ad_banner
އިސްލާމްދީން - އިންސާނާގެ ކަރާމާތާއި ޒާތީ މިނިވަންކަން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދޭ.

އަލްއުސްތާޒާ ޙައްވާ ލަޠީފު

30 އޭޕްރިލް 2026

އިސްލާމްދީނަކީ އިންސާނާގެ ކަރާމާތާއި އޭނާގެ ޒާތީ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭ ދީނެވެ. އިސްލާމްދީނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި އިންސާނީ ޙައްޤެއް ނޫނެވެ. އެއީ ދީނީ ގޮތުން އަދާކުރާންޖެހޭ ބޮޑު ވާޖިބެއްވެސް މެއެވެ. އިސްލާމީ މުޖުތަމަޢެއްގެ ހަމަޖެހުމާއި ކުރިއެރުން ބިނާވެފައިވަނީ [ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން] މި މަތިވެރި އަސާސުގެ މައްޗަށެވެ. މީގެ އަސްލު މަގުސަދަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ނަޞޭޙަތްތެރިވުމާއި އިޞްލާޙުކުރުމެވެ.

ކީރިތި ޤުރްއާނުގައި ޚިޔާލު ފާޅުކުރުމާއި ފިކުރުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އިސްލާމްދީން ވަނީ މީހެއްގެ ޢަޤީދާއާއި ފިކުރު އިޚުތިޔާރުކުރުމުގެ މިނިވަންކަން ދީފައެވެ. ސޫރަތުލްބަޤަރާގައި މާތްﷲ ވަޙީކުރައްވައިފައިވަނީ: ﴿لا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ [1]  މާނައީ: [دينއަށް ވެއްދުމުގައި مجبورކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالةގެ އަނދިރިކަމުގެ ތެރެއިން، هدايةގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطانއާޔަށް كافرވެ اللَّهއަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެ މީހާ، އެންމެ ވަރުގަދަ عقيدةގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] މިއީ ފިކުރީ މިނިވަންކަމުގެ އެންމެ އުސްމިނެވެ.

ޚިޔާލު ފާޅުކުރުމުގައި ބޭނުންކުރާންޖެހޭ ބަސްމަގާއި އޭގެ އަދަބުތައް ވެސް ކީރިތި ޤުރްއާނުން އެނގޭން އޮވެއެވެ. މާތްﷲ ވަޙީކުރައްވަނީ: ﴿وَقُولُوا لِلنَّاسِ حُسْنًا [2] މާނައީ: [އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!] މީގެ މާނައަކީ މީސްތަކުންގެ އަބުރަށް އަރައިގަތުމާއި ފިތުނަ އުފެއްދުމުގެ ބަދަލުގައި، ރިވެތި ބަހުން ނަޞޭޙަތްތެރިވުމެވެ.

މީގެ އިތުރަށް، ކޮންމެ މީހަކީ ވެސް ތިމާ ކުރާ ޢަމަލަށާއި ބުނާ ބަހަށް އަމިއްލައަށް ޒިންމާވާންޖެހޭނެ މީހެއްކަން ކަނޑައަޅުއްވައި ފާޠިރު ސޫރަތުގައި ﷲ ވަޙީކުރައްވާފައިވަނީ: ﴿وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى [3]މި ފަދައިންނެވެ. މާނައީ: [އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެއެވެ.]

މުޖުތަމަޢުގެ ކަންކަމުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމަކީ މުއުމިނުންގެ ސިފައެއްގެ ގޮތުގައި ޤުރްއާނުގައި ސިފަކުރައްވައިފައިވެއެވެ. އައްޝޫރާ ސޫރަތުގައި ﷲ ވަނީ އެ ކަން ވެސް ބަޔާން ކުރައްވައިފައެވެ. ﴿وَأَمْرُهُمْ شُورَىٰ بَيْنَهُمْ [4] މާނައީ: [އަދި އެބައިމީހުންގެ ކަންތައްތައް އެބައިމީހުންގެ މެދުގައި މަޝްވަރާގެ މަތިން ނިންމައެވެ.] މީގެ އިތުރަށް، މުޖުތަމަޢުގައި އަށަގެންފައިވާ ނުރަގަޅު ކަންކަން ފާހަގަކޮށް އެ ކަންކަން އިޞްލާޙުކުރާން ބަސްބުނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މަސް އޫލިއްޔަތެކެވެ. އެ ކަމަށް އިޝާރާތްކޮށް އާލުޢިމްރާނު ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ: ﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴾‏[5] ހެޔޮކަމަށް ގޮވައިލާ، ހެޔޮކަންކަމަށް އަމުރުކުރާ އަދި ނުބައިކަންކަން ނަހީކުރާ ބަޔަކު މުސްލިމުންގެ ތެރެއިން ވާންޖެހޭނެކަމަށެވެ.

ނަބަވީ ސުންނަތުން ފެންނާން އޮތް ގޮތުގައި، އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނެވޭ ޢަދުލުވެރި ބަހެވެ.[6] މި ފަދަ ބަހެއް ނަމަވެސް ބުނާންވާނީ ކުރީން ދެންނެވި އަސާސްގެ މަތީގައި، ހެޔޮ ބަސް ބުނާން ކުރައްވައިފައިވާ އަމުރުފުޅާ އެއް ގޮތަށް ރީތި އަދަބުވެރި ބަސްތަކުންނެވެ. ރަސޫލުﷲ ޙަދީޘްކުރައްވައިފައިވަނީ [ދީނަކީ ނަޞޭޙަތްތެރިވުން]ކަމަށެވެ. [7] ނަމަވެސް މި ބަސްބުނުމުގައި ހުންނާންޖެހޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅުއްވައިފައެވެ. ވަދާޢުގެ ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު ވަނީ އެކަކު އަނެކަކަށް ޙަސަދަވެރިނުވުމަށާއި، ރުޅިވެރިކަން އިސްނުކުރުމަށް ވަޞިއްޔަތްކުރައްވައިފައެވެ.[8]

އިސްލާމްދީނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ވަކި މިންގަނޑުތަކެއްގެ ތެރޭގައެވެ. އޭގެ އެންމެ މުހިންމު މަޤްޞަދަކީ ފަސާދަ އުފެއްދުމުގެ ބަދަލުގައި މުޖުތަމަޢު އިޞްލާޙުކޮށް ފައިދާ ހޯދައިދިނުމެވެ. ބަސްބުނުމުގައި ހުތުރު ބަހުން ވާހަކަދެއްކުމާއި، ލަޢުނަތް ދިނުމަކީ މަނާކަމެކެވެ. އަދި ކޮންމެ މީހަކީވެސް ތިމާ ބުނާ ބަހަށް ޒިންމާވާންޖެހޭނެ މީހެކެވެ. އެހެންކަމުން، އެހެން މީހުންގެ ޙައްޤުތަކާއި އަބުރަށް އުނިކަން ނާންނާނެ ގޮތަށް ޢަމަލުކުރުމަކީ ލާޒިމުކަމެކެވެ. ހަމަ އެހެންމެ، ޙަޤީޤަތް ބެލުމެއް ނެތި ފާޑުފާޑުގެ އަޑުތަކާއި ދޮގު ޚަބަރުތައް ފެތުރުމަކީ ޚިޔާލު ފާޅުކުރުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫނެވެ.

  ދިވެހިރާއްޖޭގެ މުޖުތަމަޢަށް ބަލާ އިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. ހަމަ މިއާ އެކު، ޤާނޫނުއަސާސީގެ 33ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް [އެ މީހެއްގެ ނަމާއި ޢަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤު] ކަށަވަރުކޮށްދީފައިވާކަން ވެސް ހަނދާން ނައްތައިލައިގެންނުވާނެއެވެ.

ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމުންކަމަށްވުމާ އެކު، މުޖުތަމަޢުގެ ޢާންމު މިންގަނޑުތައް ބިނާވެފައިވަނީ އިސްލާމީ އަޚުލާޤާއި އުޞޫލުތަކުގެ މައްޗަށެވެ. މީސްމީޑިއާއާއި އެކި މަޙުފިލްތަކުގައި ބަސްބުނާ އިރު، އިސްލާމްދީނުގެ އަސާސްތަކަށް އިޙްތިރާމްކުރުމާއި، އެހެން މީހުންގެ އަބުރަށް އުނިކަން ނާންނާނެހެން ޚިޔާލު ފާޅުކުރުމަކީ ދިވެހި ސަގާފަތުގެ ތެރެއިން ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ނަމަވެސް، ޒަމާނުގެ ފަންނިއްޔާތާ އެކު، މަޢުލޫމާތު ފެތުރުން އަވަސްވެފައިވާ އިރު، ބައެއް ފަހަރު ޙަޤީޤަތް ބެލުމެއްނެތި ވާހަކަތައް ފެތުރުމާއި، މީސްމީހުންގެ ޒާތީ ދިރިއުޅުމަށް އަރައިގަތުން ފަދަ އިސްލާމީ އުޞޫލުތަކާ ޚިލާފު ކަންކަން މުޖުތަމަޢުގެ ތެރެއިން ދަނީ ފެންނަމުންނެވެ. އެހެންކަމުން، ދިވެހި މުޖުތަމަޢުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާންވާނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅައިފައިވާ [ޒިންމާދާރުވުމާއި] ، [ތެދުބަސް ބުނުމާއި] އަދި [އިޞްލާޙަށް މަސައްކަތްކުރުން] ފަދަ މަތިވެރި ސިފަތައް ޖާގަ ތަނަވަސްކުރަމުންނެވެ. ޚިޔާލު ފާޅުކުރުމަކީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އިސްލާމްދީނުގައި ލިބި ދީފައިވާ މަތިވެރި ޙައްޤެކެވެ. މި ޙައްޤުގެ ބޭނުން ހިފާންވާނީ އިސްލާމީ އަދަބުތަކާއި އިސްލާމީ ޝަރީޢާގެ މިންގަނޑުތަކުގެ ތެރެއިން، މާތްﷲއަށް ބިރުވެތިވެ ތިބެ، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިމުގެ ތެރެއިން ޒިންމާދާރުކަމާ އެކުގައެވެ.

 

މަރުޖާ:

[1] ސޫރަތުލް ބަޤަރާ: 256

[2] ސޫރަތުލް ބަޤަރާ: 83

[3] ސޫރަތު ފާޠިރު: 18

[4] ސޫރަތުއް ޝޫރާ: 38

[5] ސޫރަތު އާލްޢިމްރާން: 104

[6] ސުނަން އަބީ ދާވޫދު، ޙަދީޘް: 4344

[7] ޞަޙީޙް މުސްލިމް، ޙަދީޘް: 55

[8] ޞަޙީޙް ބުޚާރީ، ޙަދީޘް: 6064 (ވަދާޢުގެ ޙައްޖުގެ ވަޞިއްޔަތްތަކާ ގުޅޭ)

ކޮމެންޓު