ad_banner
އެއީ ޚިޔާޅުފާޅުކުރުމުގެ މިނިވަންކަމެއް ނުވަތަ ނޫސްވެރިކަމެއް ވެސް ނޫނެވެ. އެއީ ޝަރީޢަތާ ޚިލާފު ޢަމަލެކެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 އޭޕްރިލް 2026

އިންސާނުން ދުނިޔެއަށް ފޮނުއްވީ ބިން ޢިމާރާތްކުރުމާ އެކު، މާތް ﷲއަށް ކިޔަމަންތެރިކަމާ އެކު އަޅުކަންކޮށް ބާއްޖަވެރި އުފާވެރި ޙަޔާތެއް މި ބިންމަތީގައި ހޭދަކޮށް ބާއްޖަވެރި އުޚުރަވީ ޙަޔާތެއް ޙާޞިލުކުރުމަށް ޓަކައެވެ. މި ކަމަށް ޓަކައި އަޅުގަނޑުމެން ދުޢާކުރާންވެސް ޖެހޭނެއެވެ. ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޒާބުން ދިންނެވުން އެދި ކުރާންޖެހޭ ދުޢާއެވެ. މި ކަމަށް ޓަކައި ދުޢާކުރާނެ ޞީޣާ ވެސް ކީރިތި ޤުރުއާނުގެ سورة البقرةގެ 201ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވައިފައި ވެއެވެ. (رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ - އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرةގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذابން އަޅަމެން ދިންނަވާނދޭވެ!) މި ދުޢާއެވެ.

ދުނިޔޭގައި އިންސާނާ ދިރިއުޅޭ އިރު އޭނާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭންޖެހެއެވެ. އެހެން ނޫންނަމަ، ދުނިޔެ އާރާސްތުކުރުމާއި ﷲއަށް އަޅުކަންކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އޭނާއަކަށް އަދައެއްނުކުރެވޭނެއެވެ. މި ކަމަށް ޓަކައި އިސްލާމީ ޝަރީޢަތުގައި ވަނީ މައިގަނޑު ފަސް މަގުސަދެއް ކަނޑައަޅުއްވައިފައެވެ. އިސްލާމީ ޝަރީޢާއަކީ ސަމާސާއެއް ނޫނެވެ. އެ ޝަރީޢާގައި އެކުލެވިގެންވާ ކޮންމެ ކަމަކީ ވެސް ވަކި މަޤުޞަދެއް އޭގައި ހިމެނޭ ކަމެކެވެ. އެ ފަސް މަގުސަދަކީ:

·    ދީން ޙިމާޔަތްކުރުން (حفظ الدين)

·    ނަފުސު ޙިމާޔަތްކުރުން (حفظ النفس)

·    ބުއްދި ޙިމާޔަތްކުރުން (حفظ العقل)

·    ނަސްލު (ނުވަތަ ޢަބުރާއި ޝަރަފު) ޙިމާޔަތްކުރުން (حفظ النسل (أو العرض) )

·    މުދާ ޙިމާޔަތްކުރުން (حفظ المال)

އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ވެސް ކުރާން ހުއްދަ އޮންނާނީ މިއިން އެއްވެސް މަގުސަދަކާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ. މިއިން އެއްވެސް މަގުޞަދަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ނަމަ، އެ ޢަމަލެއްވާނީ އިސްލާމީ ޝަރީޢަތާ ޚިލާފު ޢަމަލެއްކަމަށެވެ.

މިއިން ކޮންމެ ކަމަކީ ވެސް ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. މިއިން ޙައްގަކަށް އެއްވެސް މީހަކަށް އަރައެއްނުގަނެވޭނެއެވެ. ކޮންމެ މުސްލިމަކަށް ވެސް އޭނާގެ ދީން (އިސްލާމް ދީން) ޙިމާޔްތަކުރުމާއި، އޭނާގެ ނަފުސު ޙިމާޔަތްކުރުމާއި، އޭނާގެ ބުއްދި ޙިމާޔަތްކުރުމާއި، އެނާގެ ނަސްލާއި ޢަބުރާއި ޝަރަފާއި ކަރާމާތް ޙިމާޔަތްކުރުމާއި، އޭނާގެ މުދާ ޙިމާޔާތްކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްގެއްގެ އިތުރަށް އެއީ އޭނާގެ ކިބައިގައި އޮތް މަސްއޫލިއްޔަތެއް ވެސް މެއެވެ. އެހެންކަމުން ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ ނަމުގައިކަމަށް ވިޔަސް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައިކަމަށް ވިޔަސް މިއިން ޙައްގަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ކުށެކެވެ.

އިސްލާމީ ޝަރީޢާގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އިސްލާމް ދީނުގައި ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައިވެއެވެ.

މީގެ ތެރެއިން ނަސްލު ޙިމާޔަތްކޮށް އިންސާނީ ޝަރަފާއި ކަރާމާތް ޙިމާޔަތްކުރުމަށް ޓަކައި ވެސް ވަރަށް ވަރަށް ވަރުގަދަ އުޞޫލުތަކެއް ކަނޑައަޅުއްވައިފައިވެއެވެ. ޒިނޭކުރުން ޙަތާމްކުރައްވައިފައިވެއެވެ. ޒިނޭ ސާބިތުވެއްޖެ ނަމަ، ވަރުގަދަ ޢުޤޫބާތް ކަނޑައަޅުއްވައިފައިވެއެވެ. އަދި ސާބިތު ނުހިފޭ ގޮތަށް މީހުންނަށް ޒިނޭގެ ތުހުމަތު އަޅުވައިފި ނަމަ (ޤުޛުފުކޮށްފި ނަމަ) މި ފަދަ ކުށްތަކަށް ވެސް ޙައްދު ކަނޑައެޅިފައިވެއެވެ.

އަދި މީހުންނަށް ފުރައްސާރަކުރުމާއި، އެކަކު އަނެކަކަށް ޢައިބުކިޔުމާއި، މީހުން ނުރުހޭ ފަދަ ނަންތަކުން (ލަގަބުތަކުން) މީހުންނާ މުޚާޠަބުކުރުން މާތް ﷲ ވަނީ ނަހީކުރައްވައިފައެވެ. سورة الحجراتގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ - އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.(

މިހިރަމިހިރީ މީސްތަކުންގެ ޢަބުރު ރައްކާތެރިކުރުމަށް ޓަކައި ކަނޑައަޅުއްވައިފައިވާ އިންތަކެކެވެ.

މީސްތަކުންގެ ޢަބުރު ރައްކާތެރިކުރެއްވުމަށް ޓަކައި، ޙައްޖަތުލްވަދާޢުގެ ތާރީޚީ ޚުޠުބާގައި ނަބިއްޔާ   އެންމެހައި މުސްލިމުތަކުން ހެކިކުރައްވައި ވަރަށް ވަރުގަދަ ޙައްޤުތަކެއް ވަނީ ކަށަވަރުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ حَرَّمَ عليكم دِماءَكُم وأموالَكُم وأعراضَكُم كَحُرمةِ يَومِكُم هذا، في شَهرِكُم هذا، في بَلَدِكُم هذاހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ރަށުގައި، ތިޔަބައިމީހުންގެ މި މަހުގައި، ތިޔަބައިމީހުންގެ މި ދުވަސް މާތް ﷲ ޙުރްމަތްތެރިކުރައްވާފައިވާ ފަދައިން، އެކަލާނގެ ވަނީ ތިޔަބައިމީހުންގެ ލެއާއި ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ އަބުރު ޙުރުމަތްތެރިކުރައްވައިފައެވެ.))

އެހެންކަމުން އިސްވެ މި ދެންނެވި ފަސް މަގުސަދުގެ ތެރެއިން މަގުސަދަކާ ޚިލާފު، ކޮންމެ ކަމެއް ހުއްޓުވުމަކީ އިސްލާމީ ވެރިކަމެއްގެ މައްޗަށް ލާޒިމުކަމެކެވެ. ދެން ހުރި އެހެން ހުރިހައި ކަމެއްގެ މައްޗަށް ވެރިކަމުގެ ފަރާތުން ވެސް ސަމާލުކަންދޭންވާނީ އިސްލާމްދީނުގެ މި ފަސް މަގުސަދާ ފުށުނާރާ ގޮތެއްގެ މަތީންނެވެ. ނޫސްވެރިކަމުގެ މިންވަންކަމޭ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިގެން އިސްލާމްދީނުގެ އެއް މަގުސަދުކަމުގައިވާ އަބުރު ޙިމާޔަތްކުރުމުގެ މަގުސަދާ ޚިލާފު ކަމެއް ކުރާ ކަމަށް ވިޔަސް، އެ ކަން ހުއްޓުވާންޖެހޭނެއެވެ.

ނޫސްވެރިކަމޭ ކިޔައިގެން ޙުރުމަތްތެރިކުރައްވައިފައިވާ އިންސާނާގެ ޢަބުރަށް އަރައިގަންނަ ނަމަ، އެ ކަން ހުއްޓުވުމަކީ އިސްލާމީ ވެރިކަމުގެ މައްޗަށް ލާޒިމުކަމެކެވެ.  މިނިވަންކަމާއި ޙައްގުތައް ކަށަވަރުވެފައި އޮންނާން ޖެހޭނީ އިސްލާމީ ޝަރީޢާގެ މަގުސަދުތަކުގެ ގިޔުގަނޑުގެ ތެރޭގައެވެ. އަދި މީގެ އިތުރަށް ފާހަގަކުރާންޖެހޭ އަނެއްކަމަކީ، ނަމާއި ޢަބުރު ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އަމިއްލައަށް ހަދައިގެން ރާއްޖޭގައި ތަންފީޒުކުރާ ޤާނޫނުއަސާސީގެ 33ވަނަ މާއްދާގައި ވެސް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. އެ މާއްދާގައި ވަނީ [އެ މީހެއްގެ ނަމާއި ޢަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.] މިހެންނެވެ.

އިސްލާމީ ޝަރީޢަތުގެ މަގުސަދާ ޚިލާފު ކަންކަމަށް، އަދި ޤާނޫނުއަސާސީއާ ޚިލާފަށް މީހުން ޚިޔާލު ފާޅުކުރާ ހިނދު، ނުވަތަ މީހުންގެ އަބުރަށް އަރައިގަންނަ ހިނދު، އެ ކަމާ ފިޔަވަޅު އަޅައިފި ނަމަ، އެމެރިކާއާއި ހުޅަނގުގެ މީޑިއާތަކާއި އިންސާނީ ހައްގުތަކޭ ކިޔައިގެން އުޅޭ ޖަމާޢަތްތަކުން ވަރަށް ބާރަށް ތެޅިގަންނާނެއެވެ. ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމުތަކުގައި މި ހައްގު އެއްވެސް ވަރަކަށް ނޯންނަކަން އަޅުގަނޑުމެން ދަންނަ ކަމެއް ވެސް އެ މީހުންނަކަށް ނޭނގެއެވެ.

މިސާލަކަށް: މިހާރު އެމެރިކާގައި އިޒުރޭލުން ހިންގާ އެއްވެސް ކަމަކާ ދެކޮށް ޚިޔާލުފާޅުކުރުމާއި، ޚުދު ނަޞާރާ ދީނުގައި ގަބޫލުކުރާ ގޮތަށް ޢީސާގެފާނު ގަތުލުކުރީ ޔަހޫދީއެކޭ ބުނުމަކީ ވެސް ޖިނާއީ ކުށަކަށް ވަނީ ހަދައިފައެވެ. އިނގިރޭސިވިލާތުގައި އެ ގައުމުގެ ރަސްގެފާނާ ދެކޮޅަށް ޚިޔާލުފާޅުކުރުމަކީ ވެސް ކުށެކެވެ. އެހެންވީ އިރު، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމަށް އޮތް ފުރުޞަތު މާ ބޮޑަށް ވެސް އިތުރުކަން ފާހަގަކުރެއްވޭނެއެވެ. އަޅުގަނޑުމެންގެ ނޫސްވެރީން، ދައުލަތުގެ އިސްވެރީންނާއި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ބެހޭ ގޮތުން ވެސް ތަފާތު ދޮގު ވާހަކަތައް ވެސް ފަތުރަމުން ގެންދެއެވެ. އަދި ދައުލަތުގެ ވެރީންގެ އިސްތަށިފުޅުގައި ޤަޛުފުގެ ތުހުމަތު ވެސް އެބަ އަޅުވައެވެ. ހަގީގަތުގައި މި މިންވަރަށް [ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން] އޮތުމަކީ އިސްލާމީ ޝަރީޢާގެ މަގުޞަދުތަކާ ވެސް ޚިލާފު ކަމެކެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ޙިމާޔަތްކުރައްވައިފައިވާ ފަދައިން، އަދި އަޅުގަނޑުމެން އަމިއްލައަށް ލިޔެ ފާސްކޮށްފައިވާ ޤާނޫނު އަސާސީގައިވާ ފަދައިން، ފަރުދުންގެ ނަމާއި ޢަބުރާއި ކަރާމާތާއި ޝަރަފު ޙިމާޔަތްކޮށްދެއްވުމަށާއި ކޮންމެ މީހަކު ވެސް ޚިޔާލު ފާޅުކުރަނީ އިސްލާމީ ޝަރީޢާގެ މަގުސަދުތަކުގެ އިމުގެ ތެރޭގައިކަން ކަށަވަރުކުރެއްވުމަށް ދައުލަތުގެ ކަމާ ބެހޭ މަސްއޫލު މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ. އެހެން ނޫން ނަމަ، މި މުޖުތަމަޢުގައި އިންސާނާގެ ޢަބުރު ޙިމާޔަތްކުރުމުގެ ހައްގު ގެއްލި މުޖުތަމަޢުގައި ފިތުނަ ފަސާދަ ޢާންމުވެދާނެއެވެ.

ކޮމެންޓު