ad_banner
ކޮލަމް ހަމަ (56): ޢިއްޒަތާއި ޝަރަފާއި ލަގަބާ އޮޅުން.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

7 މޭ 2026

އަޅުގަނޑުމެންގެ ތެރެއަށް މި އައި ޑިމޮކްރެސީއެއް އައި ފަހުން އެންމެން [މިނިވަން]ވެއްޖެއެވެ. އެންމެންނަކީ ހައްގުވެރީންނެވެ. އެ މީހަކަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތެވެ. ފަހު ބަސް ބުނާނެ ފަރާތެއް ނުހުރެއެވެ. ބަހެއް ބުންޏަސް އެ ކަމާ މެދު ވިސްނައިލުމެއް ނެތި ގިނަ މީހުން ތައްޔާރަށް ތިބެނީ ޖަދަލުކުރާށާއި ރައްދުދޭށެވެ. މީހަކު ވާހަކަދައްކާ އިރު ކުށްބަހެއް ބޭނުންކޮށްލުމުން، އޭނާއަށް ހެއު އެދިގެން އެކަހެރިކޮށް އެ ކުށް ރަނގަޅުކުރާނެ ގޮތް ބުނެދިނަސް އަރަނީ ރުޅިއެވެ.

ދާދި ފަހުން އަޅުގަނޑުގެ ރައްޓެއްސަކަށް މި ކަން ދިމާވެއްޖެއެވެ. ޒުވާން ކުއްޖަކު އޭނާގެ އަމިއްލަ ނަފުސަށް ނިސްބަތްކޮށް މާތް ދަރަޖައިން ވާހަކަދައްކާން ފެށުމުން ތިޔައީ ކުށެކޭ، ރަނގަޅު ގޮތަކީ މިއީއްޔޭ ބުނެލުމުން މިއީ ކަލެޔާ ބެހޭ ކަމެއް ނޫނޭ ބުނެ އޭނާއަށް ހުތުރުކޮށް ރައްދުދިނީއެވެ. އޭނާ އެ ވާހަކަ ބުނީ އެހެން މީހަކު ނެތީސް ހަމަ އެކަނި ހުރެއެވެ.

މިއީ މިއަދުގެ ޙާލެވެ. ގާނޫނުތައް ވެސް ހުރެއެވެ. ދިވެހިބަހާ ބެހޭ ގޮތުން ފަހުބަސް ބުނާނެ ފަރާތެއް ވެސް ގާނޫނުގައި ކަނޑައެޅިފައި ވެއެވެ. ނަމަވެސް އެ ފަރާތުން ދޭ ފަންނީ ލަފައަށް ވުރެ، އެ ދާއިރާގެ މަޢުލޫމާތެއް ނެތް ޢާންމުން ވެސް މާ މޮޅެވެ. އެންމެންނަށް ހުރިހައި އެއްޗެއް [އެނގެއެވެ.]

މިއީ ޑިމޮކްރެސީކަމަށް ވާ ނަމަ ހިތާމަހުއްޓެވެ! ނަމަވެސް ދައުލަތުގެ އިދާރާއިން ޢަމަލުކުރާންވާ ގޮތް، ކަމާ ބެހޭ ފަރާތަށް އެންގޭންވާނެއެވެ. އެންގީމާ ޢާމަލުކުރާން ވެސް ވާނެއެވެ. ޢަމަލުނުކޮށްގެން ކުށްވެރިވާންޖެހޭނީ އެ މުއައްސަސާއެއް ނޫނެވެ. ޖޫރިމާނާވެގެން ފައިސާ ދައްކާން ޖެހޭނީ މުއައްސަސާއަކުން، ދައުލަތުގެ ބަޖެޓަކުން، ނޫނެވެ. ގާނޫނާ ޚިލާފުވި މީހެކެވެ. އެ މީހަކު ޒިންމާކުރެވޭން ޖެހޭނެއެވެ. ނަމަވެސް ކަންކަން ފެންނަނީ މި ލެކަކުންނެއް ނޫނެވެ.

ހަގީގަތުގައި އަޅުގަނޑު ދައްކާން އުޅުނު ވާހަކައަށް ވުރެ މާ ދުރުން ފަށައިގަނެވުނީތީ މާފަށް އެދެމެވެ. އަޅުގަނޑު ދަންނަވައިލާން އުޅުނީ ވަރަށް ކުޑަކުޑަ ވާހަކައެކެވެ. އަޅުގަނޑު ދަންނަވައިލާން އުޅުނު ކުޑަކުޑަ ވާހަކައަކީ އެއީ މީހުންގެ ލަގަބާއި، އޭނާއަށް ދީފައިވާ ޢިއްޒަތާއި ޝަރަފަކީ މުޅީން ދޭއްޗެކޭއެވެ. ނަމަވެސް މިހާރަކަށް އައިސް މީހަކަށް ދައުލަތުން ޢިއްޒަތެއް ނުވަތަ ޝަރަފެއް ދެއްވާ އިރަށް އެއީ އޭނާގެ ލަގަބުކަމުގައި އެބަ ހަދައެވެ. ދައުލަތުގެ ގިނަ އިދާރާތަކުން މީހުންގެ ނަން ލިޔުމުގައި ވެސް ޢަމަލުކުރަނީ މި އުޞޫލުންނެވެ.

އިތުރު ތަފުސީލަކަށް ޖެހިލާނަމެވެ. އަލްފާޟިލު، އަލްމުޙުތަރަމު، އައްސައްޔިދު، މިއީ މީހުންގެ ޒާތީ ޤަދަރާ ބެހޭ ގޮތުން ބޭނުންކޮށް އުޅޭ ބައެއް ލަގަބުތަކެވެ. ތަޢުލީމީ ނުވަތަ ފަންނީ ދާއިރާގެ ލަގަބުތަކުގެ ތެރޭގައި ޕްރޮފެސަރ، ޑޮކްޓަރ، އައްޝައިޚު، ފަޟީލަތުލްއުސްތާޛު، އަލްޢާލިމު، އަލްފަޤީހު، އަލްއުސްތާޒު ފަދަ ލަގަބުތައް ބޭނުންކުރެވެއެވެ.

ޝާހީ ގޮތުން ނުވަތަ ސިޔާސީ ގޮތުން، އަންނަބީލު، ސުމުއްވުލްއަމީރު، އަލްއަމީރު، (ފަހަކަށް އައިސް) ރައީސް ފަދަ ލަގަބުތައް އެކި މީހުންނަށް ބޭނުންކުރެވެއެވެ. އަދި އަލްޙާއްޖު މިއީ ވެސް ތަންކޮޅެއް ކުރީން ބޭނުންކޮށް އުޅުނު ލަގަބެކެވެ. މި ފަދަ ލަގަބުތައް ބޭނުންކުރާނީ އޭނާގެ ނަމާ ވިދިގެން ނަމުގެ ކުރީގައެވެ. އަލްފާޟިލު މުޙަންމަދު ނަޤީބު އަލްޢަޠާޝީ، އަލްއަމީރާ ފާޠިމާ ޔަޢުޤޫބު އަލްމާހިރީ، މި ފަދަ ގޮތްގޮތަށެވެ.  މިސާލަކަށް އިނގިރޭސި ރާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ދެއްވި އެއް ޝަރަފަކީ ނައިޓު ކޮމާންޑަރ އޮފް ދި އޯޑަރ އޮފް ސެއިންޓު މައިކަލް އެންޑް ސެއިންޓު ޖޯޖު (ކޭސީއެމްޖީ) އެވެ. މި ދެންނެވި ރައީސަށް ރައްޔިތުންގެ މަޖިލީހުން އެރުވި ޝަރަފަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ (ނ.ޣ.ޢ.ވ)އެވެ. އޭރު އެ މަނިކުފާނަށް ރަންނަބަނޑޭރިކިލެގެފާނުކަމުގެ ދަރަޖަ ވެސް ވަނީ އަރުވައިފައެވެ.

މި ދެންނެވި ރައީސުގެ ނަންފުޅު މި ދެންނެވި ލަޤަބުތަކާއި ޝަރަފާއި ދަރަޖަ ބޭނުންކޮށް ލިޔެފައި ހުރީ އަދި ލިޔެކިޔައި އުޅުނީ [ސުމުއްވުލްއަމީރު އިބުރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު، (ނ.ޣ.ޢ.ވ، ކޭ.ސީ.އެމް.ޖީ) މި ގޮތަށެވެ. އެރުވިފައިވާ ޝަރަފުގެ ރަމްޒު އަކުރުތައް ގެންނަވައިފައި ހުންނަނީ އެންމެ ފަހަތަށެވެ. މިއީ ލިޔުންތަކުގައި މީހުންގެ ނަންތައް ލިޔާނޭ ގޮތުގެ ވަރަށް ރީތި މިސާލެކެވެ. ގަބޫލުފުޅުނުކުރެއްވޭ ނަމަ، ކުރީގެ ލިޔުންތައް ބައްލަވާށެވެ!

ނަމަވެސް މިއަދު މި ފަދަ ކަންކަމުގައި ހަމައެއްލަމައެއް ނެތެވެ. ބަސްބުނާނެ މީހެއް، ބުނެވޭ ވަރުގެ މީހެއް ނެތެވެ. އެ މީހަކާ އެމީހެކެވެ. މިހާރު މީހަކަށް ޝަރަފު ދެއްވާ އިރަށް އޭނާގެ ލަގަބު އުނިކުރެވި އޭނާގެ ލަގަބަކަށް ބަދަލުވަނީ އޭނާއަށް ދައުލަތުންދެއްވި ޝަރަފެވެ. ޢިއްޒަތެވެ. މިސާލަކަށް ޑޮކްޓަރ ޚައިރުއްނިސާ ޔަޙުޔާ ޚާނަށް [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން] ދެއްވީއެވެ. ދެން ކިޔަނީ [ނ.ޢ.ޢ.ވ. ޚައިރުއްނިސާ ޔަޙުޔާ ޚާން] މިހެންނެވެ. ނަމަވެސް ރަސްމީ މަގާމުތަކުގައި ލިޔާން ރަނގަޅު ގޮތަކީ [ޑރ. ޚައިރުއްނިސާ ޔަޙުޔާ ޚާން، (ނ.ޢ.ޢ.ވ.)] މިހެން ލިޔުމެވެ. އަލްފާޟިލު ދޮން މުޙަންމަދަށް ކަލޭފާނުކަމުގެ ދަރަޖަދެއްވައި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު ދެއްވައިފި ނަމަ، ރަސްމީ މަގާމުތަކުގައި އޭނާގެ ނަން ލިޔެކިޔައި އުޅޭން ޖެހޭ ރަނގަޅު ގޮތަކީ [އަލްފާޟިލް ދޮންމުޙަންމަދު ކަލޭފާނު، (ނ.ދ.ޝ.ޢ.ވ.)] މިއެވެ.

ނަމަވެސް މި ވާހަކަދައްކާނެ ރަސްމީ ފަރާތެއް ނެތެވެ. ދެއްކިޔަސް ގަބޫލުކުރާނެ މީހަކު ނެތެވެ. ޑިމޮކްރެސީއިން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު [ފައިދާ]އަކީ މިއީއެވެ.

އަދި މަޑުކޮށްލައްވާށެވެ! އަދި އެއް ވާހަކައެއް އެބަ އޮތެވެ. އަނެއްކާ އަޅުގަނޑޫމެންގެ ޢުރުފާ ޚިލާފު އެހެން ސަގާފަތެއް އެބަ ޢާންމުވެއެވެ. މީސްމީހުންގެ ނަމުގެ ކުރީގައި ފަންނީ ނުވަތަ ޢިލްމީ ޤާނޫނީ ނުވަތަ ޝާހީ ލަޤަމެއް ބޭނުންކުރާން ނެތިއްޖެ ނަމަ އެއްވެސް ލަޤަބެއް ނުލިޔުމުގެ ސަގާފަތެވެ. އެއީ އެއީ އިނގިރޭސިބަހުގައި ބޭނުންކުރާ [މިސްޓަރ]ގެ ބަދަލުގައި، މެލޭބަހުން ބޭނުންކުރާ [އެންޗީ] ނުވަތަ [ޕުއާން]ގެބަދަލުގައި، ޢަރަބި ބަހުން ބޭނުންކުރާ އައްސައްޔިދުގެ ބަދަލުގައި، އުރުދޫބަހުން ނުވަތަ ފާރިސީބަހުން ބޭނުންކުރާ [މުޙުތަރަމް/މުޙުތަރަމާ]ގެ ބަދަލުގައި ދިވެހީން ބޭނުންކުރާ [އަލްފާޟިލު] ބޭނުންނުކުރުމުގެ ސަގާފަތެވެ. އެ ލަގަބު ހުތުރުކަމުންނޯލައެވެ. އެހެންނަމަވެސް އެ ލަގަބު ބޭންނުކުރީމާ ވެސް އެނގެނީ އެ މީހެއްގެ ލަގަބަކީ ހަމަ [އަލްފާޟިލު]ކަމެވެ. ދެން އެ ލަގަބު ހުތުރުވާންޖެހޭ ސަބަބެއް ވެސް ނެތެވެ. އެއީ ކުރީ ޒަމާނުގައި [އަލްމުޙުތަރަމު] (އިޙުތިރާމް ލިބިގެންވާ) މި ލަގަބު ބޭނުންކުރެވޭ މީހުންނަށް ވުރެ ވަތީ [ބޭފުޅުން]ނަށް ބޭނުންކުރެވޭ ލަގަބެވެ. މާނަވެސް އެހައި ފުރިހަމައެވެ. [އަލްފާޟިލު]ގެ އެންމެ އާންމު މާނަތަކަނީ [އަޚުލާޤު ރަނގަޅު] ނުވަތަ [މާތް] ނުވަތަ [މަތިވެރި]އެވެ. ކޮންމެ ގޮތެއްގައި ވެސް ރަސްމީ ލިޔުންތަކުގައި ކޮންމެ މީހަކަށް ވެސް ލަގަބެއް ބޭނުންކުރުމަކީ ކޮންމެ ބަހެއްގައި ވެސް ގެންގުޅޭ ޢުރުފެކެވެ. ނަމަވެސް މިހާރު މި ކަން ވެސް އެމީހަކާ އެމީހެކެވެ. ބަސްކިޔާނެ ބަސްކިޔޭނެ މީހަކު ނެތެވެ. އެމީހަކާ އެމީހެކެވެ. ނަމަށް ވެސް ޑިމޮކްރެސީ އައީނޯއްޗެކެވެ!

މި ވާހަކަ އަޅުގަނޑު ލިޔާ އިރަށް ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ތުންފިއްތަވާނެކަން އަޅުގަނޑަށް އެނގެއެވެ. އަޒީއަށް ވަކި އަހަރެމެންނަށް ނޭނގޭ އެއްޗެއް އެނގޭނެހޭ ބައެއް ބޭފުޅުން ހިތްޕުޅުން ވިދާޅުވާނެ ވެސް މެއެވެ. އަޅުގަނޑު މި ދަންނަވައިލި ވާހަކަތަކަކީ، ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިނުގަންނަވާނޭ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑަށް އެކަނި އެނގޭ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑު މި ދަންނަވައިލީ ފެންނާން ހުރި ހަގީގަތްތަކެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ތާރީޚުންނާއި ޢުރުފުން ސާބިތުވާން ހުރި އުޞޫލުތަކެކެވެ. ތަފާތަކީ، މި ކަންކަމާ މެދު، ފިކުރުފުޅު ހިންގަވައި ހަގީގަތް ހޯއްދަވާން ގިނަ ބޭފުޅުން ބޭނުންފުޅުނުވަނީއެވެ. މީހަކު ބުނާ އެއްޗެއް ގަބޫލުފުޅުކުރެއްވުމަކީ [ދަށް] ކަމެއްކަމަށް ހީފުޅުވަނީއެވެ. ވިސްނައި ފިކުރުކުރުމުގެ ސަގާފަތް އުވި، ޖަދަލުކުރުމާއި ރައްދުދިނުމުގެ ސަގާފަތެއް އާންމުވަނީއެވެ. އެންމެންނަށް [ހުރިހައި ކަމެއް އެނގެނީއެވެ.]

އަޅުގަނޑު މި ވާހަކަ ލިޔެލީ ކޮންމެހެން އަޅުގަނޑުގެ މި ހުށަހެޅުން ބަޔަކު ގަބޫލުކުރާނެކަމަށް ބަލައިގެނެއްނޫނެވެ. ނަމަވެސް ހިތުގައި އުފެދޭ މި ފަދަ ޝުޢޫރެއް ހާމަކޮށްލެވުމުން އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބޭތީ، އެ އުފާ ލިބިގަތުމަށް ޓަކައި ލިޔެލީއެވެ. ގަބޫލުފުޅުކުރައްވާން ބޭނުންފުޅު ބޭފުޅުން ގަބޫލުފުޅުކުރައްވާންވީއެވެ. ނޫން ނަމަ، ނޫނެކެވެ.

ކޮމެންޓު