އަލްއުސްތާޒު ޝުކުރުﷲ ޝަކީލު
30 އޭޕްރިލް 2026
އާދައިގެ މަތީން ފިނިވައި ޖައްސައިލައި ހަށިގަނޑަށް ހަމަޖެހުން ގެނައުމުގެ ނިޔަތުގައި ގެއިން ނުކުމެ އަތިރިމައްޗާވީ ދިމާއަށް ހިނގައިގަތީމެވެ. ގެއިން ނުކުމެ، މާ ދުރަށް ނުދެވެނީސް ވަރަށް ޒަމާންވީ ރަޙުމަތްތެރިޔަކާ ދިމާވެ، ސައިތައްޓެއް ބޮއިލާން ދިން ދަޢުވަތުގައި ގެޔާ އެންމެ ކައިރީގައި ހުރި ކެފޭއަށް ވަދެލީމެވެ. ކެފޭއަށް ވަނުމަށް ފަހު، ރަޙުމަތްތެރިޔާ ވާހަކަދައްކާން ފެށީ މިއަދުގެ ޙާލަތާ ގުޅޭ ގޮތުންނެވެ. ގޮނޑީގައި ރަނގަޅަށް ނުއިށީންދެވެނީސް އޭނާ މި ވާހަކަ ފަށައިފިއެވެ. ރަޙުމަތްތެރިޔާގެ ވާހަކައަކީ، އިޖުތިމާޢީ ފޭރާމުގެ ބަލިކަށިކަމުގެ ވާހަކައެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކުގެ ހީނަރުކަމުގެ ވާހަކައެވެ. ވެރީންނަށް ކިޔަމަންތެރިވުމާއި އަދަބު އިޙުތިރާމް އަދާކުރުމުގެ މޫރިތި ޢުރުފު ނެތިދާކަމުގެ ވާހަކައެވެ. ވައިޖައްސައިލައި ފިނިކޮށްލާން ނުކުތް ނަފުސުގެ ޝުޢޫރުތައް މި ވާހަކަތަކުން ހޫނުވެއްޖެއެވެ.
ދިމިޤުރާތީ މުޖުތަމަޢުގެ އެއް ބަހާއަކީ ޚިޔާލު ފާޅުކުރުމެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ކަށަވަރުކޮށްދޭ ދުސްތޫރީ ނައްޞުގެ ދެލިގަނޑަށް ބަލާ އިރު، މި ޙައްޤު ކަށަވަރުކޮށްދިނުމުގެ ޢިބާރާތް ބަޔާންކުރުމުގެ ކުރީން، އަޅުގަނޑުމެން އެންމެން ތަބާވާންޖެހޭ ވަރަށް މުހިންމު ޝަރުޠެއް ބަޔާންކޮށްފައިވެއެވެ. މާނައަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ޚިޔާލު ފާޅުކުރެވޭނީ މި ދެންނެވުނު ޝަރުޠާ އެކީގައިކަމެވެ. މި ޝަރުޠަކީ [އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ] ގޮތަށް މި ކަން ކުރުމެވެ.
އިސްލާމީ ނަޒަރަކުން ބަލާ އިރު، ވެރީންނަށް ކިޔަމަންތެރިވުމުގެ މުހިންމުކަން އެނގެއެވެ. އެއީ އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭނގި ނަމަވެސް އެ ކަމުގައި އެތައް ބައިވަރު އިޖުތިމާޢީ އަޚުލާޤީ ފައިދާތަކެއް ހުރުމުންނެވެ. ސޫރައުތްނިސާއުގެ 59ވަނަ އާޔަތުގައި، މާތްﷲއާއި ރަސޫލާއަށް ކިޔަމަންތެރިވުމަށް ފަހު އަންގަވައިފައިވަނީ ވެރީންނަށް ކިޔަމަންތެރިވުމަށެވެ. )يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ( މި އެންގެވުން އައިސްފައި އޮތީ އަމުރުގެ ޞީޣާއިންނެވެ. ހަމަ ކޮންމެ މީހަކު ވެސް އެ ބަސްފުޅުގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ މަގުންނެވެ.
ޚިޔާލު ތަފާތުވުމުގައި ޝަކުވާއެއްނެތެވެ. ސިޔާސީ ފިކުރު އެއް ގޮތް ނުވުމުގައި ބުރަ ހިތެއް ވެސް ނެތެވެ. އެހެންނަމަވެސް ސިޔާސީ މަންފާއަކަށް ޓަކައި މި ވަޠަނަށް ޣައްދާރުވުމުގައި މަޢާފެއް ވެސް ނެތެވެ. އެއީ ދައުލަތުގެ ވެރީންގެ އަބުރަށް އަރައިގަތުމުގެ ތެރެއިންވިޔަސްމެއެވެ. ވެރީންނަށް ކިޔަމަންތެރިވުމުގެ މުހިންމުކަމުގެ ވާހަކަ ތިބާގެ ތުއްތު ދުވަސްވަރުގައި މަންމަމެން ކިޔައިދެއްވައިފައިވާތީ އަޑުއަހައިފައިވާނޭކަން ގައިމެވެ. އަބުރު ކަތިލުމުގެ ނުރައްކަލުގެ ވާހަކަ އިސްލާމް މުދައްރިސް ވިދާޅުވެދެއްވާތީ އަޑުއަހާފައިވާނޭކަން ވެސް ކަށަވަރެވެ.
މި ލިޔުމުގައިވާ ސުރުޚީގެ ފުރަތަމަ ބަޔަށް ޖެހިލަމާތޯއެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގޯސް ހަދައިފިހެއްޔެވެ؟ ފެންނަމުންދާ މަންޒަރަކީ ތިމާގެ ކުރިމަތީގައި އަނެކާގެ ޤަދަރާއި ޢިއްޒަތަކީ އެއްވެސް އެއްޗެއް ނޫންކަމުގައި ދެކޭ މަންޒަރެވެ. ވަރަށް ބޮޑަށެވެ. މަވަންތަކަށް އިސްކުރާ މަންޒަރެވެ. ވަރަށް ބޮޑަށެވެ. ސިޔާސީ މަޤްޞަދެއް ލިބިދާނެޔޭ ހިތައިކަމަށް ވެސް ވެދާނެއެވެ. ނުވަތަ ދައުލަތުގެ އެންމެ އިސްވެރީންނާ މެދުގައި އޮތް ޒާތީ ޙަސަދައެއްކަމަށްވުން ވެސް ގާތެވެ. ހެދި ގޯހަކީ، އެއްވެސް ހަމައެއް ލަމައެއް ނެތި، އެކަކު އަނެކެއްގެ ދޮގު ވާހަކަތައް ދެއްކުމެވެ. އަބުރަށް އަރައިގަތުމެވެ. ޒުވާނެއް މުސްކުޅިއެއް، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިސްވާރެއް ނުވަތަ ދައުލަތުގެ ވެރިއެއް ނުވަތަ ވަލިއްޔުލްއަމްރެއް ކަމެއް ވެސް ބެލުމެއް ނެތެވެ. ހިތަށް އަރާހައި އެއްޗެއް އެހެރަދަނީ ގަލަމުގެ ތުނޑުން ކުރަހަމުންނެވެ.
ދެން އޮތީ މި މައުޟޫޢުގެ ދެވަނަ ބަޔެވެ. ކަމެއް ގޯސްކޮށް، ކޮށްފައިވޭތޯ ބަލައިލުމެވެ. ގޯސްކޮށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް މީހަކު ކަމެއްކުރާ ޙާލަތުގައި، އެ ކަމަށް ތަރުހީބުދިނުމަކީ އެ ގޯހެއް އިތުރަށް ދެމިގެންދާނޭ ކަމެކެވެ. އާދޭހެވެ! [ކުރި ގޯހަކީ]، މި މަގާލުގައި ކުރީން ޢިޝާރާތްކޮށްފައިވާ، [ގޯސް]ތައް ބަޔަކު ކުރުމުން، އެ ކަމަށް ހިތްވަރުދީ އެއީ ބަޠަލުންކަމަށް ދައްކުވައިދީ އެ ބަޔެއްގެ ދިފާޢުގައި ތެދުވުމެވެ. ކުރީން ވެސް ދެންނެވުނު ގޮތަށް، ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމުގެ ނިޔަތުގައި ވެސް އެ ކަން އެ ގޮތަށް ކޮށްފާނެއެވެ. ނުވަތަ ޒާތީ ތަޢައްޞުބާހުރެ ވެސް އެކަން އެ މަގުން ކޮށްފާނެއެވެ.
ވީމާ މި ދިވެހި މުޖުތަމަޢުގައި އޮތް އިޖުތިމާޢީ ގުޅުންތަކާއި ހަމަޖެހުން ޤާއިމުކުރުމަށް އިހުނަށް ވުރެ ބޮޑަށް އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ. ސިޔާސީ މަސައްކަތަށް ދައުލަތުން ފޯރުކޮށްދެއްވާ ފައިސާގެ އަގު ހެޔޮ ގޮތުގައި އަދާކުރާށެވެ. ޚިޔާލު ފާޅުކުރުމުގެ މައުޟޫޢާ ގުޅޭ ގޮތުން ބަޔާންވެފައިވާ، ޝަރުޢީ އަދި ޤާނޫނީ އަސާސްތަކުގައި ހިފަހައްޓަވައި، ޢިލްމީ ގޮތުން ޚިޔާލުފާޅުކުރާށެވެ. ވެރީންނަށް ކިޔަމަންތެރިވުމުގައި ނަމޫނާދައްކާށެވެ! އިޖުތިމާޢީ ގޯސްނުހަދާށެވެ! ކަމެއް ގޯސްވާ ހިނދު އެ ކަމެއް އިތުރަށް ގޯސްވެދާނެ އެންމެހައި ކަންކަމުން ރައްކާތެރިވާށެވެ!
ބައެއް ލަފުޒުގެ މާނަ:
ނަޒަރު ނ. (1) ފެންނަ ފެނުން. (2) ވިސްނޭ ވިސްނުން.
ނައްޞު ނ. ލިޔެވިފައިވާ އަސްލު ގޮތް.
އިސްވާރު ނ. (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ.
ޢުރުފު ނ. އާދަކާދައިގެ ގޮތުން ގަބޫލުކުރަމުން އަންނަ ގޮތް. (ރަދީފުގައި އޮންނަ ލަފުޒެއް ނޫން)
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.