އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
3 މޭ 2026
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހި ގައުމު ބިނާކުރުމަށް ޓަކައި ބޭނުންވާ ފަންނީ ޢިލްމީ ޤާބިލު ދަރީން ބިނާކުރުމުގެ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް މުއައްސަސާއެކެވެ. މި ޔުނިވަރސިޓީގެ ތާރީޚީ ފެށުމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޔުނވަރސިޓީއެއް ބިނާކުރުމުގެ އުންމީދުގައި އަދި އެ މަގުޞަދުގައި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި 1980ވަނަ އަހަރު ސަރުކާރުން އުފެއްދެވި ޢިލްމީ މުއައްސަސާއެވެ. އެ މަޢުހަދު، އިންސްޓިޓިއުޓެއްގެ ފެންވަރުން ކޮލެޖެއްގެ ފެންވަރަށް ތަރައްގީކޮށް ކުއްލިއްޔަތުއްދިރާސާލްއިސްލާމިއްޔާގެ ނަމުގައި ވެސް ދިގު މުއްދަތެއްގައި ވަނީ ހިންގަވައިފައެވެ.
މި ދެންނެވި މަރުޙަލާތަކުން ޔުނިވަރސިޓީގެ ފެންވަރަށް ތަރައްގީކުރެއްވީ، ޚިދުމަތްތެރި ބަޔަކު ކުރެއްވި ބުރަ މަސައްކަތުންނެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 2015 ޖުލައި 9 (22 ރަމަޟާން 1436)ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީދު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ.
މި ބަދަލަކީ، މަތީ ފެންވަރުގެ އިސްލާމީ ތަޢުލީމު އުނގެނުމަށް ބޭނުންވެފައި ތިބި ދިވެހި ދަރީންނަށް، އަމިއްލަ ވަޒަނުގައި ތިބެގެން ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކޮށްދެއްވުމުގެ ގޮތުން ގެނެވުނު ވަރަށް މުހިންމު ބަދަލެކެވެ. މިއީ ދިވެހިރާއްޖޭގައި އިސްލާމީ ޢަޤީދާ ސާބިތުކަމާ އެކު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމު ސަރުކާރުން ގެންގުޅުއްވަމުން އައިކަމުގެ ހެތްކެކެވެ. އަދި މިއީ މި ކަމަށް ސަރުކާރު ދެއްވާކަމުގެ ފާޅުކަން ބޮޑު ރަމްޒެއްވެސް މެއެވެ.
ކުރީން މި ދެންނެވުނު ބަދަލާއެކު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، އުނގަންނައިދިނުމާއި ދިރާސާތައްކުރުމާއި ޢިލްމީ އާ އުފެއްދުންތަކަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއްކުރާ ތަޢުލީމީ ވިދާރާއަކަށް ވަނީ ވެފައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، މަތީފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށްދީ، އިސްލާމް ދީން ޝާމިލު ގޮތެއްގައި ތަފާތު ނައްޞުތަކާއި، އެކި ނަޒަރިއްޔާތުގެ ތެރެއިން އިސްލާމު ދީން ރަނގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ދަރީންތަކެއް ތަރުބިޔަތުކޮށް ބިނާކުރުމެވެ.
ދުނިޔެ ދައުރުވެގެން އައި އައުމުގައި މިއަދު މި ފަޚުރުވެރި މުއައްސަސާ ހިންގެވުމުގެ އެންމެ އިސް އިސްވާރަކީ ފަޟީލަތުއްދުކުތޫރު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. ޑރ. ޢަލީ ޒާހިރުގެ ޤިޔާދަތުގެ ދަށުގައި ޔުނިވަރސިޓީ އިތުރަށް ތަރައްގީކުރައްވައި ރައްޔިތުންގެ އިތުބާރު ހޯއްދަވައި، ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު އިސްލާމީ މުއައްސަސާއަކަށް ހެއްދެވުމަށް ޓަކައި ބުރަ މަސައްކަތްޕުޅުތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. މި މަސައްކަތްޕުޅުގެ ދަށުން މިއަދު ވެސް ވައިސް ޗާންސެލަރު އުޅުއްވަނީ ޔުނިވަރސިޓީގެ ތަރައްގީއަށް ޓަކައި ކުރައްވާ ދަތުރުފުޅެއްގައި މިޞްރުގައެވެ.
ވައިސް ޗާންސެލާރގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ، ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ޔުނިވަރސިޓީކަމަށްވާ އަލްއަޒުހަރުގެ އެންމެ މަތީ ވެރިޔާ ޝައިޚުލްއަޒުހަރު، އިމާމުލްއަކުބަރު ފަޟީލަތުއްޝައިޚު އައްދުކުތޫރު އަޙޫމަދު މުޙަންމަދު އައްޠައްޔިބުގެ އަރިހަށް ޒިޔާރަތްކުރައްވައިފައެވެ. ޝައިޚުލްއަޒުހަރުގެ ރަސްމީ އޮފީހުގައި ވައިސް ޗާންސެލަރާއި އިމާމުލްއަކުބަރު ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުން ބިނާކުރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭން ހުރި ކަންތައްތަކާއި ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
މިހާރު ވެސް އައިޔޫއެމްގައި އަޒުހަރު ޔުނިވަރސިޓީއިން ފޮނުއްވައިފައިވާ ޤިރާއަތުގެ ޚާއްޞަ ދެ ޕްރޮފެސަރުން ޚިދުމަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި މި ކަމަށް ޓަކައި ވައިސް ޗާންސެލާރ ޑރ. ޢަލީ ޒާހިރު ވަނީ ޝައިޚުލްއަޒުހަރަށާއި އަޒުހަރު ޔުނިވަރސިޓީގެ އިސްވެރީންނަށް ޝުކުރުއަދާކުރައްވައިފައެވެ. މީގެ އިތުރަށް ޤުރުއާނުގެ ޢިލްމުތަކާއި އިސްލާމީ ތަޢުލީމުގެ ދާއިރާތަކުން އައިޔޫއެމްގެ ޢިލްމީ ފެންވަރު މަތިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ މުއައްސަސާގެ މެދުގައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚުލްއަޒުހަރު ވަނީ ދިވެހިރާއްޖެއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވެ، އައިޔޫއެމުން އެދިވަޑައިގަންނަވާ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ޝައިޚުލްއަޒުހަރު އަދި އިމާމުލްއަކުވަރަކީ މިހާރު 1000 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އަޒުހަރު ޔުނިވަރސިޓީގެ ދީނީ އަދި ތަޢުލީމީ ކަންކަން ނިންމަވާ އެންމެ އިސްވެރިޔާއެވެ. އެއީ މިޞްރުގެ އިތުރަށް އިސްލާމީ ދުނިޔޭގައި ވެސް ވަރަށް ޝަރަފުވެރި ވަރަށް ޤަދަރުވެރި އަދި އިޙުތިރާމް ލިބިގެންވާ މަޤާމެކެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާރ މިޞްރަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލާރ އަލްއުސްތާޒު އަޙުމަދު އަމީނު މުޙަންމަދާއި އެހެން އިސް ބައެއް ވެރީން ވެސް ބައިވެރިވެވަޑައިގަނެއެވެ.
މި މުހިންމު ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު (އާދީއްތަ ދުވަހު)ގެ ހަވީރުގެ ވަގުތެއްގައި މި ބޭފުޅުން މާލެވަޑައިގަންނަވާނެކަމަށް ވެސް އިތުބާރު ހުރި މަޞްދަރަކުން [ފަރަގު މީޑިއާ]އަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަޅުގަނޑުމެންގެ އުންމީދަކީ އަދި ދުޢާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އެ މުއްސަސާގެ ކުރިއެރުމަށް ޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގައި ﷲ ބަރަކާތް ލައްވައި، އެއީ ދުނިޔޭގެ ފެންވަރުގައި ނަން ހިންގާ އިސްލާމީ ޔުނިވަރސިޓީއަކަށް ވުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމެވެ.
ލަފުޒެއްގެ މާނަ:
ވިދާރާ ނ. ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ.