އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 މޭ 2026
ފަށަމުން:
ކޮންމެ ގައުމެއްގެ ވެސް އެންމެ ބޮޑު ގައުމީ ތަރިކައަކީ އެ ގައުމެއްގެ މާދަރީ ބަހެވެ. އާދޭހެވެ! ގިނަ ބަޔަކު ގަބޫލކުރާން ބޭނުންނުވިޔަސް ދިވެހީންނަކީ ފަޚުރުވެރިވުން ޙައްގު އަމިއްލަ މާދަރީބަހެއް ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނަސީބުވެރި ބަޔެކެވެ. ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވީ ނަމަވެސް، ދިވެހިބަހަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ބަސްތަކާ އެއްވަރަށް މުއްސަނދި، ފުރިހަމަ އަދި މޮޅު ބަހެކެވެ. އިންޑޯ-އާރިއަން އާއިލާއަށް ނިސްބަތްވާ މި ބަހަކީ، ދިވެހިންގެ އަމިއްލަވަންތަކަމާއި، ތާރީޚާއި، ސަގާފަތުގެ މައިބަދައެވެ. ދިވެހިބަހުގެ މޮޅުކަން ހާމަވަނީ އޭގެ އަމިއްލަ އަކުރާއި، ބަސްމަގުގެ ތަރުތީބާއި، އަދި ޝުޢޫރުތައް ފާޅުކުރުމުގައި ހުންނަ ފުންކަމުގެ ސަބަބުންނެވެ.
ދިވެހިބަހަކީ ދުނިޔޭގެ ގިނަ ބަސްބަހާ ޚިލާފަށް އިންތިހާއަށް މުއްސަނދި އަދި ޝުޢޫރުތަކާއި މާނަތައް ފުންކޮށް ބަޔާންކޮށްދޭ (އެކްސްޕްރެސިވް) ބަހެކެވެ. މިއީ ގިނަ ދިވެހީން ނުވިސްނާ ދާއިރާއެކެވެ. ދިވެހިބަހަކީ ޝުޢޫރާއި ފުން މާނަތައް ހާމަކޮށްދިނުމާ އެކު މުޢާމަލާތުކުރާ (އެކްސްޕްރެސިވް) ބަހަކަށްވާތީ، ދިވެހި ކާބަފައިންނަކީ އެކި ފަންނުތަކަށް އަރައި ތިބި ހުނަރުވެރި ފަންނުވެރި ކުޅަދާނަ ބަޔެއްކަން މާޒީގައި ވަނީ ސާބިތުކޮށްދީފައެވެ.
ދިވެހި ކާބަފައިން އެހައި ހުނަރުވެރިވެފައިވަނީ ދިވެހިބަހުގެ ސަބަބުން:
ދިވެހި ކާބަފައިންނަކީ އެކި ޢިލްމުތަކާއި ފަންނުތަކަށް ކުޅަދާނަ ބަޔެއްކަން އަޅުގަނޑުމެންގެ ސަގާފަތުން ސާބިތުވެއެވެ. ތެދުއުއި ވަޑާމާއި (ކާޕެންޓްރީ)، ކިއްސަރުވަޑާމާއި (ބޯޓު ބިލްޑިންގ)، ފަލަކީ ޢިލްމު (އެސްޓްރޮނޮމީ)، ބޭސްވެރިކަން (ހަރބަލް މެޑިސިން)، ލަކުޑީގައި ކަނޑައިނެގުން (ވުޑް ކަރވިންގ)، ލިޔެ ލާޖެހުން (ލެކަރވަރކް)، ފަނުން ތަކެތި ވިޔުން (ތެޗުވީވިން)، ކުނާވިޔުން (މެޓު ވީވިން) މި ނޫނަސް ދިރިއުޅުމަށް ބޭނުންވާ ފެހުމާއި ނިޔަމިކަމާއި ދަތުރުފަތުރާއި މަސްވެރިކަމާއި މެހުމާނުރީއާއި މި ނޫނަސް މިފަދަ ހުރިހައި ފަންނުތަކާއި ޢިލްމަކަށް ދިވެހި ކާބަފައިން ކުރިއަރައިފައިވާ މިންވަރު ދިވެހި ސަގާފަތާއި ތަރިކައިން ސާފުކޮށް ފެންނާން އެބަ ހުއްޓެވެ. މި ކަމުގެ ސަބަބަކީ ގިނަ މީހުން ހީކުރާ ފަދައިން ދިވެހީން ހަމައެކަނި ކަނޑުމަސް ކައިއުޅުނީތީކީ ނޫނެވެ. އޭގެ ސަބަބަކީ ދިވެހިބަހެވެ. ދިވެހި ކާބަފައިން އެހައި ހުނަރުވެރި ބަޔަކަށްވީ ދިވެހިބަހަށް ކާބަފައިން ކުރިއަރައިފައިވާ މިންވަރުގެ ސަބަބުންނެވެ.
ކުރީން ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރީންގެ ތެރެއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހިބަހާއި އަދަބުގައި ވިދާ ތަރިއެކެވެ. އެހެންކަމުން އެ ބޭފުޅުން ވިދާޅުވާ ކޮންމެ ވިދާޅުވުމެއް ލިޔުއްވާ ކޮންމެ ލިޔުއްވުމެއް ދިވެހި މުޖުތަމަޢުގެ މަޞްލަޙަތާ ފުށުއެރުމެއް ނޯވެއެވެ. ވިސްނުންފުޅު އެހައި ތޫނެވެ. މީހުންގެ ހިތަށް، ހިތުގެ އެންމެ ފުނަށް، އަސަރުކުރާ ގޮތަށް ނަސޭޙަތްދެއްވާން ކުޅަދާނަފުޅެވެ. ހައްދަވައިފައިވާ ޅެންތަކުގެ އެންމެ ބައިތަކުން އެތައް ވާހަކަތަކެއް ހިތުގެ އެންމެ ފުނަށް ފޯރުކޮށްދެއްވައެވެ. ބަހުގެ ބޭނުންފުޅުކުރައްވައިގެން މީހުން ރޮއްވައިލައްވައެވެ. ހެއްވައިލައްވައެވެ. އުފާކުރުއްވައެވެ.
ރާއްޖޭގެ ކުރީގެ ދީނީ ޢިލްމުވެރީންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެދުރު ޢުމަރު މާފަތް ކަލޭގެފާނު (ނުވަތަ އެދުރު ޢުމަރު މާފަތްތަކުރުފާނު)އާއި ޢަލީއެދުރުތަކުރުފާނާއި ޙަސަން ތާޖުއްދީނާއި ބަނޑޭރި ޙަސަންމަނިކުފާނާއި މުޙަންމަދު ޖަމާލުއްދީނު (ނައިބުތުއްތުއާއި) ޙުސައިން ޞަލާހުއްދީނާއި، ޢަބްދުﷲ ފަހުމީ ދީދީއާއި މުޙަންމަދު ޖަމީލުދީއާއި ޙުސައިން ޢަބްދުއްރަހުމާނާއި ޢުޘްމާނު ޢަބްދުﷲ (ރަޙިމަހުމުﷲ)ގެ ބަސްމަގާއި ލިޔުއްވުންތަކުން އެ ބޭބޭފުޅުން ދިވެހިބަހަށް ފާގަތި މިންވަރު ވަރަށް ރީތިކޮށް ފެނެއެވެ. ދެން މިއަދު އަޅުގަނޑުމެންގެ ދަރީންގެ އެންމެ ޅަފަތުއްސުރެ ދިވެހިބަހާ ދުރުކުރުމުގެ އޮއިވަރެއް ފެށިގެން މި އުޅެނީ ކޮން މޮޅުކަމެއް ހޯދާންބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެ މީހެއްގެ މާދަރީބަހަށް އެ މީހަކު މޮޅުވި ވަރަކަށް އެހެން ބަސްބަހަށް މޮޅުވުމުގެ ފުރުސަރު ބޮޑުކަން ޢިލްމުވެރީން ވަނީ ދިރާސާތަކުން ސާބިތުކޮށްދީފައެވެ.
ދިވެހި ކާބަފައިން އެކި ފަންނުތަކާއި ޢިލްމުތަކަށް ކިތަންމެ ކުރިއަރައިފައި ވިޔަސް އެ ޒަމާނަކީ ލިޔެކިޔުމުގެ ޒަމާނަށް ނުވާތީ އެ ފަދަ ޢިލްމުތައް ފުރޭފުކުރެވިފައި (ލިޔުމަށް ގެނެވިފައި) ނެތީމާ، އަޅުގަނޑުމެންނަށް ހީކުރެވިފައިވަނީ އެ ފަދަ ޢިލްމުތަކާއި ފަންނުތައް ދިވެހީންގެ ތެރޭގައި ކުރީން ނޯންނަކަމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތާރީޚާއި ސަގާފަތުން ފެންނަ ހަގީގަތަކީ ދިވެހި ކާބަފައިންނަކީ ޢިލްމުވެރި ހުނަރުވެރި ފަންނުވެރި ބަޔެއްކަމެވެ. ދިވެހީންގެ ތެރޭގައި ޢިލްމުވެރިކަމާއި ފަންނުވެރިކަން އޮތްކަމެވެ.
އާދޭހެވެ! ދިވެހި ކާބަފައިންނަކީ ފުންކޮށް ވިސްނައި، ޙިކުމަތްތެރިކަމާ އެކު ނިންމުންތައް ނިންމުމުގެ ގާބިލުކަން ލިބިފައިވި ބަޔެކެވެ. މި ކަމުގެ ސަބަބކީ ދިވެހިބަހެވެ. އެ ބޭފުޅުން ދިވެހިބަހަށް ފާހަގަތިކަމެވެ. މި ޒަމާނުގެ ޒުވާނުން، ކަންކަމާ މެދު ފުންކޮށް ނުވިސްނަނީ ދިވެހިބަހަށް ކޮށިކަމުންނެވެ. ދެބަސް މަސްހުނިކޮށްގެން ވާހަކަދައްކާން އާދަކޮށްފައިވާތީއެވެ.
ސުވާލު އުފެދިދާނެއެވެ. ދިވެހިބަހަށް މޮޅުވީމާ، ކަންކަމާ މެދު ފުންކޮށް ވިސްނާން ދަސްވަނީ ކީއްވެގެންހެއްޔެވެ؟ މުނާސަބު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އިނގިރޭސިބަހާ ޚިލާފަށް [ދިވެހިބަހަކީ ޝުޢޫރާއި ފުން މާނަތައް ހާމަކޮށްދިނުމާ އެކު، މުޢާމަލާތުކުރާ (އެކްސްޕްރެސިވް) ބަހަކަށްވާތީ]އެވެ. އަޅުގަނޑު މި ދަންނަވާ އެއްޗެއްގެ ތެދުކަން ތިޔަ ބޭފުޅުންނަށް މި ޒަމާނުގެ ސިނާރާ ސުވާލުކޮށްލުމުން ވެސް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑު ދަންނަވާ އެއްޗަކަށް ވުރެ ސިނާރު ބުނާ އެއްޗެއް ގަބޫލުފުޅުކުރައްވާން ތިޔަ ބޭފުޅުންނަށް ފަސޭހަފުޅުވާނެތާއެވެ.
ދިވެހިބަސް [އެކްސްޕްރެސިވް] ބަހަކަށް ވަނީ ކޮންމެ ވާހަކައެއް ދެއްކިޔަސް ސަބަބާ އެކު އޭގެ ފުނަށް ވާޞިލުވާތީއެވެ. ބަހުގައި ހުންނަ [އަދަބީ މުއްސަނދިކަމުގެ] ސަބަބުންނެވެ. ވަކީން ޚާއްސަކޮށް، އެކި މީހުންނާ މުޚާތަބުކުރާ އިރު، ބޭނުންކުރާ ދަރަޖަތަކާއި (އެކި ފަންތީގެ މީހުންނަށް ވަކި ލަފުޒުތަކެއް ހުރުން)، ޅެންވެރިކަމުގެ ބަސްމަގާއި، އަދި އެއް ފަދަ މާނައެއް ދޭހަކޮށްދޭން ގިނަ ލަފުޒުތަކެއް ހުރުމަކީ މި ބަހުގެ [އެކްސްޕްރެސިވްކަން] ހާމަކޮށްދޭ އިތުރު ކަންކަމެކެވެ.
ބަހުގެ ދަރަޖަތަކާއި އިހުތިރާމު
ދިވެހިބަހުގެ އެންމެ ޚާއްސަ، އެއް ސިފައަކީ ބަހުގެ ތެރޭގައި ހިމެނޭ [ދަރަޖަ]ތަކެވެ. މިއީ ދުނިޔޭގެ މަދު ބަސްތަކަކުން ނޫނީ ނުފެންނަ މޮޅު މީޒާއެކެވެ. އާދައިގެ ބަހުރުވައާއި، ބޮޑެތި މީހުންނަށް ބޭނުންކުރާ އިހުތިރާމުގެ ބަހުރުވަ (މާތް ބަހުރުވަ)އާއި، އެންމެ މަތީ ބޭފުޅުންނަށް ބޭނުންކުރާ އެންމެ މާތް ދަރަޖަ ދިވެހިބަހުގެ އަދަބީ މުއްސަނދިކަމަށް ފުރިހަމަކަމެއް ގެނެސްދެއެވެ.
އެންމެ އާދައިގެ ބަހުރުވައިން (ދަރަޖައިން) ވާހަކަދެއްކިޔަސް ދިވެހިބަހުން ކޮންމެ އެއްޗެއް ވެސް ބުނާނީ އޭގެ ސަބަބާ އެކު ފުނަށް ވާޞިލުވެފައެވެ. އިނގިރޭސިބަހުން ސަބަބު ބުންޏަސް އެ ވާހަކަ އަންނާނީ ފަހަށެވެ. މިސާލަކަށް: މީހަކު ދެކެ ރުޅިއައި ވާހަކަ ބުނާއިރު އިނގިރޭސިބަހުން ބުނާނީ ފުރަތަމަ ރުޅިއައި ވާހަކައެވެ. ސަބަބު ބުންޏަސް ބުނާނީ އޭގެ ފަހުންނެވެ. މި ވާހަކަ ވެސް ދިވެހިބަހުން ބުނަނީ ކަންކުރި ގޮތާއި ސަބަބު ބަޔާންކުރުމަށް ފަހުގައެވެ.
ދިވެހިބަހުގައި ހުންނަ މި ފަދަ މީޒާތަކުގެ ސަބަބުން، މީހަކާ ވާހަކަދައްކާ އިރު، އެ މީހަކަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ބަހުގެ ތެރެއިން އަމިއްލައަށް ދޭހަވެއެވެ. ކަމުގެ ތެރެއަށް ފުނަށް ވާޞިލުކޮށްދެއެވެ. މިއީ އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށް ޓަކައި ބަސް ބޭނުންކުރެވޭ މޮޅު ގޮތްގޮތެވެ. ދިވެހި ކާބަފައިނަށް ކަންކަމުގެ ފުނަށް ވާޞިލުވާން ދަސްކޮށްދީފައިވާ ސަބަބަކީ މިއީއެވެ.
އަދަބިއްޔާތާއި ޅެންވެރިކަމުގެ ފުންކަން
ދިވެހިބަހަކީ [އެކްސްޕްރެސިވް] ބަހެއްގެ ގޮތުގައި ބެލެވެނީ އޭގައި ހުންނަ ލަފުޒުތަކުގެ މުއްސަނދިކަމުންނެވެ. ޚާއްސަކޮށް ޅެންވެރިކަމުގައި، އިންސާނާގެ ހިތަށްއަރާ ފުން ޝުޢޫރުތައް ބަޔާންކުރުމަށް ޓަކައި ދިވެހިބަހުގައި ހުންނަ އިސްތިއާރާތަކާއި މަޖާޒުބަސްތަކާއި މިސާލުތަކާއި މިސާލު ބަސްތަކަކީ އަޖައިބެއް ފަދަ އެއްޗެކެވެ. ކަނޑާއި، އުޑާއި، ގުދުރަތީ ރީތިކަމާ ގުޅުވައިގެން ހަދައިފައި ހުންނަ ޅެންތަކުން، ކިޔުންތެރިޔާގެ ހިތަށް އެ މަންޒަރެއް ކުރަހައިދިނުމުގެ ގާބިލުކަން މި ބަހަށް ލިބިގެންވެއެވެ.
މީގެ އިތުރަށް، ދިވެހިބަހުގައި ކައިރި މާނަތަކެއް ދޭހަކޮށްދޭ ގިނަ ލަފުޒުތަކެއް (Synonyms) ހުރެއެވެ. "ލޯބި" މި ލަފުޒުގެ ބަދަލުގައި ކުލުނު، ލޭފަ، ފަދަ އެތައް ލަފުޒެއް އެކި ސިޔާގުގައި ބޭނުންކުރެވެއެވެ. މިއީ ބަސް ބޭނުންކުރާ މީހާއަށް އޭނާގެ އިހުސާސްތައް އެންމެ ސީދާކޮށް ބަޔާންކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.
އަމިއްލަވަންތަ އަކުރާއި ލިޔެކިޔުމުގެ ނިޒާމު
ދިވެހިބަހުގެ މޮޅުކަން ފުރިހަމަވަނީ ދިވެހީންގެ އަމިއްލަ އަކުރު [ތާނަ]އިންނެވެ. މިއީ ދިވެހީންގެ ފަޚުރެކެވެ. ކަނާތްފަރާތުން ވާތްފަރާތަށް ލިޔެވޭ މި އަކުރަކީ ދުނިޔޭގެ އެހެން އަކުރުތަކާ ތަފާތު، އަދި ދިވެހި ކާބަފައިން އަމިއްލައަށް އުފައްދައިފައިވާ އީޖާދީ އަކުރެކެވެ. ފިލިޖެހުމުގެ ނިޒާމާއި، އަޑުތައް ބޭރުކުރާ ގޮތް ތާނައިގައި ހިމެނިފައިވަނީ ވަރަށް ސައިންޓިފިކްކޮށް، ފަސޭހައިން ކިޔޭ ގޮތަށެވެ. އަދި ބޭރު ބަސްތަކުގެ އަޑުތައް ނެރުމަށްޓަކައި ބޭނުންކުރާނެ ނުކުތާޖެހި އަކުރުތަކެއް ހުރުމަކީ ބަހުގެ ފަހެލިކަން ހާމަކޮށްދޭ ކަމެކެވެ. ތާނައަކީ މި ސަރަހައްދުގައި ލިޔެކިޔުމުގައި ބޭނުންކުރެވޭ އެންމެ ސައެންޓިފިކް އަކުރުތައްކަމަށް ބޭރުގެ ޕްރޮފެސަރުން ވިދާޅުވެފައިވެއެވެ.
މި ނަޒަރުން ދިވެހިބަހާ މެދު ވިސްނާން އަޅުގަނޑަށް އިލްހާމު ލިބުނީ ބަހުން މުޢާމަލާތުކުރުމުގެ ދާއިރާގެ މާހިރެއްކަމަށްވާ، ޕިކްމޯލްޑިވްސްގެ ފައުންޑަރ އަލްފާޟިލް ރިޢާޔަތު ޢަބްދުލްމަޖީދު ދިވެހިބަހުގެ މޮޅުކަމާއި ޚާއްޞިއްޔަތުގެ ވާހަކަ އަޅުގަނޑު ގާތު ދައްކަވާލެއް ގިނަކަމުންނެވެ. އެހެންކަމުން އޭނާއަށް ޝުކުރުދަންނަވާން ބޭނުންވެއެވެ.
އެންމެ ފަހުން:
އިގުތިސާދީ ގޮތުން ދަށް، އަބާދީ ގޮތުން ކުޑަ، ޖުޣުރާފީ ގޮތުން އެކަހެރި، އަސްކަރީ ބާރެއް ނެތް ނިކަމެތި، ތަރައްގީއާ ދުރު ގައުމެއްގެ ގޮތުގައި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އެތައް ހާސް އަހަރެއް ވަނީ ކަޑައްތުކޮށްފައެވެ. ނަމަވެސް ދެ ފަހަރެއްގައި މަދު ދުވަސްކޮޅަކަށް ނޫނީ ދިވެހިރާއްޖޭގެ ސިޔާދަތެއް ނުގެއްލެއެވެ. އަދި މިއިން އެއްވެސް ޙާލަތެއްގައި ދިވެހިބަސް އުވިގެންނެއްނުދެއެވެ. މި ކަމުގެ ސަބަބަކީ ދިވެހިބަހަކީ ހަރުދަނާ މޮޅު ފުރިހަމަ ބަހެއްކަމަށްވާކަމެވެ. މިއަދު ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެއަށް ޖާގަލިބިފައިވާ އިރު، މީގެ ކުރީން ދުވަހަކު ވެސް ދިވެހިބަހަށް އެއްވެސް ހީނަރުކަމެއް އައިސްފައެއް ނުވެއެވެ. މި ކަމުން އަންގައިދެނީ ބަހެއްގެ ގޮތުން ދިވެހިބަހުގެ ފުރިހަމަކަމާއި މޮޅުކަމާއި ހަރުދަނާކަމެވެ. އެހެން ނޫން ނަމަ، ވަކިވަކި ޖަޒީރާ ގައުމެއްގައި މިއަދާ ހަމައަށް ދިވެހިބަސް ދެމިއެއްނޯތީއެވެ. މިއީ ދުނިޔޭގެ ބަސްވާރުން ހައިރާންކަމާ އެކު ސުވާލު ވެސްކުރާ ކަމެކެވެ. [ދުނިޔޭގެ ކުދި ބަސްތައް ހަލުވިކަމާ އެކު މަރުވަމުންދާ އިރު، ވަކިވަކި ޖަޒީރާތަކެއްގައި، މިއަދާ ހަމައަށް ވެސް ދިވެހިބަސް މަރުނުވެ ދިރިދެމިއޮތީ ކިހިނެއްތޯއެވެ!] މި ސުވާލުގެ ކުރު ޖަވާބަކީ، [އެއީ ދިވެހިބަހުގެ ފުރިހަމަކަމާއި ހަރުދަނާކަމެވެ.]
އާދޭހެވެ! އެންމެ ފަހުން ވެސް ދަންނަވާން އޮތީ، ދިވެހިބަހަކީ ހަމައެކަނި މުއާމަލާތުކުރާން ބޭނުންކުރާ ވަސީލަތެއް ނޫންކަމަށެވެ. އެއީ ދިވެހިވަންތަކަމުގެ ރޫހެވެ. ބަހުގެ ދަރަޖަތަކުން ފެންނަ އަދަބުވެރިކަމާއި، ޅެންވެރިކަމުގެ ބަސްމަގުން ފެންނަ ޖަޒުބާތީ މުއްސަނދިކަމަކީ ދިވެހިބަހުގެ މޮޅުކަމުގެ ހެކިތަކެވެ. އަދި ދިވެހިބަހަކީ [އެކްސްޕްރެސިވް] ބަހަކަށްވީކަމީ ދިވެހި ކާބަފައިންނަށް ކަންކަމާ މެދު ފުންކޮށް ވިސްނައި ފިކުރުކޮށް، އެކި ޢިލްމުތަކަށާއި ފަންނުތަކަށް އަހުލުވެރި ބަޔަކަށް ވުމުގެ ހަގީގީ ސަބަބެވެ. މި ކަން އަޅުގަނޑުމެން ދަންނާން އެބަޖެހެއެވެ. އިނގިރޭސިބަހާއި ޢަރަބިބަހަށް މޮޅުވާން މަސައްކަތްކުރުމަކީ އެއްވެސް ޙާލެއްގައި ދިވެހިބަސް ދޫކޮށްލާން ޖެހޭ ސަބަބެއް ނޫނެވެ. ދިވެހިބަސް ދޫކޮށްލުމުން އަޅުގަނޑުމެންނަށް ލިބޭނެ ފައިދާއެއް ކުރިއެރުމެއް ނެތެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މި އަގުހުރި ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ. އެއީ އޭނާގެ އަމިއްލަ ކުރިއެރުމާއި މުޖުތަމަޢާއި ޤައުމިއްޔަތާއި ވަޠަނިއްޔަތަށް ޓަކައި ވެސް ލާޒިމު ކަމެކެވެ. އެހެނީ ދިވެހިބަސް ދިރިދެމި އޮވެއްޖެ ނަމަ، ދިވެހި ގައުމިއްޔަތު ދިރިދެމި އޮންނާނެއެވެ.
ބައެއް ލަފުޒުގެ މާނަ
އީޖާދީ ނއ. (1) އައު ޚިޔާލުތަކާއި އައު ހުށަހެޅުންތައް ހިމެނޭ. (2) އުފެއްދުންތެރި. innovative
އިލްހާމު ނއ. ކަމަކާމެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. (2) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން. (3) ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނަށް ވަޙީގެ ޒަރީޢާ ނޫން ވަސީލަތަކުން މާތްރަސްކަލާނގެ އަންގަވާ އެންގެވުން. inspiration
މައިބަދަ ނ. މައިކަށި backbone
މީޒާ ނ. ޚާއްސަ ސިފަ. Feature
ފަހެލި ނއ. (1) ހަލާކުވުމެއް ބިންދައިގެން ދިޔުމެއް ނެތި ފަސޭހަކަމާއެކު ލަންބައިލެވޭ ނުވަތަ އެ ކަމުގެ ގާބިލުކަން ހުންނަ. (2) ފަސޭހަކަމާ އެކު ބަދަލުކޮށްލެވޭ. (3) ތަފާތު ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން ލިބިފައިވުމާއި އެ ކަމަށް ތައްޔާރަށް ހުންނަ. Flexible
ފުރޭފު ނ. ލިޔާ ލިޔުން. document
ސިނާރު ނ. ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި، ވެށި ދެނެގަތުމާއި، ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު، އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. AI
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.context