އަސްމާ އަބޫބަކުރު
3 މޭ 2026
އެކުވެރިޔާގެ ވާހަކަތަކަށް ބޯޖަހަމަން ދިޔަ ނަމަވެސް ޝަޒުމާ ހުއްޓިފައިވަނީ ފޯނުގެ އިސްރީނަށެވެ. ވަކިގޮތަކަށް ޗާޖުކޮށް، ޓިޔުންކުރެވިފައެވެ. އެހެން އަޑުތައް ނީވޭ ވަރަށެވެ.
"ޝަޒުމާ، މި ދައްކާ ވާހަކަ އަޑުއިވޭތަ؟" ޝަޒުމާގެ އެންމެ ގާތް އެކުވެރިޔާ ހަޒުނާ އިނީ ޝަޒުމާގެ ޙަރަކާތްތަކަށް ފާރަވެރިކަމާ އެކު ބަލާށެވެ. އެ މޫނުމަތީގައިވާ ކަންބޮޑުވުން ދޭހަކޮށްދެނީ ކޮންމެވެސް ކަމެއް ވެއްޖެކަމެވެ. ނުބުނާން އުޅޭ ސަބަބެއް ނޭނގެއެވެ. ދެ އެކުވެރިން އެއްބަސްވެފައިވާ ގޮތުން އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެއެވެ. އެކަކަށް ދިމާވާ ކަންބޮޑުވުން އަނެކަކާ ހިއްސާކޮށް ހައްލު ހޯދާން މަސައްކަތްކުރާނީ އެކުގައެވެ.
ހާލަތްތަކާއި، މީހުންނާއި، ގުޅުންތަކާއި، ކޮމެންޓުތަކާއި، މާނަހުރި ޕޯސްޓުތަކާއި، މާނައެއް ނެތް އިންސްޓަގްރާމް ރީލްތައް ފެނުމުން ޝަޒުމާ ކަންބޮޑުވުން އިތުރުވެއެވެ. މީސްމީޑިއާ ފުރިފައިވަނީ އަޖައިބުކުރުވަނި ގޮތަކަށެވެ. ކޮންމެމީހަކުމެ ފެންނަނީ ދެވަނައެއް ނުވާ މުއްސަނދިކަމެއްގެ ތެރެއިންނެވެ. އެއީ ޝަޒުމާއަށް މިހާރު އަސަރުކުރަމުންދާކަމެކެވެ. އިންސްޓަގްރާމަށް ވަނަސް ފެންނާނީ އަގުބޮޑު ހެދުންތަކާއި ޝޯލްތަކެވެ. މީރު ކެއްކުންތަކުގެ ރީލްސްތަކެވެ. އަގުބޮޑު ހިފައިގެންގުޅޭ ތަކެއްޗެވެ.
އެންމެފަހުން ހަޒުނާ އެ ފޯނު އަތުލިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް އެދުނެވެ. އަބީރާ މައްސަލަޖެހުނު ނަމަވެސް ކިޔައިދޭން އެދުނެވެ. އެކަމަކު ޝަޒުމާ ހަމަހިމޭންވެފައި އިނީއެވެ.
"ތިޔަ ވެގެން އުޅޭގޮތް ކިޔައިދީބަލަ! ކަމެއް ނުވާ ނަމަ ތިޔަ ހެނެއް ނީންނާނެ." ހަޒުނާ ކުރެއްނުކުރިއެވެ. ދުލެއް ވެސް ނުކުރިއެވެ. ޝަޒުމާ އިށީނދެ އިން ސޯފާއިން ނަގައިގެން އަތުގައިހިފައިގެން ރަށުގެ އަތިރިމައްޗާ ދިމާއަށް ހިނގައިގަތެވެ. އެއީ އެ ދެ މީހުން ކަންބޮޑުވެއްޖެ ނަމަ އަބަދުވެސް އައިސް އިށީންނަ ސަރަޙައްދެވެ.
ހަޒުނާ ވަރަށް ވާހަކަދައްކައިގެން ޝަޒުމާގެ އަނގަ ހުޅުވައިފިއެވެ. ގޭތެރޭގެ ވާހަކަ އަސްލު ޝަޒުމާ ދައްކާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ކެތްވާނީ ވެސް ވަކިވަރަކަށެވެ.
"އަހަރެން އަބީރު ގާތުގައި ވަޒީފާއަކަށް ދާން އެދުނިން. އޭނާ ބޭނުމެއް ނުވި އަހަރެން ވަޒީފާއަކަށް ދާކަށް. ކިޔެވި އެއްޗެއްގެ ބޭނުންހިފޭނީ ވެސް ވަޒީފާއަކަށް ގޮސްގެންނޭ ބުނިން. އެކަމަކު އެއް ގޮތަކަށް އެއްބަހެއް ނުވި." ޝަޒުމާގެ ވާހަކައިން ހަޒުނާއަކަށް މައްސަލައެއް ނުފެނުނެވެ.
"ތިޔަ ވަރުގެ ކަމަކާ ކަންބޮޑުވެގެން ތިޔަ އުޅެނީ. ތިއޮތް ރީތި މޫނު މިލައިފައިވާ އިރު ހީވަނީ މައިންބަފައިން މަރުވެފައި އިންނަހެން. އެހެން ނޫނަސް އަބީރު ބޭނުމެއް ނުވާނެއްނު ޝަޒުމާ ވަޒީފާއަކަށް ދާކަށް. އޭނައަށްލިބޭ އެއްޗަކުން ތިޔަ ދެމަފިރީންނަށް އުޅެވޭ ވަރުވެއެއްނު. ރީތި އަތްނބަކު ގެއިން ބޭރަށް ހިނގައްޖެއްޔާ ފިރިން ތިބޭނީ ކަންބޮޑުވެފައި. އަބަދު ޝައްކުމަތީގައި. މިހާރު އެހެނެއް ނުވާނެއެއްނު." ހަޒުނާ ވިސްނުން ހުންނާނީ އަބަދު ވެސް ވަރަށް ފައްސިކޮށެވެ. އެހެންވީމާ، ހަޒުނާ ހިތަށް އަރާނީ ވެސް އެހައި ކުޑަކަމަކާ ޝަޒުމާ މާ ބޮޑަށް ވިސްނަނީއެވެ.
"ވަޒީފާއަށް ނުފޮނުވުމެއް ނޫނޭ. މައްސަލައަކީ. ފިރިއަކު ކައިރީގައި ވިއަސް އެއްޗެއް ހޯދައިދޭކަށް ގިނަ ފަހަރު ބުނާކަށް ނުކެރޭނެއްނު. ސަލާންޖަހައިގެން އެއްޗެއް ހޯދުމަށް ވުރެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއް ބޭނުންކުރާން ހާދަހާ ފަސޭހަވާނޭ." އެ ދުވަހު ދެ މީހުން ގެއަށް ދިޔަ އިރު ވެސް ޙައްލަކާ ހަމައަކަށް ނުދެވެއެވެ. މި ޒަމާނުގައި އެކަކު މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުން އެއްވެސް ޢާއިލާއަކަށް ނުފުދެއެވެ.
އެ ދުވަހު ވެސް ހެނދުނު ޝަޒުމާ ތުނި ފަރުދާތަކުގެ ތެރެއިން އިރުގެ އަލި އެޅެމުން ދިޔަ އިރު އޭނާގެ ފިރިމީހާ އަބީރު އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ތަން ބަލާން ހުއްޓެވެ. އޭނާގެ ރޫޓިންއަށް ދުވަހަކުވެސް ބަދަލެއް ނާދެއެވެ. ކޮންމެ ދުވަހަކު އިސްތިރިކޮށްފައި ގަމީހެއް ތައްޔާރުކުރާންޖެހޭނެއެވެ. ތައްޔާރުވެ ނިމުމުން ސައިމޭޒު ދޮށަށް ގޮސް އަވަސްއަވަހަށް ސައިބޯނެއެވެ. އޭރު ވެސް އިންނާނީ ފޯނުގެ އިސްކިރީނުން ލޯ ނުނައްޓައެވެ. އެންމެ ކުޑަމިނުން ޝަޒުމާ ސައިބުއިތޯ ވެސް އަހައިނުލާނެއެވެ. ސައިބޮއި ނިމުމާއެކު ދެން އިވޭނީ ދޮރު ލައްޕާ އަޑެވެ. އެ ހިސާބުން ގޭތެރެ ހަމަހިމޭންވީއެވެ. ޝަޒުމާއަކީ ވެސް ޗާބީ ދީފައިވާ ބުދެކެވެ. ކޮންމެ ދުވަހަކު ގޭތެރޭގެ މަސައްކަތްކުރުމާ އެކު ގޮސް ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން އޮވެ ރީލްސް ބެލުމެވެ. އެ އާދަ މަތީން މިހާރު ޝަޒުމާ ފޫހިވެއްޖެއެވެ.
މީގެ ދެ ދުވަސްކުރިން ގޭތެރެއަށް ބޭނުންވާ އެއްޗެހިގަންނަން އަބީރު ގާތުގައި ޝަޒުމާ ބުންޏެވެ. އޮފީހުން އަންނަ މަގުމަތީގައި އަންނާނީ ގަނެގެން ކަމުގައި އަބީރު ބުންޏެވެ. އެކަމަކު އެ ހަނދާނެއް ނެތެވެ. ޝަޒުމާ އަތަށް ފައިސާ ދިން ނަމަ މިހާރު ހުންނާނީ ގޭތެރެއަށް ބޭނުންވާ އެއްޗެހި ހަމަކޮށްފައެވެ. އެއީ ވެސް އެ ގޭތެރޭގައި އަބަދުމެ ހިނގާ ކަމެކެވެ. ޝަޒުމާ ބުނަނީ ގޭތެރެއަށް ބޭނުންވާ ތަކެތި ގަންނާން ފައިސާ ދޭށެވެ. އޭނާ ބޭރަށް ތަނަކަށް ދާކަށް ނޫނެވެ. ބާޒާރަށް ގޮސް ރީތި އެއްޗެހި ގަންނާކަށް ނޫނެވެ.
"އަހަރެން ބޭނުން ވަޒީފާއަކަށް ދާން." އެއް ދުވަހަކު އަބީރު އައިސް ގެއަށް ވަނުމާ އެކު ޝަޒުމާ ބުނެލިއެވެ. އަބީރު އެންމެ ހިތްހަމަ ނުޖެހޭ އެއް ކަމެވެ. އަނބިމީހާ ވަޒީފާއަށް ފޮނުވުމެވެ.
"ކިތައްފަހަރު ބުނެފިން ޝަޒުމާ ވަޒީފާއަކަށް ނުދިޔަސް އަހަރެން ކުރާ މަސައްކަތުން ކައިގެން ބޮއިގެން އުޅެވޭނޭ." އެދުވަހު ޝަޒުމާ ވެސް ދުލެއްނުކުރިއެވެ.
"އެއްޗެއް ގަންނާން ބުނެފިއްޔާ ދެ ދުވަސް ނޫނީ ތިން ދުވަސް ވާއިރު ގަނެވެނީކީ ނޫން. އަހަރެން އަތަށް ފައިސާ ދެނީކީ ނޫން. އަބަދު ސަލާންޖަހާން އަހަރެން ބޭނުމެއް ނޫނޭ. މަންމައާއި ބައްޕަ އަށް ބޭނުންވާ އެއްޗެއް ވެސް ކައްކައިދެވެނީކީ ނޫން. ލާރި ލިބޭމީހާ ލާރި ފޮރުވައިގެން ހުރީމަވޭތަ؟" އެ ދުވަހަށްފަހު ދެމަފިރިން މައްސަލަ ޖެހޭން ފެށިއެވެ. ކޮންމެހެން ބުނާން ޖެހޭ ވާހަކައެއް ނޫނީ ނުބުނެއެވެ. އެކީގައި ތަނަކަށް ދިޔަ ދުވަހެއް ހަނދާނެއް ނެތެވެ. ޝަޒުމާ ދެކޭ ގޮތުގައި މިހާރު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާން ވެއްޖެއެވެ. އަނެކާއަށް ބަރޯސާވެގެން އަބަދު ނޫޅެވޭނެއެވެ.
އަބީރު ދެކޭ ގޮތުގައި އަނބިމީހާ އެހާ ރައްކާތެރިކަމާ އެކު އޭނާއަށް ބެލެހެއްޓެއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެވެއެވެ. އޭނާގެ ދައުރު ބަރާބަރަށް އަދާކުރެއެވެ. ޝަޒުމާގެ ހިތުގައި ލަމުންދާ ކުދި ރެނދުތައް އަބީރަކަށް ނުފެނެއެވެ. ކިޔަވައިގެން ހުރެމެ ވަޒީފާއަކަށް ނުދެވުމުން ޝަޒުމާ ކަންބޮޑުވެއެވެ.
އެއް ދުވަހަކު އަލަމާރިތެރެ ސާފުކުރާން ޝަޒުމާ އުޅުނެވެ. އެންމެ އަޑީގައިވާ ވަތްގަނޑުގައި އޮތް ސިޓީއުރަ މަޑުމަޑުން ހުޅުވައިލިއެވެ. އެއީ ޝަޒުމާގެ ސެޓުފިކެޓުތަކެވެ. އެ ވަގުތު ބައްޕަގެ ވަސިއްޔަތް ހަނދާންވިއެވެ. "އަންހެން ދަރިއަކަށްވިއަސް އަމިއްލަ ފައިމައްޗަށް ތެދުވާންވާނެ. ކިޔަވައިދިނީ އެކަމަށް ޓަކައި. ގޭތެރޭގައި އިނދެގެން ނަމަވެސް ކޮންމެ ވެސް މަސައްކަތެއްކުރާންވާނެ. އެހެން މީހުންނަށް ބަރޯސާ ވެއްޖިއްޔާ އުޅޭން އުނދަގޫވާނެ." އެއީ ކިހައިބޮޑު ތެދެއްހެއްޔެވެ؟ މިއަދު އެ އުނދަގޫ ދަނީ ފެންނަމުންނެވެ.
ހަމަ އެ ވަގުތު ޝަޒުމާގެ ޚިޔާލަށް އައީ އެންމެ ފަހުން ރީތި ހެދުމެއް ގަތް ދުވަހެވެ. އެއީ މީގެ ދެ އަހަރު ކުރީންނެވެ. އެ ދުވަހު ޝަޒުމާ ގަތީ ދެ ހެދުމެވެ. އެކަމާ ވެސް އަބީރު ހިތްހަމަ ވެސް ނުޖެހުނެވެ. ފައިސާ ބޭކާރު ގޮތުގައި ޚަރަދުވާތީއޭ ކިޔައިފައެވެ. ޝަޒުމާގެ މައިންބަފައިން ގާތު އުޅުނު އިރު ޚާއްޞަ ކޮންމެ ދުވަހަކަށް ރީތި ހެދުން ލިބެއެވެ. ބޭނުންވާ އިތުރު ސާމާނު ވެސް ލިބެއެވެ. ޝަޒުމާ ހީކުރީ މީހަކާ އިނުމުން އޭގެ ދެގުނަ ލިބޭނެކަމަށެވެ. އެހެނެއް ނުވިއެވެ. ސެޓުފިކެޓުތައް ބަލަމުން ދިޔައިރު ޝަޒުމާ ލޮލުން ކަރުނަ ފައިބާން ފެށިއެވެ. އެންމެފަހުން ހިތާހިތުން ގޮތްނިންމިއެވެ.
އެރޭ ރޭގަނޑު ކައި ނިމިގެން އަބީރު ގޮސް ފޯނާކުޅެން އެނދުގައި އޮށޯތެވެ. ޝަޒުމާ އައިސް ކޮޓަރިއަށް ވަނުމަށް ފަހު އަބީރު ގާތުގައި ވާހަކައެއް ބުނާން ބޭނުންކަމަށް ބުންޏެވެ. އަބީރުގެ ލޯ އަމާޒުވެފައި ވަނީ ފޯނަށެވެ.
"ތިޔަ ބުނާން އުޅޭ އެއްޗެއް ބުނެބަލަ!" އަޅައިލުން ކުޑަގޮތަކަށް ބުނެލިއެވެ.
"އަހަރެން ވަޒީފާއަކަށް އެޕްލައިކުރަން މިއުޅެނީ. ރަށުން ބައިވަރު ވަޒީފާތަކެއް ނިކުމެއްޖެ." އެވަގުތު އަބީރު އަތުން ފޯނު ދޫވިއެވެ.
"އަހަރެން ގާތުގައި އަހާލުމެއް ނެތި؟" ހައިރާންކަމާ އެކު ޝަޒުމާގެ މޫނަށް އަބީރު ބަލައިލިއެވެ.
"އަހަރެން އެ ގޮތަށް ނިންމައިފިން. ހުއްދައަކަށް އެދެނީއެއް ނޫން." ޝަޒުމާގެ ޖުމްލައިގައި ހަރުދަނާކަން ހުއްޓެވެ. މި ފަހަރު އަބީރުގެ ގާތަކަށް ރުޅިއެއް ނާދެއެވެ. ހަމަހިމޭންކަމަކަށް ފަހު އަބީރުގެ ހިތަށް ވިސްނުނީ ޝަޒުމާގެ ނުކިޔަމަންތެރި ކަމެއްނޫނެވެ. ހަރުދަނާކަމެވެ.
"ކީއްވެ އަނެއްކާ ވެސް ވަޒީފާއަކަށް ދާން ވިސްނީ." އަބީރު މަޑުމައިތިރި އަޑަކުން އެހިއެވެ.
"އަމިއްލަ ބޭނުންތަކަށް ޚަރަދު ކުރާނެ ފައިސާ ނުލިބޭތީ. އަބީރުގެ މައިންބަފައިންނަށް މީރު ކާއެއްޗެއް ނުދެވޭތީ. ގޭތެރެއަށް ބޭނުންވާ ކިތަންމެ އެއްޗެއް ގަތުމަށް ފަސްކުރެވިފައި ވަނީ ފަހުން ގަނެވޭނެކަމަށް ބަލައިފައި. އެކަމަކު އެ ދުވަހެއް ނާދޭ. ކިޔެވި އެއްޗެއްގެ ބޭނުން ހިފޭނީ ވެސް ވަޒީފާއަށް ގޮސްގެން." އެންމެފަހުން އަބީރު އެއްބަސްވިއެވެ.
މީގެކުރިން އަބީރު ކަންބޮޑުވީ ޝަޒުމާ ވަޒީފާއަށް ދާނަމަ ދާނީ އަބީރަށް ވުރެ މަތީ ވަޒީފާއަކަށެވެ. އެއީ އަބީރު ބޭނުންވާ ގޮތެއް ނޫނެވެ. އަނބިމީހާ ހުންނާން ވާނީ ގޭގައި ވެސް އަދި ވަޒީފާގައި ވިޔަސް އަބީރަށް ވުރެ ދަށުގައެވެ. އެ ވިސްނުން ބަދަލުވީ މީގެ މަހެއްހައި ދުވަސްކުރީންނެވެ. އަބީރު އޮފީހުގައި އުޅޭ ނިޒާމްގެ އަންހެނުންގެ ވަޒީފާ، ނިޒާމަށް ވުރެ މައްޗެވެ. ނިޒާމްގެ ވާހަކަތަކުން އެ ދެމަފިރިންގެ އެއްވެސް މައްސަލައެއް ނުޖެހެއެވެ. ގޭތެރޭގައި އޭނާގެ އަނބިމީހާ އަބަދު ވެސް ނިޒާމާ މަޝްވަރާކުރެއެވެ. ގޮތް ނިންމަނީކީ ނޫނެވެ.
އަބީރަށް ކުރެވުނު ކުށްހީ ވަނީ ފިލައިފައެވެ. ޝަޒުމާއަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ. އަބީރު ހީކުރި ކަހަލަ ބިރުގަންނަ ބަދަލެއް ނާދެއެވެ. ކަންތައް ދިޔައީ އިތުރަށް ރަނގަޅުވެގެންނެވެ. ގޭތެރެ ވެސް މިހާރު މާ އުޖާލާވެއްޖެއެވެ. (ނިމުނީ)
ދެ ލަފުޒެއްގެ މާނަ:
ކޮމެންޓު ނ. ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން.
މީސްމީޑީއާ ނ. ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.