ad_banner
ފުލުހުންނަށް ރޭޑުކުރެވޭނެހެއްޔެވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

4 މޭ 2026

ޚިޔާލީ ކުރެހުމެއް

ކުށެއް ކުރިކަމުގެ ޤަރީތައް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ލިބިފައި ވިޔަސް އަމިއްލަ މީހެއްގެ ގެޔަކަށް ނުވަތަ އޮފީހަކަށް ވަދެ ބަލައި ފާސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޮންލައިން ނޫހެއްގައި ލިޔުންތެރިޔަކު ލިޔުއްވައިފައިވާ ލިޔުމަކުން ދޭހަކޮށްދެއްވާން މަސައްކަތްކުރައްވައިފައިވާތީ، މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ އިސްލާމީ ފަތުވާދިނުމާ ބެހޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއެއް ލިބުމަށް އަޅުގަނޑު ހަމަގައިމު ވެސް ވަރަށް ބޮޑަށް އުންމީދުކުރަމެވެ. އެހެންކަމުން އެ ކަމާ ބެހޭ ގޮތުން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކާއި ޝުޢޫރުތައް ހާމަކޮށްލާން މަގާލެއް ލިޔެލާ ހިތް ވީއެވެ.

މި ދެންނެވި ލިޔުމުގައި ލިޔެފައިވެއެވެ. [ގަޒުފުގެ މައްސަލައެއް ބަލާންކަމަށް ބުނެ ނޫސް އިދާރާއަކަށް ވަދެ ބަލައި ފާސްކުރުމަކީ ގަޒުފުގެ ފާފައާ ގުޅިގެން އަންނާނެ ހާލަތެއް ނޫނެވެ. އެހެނީ ގަޒުފުކުރީ ކާކުކަން ނޭނގި ގަޒުފުގެ މައްސަލައެއް އުފަންވެފައެއް ނޯންނާނެއެވެ. ވައްކަމުގެ މައްސަލައަކާއި ގަޒުފުގެ މައްސަލައަކާ ތަފާތުވެއެވެ. އެ ފާފަތަކުގެ ތަބީއަތާއި ކުރާ ގޮތާއި އެ ކަން ހިނގާ ގޮތުންނެވެ.] މި އިބާރާތާއި މި ޢިބާރާތް އެކުލެވޭ މަގާލުގައި މުޅި މައްސަލަ އެހެން އަތަކަށް ފިރުކައިލައްވާން މަސައްކަތްކުރައްވައިފައިވާކަމަށް ފެނެއެވެ.

މީޑިއާގެ ރިޕޯޓުތަކަށް ބަލާ އިރު، ފުލުހުން ތާކަށް ވަދެ ކޮންޕިޔުޓަރާއި އެހެނިހެން ތަކެތި ބަލައި ފާސްކުރުމުގެ ޢަމަލު ހިންގައިފައިވަނީ، [ޤަޒުފުގެ މައްސަލައެއް] ބައްލަވާންކަމަށް ވިދާޅުވެފައެއް ނޫނެވެ. އެ ބޭފުޅުން އެ ކަން ކުރެއްވީ، ފަންނިއްޔާތު ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލުމަށް ޓަކައި ކިތާބީ ފިލްމު އުފައްދާކަމުގެ ގަރީނާތައް ފެނިވަޑައިގެން އެ ކަމުގެ ސާބިތު ހެކި ހޯއްދަވާންކަމަށް ގަބޫލުކުރެވެއެވެ. މިއީ މީޑިއާގައި ވިރަވި ޚަބަރުތަކުން އަޅުގަނޑަށް ދޭހަވި ގޮތެވެ. މިއީ ޢާންމު މަޞަލަޙަތާ ގުޅިފައިވާ ކަމެކެވެ. އިންތިޒާމުކުރެވިގެން ހިންގާ ކުށް (އޮގަނައިޒްޑް ކްރައިމް) ހިންގާކަށް ދައުލަތަކުން ފުރުޞަތު ދީގެންނެއް ނުވާނެއެވެ. އެހެނީ ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ. ފަރުދުންގެ ޢަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢާގެ މުހިންމު މަގުސަދެކެވެ.

ސޫރަތުއްނޫރުގެ 27ވަނަ އާޔަތާއި 28ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވާ އަމުރުފުޅު އެއީ ވަކިވަކި ފަރުދުން ޢަމަލުކުރާންޖެހޭ ގޮތްކަން އެނގެއެވެ. 

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ. فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّى يُؤْذَنَ لَكُمْ وَإِن قِيلَ لَكُمُ ارْجِعُوا فَارْجِعُوا هُوَ أَزْكَى لَكُمْ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ [އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރީންނަށް سلامކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް إذن ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]( (سورة النّـور: 27، 28)

މި ދެ އާޔަތުގައި މާތް ﷲ ކުރައްވައިފައިވާ އަމުރުފުޅާއި ދެއްވައިފައިވާ އިރުޝާދަކީ ކުށެއްގެ ވަރުގަދަ ތުހުމަތުތަކެއް ކުރެވިގެން އެ ކަމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއިން ހެކި ހޯދާން ކުރާ މަސައްކަތުގެ މައްޗަށް ތަޠުބީޤުކުރެވޭނެ އަމުރުފުޅެއްކަމަކަށް ނުފެނެއެވެ. ސަބަބަކީ ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުން ދައުލަތުގެ މައްޗަށް ލާޒިމުކުރާތީއެވެ.

ޙަވާލާދެވުނު ނޫހުގައި އޮތް ލިޔުމުގައި ފުލުހުން ނޫހެއްގެ އިދާރާއަށް ވަން ވަނުން އިސްލާމް ދީނާ ޚިލާފުކަމަށް ދަލީލު ދައްކަވާން ގެންނަވައިފައި އޮތީ އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތުގެ މާނައިގެ ބައެކެވެ. )وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى . . . - އަދި ބަޔަކު މީހުން ދެކެ ތިޔަބައިމީހުން ގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެ ގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ.( (سورة المائدة:8) މި ބައެވެ.

މި އާޔަތް ދަލީލަކަށް ގެންނަވައިފައިވާ އިރު، ފުލުހުން މީހެއްގެ މައްޗަށް ޢަދާވާތްތެރިވީކަމަށް މި ވަނީ ނުސީދާ ގޮތެއްގައި ތުހުމަތުކޮށްފައެވެ. މިއީ ވަރަށް ބޮޑު ތުހުމަތެކެވެ. ފުލުހުން މީސްމީހުން ކުރާ ކުށްތައް ބަލަނީ މީހުންނާ ޢަދާވާތްތެރިވެގެންނެއް ނޫނެވެ. އެ ބައިމީހުންނާ ދައުލަތުން މަތިކުރައްވައިފައިވާ މަސްއޫލިއްޔަތާއި އަމާނާތް އަދާކުރެއްވުމަށް ޓަކައެވެ. ވީމާ، މި އާޔަތް މި މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ.

ދެން ފުލުހުންގެ ޢަމަލުތައް ގޯސްކަމަށް ދަލީލު ގެނެސްފައިވަނީ [އަނިޔާ ލިބޭ މީހާއަށް އެ ވާހަކަ ދެއްކުން އިސްލާމްދީން ވަނީ ހުއްދަކުރައްވާފައިކަމަށް] ބުނެއެވެ. ދަލީލަކަށް ގެންނަވައިފައިވަނީ )لاَّ يُحِبُّ اللّهُ الْجَهْرَ بِالسُّوَءِ مِنَ الْقَوْلِ إِلاَّ مَن ظُلِمَ وَكَانَ اللّهُ سَمِيعًا عَلِيمًا އަނިޔާ ލިބިގެންވާ މީހާ މެނުވީ ނުބައިބަސް ބުނެ ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެންނެއްނުވެއެވެ. އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.( (سورة النساء: 148). ނޫހުގައި ލިޔުންތެރިޔާ އިޝާރާތްކުރައްވައިފައިވާ މައްސަލައިގައި މަޒުލޫމަކީ ކާކުތޯއެވެ؟ ޤަޒުފުކުރި މީހުންތޯއެވެ؟ ނުވަތަ ޤަޛުފުކުރެވުނު މީހާތޯއެވެ؟ ޢަބުރާބެހުނު މީހުންތޯއެވެ؟ ނުވަތަ ޢަބުރާބެހެވުނު މީހާތޯއެވެ؟ މީހުންގެ އަބުރު ކަތިލުމަށް ޓަކައި ރާވައިގެން ފިލްމު އުފައްދައި އުފައްދާން އުޅޭ މީހުންތޯއެވެ؟ ނުވަތަ މި ފަދަ ފިލްމުތަކުން އަބުރު ކަތިލެވޭ މީހުންތޯއެވެ؟ މި ވާހަކައަށް މި ދެންނެވި އާޔަތުން ހެކިދައްކަވާން މަސައްކަތްކުރައްވައިފައިވުމަކީ ވެސް އަސްލު މައްސަލަ އޮޅުވައިލުމަށް ކުރައްވައިފައިވާ ކަމެކެވެ. 

ދުނިޔޭގެ ޢިލްމުވެރީންގެ ރައުޔުތަކަށް ބަލާ އިރު، އާންމުންގެ ސަލާމަތާއި އިޖުތިމާޢީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ޓަކައި ކުށުގެ ޢަމަލު ހިންގާކަމަށް ކަށަވަރު ގޮތެއްގައި ތުހުމަތުކުރެވޭ ތަންތަނަށް ފުލުހުން ނުވަތަ ދައުލަތުގެ އިޚުތިޔާރުލިބިގެންވާ އިދާރާތަކުން ވަދެ އެ ތަންތަން ރޭޑުކުރުމަކީ ހުއްދަ ކަމެކެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމަންއަމާންކަމަށް ޓަކައި ފުލުހުންގެ މައްޗަށް ލާޒިމު ކަމެއްވެސްމެއެވެ. އެހެނީ ފަސާދައިގެ އަހުލުވެރީންނާ ދެކޮޅުހަދާނެ ބަޔަކު ނުވާ ނަމަ، އެ މީހުންގެ ނުބައިކަން ދުނިޔެއަށް ޢާންމުވެދާނެއެވެ. މުޖުތަމަޢުގެ އަމްނުއަމާންކަން ގެއްލިގެން ހިނގައިދާނެއެވެ. މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. (وَلَوْلَا دَفْعُ ٱللَّـهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّـهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ  އަދި، މީސްތަކުން ކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާ ނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّهއީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.) (سورة البقرة:251)  އެހެންކަމުން މުޖުތަމަޢުގައި ފަސާދަ އުފައްދާ މީހުން، އެ ކަމުން ދުރުކޮށް މުޖުތަމަޢުގެ މަޞްލަޙަތު ޙިމާޔަތްކުރާން މަސައްކަތްކުރުމަކީ ދައުލަތަށް ލާޒިމު ކަމެއްކަން ކަށަވަރެވެ.

ވީމާ، ކުށެއްގެ ތުހުމަތުގައި ފުލުހުންނަށް އިތުބާރު ހުރި ގޮތެއްގައި ތުހުމަތުކުރެވޭ ކުށްތައް، ޚާއްޞަކޮށް އިންތިޒާމުކުރެވިގެން ކުރާ ކުށް (އޮގަނައިޒްޑް ކްރައިމް)ތަކުގެ ހެކި ހޯދުމަށް ޓަކައި ތަންތަނަށް ވަނުމަކީ، އިސްލާމް ދީނާ ޚިލާފު ކަމެއްކަމަށް ދައްކާން ލިޔުންތެރިއަކު ކުރައްވައިފައިވާ މަސައްކަތަކީ އަނެއްކާ ވެސް މުޖުތަމަޢުގެ މަޞްލަޙަތަށް ނޭދެވޭ އަސަރު ފޯރައިފާނެ ކުށެއްކަމަށް ގަބޫލުކުރެވޭތީ، އަދި ލިޔުންތެރިޔާ ދައްކައިފައި ހުރި ހެކިތަކަކީ މައުޟޫޢީ ގޮތުން ގަބޫލުކުރާން އުނދަގޫ ވާހަކަތަކެއްކަމަށް ވާތީ، މި ކަމުގައި ފަތުވާ ކައުންސިލުގެ ފަތުވާއެއް ރައްޔިތުން ބޭނުންވާނެކަމަށް ފެނުނު ހިނދު، މި ޝުޢޫރު ފާޅުކޮށްލާހިތްވީއެވެ. އެހެން ނޫނީ މުޖުތަމަޢުގެ މަޞްލަޙަތު ޙިމާޔަތްކުރެއްވުމަށް ޓަކައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭތީއެވެ. 

 

ބައެއް ލަފުޒުގެ މާނަ:

ރޭޑު          ނ.         (1) ކުށްކުރާ މާޙައުލެއްގެ ތެރެއަށް، އެ ކުށްކުރާ މީހުން ނުދެނެ ތިއްބައި ކަމާބެހޭ އޮފިސަރުން ވަދެ އެ މީހުން އަތުލައިގަންނަ އަތުލައިގަތުން. (2) ސަމާލުނުވެ ތިއްބައި ބަޔެއްގެ ތެރެއަށް ކުއްލިއަކަށް ދެވޭ ޙަމަލާތަކެއް ނުވަތަ ބަޔެއްގެ ތެރެއަށް ބާރާއެކު އަރައިގަންނަ އަރައިގަތުން. raid

އިންތިޒާމުކުރުން   ނ.        (1) ކަމެއް ބަލާންވީ ގޮތަށް ބެލެހެއްޓުން. (2) ތަރުތީބުކުރުން. (3) ކަމެއް ހަމަޖެއްސުން. organize

ވިރަވުން        މ.         ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. become viral

މަގާލު         ނ.         ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. article (written)

މަޒުލޫމު       ނ.         އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ .victim

ކޮމެންޓު
ކޮމެންޓުތައް
ޙަސަން އަޙުމަދު ސަލީމް
4 މޭ 2026 13:22
ފުލުހުންނަށް ރޭޑުނުކުރެވޭންވީ ކީއްވެ؟
ޙަސަން އަޙްމަދު ސަލީމް
4 މޭ 2026 08:22
މި އާޓިކަލް އަކީ ވަރަށް ސާފު ތެދު މަޢުލޫމާތެއް ހާމަވާ މުހިއްމު އާޓިކަލް އެކެވެ.