] ސަހަރާ ތެރޭގައި ކޮށްފައިވެއެވެ. ހަތަރު ޓެސްޓެއް ހަދައިފައިވަނީ ވައިގެ ތެރޭގައެވެ. އަދި ބިމުގެ އަޑީގައި 13 ޓެސްޓެއް ހަދައިފައިވެއެވެ. 1962ވަނަ އަހަރު، އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުން ވެސް، ފަރަންސޭސިވިލާތުން، ނިއުކުލިއަރު ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އާދޭހެވެ! އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުން، އިތުރު 11 ޓެސްޓެއް ހަދައިފައިވެއެވެ. އަލްޖީރިއާ ސަރުކާރަށް އެ މީހުން ހުއްޓުވޭނެ ގޮތެއް ނެތެވެ. އެންމެ ފަހުން ފަރަންސޭސިވިލާތުން، [ސަހާރާ] ސަހަރާ ކުއްޔަށްދޫކުރާން އަލްޖީރިއާއަށް މަޖުބޫރުކުރިއެވެ. އެ ސައިޓުގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުވީ އަލްޖީރިއާގެ ރައްޔިތުން ލައްވައެވެ. އެ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް، ޙިމާޔަތެއް ފޯރުކޮށްދީފައެއްނުވެއެވެ. އެއްވެސް މަޢުލޫމާތެއް ނުދެއެވެ. އާޚިރު ނަތީޖާއަކަށްވީ، މަދުން ނޫނީ ނުފެންނަ ބަލިތަކުގެ ޝިކާރައަކަށްވެ، އެތައް ބަޔަކު މަރުވުމެވެ. އެ މީހުންނަށް، އެ ކަމުގެ ޙަޤީޤަތެއް ދުވަހަކު ވެސް އެނގިފައެއް ނުވެއެވެ.
1962 ވަނަ އަހަރު، މެއި މަހު ފަރަންޖީން ކުރި ތަޖުރިބާއެއް ގޯސްވިއެވެ. އަދި، ރޭޑިއޯއެކްޓިވް ހިރަފުސް ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ. ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން އަލްޖީރިއާ ދޫކޮށް ފިލައިގެން ދިޔައިރު، އަލްޖީރިއާގެ ރައްޔިތުން ތިބީ އެ ތަނުގައި ތާށިވެފައެވެ. އަދި، ހުރިހައި ނިއުކުލިއަރު ކުނިބުންޏެއް، ފަރަންސޭސިވިލާތުން ވަޅުލީ އެ ސަހަރާގެ ތެރޭގައެވެ. އޭގއިތުރަށް، އެ ސަރަޙައްދުތައް ފާހަގަކޮށްދޭ ޗާޓުތައް އާންމުކުރުމަށް ވެސް ދެކޮޅުހެދިއެވެ. އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އޭގެ އަސަރުތައް ފާޅުވާން ފެށިއެވެ. ފާޅުވާން ފެށި އަސަރުތަކުގެ ތެރޭގައި، ކެންސަރާއި، ލިއުކީމިއާއާއި، ތައިރޮއިޑުގެ ކެންސަރާއި، ނުކުޅެދުންތެރިކަން ހުންނަ ކުދީން އުފަންވުން ފަދަ އެތައް މުޞީބާތެއް ކުރިމަތިވެ، މުޅި ސަރަޙައްދަށް އޭގެ އަސަރުކުރިއެވެ. މިއީ ވިހިވަނަ ގަރުނުގެ ތެރޭގައި، ފަރަންސޭސި އިސްތިޢުމާރީން ހިންގި އެންމެ ބޮޑު އެއް ޖަރީމާގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް މިއަދު އެބައިމީހުން ވެސް އިންސާނީ ހައްގޭ ކިޔައިގެން އަޑުއުފުލަމުން ގެންދާ އިރު، މި ކަމާ މެދު ލަދުވެއްޗެއް ވެސް ނުވެއެވެ.