ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (19)

އައްޝައިޚު އިބްރާހީމް އަޙުމަދު

2 މޭ 2026

(2026 އޭޕްރީލް 21ގެ ޢަދަދާ ގުޅޭ)

އިސްލާމީ ސިޔާސީ ނިޒާމުގެ ޤަވާޢިދުތައް

އިސްލާމީ ސިޔާސީ ނިޒާމުގެ ޤަވާޢިދުތައް އެކުލެވިގެންވަނީ އެތައްކަމެއްގެ މައްޗަށެވެ. އޭގެތެރޭގައި މަޝްވަރާކުރުމާ ކިޔަމަންތެރިވުމާ، ޢަދުލުވެރިވުމާ މިނިވަންކަން ހިމެނެއެވެ.

1-    މަޝްވަރާ ކުރުން

މަޝްވަރާކުރުމަކީ  އިސްލާމް ދީނުގެ ޤަވާޢިދު ތަކުގެ ތެރެއިން މުހިންމު އެއް ޤަވާޢިދެކެވެ. އެއީ ދައުލަތަށް ކުރިމަތިވާ އެންމެހައި ކަންކަމުގެ ރައުޔާ އެ ކަންކަމުގެ ޙައްލު ހޯދުމަށް ޓަކައި މަސްއޫލުވެރީންނާއި ރައްޔިތުންނާއި ވަލިއްޔުލްއަމްރު ރުޖޫޢަވާންޖެހޭ އެންމެ މަތިވެރި އުޞޫލެވެ. ނުވަތަ ދައުލަތަކުން ޙާޞިލުވާން ބޭނުންވާ މަސްއޫލިއްޔަތެކެވެ. މަޝްވަރާއެއް ނެތި ކަންކަން ކުރުމަކީ ވެރިކަން ހިންގުމުގައި ވަލިއްޔުލްއަމުރަށް ދޫކޮށްލެވޭނެ ސިފައެއް ނޫނެވެ. އެހެންކަމުން މަޝްވަރާކުރުމަކީ ހުރިހައި ފަރާތްތަކަކަށް ﷲ އަމުރުކުރައްވައިފައިވާ ކަމެކެވެ. ފަހެ، އެކަލާނގެ ވަހީކުރައްވައިފައި ވެއެވެ. فَاعْفُ عَنْهُمْ وَاسْتَغْفِرْ‌ لَهُمْ وَشَاوِرْ‌هُمْ فِي الْأَمْرِ‌ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ ۚ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ[1]  މާނައަކީ ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."  މިކަމަށް އިޝާރާތް ކުރައްވާ ރަސޫލާ ޙަދީޘް ކުރެއްވި  ކަމަށް އަބޫހުރައިރާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : لَمْ يَكُنْ أَحَدٌ أَكْثَرَ مَشُورَةً لِأَصْحَابِهِ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [2] އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވާ ބަސްފުޅެއްގައި ވެއެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާގެ އަޞްޙާބު ބޭކަލުންނާއެކު އެކަލޭގެފާނު މަޝްވަރާ ކުރައްވާހާ ގިނައިން އެހެން އެއްވެސް މީހަކު އެމީހެއްގެ އަޞްޙާބުންނާ މަޝްވަރާއެއް ނުކުރައްވައެވެ."

ބުނެވެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ނަބިއްޔާއަށް އަމުރުކުރައްވައިފައިވަނީ އެކަލޭގެފާނުގެ އަޞްޙާބުންގެ ހިތްތައް އެކުވެރި ކުރެއްވުމަށެވެ. އަދި އެކަލޭގެފާނަށްފަހުވެސް އެގޮތަށް އިޤްތިދާވެ އުޅުމަށް އެންގެވިއެވެ. އަދި ހަމަ އެފަދައިން ހަނގުރާމައާ އެނޫނަސް އެފަދަ ޖުޒުއީ މައްސަލަތަކުގެ ތެރެއިން ކަންކަން ނިންމުމުގައި މަޝްވަރާ ކުރުމަށް އަންގަވައިފައި ވެއެވެ. ވަޙީ ބާވާ ނުލައްވާ ކަންކަމުގައި އެމީހުން މަޝްވަރާ ކޮށްގެން ގިނަގިނައިން މަޝްވަރާ ކުރައްވާ ބޭކަލެއް ކަމުގައި ކީރިތިރަސޫލާ ވެވަޑައިގަތެވެ."

މިކަމަށް ތާރީފު ކުރައްވާ ﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَالَّذِينَ اسْتَجَابُوا لِرَ‌بِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُ‌هُمْ شُورَ‌ىٰ بَيْنَهُمْ وَمِمَّا رَ‌زَقْنَاهُمْ يُنفِقُونَ [3] މާނައަކީ އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ."

ބަޔަކާއެކު މަޝްވަރާ ކުރެވިއްޖެނަމަ އެމަޝްވަރާއިން ނިމުނު ކަންކަމުގެ މައްޗަށް ތަބާވެ އެކަންކަމަށް ޢަމަލު ކުރުން ލާޒިމުވާނެއެވެ. މަޝްވަރާގެ ތެރޭގައި އެކަމަކާމެދު މަޝްވަރާ ކުރެވޭ ކޮންމެ މީހަކުވެސް އެމީހެއްގެ ރައުޔު ފާޅުކޮށް މަޝްވަރާ ދޭންވާނެއެވެ. މަޝްވަރާ ކުރެވޭ ކަމަކީ މުސްލިމުންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަމެއް ނަމަ އެކަމާމެދު ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ މަޝްވަރާއެއް ދީ ރައުޔު ފާޅުކުރަން ވާނެއެވެ. މިގޮތަށް ދެވޭ މަޝްވަރާގައި ކީރިތިޤުރްއާނާއި ރަސޫލާގެ ސުންނަތާއި އެއްމެ ގާތްކުރާ ރައުޔަކަށް ޢަމަލުކުރަން އެންމެންގެ މައްޗަށް ލާޒިމުވާނެއެވެ.

ފަހެ މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީގެ ޞަޙީޙުލްބުޚާރީގައި އަންނަނިވ ދެއާޔަތާ ގުޅޭ ބާބުގައި ބަޔާން ކުރައްވައެވެ. (وَأَمْرُ‌هُمْ شُورَ‌ىٰ بَيْنَهُمْ ) އާއި (وَشَاوِرْ‌هُمْ فِي الْأَمْرِ‌) މި ދެ އާޔަތާ ގުޅިގެން ބަޔާންކުރައްވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޙުދު ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ކުރީން މަދީނާގައި ހުންނަވައިގެން އަޞްޙާބުންނާ މަޝްވަރާކުރެއްވިއެވެ. އެ ގޮތުން މި ފަހަރު މަޝްވަރާކުރެވުނީ މަދީނާގައި ތިއްބަވައިގެން ހަނގުރާމަކުރެއްވުމާ ހަނގުރާމައަށް ނުކުމެވަޑައިގަތުމާ މެދުގައެވެ. މި މަޝްވަރާއިން ނިމުނީ މަދީނާއިން ނުކުމެވަޑައިގެން ހަނގުރާމަކުރެއްވުމަށެވެ. އެއީ އެ ކަމުގައި ގިނަ ބޭކަލުން މަޝްވަރާދެއްވި ގޮތެވެ. އަދި އިފުކުގެ ހާދިސާއަށް ފަހުގައި ޢާއިޝަތުގެފާނަށް ދޮގުތުހުމަތު އެޅުވި މައްސަލައިގައި ޢަލީގެފާނާ އުސާމާ ބިން ޒައިދާ ވެސް ރަސޫލާ މަޝްވަރާކުރެއްވިއެވެ. އެހެންނަމަވެސް އެ ދެ ބޭކަލުންގެ މަޝްވަރާ، އެ ކަމުގައި ދެއްވި ފަހުން ކީރިތި ޤުރްއާނުގައި އެ ކަމުގެ ޙުކުމް ބާވައިލެއްވުމުން ރަސޫލާ އެ ޙުކުމާ އެއް ގޮތަށް ޢަމަލުކުރެއްވިއެވެ.  ރަސޫލާއަށް ފަހު އިސްލާމީ އުންމަތުގެ ވެރީންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން މަޝްވަރާކުރެއްވުމުގައި އަމާނާތްތެރިންނާއި ޢިލްމުވެރީންނާ އެކު ހުއްދަ ކަންކަމުގައި މަޝްވަރާކުރައްވަމުން ގެންދެވިއެވެ. އަދި އެ ކަންކަމުން ލިބޭ ރައުޔުތަކުން ކަންކަން ފަސޭހައިން ނިންމައިލެވޭނެ ހަރުދަނާ ގޮތްތައް ހޯއްދަވައި އެ ފަސޭހަ ގޮތުގެ މުޢާމަލާތުކުރެއްވިއެވެ. މި ފަދަ އެއް މިސާލަކީ ޒަކާތް ދެއްކުން މަނާވެގަތް ފަރާތްތަކާ ހަނގުރާމަކުރެއްވުމަށް އަބޫބަކުރުގެފާނުކުރެއްވި މަޝްވަރާއެވެ. މި މަޝްވަރާގައި ޢުމަރުގެފާނު ވިދާޅުވަމުން ގެންދެވިއެވެ. އެ މީހުންނާ ހަނގުރާމަކުރެވޭނީ ކިހިނެއްހެއްޔެވެ؟ ރަސޫލާ ޙަދީޘްކުރައްވައިފައި ވަނީ މިހެން ނޫންތޯއެވެ؟ أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى ‏ ‏يَشْهَدُوا ‏أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ ‏ ‏مُحَمَّدًا ‏‏رَسُولُ الله، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ، فَإِذَا فَعَلُوا ذَلِكَ ‏ ‏عَصَمُوا ‏ ‏مِنِّي دِمَاءَهُمْ وَأَمْوَالَـهُمْ إِلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى الله.[4] މާނައީ: [މީސްތަކުން ﷲ ފިޔަވައި އިލާހަކު ނުވާކަމަށް ހެކިވެ މުހައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެއްޖައުމަށާއި ނަމާދު ޤާއިމުކޮށް ޒަކާތް ދީފުމަށް ދާންދެން އެ މީހުންނާ ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނު އަމުރު ކުރައްވަމެވެ.  އެ ގޮތަށް އެބައިމީހުން އެ ކަން ކޮށްފި ނަމަ އެބައިމީހުންގެ މުދަލާއި ލޭ ރައްކާތެރިކުރެއްވިގެން ވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤަށް ޓަކައި މެނުވީ އޮހޮރުވައިނުލެވޭ އެއްޗެއްކަމުގައި ވެއްޖެއެވެ. އަދި އެބައިމީހުންގެ ކަންކަން ﷲގެ ޙަޟުރަތަށް ރައްދުކުރެވިގެން ވެއެވެ.]

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ރަސޫލާ އެ ކަންކަން އެ ގޮތެއްގެ މައްޗަށް ކުރައްވައި ނިންމަވައިފައިވާ ކަންކަން އެ ނޫން ގޮތަކަށް ބަދަލުކުރާ ބަޔަކާ ހަނގުރާމަކުރައްވާހުށީމެވެ. ދެން އެ ރައުޔަށް ޢުމަރުގެފާނު ތާއީދުކުރެއްވިއެވެ. އަބޫބަކުރުގެފާނު މަޝްވަރާއަށް ވަޑައިގަތުމަށް ބެއްލެވީ ރަސޫލާގެ ޒަމާނުއްސުރެ މީސްތަކުން ނަމާދާއި ޒަކާތާއި ފަރުޟުކަމުގައި ފަރަޤުކުރުމެއް ނެތި ތިބެފައި މިހާރު މި ދެ ކަންތައް ފަރުޟުކަމުގައި ތަފާތުކުރާ ފަރާތަކާ ހަނގުރާމަކުރައްވާހުށީމެވެ. އެކަލޭގެފާނު ވިދާޅުވަނީ މި ފަދަ މީހުން ބޭނުންވަނީ ދީން ބަދަލުކުރާށެވެ. ދީން ބަދަލުކުރާ ބަޔަކާ މެދު ޢަމަލުކުރުމަށް ރަސޫލާ އަންގަވައި ޙަދީޘްކުރެއްވިއެވެ. عَنْ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏ مَنْ بَدَّلَ دِينَهُ فَاقْتُلُوهُ  [5]އެވެ. މާނައީ: [މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެ މީހެއްގެ ދީން ބަދަލުކޮށްފި މީހާ (މުރުތައްދު ވެއްޖެ މީހާ) ޤަތުލުކުރާށެވެ.]

ބައިހަޤީ މައިމޫން ބިން މަހްރާންގެ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަބޫބަކުރުގެފާނުގެ އަރިއަހަށް މައްސަލައެއް ހުށައެޅިއްޖެ ނަމަ، އެ ކަމަކަށް ގޮތެއް ނިންމުމަށް ﷲގެ ފޮތުގައި އޮތީ ކޮން ގޮތަކަށްތޯ ބައްލަވައެވެ. ﷲގެ ފޮތުގައި އެ ކަމަށް ގޮތެއް އޮވެއްޖެ ނަމަ އެ ގޮތަށް އެ ކަން ނިންމަވައެވެ. ފޮތުގައި ގޮތެއް ނެތް ނަމަ، ސުންނަތުގައި އޮތްތޯ ބައްލަވައި ސުންނަތުގައި އޮތްކަން އެނގިވަޑައިގަންނަވާ ނަމަ، އެ ގޮތަށް ނިންމަވައެވެ. ސުންނަތުގައި އޮތްކަން އެނގިވަޑައި ނުގެންފި ނަމަ، މީސްތަކުންގެ ތެރެއަށް ނުކުންނަވާ ސުންނަތުގައި އޮތްތޯ ސުވާލުކުރައްވައެވެ. ސުންނަތުން ފެނިވަޑައިނުގެންފި ނަމަ، މުސްލިމުންގެ ކުރިއަށް ތިއްބެވި ބޭކަލުންނާ ޢިލްމުވެރީންނާ މަޝްވަރާކުރައްވައެވެ. ޢުމަރުގެފާނު މަޝްވަރާކުރެއްވިކަމާ މެދު އައިސްފައިވާ ވާހަކަތައް ވަރަށް ގިނަގުނައެވެ.

މަޝްވަރާ ކުރުމުގެ ޙުކުމް

ޢިލްމުވެރީން ވިދާޅުވަނީ މަޝްވަރާކުރުމަކީ ވާޖިބު ކަމެއްކަމުގައެވެ. އެއީ އެ އާޔަތުން އެ ކަމަށް ދަލީލުކުރާތީއެވެ. އަދި މަޝްވަރާކުރުމަކީ މަންދޫބު ނުވަތަ މުސްތަޙައްބު ކަމެއްކަމަށް ދެއްކޭ ޤަރީނާއެއް ނެތަތީއެވެ. އެހެން ކަމުން ޖުމްހޫރު ފިޤްހު ޢިލްމުވެރީން އެ ގޮތަށް ވިދާޅުވާކަމުގައެވެ. މާލިކީންގެ ޢިލްމުވެރިއެއް ކަމުގައިވާ އިބްނުލްޚުވައިޒު މިންދާދު ވިދާޅުވަނީ ނޭނގޭ ކަންކަމުގައި ޢިލްމުވެރީންނާ މަޝްވަރާކުރުމަކީ ވެރީންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގައެވެ. އަދި ދީނުގެ އަމުރުގެ ތެރެއިން މައްސަލަތައް އުފެދޭ މައްސަލަތަކާ މެދު ވެސް ޤައުމުގެ ވެރިޔާ ދީނީ ޢިލްމުވެރީންނާ އެކު މަޝްވަރާކުރެވޭންވާނެއެވެ. އަދި ހަނގުރާމައިގެ ކަންކަމުގައި ވެރިމީހާ ލަޝްކަރުގެ ކޮމާންޑަރުންނާ އެކު މަޝްވަރާކުރާންވާނެއެވެ. މީސްތަކުން ކުރެ ބޮޑެތި ހަރުދަނާ ފަރާތްތަކާ އެކު މީސްތަކުންގެ މަޞްލަޙަތު އޮތް ކަންކަމާ މެދު މަޝްވަރާކުރަންވާނެއެވެ. ކާތިބުންނާއި ވަޒީރުން ކުރެ އިސްފަރާތްތަކާ އެކު އެބައިމީހުންގެ ކަންކަމާ މަޝްވަރާކުރުމާ މަސައްކަތްތެރީން ކުރެ ހުނަރުވެރި ޤާބިލު ފަރާތްތަކާ އެކު އެ ކަންކަމުގައި ޤައުމުގެ މަޞްލަޙަތާއި ޤައުމު ބިނާކުރުމުގެ ކަންކަމުގައި މަޝްވަރާކުރެވޭން ވާނެއެވެ.[6]

ޝޫރާގެ ސިސްޓަމް ނުވަތަ ޝޫރާގެ ނިޒާމު

އިސްލާމީ ދައުލަތުން ހިފަހައްޓަންވީ ޝޫރާގެ ވަކި ނިޒާމެއްކަން ކީރިތިޤުރްއާނަކުން ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަކުން ބަޔާންވެފައެއް ނެތެވެ. މިއީ ޒަމާނާއި ތަނާއި އާދަކާދަ ބަދަލުވުމުން ބަދަލު އަންނަންވާނެ ކަންކަމެވެ. އެހެންކަމުން ޝަރުޢުކުރެއްވި ފަރާތުން ޙާކިމާއަށް މީގެ ތަފުޞީލުތައް ދޫކޮށްލައްވައިފައި ވަނީ  އެ ޙާލަތަކާ ގުޅޭ މުނާސަބު ގޮތަކަށް މަޞްލަޙަތަށް އެ ކަން ހިނގައިދިއުމަށެވެ. މުސްލިމުންގެ މަޝްވަރާ މަޖުލިސް ވާންވާނީ ޢަދުލުވެރިކަމާ އެކު، ޢަމަލުކުރާ ބަޔަކަށްވުމެވެ. މި ފަދަ މަޝްވަރާ މަޖުލިހެއްގައި ހުރިހައި ވައްތަރެއްގެ ފަންނީ ހުނަރުވެރީން ތިބޭން ވާނެއެވެ. އަދި ހަމަ އެހެންމެ ސިޔާސީ ގޮތުން އިސް ފަރާތްތަކާ ކަންކަމުގެ ރައުޔު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ހުރިހައި ފަރާތެއް ހިމެނޭން ޖެހެއެވެ. (ނުނިމޭ)

 
މަރުޖާ:

[1] - ސޫރަތު އާލު ޢިމްރާނު 159

[2]  ރަވާހު އައްތިރުމިޛީ ، ޖ3/ ޞ 129

[3]  ސޫރަތުއްޝޫރާ 38

[4]  ރަވާހުލްބުޚާރީ

[5]  ރަވާހު މުސްލިމް

[6]  ތަފުސީރުލް ޤުރުޠަބީ، 4/ 250

ކޮމެންޓު