އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 އޭޕްރިލް 2026
ކުށެއްނެތް މަޢުޞޫމު އިންސާނަކާ ދެކޮޅަށް، އަދި ކިއެއް، ޖަނަވާރަކާ ދެކޮޅަށް ވެސް އެއްވެސް ކަހަލަ ޢުދުވާނީ ޢަމަލެއް ހިންގުމަކީ އިސްލާމްދީން ޙަރާންކުރާ ކަމެކެވެ. އެއީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަމެކެވެ. މި ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރޭގައި ނަފުސާއި ނަސްލާއި މުދަލާއި ބުއްދިއާއި ދީން ރައްކައުތެރިކުރުން ހިމެނޭތީއެވެ. ނަބިއްޔާ ﷺ ޙައްޖަތުލްވަދާޢުގައި އެންމެހައި މުސްލިމުތަކުން ހެކިކުރައްވައި މީސްތަކުންގެ ލޭ އޮހޮރުވުމާއި މީސްތަކުންގެ މުދާ ކެއުމާއި އަބުރަށް އަރައިގަތުން ވަނީ ދާއިމަށް، އަބަދަށް، ޤިޔާމަތާ ޖެހެންދެން، ނަހީކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ حَرَّمَ عليكم دِماءَكُم وأموالَكُم وأعراضَكُم كَحُرمةِ يَومِكُم هذا، في شَهرِكُم هذا، في بَلَدِكُم هذا. – ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ރަށުގައި ، ތިޔަބައިމީހުންގެ މި މަހުގައި ތިޔަބައިމީހުންގެ މި ދުވަސް މާތް ﷲ ޙުރްމަތްތެރިކުރައްވާފައިވާ ފަދައިން އެކަލާނގެ ތިޔަބައިމީހުންގެ ލެއާއި ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ އަބުރު ޙުރްމަތްތެރިކުރެއްވިއެވެ.))
މި ކަމާ ބެހޭ ގޮތުން އިސްލާމްދީނުގައި އެތައް އުޞޫލުތަކެއް ކަނޑައަޅުއްވައިފައިވެއެވެ. އޭގެ ތެރޭގައި:-
1. ކުށެއްނެތް މަޢުޞޫމު މީހަކާ ދެކޮޅަށް ޢުދުވާނީ އެއްވެސް ޢަމަލެއް ހިންގުން ޙަރާން ކުރެއްވުން: މި ކަން ޙަރާންކުރެއްވި ކުރެއްވުމުގައި މުސްލިމުންނާއި ޣައިރުމުސްލިމުން ހިމެނެއެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަވެރި ޢަމަލުތައް ނުހިންގާ އެންމެތަކުން ޝާމިލުވެގެން ވެއެވެ.ހަނގުރާމައިގެ ޙާލަތުގައި ވެސް އެބައިމީހުންނާ ހަނގުރާމަ ނުކުރާ އެއްވެސް ބަޔަކާ ހަނގުރާމަ ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިންނާއި ނުކުޅެދޭމީހުންނާއި ފައްޅިތަކުގައި އެމީހުންގެ ދީނީ މަސައްކަތުގައި ވަގުތު ހުސްކޮށްލައިގެން އުޅޭ ރާހިބުން ހިމެނެއެވެ. މިހެންވެ ހުޅަނގުގެ އިންސާފުވެރި މުއައްރިޚުން އެއްބަސްވާ ގޮތުގައި މުސްލިމުންނަށް ވުރެ އޯގާވެރި އިންސާފުވެރި ފާތިޙުންތަކެއް އިންސާނީ ތާރީޚު ދެކެފައެއްނުވެއެވެ.އިސްލާމްދީން ޖަނަވާރުންނަށް ގޯނާކުރުން ވެސް ވަނީ މަނާކޮށްފައެވެ. ވީމާ އިންސާނުންނަށް ގޯނާކުރުން މި ދީން ހުއްދަކުރާނެތޯއެވެ؟ ނުކުރާނޭކަން ކަށަވަރެވެ. ލޮބުވެތި އޯގާވެރި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((دَخَلَتِ امرأةٌ النارَ في هِرَّةٍ حَبَسَتْها، فلا هي أَطْعَمَتْها، ولا هي تَرَكَتْها تأكلُ من خَشاشِ الأرضِ - ބުޅަލެއް ބަނދެފައި ބޭއްވުމުގެ ސަބަބުން އަންހެނަކު ނަރަކައަށް ވަނެވެ. އޭނާ މި ބުޅަލަށް ކާކަށް ނުދެއެވެ. އަދި އޭތި ބިންމަތިން ހޮވައި ކާން ދޫކޮށެއް ވެސް ނުލިއެވެ. )) ވީމާ އިންސާނަކު ރަހީނުކުރުމުން ނުވަތަ ކާއެއްޗެއް ބޯއެއްޗެއް ނުލިބޭ ގޮތަށް ބަނދެފައި ބޭންދުމުން ވާނީ ކިހިނެއްތޯއެވެ؟ މާތް ﷲ ރުއްސުންލެއްވި އައްނުޢުމާނު ބުނު ބަޝީރުގެ އަރިހުން ރިވާވެގެންވެއެވެ. " އަހުރެމެން ރަސޫލާ ﷺގެ އަރިހުގައި ދަތުރެއް ކުރީމެވެ. އަހުރެމެންގެ ތެރެއިން މީހަކު ސަވާރީ މަތީ އިންދާ ނިދިއައިސްގެން ތާއްޔަށް ޖެހުނެވެ. އެހިނދު މީހަކު އޭނާގެ ދުނި ކޮތަޅުން ދުންޏެއް ނެގިއެވެ. ނިދިޖެހުނު މީހާ ބިރުންގޮސް ސިއްސައިގެން ދިޔައެވެ. އެހިނދު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لا يحلُّ لرجلٍ أن يُروِّعَ مسلمًا - މުސްލިމަކު ބިރުގެންނެވުމަކީ މީހަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ.)) މި ބަސްފުޅު އެހެން ޢިބާރާތަކުން އައިސްފައިވެއެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((لا يحلُّ لمسلمٍ أن يروِّعَ مسلمًا - މުސްލިމަކު ބިރުގެންނެވުމަކީ މުސްލިމަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ.)) ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސަމާސާކުރުމުގެ ގޮތުން ވިޔަސް މުސްލިމަކު ބިރުގެންފާނެ ޢަމަލެއް ކޮށްގެން ނުވާނެއެވެ.
2. މީހަކު ކުރި ކުށެއްގެ އަދަބު އެހެން މީހަކަށް އުފުއްލާން ނުޖެހުން: ކޮންމެ އިންސާނަކު ވެސް ޒިންމާވާން ޖެހޭނީ އޭނާގެ ޢަމަލުތަކަށެވެ. ތިމާއާ ކިތަންމެ ގާތްމީހަކަށް ވިޔަސް ކިތަންމެ ބޮޑު ރަޙުމަތްތެރިއަކަށް ވިޔަސް އޭނާގެ ކުށް ތިމާއަށް އުފުއްލާކަށް ނުޖެހޭނެއެވެ. ބަފަޔަކު ހިންގާ މާރާމާރީއަށް އޭނާގެ ދަރިފުޅު ޖަވާބުދާރީވާކަށް ނުޖެހޭނެތެވެ. އަދި އޭނާއަށް އަދަބެއް ވެސް ނުމެދެވޭނެތެވެ. ހަމަ އެ ފަދައިން ދަރިއަކު ކުރި ކުށެއްގެ އަދަބު އޭނާގެ ބަފަޔަކަށް ވެސް ނުދެވޭނެތެވެ. ޢަދުލުވެރިކަމަކީ މިއެވެ. ޙައްޤަކީ މިއެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި މި އުޞޫލު ކަށަވަރުކޮށްދީފައިވެއެވެ. މާތް ﷲ ބާވައިލެއްވި އެހެން ފޮތްތަކުގައި ވެސް މި އުޞޫލު އައިސްފައިވާކަން ޤުރްއާނުން އެނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴿٣٦﴾ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴿٣٧﴾ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ﴿٣٨﴾ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ﴿٣٩﴾ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴿٤٠﴾ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ - އަދި ކީއްހެއްޔެވެ؟ موسى ގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟ އަދި (ހުރިހައި ކަންތައްތަކެއް) ފުރިހަމަ ގޮތުގައި ފުއްދެވި، إبراهيمގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ. އަދި ފާފަވެރި އެއްވެސް نفسއެއް، އެހެން نفسއެއްގެ ފާފަޔެއް ނުއުފުއްލާނެތެވެ. ދެން އޭނާ ކުޅަ عملއަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.( (ކުށެއް ނެތް) މީހަކު މެރުމަކީ ނުރައްކާތެރި ބިރުވެރި ޖަރީމާއެކެވެ. މިއީ އިސްލާމްދީން ވަރަށް ބޮޑަށް މަނާކޮށްފައިވާ ޖިނާޔަތެކެވެ. އެ ކަމުގެ ޢުޤޫބާތަކީ ވަރަށް ބޮޑު ޢުޤޫބާތެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މާތް ﷲ ޤާތިލުންގެ ކިބައިން ތައުބާ ވެސް ޤަބޫލެއްނުކުރައްވާނެތެވެ. މާތް ﷲ މި ކަމުގެ ނުބައިކަން، މި ޖަރީމާގެ ބޮޑުކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((مَن قَتَلَ نَفْسَۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا - نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫން ގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރިފަދައެވެ.)) ސަބަބަކާ ނުލައި މީހަކު މެރުމުގެ ނުބައިކަން ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((لَزوالُ الدُّنيا أهونُ على اللهِ من قتلِ رجلٍ مسلمٍ - ދުނިޔެ ހަލާކުވެގެންދިޔުމަށް ވުރެ މުސްލިމަކު މަރައިލުން ﷲގެ ޙަޟުރަތަށް އިހާނެތިކަން ބޮޑުވެގެންވެއެވެ.)) ކައު ރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((لو أنَّ أهلَ السَّماءِ وأهلَ الأرضِ اشتَركوا في دَمِ مُؤمِنٍ لأكَبَّهم اللهُ في النّارِ - މުއުމިނެއްގެ ލޭ އޮހޮރުވުމުގައި އުޑުގެ އަހުލުވެރީންނާއި ބިމުގެ އަހުލުވެރީން ބައިވެރިވިޔަސް މާތް ﷲ އެ އެންމެން ނަރަކައަށް މޫނުވަތަށް އެއްލައިލައްވާނެއެވެ.)) މީހަކު މަރައިލުމަކީ ވަރަށް ބޮޑު ކަމެކެވެ. މީހަކާ ދިމާއަށް ތޫނު އެއްޗެއް މަޅައިލުމަކީ ވެސް ﷲ އެ ކަމަށް ޓަކައި އެ މީހަކަށް ލަޢުނަތްލައްވާނެ ކަމެކެވެ. މި ފަދަ އެއްޗެއް މަޅައިލުމުގެ ސަބަބުން އޭނާއަށް ހާސްކަން ލިބި ބިރުގެންފާނެތީއެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((من أشار إلى أخيه بحديدَةٍ فإِنَّ الملائكةَ تلعنُهُ حتى ينتهي – އޭނާގެ އަޚާއާ ދިމާއަށް ތޫނު އެއްޗެއް މަޅައިލި މީހާ ދަންނައެވެ. އޭނާ އެ ކަން ހުއްޓައިލައިފުމަށް ދާންދެން މަލާއިކަތުން އޭނާއަށް ލަޢުނަތްލައްވާނެއެވެ.))
ލޮބުވެތި ރަސޫލާ r މި ކަން މަނާކުރެއްވީ ފަހަރެއްގައި މި މަޅައިލި އެތީން އޭނާގެ އަޚާއަށް މާއްދީ ގޮތުން ގެއްލުމެއް ލިބިދާނެތީއެވެ. މިހެންވެ އިސްލާމީ ރިވެތި އަދަބަކީ ވަޅިއެއް ފަދަ ތޫނު އެއްޗެއް މީހަކަށް ދޭ ނަމަ، އޭގެ ތިލައިގައި ހިފައިގެން އޭނާއަށް މުށްގަނޑު ދިއްކޮށްލުމެވެ.
މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި ކޮންމެ ވަސީލަތެއް ބޭނުންކުރުން ހުއްދަވެގެންނުވުން: ރަނގަޅު ކަމެއް ކުރުމަށް ޓަކައި ނުބައި ވަސީލަތެއް ބޭނުންކުރުމަކީ އިސްލާމްދީން ޤަބޫލުކުރާ އުޞޫލެއްނޫނެވެ. މިއީ ރައުސްމާލީ އުޞޫލެކެވެ. މަކްޔާވެއްލީގެ ފަލްސާއެކެވެ. އިސްލާމްދީނުގެ އުޞޫލުތައް ބުނާ ގޮތުގައި ހެޔޮ މަޤްޞަދުތައް ޙާޞިލުކުރާންވާނީ ހެޔޮ ވަސީލަތްތަކުންނެވެ. ޙަރާން ގޮތްގޮތަށް ހޯދާ މުދާ ކިތަންމެ ރަނގަޅު ކަމަކަށް ހޭދަކުރިޔަސް މާތް ﷲ އެ ޤަބޫލެއް ނުކުރައްވާނެތެވެ. މިސްކިތެއް އެޅުމަށް ޓަކައި ފައިސާ ހޯދުމަކަށް ނާސިގެއެއް ނުހިންގޭނެތެވެ. ފަޤީރުންނަށް އެހީވުމަށް ޓަކައި ވައްކަމެއް ނުކުރެވޭނެތެވެ. ޔަތީމުޚާނާއެއް ހިންގުމަށް ޓަކައި މަސްތުވާތަކެތީގެ ވިޔަފާރިއެއް ނުކުރެވޭނެތެވެ. ވިޔަފާރިވެރިޔާގެ ޖީބަށް ވަންނަ އާމުދަނީ އިތުރުކުރުމަށް ޓަކައި އެކުފާރިކުރުން ހުއްދައެއްނުވާނެތެވެ. ކީރިތި ރަސޫލާ عليه الصلاة والسلام ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ عزَّ وجلَّ طيبٌ لا يقبلُ إلا طيبًا - ހަމަކަށަވަރުން اللهُ عزَّ وجلَّއަކީ ހުރިހައި އުނި ސިފަތަކަކުން ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ރަނގަޅު ކަންކަން މެނުވީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވާނެތެވެ. ކައު ރަސޫލާ عليه الصلاة والسلامގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((لا يقبَلُ اللهُ صلاةً بغيرِ طُهورٍ ولا صدقةً من غُلولٍ - ޠަހާރަތާ ނުލައި ކުރާ ނަމާދާއި ޣަނީމާ މުދަލުން ސިއްރުން ނަގާ އެއްޗަކުން ކުރާ ޞަދަޤާތް މާތް ﷲ ޤަބޫލުފުޅެއްނުކުރައްވާނެތެވެ.)) މިހެންވެ ޞާލިޙު ސަލަފުން ވިދާޅުވާ ގޮތުގައި މާތް ﷲ ޤަބޫލުފުޅުކުރައްވާ ޞާލިޙު ޢަމަލެއްގައި ދެ ސިފައެއް ހުންނާންޖެހޭނެއެވެ. އެއީ ﷲގެ ވަޖްހުފުޅު އަދައިގެން ކުރުމާއި ކުރާ ކަމެއް ރަނގަޅު ހެޔޮ ގޮތުގައި ކުރުމެވެ.[1] - أخرجه البخاري (٤٤٠٦ ) ومسلم (١٦٧٩) و أبو داود (١٩٠٥) وابن ماجه (٣٠٧٤) والدارمي (١٨٩٢) وأحمد (٢٠٣٨٦) وابن حبان (٥٩٧٤)
[2] - أخرجه البخاري (٣٣١٨)، ومسلم (٢٢٤٢)
[3] - أخرجه الطبراني في ((الأوسط)) (١٦٧٣)، وأبو نعيم في ((تاريخ أصبهان)) (١/ ١٦٣)
[4] - أخرجه أبو داود (٥٠٠٤)، وأحمد (٢٣٠٦٤)، والبيهقي (٢١١٧٧) وابن أبي شيبة في ((مسنده)) (٩٦٩)
[5] - النجم: 36 – 40
[6] - المائدة : 32
[7] - أخرجه الترمذي (١٣٩٥) والنسائي (٣٩٨٧)
[8] - أخرجه الترمذي (١٣٩٨) والحاكم (٨٠٣٦)
[9] - أخرجه مسلم (٢٦١٦)
[10] - أخرجه مسلم (١٠١٥)، وأحمد (٨٣٤٨)، والدارمي (٢٧٥٩) وعبد الرزاق (٨٨٣٩)، والبزار (٩٧٤٢)
[11] - أخرجه البزار (٨١١٨)، وابن خزيمة (١٠)، و أبو يعلى (٦٢٣٠) وأبو داود (٥٩)، وابن ماجه (٢٧١)