އަބާ މުޙަންމަދު
7 މޭ 2026
އެމެރިކާގެ އެންމެ ފަހުގެ އަދި ނިޔުކްލިއަރު ހަކަތައިން ދުއްވާ އެންމެ ބިޔަ، މަތީންދާބޯޓު އުފުލާ މަނަވަރު 314 ދުވަހު ކަނޑުމަތީގައި ހޭދަކުރުމަށް ފަހު, އެންމެ ފަހުން ހޯމަދުވަހު ވަނީ އެމެރިކާއާ ދިމާއަށް މިސްރާބުޖަހައިފައެވެ. މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޫއެސްއެސް ޖެރަލްޑް އާރު. ފޯޑު (CVN-78) ސުއޭޒުކެނެލުގެ ތެރެއިން ރަތްކަނޑުން މިހާރުވަނީ މެދުތެރޭކަނޑަށް ބަދަލުކޮށްފައެވެ.
މި މަނަވަރު ފުރި ޚަބަރު ލިބިފައި މި ވަނީ އީރާނުން އެ އެ ސަރަހައްދުގައި ހަރަކާތްތެރިވި ކުޑަ ހަތް ލާންޗެއް ފައްތައިލި ޚަބަރުދިނުމަށް ފަހުގައެވެ. މި ކަން އީރާނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެޕްރީލު 8ގައި ނަމެއްގައި އިޢުލާނުކުރި ހަނގުރާމަ ހުއްޓައިލުމުގެ އިޢުލާނަށް ފަހު، އީރާނުން ވަނީ ފުރަތަމަ ފަހަރަށް އެކުވެރި ޢަރަބި އިމާރާތަށް މިސައިލާއި ޑުރޯނުން ޙަމަލާ ދީފައިކަމަށް އިމާރާތުން ޚަބަރުދެއެވެ. މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވައިގެ ސަރަހައްދު ވަނީ ކޮންޓުރޯލުކޮށްފައެވެ. ވަކި މަގަކުން ނޫނީ ދަތުރުނުކުރުމަށް މަތީންދާބޯޓުތަކަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އީރާނަށް ޙަމަލާދޭކަށް އިމާރާތަކަށް ނުކެރެއެވެ. އީރާނަށް ސީދާ ހަމަލާ ދީފި ނަމަ، މުޅި އިމާރާތް އަނދިރިކަމެއްގެ ތެރެއަށް ފޮނުވައިލާނެކަމަށް އީރާނުންވަނީ އިންޒާރުދީފައެވެ. އިމާރާތަކީ ހަގީގަތުގައި އިޒުރޭލާއި އެމެރިކާގެ ވަރަށް ގާތް ބައިވެރިއެކެވެ. ނަމަވެސް ސިއްރުން ނޫން ގޮތަކަށް މި ހަނގުރާމައިގައި އެހީތެރިވާކަށް ނުކެރެއެވެ. އީރާނުގެ ބާރު ވަޒަންކުރެވިފައިވާތީއެވެ.
އެމެރިކާގެ މަނަވަރު ގަލްފު ސަރަހައްދު ދޫކޮށް މި ނުކުތީ، އެމެރިކާގެ ނޭއްގާނިކަން ހުއްޓައިނުލައި އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އޮންނަ ނަމަ، ހަނގުރަމަ ފަށާނެކަމަށް އީރާނުން އިންޒާރުދީފައިވަނިކޮށެވެ. އެހެންކަމުން އެ ސަރަހައްދުގައި އިތުރަށް އެ މަނަވަރަށް މަޑުކޮށްގެން އޮތުމަކީ ވަރަށް އެކަށީގެންނުވާ ކަމެކެވެ. މި މަނަވަރަށް އީރާނުން ދިން ހަމަލައެއްގައި އެ މަނަވަރުގެ ފާޚާނާއަށާއި ލޯންޑުރީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި މަނަވަރުގެ ފާޚާނާތަކުގައި މައްސަލަ ޖެހި، ނަޖިސް ހޮޅިތައް ބެދުމުގެ އުނދަގޫ ފަޅުވެރީންނަށް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މާރިޗު މަހުގެ ތެރެގައި ވަނީ ކުރޮއޭޝިއާގެ ސްޕްލިޓު ބަނދަރަށް މަރާމާތަށް ވެސް އެ މަނަވަރު ގެންގޮސްފައެވެ. އެއީ އީރާނުގެ ހަމަލާއަކުން ލިބުނު ގެއްލުންތަކެއްކަމަށް އެމެރިކާއިން އެއްބަސް ނުވިޔަސް އެމެރިކާގެ ބަނޑުދޮށުގައި އޮވެ، އީރާނުގެ ހަމަލާތަކުން ރެކޭނެ ގޮތެއް އެމެރިކާއަކަށް ނޯންނާނެއެވެ.
ޔޫއެސްއެސް ޖެރަލްޑް ފޯޑުގަލްފު ސަރަހައްދު ދޫކޮށް މި ދަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ އަސްކަރީ އަދި އިގުތިސާދީ ވަރުގަދަ ފިޔަވަޅުތަކާ އެކު ވެސް އީރާނުން ބޯނުލެނބުމުން އެމީހުންގެ މަގުސަދު ހާސިލުނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ވަނީ އީރާނުގެ މުޅި ޙަޟާރަތު ނައްތައިލާނެކަމަށް ވެސް އިންޒަރުކޮށްފައެވެ. އަދި އެމެރިކާގެ ޝަރުޠުތައް އީރާނުން ގަބޫލުކޮށް ޑީލެއް ނަހަދައިފި ނަމަ، މުޅި އީރާނު ވުޖޫދުން ފޮހެލާނެކަމުގެ ބިރުވެރި ލާއިންސާނީ އިންޒާރު ވެސް ދިނުމަށްފަހުގައެވެ. ނަމަވެސް އީރާނުން އެ މީހުންގެ ގޮތެއް ދުލެއް ނުކުރިއެވެ. އެމެރިކާއަކަށް އީރާނު ވުޖޫދަކުން ފޮހެއެއްނުލެވުނެވެ. އެންމެ ފަހުން އެންމެ ބޮޑު މަނަވަރު މި ޖެހުނީ އެ ސަރަހައްދު ދޫކޮށް ދާށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފަށައިގެން މި އުޅޭ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ޓުރަންޕުގެ މަގުބޫލުކަން އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. މިހާރު އެމެރިހާގެ %62 އިންސައްތަ މީހުން ގަބޫލކުރަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފެށި ހަނގުރާމައަކީ ހެދި ގޯހެއްކަމަށެވެ. މި ކަމުގެ ސަބަބުން މުދަލުގެ އަގު ވަނީ އެމެރިކާގައި ވަރަށް ބޮޑަށް އުފުލިފައެވެ.
އެމެރިކާގެ ސެނެޓުގައި އެމެރިކާގެ ދިފާޢީ ވަޒީރު ހެގްސެޓާ އެތައް ސުވާލެއްކޮށް އޭނާގެ ނާގާބިލުކަން ރައްޔިތުންނަށް ވަނީ ބޭޒާރުވެފައެވެ. ސެނެޓުގެ މެންބަރުން ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަކީ އެމެރިކާގެ ދިފާޢީ ވަޒީރަކަށް ކުފޫހަމަވާ މީހެއް ނޫންކަން ސެނެޓުގެ މެންބަރުން ވަނީ ސާބިތުކޮށްދީފައެވެ. މި ކަންކަމުގެ ސަބަބުން އެމެރިކާގައިވަނީ ސިޔާސީ، އިޖުތިމާޢީ އަދި އިގުތިސާދީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އީރާނު ބިރުގަންނަވާން ދޭ އިންޒާރުތަކަށް އީރާނުން ނުސިހޭ ވާހަކަދައްކައި އަސްކަރީ ދާއިރާގައި ވެސް ވަނީ ދެބަސްވުންތައް އުފެދިފައެވެ.
އާދޭހެވެ! ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދަޢުވާކުރާ އެމެރިކާ މިއަދު ވަނީ މުޅި ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތްވެފައެވެ. އެ މީހުންނާ ގުޅިގެން މި ހަނގުރާމައިގައި ސީދާ ގޮތުން ބައިވެރިވާކަށް ގަލްފުގެ އެއްވެސް ގައުމަކަށް ނުކެރުނެވެ. ސަބަބަކީ އީރާނުގެ ބާރު އެ މީހުންނަށް މިހާރު ވަޒަންކުރެވޭތީއެވެ. އަދި މި ހަމަނުޖެހުންގަނޑުގެ ތެރެއަށް ވަންނާކަށް ވިލާތުގެ ގައުމަކުން ވެސް އަދި ދުނިޔޭގެ އެހެން ގައުމަކުން ވެސް ބޭނުމެއް ނުވެއެވެ.
ހަގީގަތުގައި ހަތަރު ދުވަހެއްގެ ތެރޭގައި މަގުސަދު ހާސިލުކޮށް ނިންމައިލާން އެމެރިކާއިން ފެށި ޣައިރުގާނޫނީ ހަނގުރާމައަށް ދެ މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މިއަދު ޓުރަންޕަށް ވަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ނާކާމިޔާބާ އެކު ހަނގުރާމަ ހުއްޓައިލާކަށް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް އޭނާގެ މަގުސަދު ހާސިލުކޮށްގެން ހަނގުރާމަ ނިންމައިލާނޭ މަގެއް އޭނާއަކަށް ފެންނާކަށް ނެތެވެ. އެހެންނަމަވެސް އޭނާއަށް އެހެން މަގެއް ފެންނާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ.