ad_banner
ނަފުސު ކޮންޓުރޯލުކުރާނީ ކިހިނެއް؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

5 މޭ 2026

ކޮންމެ މީހަކު ވެސް ބޭނުންވަނީ އޭނާގެ ނަފުސު ކޮންޓުރޯލުކުރާށެވެ. އެކަމަކު، ޙަޤީޤަތުގައި ގިނަ މީހުން އެ ކަން ބޭނުންވަނީ ހަމައެކަނި ނަމެއްގައެވެ. ބައެއް މީހުން ނަފުސު އިސްލާޙުކުރާކަށް އެއްވެސް މަސައްކަތެއްނުކުރެއެވެ.

ނަފުސަކީ އެންމެ ދުވަހެއްގެ ތެރޭގައި ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ކޮންމެ ވަގުތަކު ވެސް ތިބާ އިމްތިހާނުކުރާ ބާރެއް އޭގައި އެކުލެވޭ އެއްޗެކެވެ. ބައެއް ފަހަރު އަމިއްލަ އެދުމުގެ ސިފައިގައެވެ. އަދި ބައެއް ފަހަރު ރުޅިވެރިކަމުގެ ސިފައިގައެވެ. އަދި ބައެއް ފަހަރު އަނާ (ނުވަތަ އީގޯ)ގެ ސިފައިގައެވެ. ނަފުސު އަބަދުވެސް ތިބާއަށް ދައްކާނީ ފަސޭހަ ގޮތެވެ. ތިބާ ހިތް އެދޭ ކޮންމެ ކަމެއް ކޮށް، ރަނގަޅު އިޙުސާސްކުރެވޭ ކަންތައްތައް ތެދުކަމުގައި ދެކި، ދަތި އުނދަގޫ ކަންތައްތައް މާދަމާއަށް ދޫކޮށްލުމަށް ނަފުސު ބާރުއަޅައެވެ. އަދި [ތިމާގެ ގޮތަކީ މިއީކަމަށް] ހީކުރެވި، މަޑުމަޑުން އެ ކަން އާދައަކަށް ވެދެއެވެ. ތެދުތެދަށް ދަންނަވާ ނަމަ ނަފްސު ކޮންޓުރޯލުކުރުމުގެ ފުރަތަމަ ފިޔަވަޅު ވެސް އެ ދަނީ އެ ނަފުސު ކޮންޓުރޯލުކުރުމާ ދިމާ ދެކޮޅަށެވެ.

ނަފުސު އިސްލާޙުކުރުމާ ދެކޮޅަށް ތިބާގެ ހިތް މަސައްކަތްކުރާން ފެށުމުން ދުޢާކުރާށެވެ. ރުޅި އަންނަ ހިނދު މަޑުމައިތިރިކަމާއި ހިމޭންކަން އިޚުތިޔާރުކުރާށެވެ. ބަދަލުހިފާން އިނބަގެ ހިތް ބޭނުންވާ ހިނދު، މަޢާފުކުރާން އަވަސްވެގަންނާށެވެ.

ކުރީން މި ދެންނެވި ވަގުތުތަކަކީ ތިބާ ކާމިޔާބު ހޯދާ ވަގުތުތަކެވެ. ނުވަތަ ތިބާގެ އަމިއްލަ ނަފުސު، ތިބާގެ ކޮންޓުރޯލުގެ ދަށަށް ގެނެވޭ ވަގުތުތަކެވެ. އެކަމަކު ހަނދާންކުރާށެވެ. ހަމައެކަނި ވަގުތީ ޖަޒުބާތުތަކުން ނުފުދޭނެއެވެ. ނަފުސު ކޮންޓުރޯލުކުރުމަށް ޓަކައި ކޮންމެ މީހަކަށް ވެސް ޖެހޭނީ އެ މީހެއްގެ އަމިއްލަ ނަފުސު ހިސާބުކުރާށެވެ. ނަފުސު އޮޑިޓުކުރާށެވެ. ކޮންމެ ދުވަހެއް ނިމުމުން އަމިއްލަ ނަފުސާ ސުވާލުކުރާށެވެ. މިއަދު އަހުރެންގެ ނަފުސަށް ގެއްލުނީ ކޮން ކަމެއްހެއްޔެވެ؟ ކޮންތާކު، ކީއްކޮށްގެންހެއްޔެވެ؟ އަދި އަހުރެންގެ އަނާ ނުވަތަ އީގޯގެ މައްޗަށް އަހުރެން ކުރި ހޯދީ ކޮން އިރަކު، ކޮންތާކުހެއްޔެވެ؟ ތިބާ ތެދު ބަހުން، ތިބާގެ ނަފުސާ ވާހަކަދައްކާން ދަސްކޮށްފި ނަމަ، ނަފުސު ކޮންޓުރޯލުކުރުމުގެ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި ތިބާއަށް ކާމިޔާބުކުރެވުނީއެވެ.

އަނެއް ޙަޤީޤަތަކީ، އަނާއަށް ނުވަތަ އީގޯއަކަށް އެކަނި ނަފުސު އިސްލާޙުކުރުމުގެ ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެއެވެ. އެ ހަނގުރާމަ ބާރުވެރިކޮށްދޭ އެންމެ މުހިންމު އެއްޗަކީ ތިބާގެ މާހައުލެވެ. ގޯސް އެކުވެރީންނާއި، އަމާޒެއް ނެތް ވަގުތާއި، ފަސޭހައިން ބޭކާރުކޮށްލެވޭ ކޮންމެ ހިނދުކޮޅަކީ އަނާއަށް ބާރު ލިބޭ ކަންތައްތަކެވެ. އަނާ ކޮންޓުރޯލުކުރުމަކީ ހަމައެކަނި މުޠާލިބާއެއް ނޫނެވެ. އެއީ ދުވަހުން ދުވަހަށް ކުރާންޖެހޭ ކަމެކެވެ.

އެއީ ކުދިކުދި ކާމިޔާބީތަކަށް ދެވޭ ނަމެކެވެ. އަޅުކަންކުރުމާއި، ހަނުހުރުމާއި، ޢަފޫކުރުމެވެ. އެންމެ ފަހުން ތެދު ޙަޤީޤަތް އަޑުއަހާށެވެ! އަނާއަކަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެއެވެ. އެކަމަކު، އަނާ ކޮންޓުރޯލުކުރެވޭނެއެވެ. އެއް ގޮތަކީ ތިބާ، އަނާ ކޮންޓުރޯލުކުރުމެވެ. އެހެންނޫނީ އަނާ، އިނބަ ކޮންޓުރޯލު ކުރާނެއެވެ. އެކަމުގައި އޮތީ ދެކޮޅެވެ. މެދެއް ނުއޮންނާނެއެވެ.

ކޮމެންޓު