އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 މޭ 2026
އިރާނުގެ ޝަރުޠުތަކަށް އެމެރިކާއިން ދިން އިޖާބަ، އީރާނުން މުރާޖާކުރަނީ!!
އާދޭހެވެ! އީރާނާއި އެމެރިކާގެ ކުރިމަތިލުން ނިމުމުގެ ކޮޅުމައްޗެއް ވެސް އަދި ފެންނާކަށް ނެތެވެ. އެމެރިކާއިން ބޭނުންވަނީ، ތިމަންނަމެންނަށް [ކާމިޔާބުވެއްޖެ]ކަމަށް ބުނެ މި ހަނގުރާމައިން ނުކުންނާށެވެ. ބާލިވީކަމަށް އެއްބަސްވުމަކީ ދުނިޔޭގެ [އެންމެ މަތީ ބާރު]ކަމަށް ދަޢުވާކުރާ އެމެރިކާއަކަށް ކުޅަދާނަ ކަމެއް ނޫނެވެ. މި ފަދަ ގޮތަކަށް ހަނގުރާމަ ނިންމައިލައިފި ނަމަ، ސިޔާސީ ގޮތުން ޓުރަންޕަށް ދައްކާންޖެހޭ އަގު ވަރަށް ބޮޑުވާނެއެވެ. އެހެންކަމުން އެމެރިކާއިން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށް ބިރުދައްކައިގެން އީރާނު އަމާންދޭށެވެ!
ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުން އޮތީ އަމާންދޭ ގޮތަކަށް ނޫނެވެ. [ހަނގުރާމަ] ހުއްޓާނެކަމަށް އީރާނުން ބުނަނީ އެ މީހުން ހުށަހެޅި ޝަރުތުތައް އެމެރިކާއިން ގަބޫލުކޮށްފި ނަމައެވެ.
ދެ ފަރާތުން މަޝްވަރާގެ މޭޒު ދޮށަށް ނުދިޔަޔަސް ޕާކިސްތާނަށް ދެ ގައުމުން ލިޔުން ފޮނުވައިގެން މަޝްވަރާތައް އެބަ ހިނގައެވެ. އީރާނުން ބުނާ ގޮތުގައި އެ މީހުންގެ އެންމެ ފަހުގެ 14 ނުކުތާގެ ހުށަހެޅުން މިހާރު ވަނީ ޕާކިސްތާނު މެދުވެރިކޮށް ހުށައަޅައިފައެވެ.
އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގެ މައިގަނޑު ނުކުތާތަކަކީ ދާއިމީކޮށް ހަނގުރާމަހުއްޓުމާއި އެމެރިކާއާއި އިސްރޭލުން އިސްވެ އީރާނަށް ޙަމަލާނުދޭނެކަމުގެ ޔަގީންކަންދިނުމާއި އީރާނުގެ ވަށައިގެން ހުރި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އެމެރިކާގެ ބާރުތައް އަނބުރައި ގެންދިޔުމާއި އެމެރިކާއާ ދެކޮޅަށް އަޅައިފައިވާ އިގުތިސާދީ ދަތިކުރުމުގެ ހުރިހައި ފިޔަވަޅުތަކެއް ވަގުތުން އުވައިލުމާއި އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އެމެރިކާއިން އޮތް އޮތުން ނިމުމަކަށް ގެނައުމާއި އަދި 30 ދުވަހުގެ ތެރޭގައި ރަސްމީ އެއްބަސްވުމެއް އެކުލަވައިލައި މި މައްސަލަ މުޅީން ހައްލުކުރުމެވެ.
އީރާނުގެ ތަސްނީމް ނޫސް އެޖެންސީ ބުނާ ގޮތުގައި އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ދިން އިޖާބަ ޕާކިސްތާނު މެދުވެރިވެގެން މިހާރު އީރާނަށް ވަނީ ލިބިފައެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެމެރިކާއިން ދިން އިޖާބަ މިހާރު މުރާޖާކުރައްވަމުން ގެންދަވާކަމަށެވެ.
މި ވާހަކަ އެމެރިކާއިން ރަސްމީ ގޮތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އިޒުރޭލުގެ [ކާން ނޫސް އެޖެންސީއަށް ދިން ބަސްދީގަތުމެއްގައި ޓުރަންޕު ބުނެފައިވާކަމަށް ރިޕޯޓުތައް ބުނަނީ އީރާނުގެ ހުށަހެޅުން ގަބޫލެއްނުކުރެވޭނެކަމަށެވެ. އީރާނުން ހުށަހަޅައިފައިވަނީ ހަނގުރާމަ މެދުކަނޑައިލައިފައި އޮތް އޮތުން ދިގުދަންމައިލުމުގެ ބަދަލުގައި އެކީ އެކައްޗަކަށް ހަނގުރާމަ ހުއްޓައިލުމަށެވެ. މީގެ ތެރޭގައި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ވެސް ހިމެނެއެވެ.
މީޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވެފައިވަނީ މި މަރުޙަލާގައި ނިޔުކުލިއަރު މަޝްވަރާތަކެއް ނުކުރެވޭނެކަމަށެވެ. އެ ވާހަކަތައް ބާއްވާންޖެހޭނީ ހަނގުރާމަ ހުއްޓައިލުމަށް ފަހު، ފަހުގެ މަރުޙަލާއަކަށެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަކީ ބަލި ގަބޫލުކުރާން ތައްޔާރަށް ހުންނަ މީހެއް ނޫނެވެ. އޭނާގެ ނަޒަރުގައި އޭނާއަކީ ދުނިޔޭގެ އެންމެ މަތީ ބާރެވެ. ދުނިޔޭގެ ރަސްގެފާނެވެ. އެހެންކަމުން ހުރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުން ގަދަބާރުން ނިމުމަކަށް ގެންނާން އޭނާ ވަނީފައިވިއްދައިފައެވެ.
މި ދިޔަ އާދީއްތަ ދުވަހު ޓުރަންޕު ބުނެފައިވަނީ ހުރުމޫޒު ކަނޑުއޮޅީގައި ތާށިވެފައި ހުރި އާގުބޯޓުފަހަރު ނިސްބަތްވާ ގައުމުތަކުގެ އެދުމުގެ މަތީން އެމެރިކާގެ އަސްކަރީ އެހީތެރިކަމާ އެކު އެ ބޯޓުތައް އެ ތަނުން ނުކުންނާނެ ފުރުސަތު ހޯމަދުވަހުން ފެށިގެން ފަހިކޮށްދޭނެއެވެ. މި ދެންނެވި ފަދަ ގައުމުތައް ޓުރަންޕު ސިފަކޮށްފައިވަނީ [ވަކި ފަރާތަކަށް ނުޖެހޭ އަދި މި ކަމުގައި ބައިވެރިނުވާ މަޢުޞޫމު] ގައުމުތަކުގެ ގޮތުގައެވެ.
[އީރާނާއި މެދުއިރުމައްޗާއި އެމެރިކާގެ ރަނގަޅަކަށް ޓަކައި، މި ބުނި ގައުމުތަކަށް މިހާރު އަހަރެމެން އަންގައިފައިވާނީ އެ ގައުމުތަކުގެ އަގުބޯޓުފަހަރަށް މިނިވަންކަމާ އެކު ހުރުމޫޒު ކަނޑުއޮޅި ހުރަސްކުރުމުގައި ހޯމަދުވަހުން ފެށިގެން އަހަރެމެން މަގުދައްކައި އެހީތެރިވެދޭނެކަމަށެވެ.] މީސްމީޑިއާގައި ޓުރަންޕު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޓުރަންޕުގެ [ޓުރުތު ސޯޝަލް] މަންސައިގައި އެނާ ކުރި ޕޯސްޓަށް ރައްދުދެއްވަމުން އިރާނުގެ ބަރުލަމާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ވެރިޔާ އިބްރާހީމު ޢަޒީޒީ އިންޒާރުކުރައްވައި ވިދާޅުވެފައިވަނީ ހުރުމޫޒު ކަނޑުއޮޅީގައި [އެމެރިކާއިން ނުފޫޒު ފޯރުވައިފި ނަމަ] ބެލޭނީ ހަނގުރާމަ ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވީކަމަށެވެ.
[ހުރުމޫޒު ކަނޑުއޮޅިއާއި ފާރިސީ ކޮއްލަވާނި ހިންގައި ބަލަހައްޓަނީ ޓުރަންޕު މީސްމީޑިއާގައި ކުރާ ޚިޔާލީ ފޮލާގެ ޕޯސްޓުތަކަކުންނެއްނޫނެވެ. މި ފަދަ [ބްލޭމް ގޭމް]ގެ ސިފަކުރުންތަކެއް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.] އެކުސްގައި ޢަޒީޒީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ސެންޓުރަލް ކޮމާންޑް (ސެންޓުކޮމް)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ [ހޯމަދުވަހުން ފެށިގެން ވިޔަފާރި އުޅަނދުތައް މިނިވަންކަމާ އެކު، ކަނޑުއޮޅި ހުރަސްކުރުމުގައި އެހީތެރިވުމުގެ މަސައްކަތް އެ މީހުން ފަށާނެއެވެ.]
އެމެރިކާގެ އަސްކަރިއްޔާއިން ކުރީން ބުނެފައިވަނީ މި ހަނި ކަނޑުއޮޅީން ދަތުރުކުރާ އުޅަނދުތަކާ އެކު ދަތުރުކޮށް އެ ފަދަ އުޅަނދުތަކަށް އެހީތެރިވެދޭކަށް އެމެރިކާއަކުން ތައްޔާރެއްނޫންކަމަށެވެ. އެހެނީ އެ ހަނި ކަނޑުއޮޅީން ދަތުރުކުރާ ކޮންމެ އުޅަނދަކަށް އީރާނުން ޙަމަލާދިނުމުގެ ބިރު އޮންނާނެއެވެ. ނަމަވެސް ރޭ އެމެރިކާގެ ސެންޓްކޮމުން ޚަބަރުީފައިވާ ގޮތުގައި އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް އެހީތެރިވުމަށް ޓަކައި [ގައިޑެޑް މިލައިލް] ބޭނުންކުރާ [ޑިސްޓރޯޔަރ] މިހާރު ގަލްފު ސަރަހަްއދުގައި ޙަރަކާތްތެރިވާނެއެވެ. އަދި އެމެރިކާގެ ދިދަނެގި ދެ އުޅަނދެއް ހުރުމޫޒު ކަނޑުއޮޅި ހުރަސްކޮށްފައިވާކަމަށް ވެސް އެމެރިކާއިން ބުނެއެވެ. ނަމަވެސް އީރާނުން އެ ޚަބަރު ދޮގުކުރެއެވެ. އަދި އީރާނުން ބުނފެަިވަނީ ޙުރުމޫޒުގައި އީރާނުން ކޮންޓުރޯލުކުރާ ސަރަހައްދު މިހާރު ފުޅާކޮށްފައިވާކަމަށާއި މި ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައިކަމަށެވެ.
އާދޭހެވެ! އީރާނުގެ ބަނޑުދޮށުގައި އެ މީހުންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި އެމެރިކާއިން ބޭނުންހައި ކުޅިވަރެއް ކުޅޭން އީރާނުން ފުރުސަތުދީގެން ބަލާން އޮންނާނެކަމަށް ނުބެލެވެއެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާއިން އީރާނަށް ވަނީ އެމެރިކާއާ އެކީ ޑީލެއް ހަދާން 24 ގަޑި އިރުގެ މުހުލަތެއް ދީފައެވެ. ޓުރަންޕު ބުނާ ގޮތުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދުނިޔެ މިހައި ތަނަށް ދެކެފައި ނުވާ ފަދަ ވަރަުގަދަ ވައިގެ ޙަމަލާތަކެއް އެމރިކާއިން އީރާނަށް ދޭނެއެވެ.
އާދޭހެވެ! އެމެރިކާއިން ބިރުދައްކައިގެން އިރާނު ސިއްސުވައެއްނުލެވޭނެއެވެ. އީރާނު އޮތީ އެމެރިކާއަށް ދޫދޭ ގޮތަކަށް ނޫނެވެ. އަދި ބަލިވީކަމުގެ ބަދުނާމު ލިބިގެން ހަނގުރާމަ ހުއްޓާކަށް އެމެރިކާއަކުން ހަމަ އެއްވެސް ގޮތަކަށް ބޭނުމެއް ނުވާނެއެވެ. އަނެއްކޮޅުން އިޒުރޭލުން ބާރުއަޅަމުން ގެންދަނީ ކޮންމެ ފަދަ އަގެއް ދައްކައިގެން ވިޔަސް އީރާނު ގިއްގަޅުވައިލުމަށް ފަހު ނޫނީ މި ހަނގުރާމަ ހުއްޓައިނުލުމަށެވެ. ގަލަފުގެ ބައެއް ގައުމުތަކުން ވެސް އިޒުރޭލަށް އެހީތެރިވުމާ އެކު، މި ގޮތަށް އެމެރިކާ ކިބައިން ސިއްރުން އެދެމުން ގެންދާކަމަށް އީރާނަށް ވަނީ މަޢުލޫމާތުލިބިފައެވެ. އެހެންކަމުން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށައިފައި މިވާ ހަނގުރާމަ އަވަހަކަށް ނިމޭނެކަމުގެ އެއްވެސް ނިޝާނެއް އަދިއެއް ނުފެނެއެވެ.