ad_banner
ނަޒާހަތްތެރިކަން - އޭގެ މަފުހޫމާއި އަހަންމިއްޔަތު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

1 މޭ 2026

[ނަޒާހަތު] މި ލަފުޒަކީ އަޅުގަނޑުމެންނަށް ވަރަށް ފަހުން ތަޢާރުފުވެފައިވާ ކަލިމައެކެވެ. އަޅުގަނޑުމެން ދެކެމުންދާ ޒަމާނީ ދީމުޤުރާޠީ ޙަޔާތާ އެކުވެ މަސްހުނިވެގެންނެވެ. ރަދީފުގައި އޮތް މާނައަށް ނުގޮސް މި ކަލިމައިގެ އަސްލަށް ބަލައިލާނަމެވެ. ރަދީފުގައި އޮތީ އިސްތިލާޙީ މާނައަކަށް ވާތީއެވެ.

نَزاهةُ އައިސްފައިވަނީ نَزُهَ މި އަސްލުންނެވެ. ތިމާގެ ނަފުސު ހަޑިހުތުރު ކަންކަމާ ދުރުކުރުމަކީ ނަޒާހަތެވެ. އަޚުލާޤު، ނަޒީހު މީހަކީ ނުބައި އެދުންތަކާ ދުރުގައިވާ މީހާއެވެ.

އަލްމުންނާވީ ވިދާޅުވެފައިވާ ގޮތުގައި ނަޒާހަތަކީ އިހާނެތިކަމެއް އަނިޔާވެރިކަމެއްނެތި މުދާ ހޯދުމާއި ހެޔޮ ރަނގަޅު ކަންކަމަށް މުދާ ހޭދަކުރުމެވެ.

ނަޒާހަތްތެރިކަން

ނަޒާހަތްތެރިކަމަކީ އިންސާނާގެ ޝަޚުޞިއްޔަތާއި އިންސާނާގެ ވަޒީފާ އަދާކުރުމުގައި އެކަކު އަނެކަކާ ވަކިކޮށްދޭ އިންސާނީ ގިޔަމެކެވެ. ނަޒާހަތްތެރިކަން ރިވެލިކޮށްދެނީ މުޢާމަލާތުތަކުގައި އޭނާ ޢަދުލުވެރިކަމަށާއި ތެދުވެރިކަމަށާއި މާހަރާކަމަށް ކަށަވެތިވާ މިންވަރެވެ. އެއީ ބުނެލާ ބަހެއްނޫނެވެ. އެއީ އޭނާ އަޅާ ކޮންމެ ފިޔަވަޅަކުން، އޭނާ ނިންމާ ކޮންމެ ނިންމުމަކުން، އޭނާއާ ކުރިމަތިވާ ކޮންމެ ހާދިސާއަކުން  ފާޅުވާ ޢަމަލީ ސުލޫކެކެވެ.

ނަޒާހަތްތެރިކަމުގެ މަފުހޫމާއި އަހަންމިއްޔަތު

ނަޒާހަތްތެރިކަމުގެ މާނައަކީ ބަހާއި ޢަމަލުގައި ރަނގަޅު މަގަށް ސީދާވެގަތުމެވެ. ދޮގުހެދުމާއި އޮޅުވައިލުމާއި މަކަރުހެދުމާއި ފަސާދައާ ދުރުހެލިވުމެވެ.ޙައްޤާއި ޢަދްލުއިންސާފު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. އެއީ އިންސާނާއަށް އެހެން އިންސާނުންގެ އިތުބާރު ހޯދައިދޭނެ ކަމެކެވެ. އެހެންމީހުންނަށް އެމީހުން އެ ތިބީ ތެދުވެރި ޝަޚްޞެއްގެ ކުރިމަތީގައި ކަން އެނގޭނެތެވެ. އޭނާ އެމީހުންނަށް މަކަރުނަހަދާނެކަން ، އޮޅުވައިނުލާނެކަން ކަށަވަރުވާނެތެވެ. އޭނާގެ މަޤާމާއި ވަޒީފާއިން އަނަފާނުނަގާނެކަން ދަންނާނެތެވެ. އޭނާގެ ޝަޚްޞީ މަސްލަޙަތުތަކަށް ޓަކައި އެހެންމީހުންގެ ބޭނުން ނާޖާއިޒު ގޮތުގައި ނުކުރާނެތެވެ.

ނަޒާހަތަކީ ފާގަތިކަމެއްނޫނެވެ. އަދި އިޚްތިޔާރީ ކަމެއް ވެސް ނޫނެވެ. އެއީ މުޖުތަމަޢުގެ ހަމަޖެހުމަށާއި ގައުމުގެ ތަރައްޤީއަށް ޟަރޫރަތެކެވެ. މުއައްސަސާތައް ކާމިޔާބުވުމުގެ ބިންގަލަކީ ނަޒާހަތްތެރިކަމެވެ. އެ ކަމުގެ ސަބަބުން މަސައްކަތުގެ ވެށި އިތުބާރީ ވެށްޓަކަށް ބަދަލުވެގެންދާތީއެވެ. އެކުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އިޙުތިރާމާއި ގަދަރުކުރުން އޮންނާނެތީއެވެ. ބާޒާރުގައި މުއައްސަސާގެ ނަން ނަލަކަމާއެކު އިޝްތިހާރުވެގެންދާނެތީއެވެ. އާންމު ޙަޔާތަށް ބަލާ އިރު ނަޒާހަތުގެ ސަބަބުން ފަސާދަ މަދުވެގެންދާނެއެވެ. އިޖުތިމާޢީ ޢަދާލަތު ހަރުދަނާވެގެންދާނެއެވެ. މުޖުތަމަޢުގެ ފަރުދުންނަށް ޙައްޤުތައް އިންސާފުވެރިކަމާއެކު ލިބެމުންދާނެތެވެ.

ނަޒާހަތްތެރިކަން ފެށޭނީ ކުދިކުދި އާދައިގެ ކަންތައްތަކުންނެވެ. މިވާދުތަކަށް އިޙުތިރާމުކުރުމެވެ. ވަޢުދުތައް ފުއްދުމެވެ. އަމާނާތްތައް އަދާކުރުމެވެ. މަސްއޫލިއްޔަތުން ނުރެކުމެވެ. ނަޒާހަތްތެރި އިންސާނާ އޭނާގެ އަމިއްލަ މަސްލަޙަތާ އަރައިރުން ވިޔަސް ޙައްޤަށް ކަށަވެތިވާނެއެވެ. މިސާލަކަށް ނަޒާހަތްތެރި ދަރިވަރު އިމްތިޙާނުގައި ކޮޕީއެއް ނުކުރާނެތެވެ. ފާރަވެރިއަކު ނެތަސް އާންމު މުދަލުން ވައްކަމެއް ނުކުރާނެތެވެ. އޭނާގެ ސަވާރީ ނުބައި ކޮޅަކަށް ނުދުއްވާނެތެވެ. އޭނާގެ ސަވާރީ ނުބައި ތަނެއްގައި ޕާކެއް ވެސް ނުމެކުރާނެތެވެ.

ނަޒާހަތްތެރިކަމަކީ ކީރިތި ޤުރްއާނާއި މާތް ރަސޫލާ r ގެ ސުންނަތުގައި ބިންގާއަޅުއްވައިދެއްވައިފައިވާ ޢަޤީދާއެކެވެ. އަދި އެއީ ޢިބާދަތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ [1] - ހަމަކަށަވަރުން، فسادކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.)) ﷲ Yގެ އެހެން ބަސްފުޅެއްގައިވެއެވެ. ((وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَٰمَةِ[2] - އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرة އަށް) އަންނާނެތެވެ.)) އޭނާއަށް ޙައްޤުނުވާ މުދަލެއް ނެގި މީހާ، ނުވަތަ ރިޝްވަތު ނެގި މީހާ، ނުވަތަ މީހުންނަށް އޮޅުވައިލާ މީހާ، ނުވަތަ އޭނާގެ ވަޒީފާއިން އަނަފާ ނެގި މީހާ، ނުވަތަ އޭނާއަށް ޙައްޤުނުވާ ކަމެއް ކުރުމުގައި ދަމާކެނޑިމީހާ، މި އެންމެންނަކީ ވެސް ފާސިދުންނެވެ. އެމީހުން ނަމާދުކުރިޔަސް ރޯދަހިފިޔަސް އެހެން މީހުންގެ ލޮލުގައި އަނދުންއަޅުވައިގެން ރަނގަޅު މީހެއްކަމުގައި ހެދިގެން އުޅުނަސްމެއެވެ.

 ނަޒާހަތްތެރިކަމުގެ އެންމެ ބޮޑު ދުޝްމަނަކީ ދުނިޔެއަށް ދަހިވެތިވުމެވެ. ޙަރާން ކަންތައްތަކަށް އަރައިގަތުމުގައި ކަންފަސޭހަކުރުމެވެ. އޭނާއަށް ހައްޤުނުވާ އެއްޗެއްގައި ޖެހުމަށް ނުވަތަ ނެގުމަށް ރުހުމަކީ މާތްﷲ އެ އެއްޗަކުން ބަރަކާތް ނިގުޅައިގަންނަވާނެ ކަމެކެވެ. ރިޒުޤު ނުތަނަވަސްކުރައްވާނެ ކަމެކެވެ. ކައު ނަބިއްޔާ r ޙަދީސްކުރެއްވިއެވެ. (( لعنَ اللَّهُ الرّاشيَ والمرتشيَ[3] -ރިޝްވަތުދޭ މީހާއަށާއި ރިޝްވަތުނަގާ މީހާއަށް މާތް ﷲ ލަޢުނަތްލެއްވިއެވެ.)) ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ އެހެން ބަސްފުޅެއްގައިވެއެވެ. ((مَنْ غشَّنا فليسَ مِنّا [4]– އަހުރެމެންނަށް މަކަރުހަދާ މީހަކީ އަހުރެމެންގެ މީހެއްގެ ނޫނެވެ.))

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ކަމަކީ އިޖުތިހާދީ މަސްއަލައެއްނޫނެވެ. އިތުރު ތަފުސީރަކަށް ބޭނުންވާ ކަމެއް ވެސް ނޫނެވެ. އެއީ ދީނުގެ މަސްއަލައެކެވެ. އެއީ ނަޖާވުމުގެ މަގެވެ. ހަލާކުން ސަލާމަތްވުމުގެ މަގެވެ.  ނަޒާހަތްތެރި މުޖުތަމަޢަކީ އަމާން މުޖުތަމަޢެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ މުޖުތަމަޢެކެވެ. އިތުބާރާއި ހިތްހަމަޖެހުން ފެތުރިފައިވާ މުޖުތަމަޢެކެވެ.

ރިޝްވަތަކީ ހަމައެކަނި ޙަރާން މުދަލެއްނޫނެވެ. އެއީ ބާޠިލަށް ވާގިވެރިވާ އަޚުލާޤެއް ނެތް އެއްޗެކެވެ. އެއީ ޢަދާލަތްތެރިކަމުގެ ތިލަފަތް ހަލާކުކޮށް އުފުރައިލާ އެއްޗެކެވެ. ދައުލަތުގެ މުދަލުގައި ޖެހުމަކީ އެ މުދަލާ ކުޅުމަކީ ފަރުދީ އުރެދުމެއްނޫނެވެ. އެއީ މުޅި އުންމަތަށް ވެވޭ ޚިޔާނަތެކެވެ. އެއީ ހުވަފަތް މީހުންނާއި ޔަތީމުންނާއި ނިކަމެތީންގެ ޖީބުފެޅުމެއް ވެސް މެއެވެ.  ޙަރާން ކަންކަމަށް އަރައިގަތުމަށް ޖެހިލުންނުވާ މީހަކީ ދުނިޔަވީ އަދަބަށް ހުށައެޅުމުގެ ކުރީން ﷲގެ ރުހިވޮޑިނުގަތުމަށް ހުށަހޮޅިފައިވާ މީހެކެވެ. ދުނިޔަވީ އަދަބުން ސަލާމަތް ވިޔަސް ﷲގެ ޢިޤާބުން ސަލާމަތެއް ނުވެވޭނެތެވެ.

އުންމަތް ހަލާކުވެގެންދަނީ ވެއްޓިގެން ދަނީ މީހުންގެ އަދަދު މަދުވެގެނެއްނޫނެވެ. ނިކަމެތިވެގެންދަނީ ފަޤީރުކަމާ ހެދިއެއް ނޫނެވެ. ދުޝްމަނުންގެ އަތުން ބަލިވަނީ ހަތިޔާރު ނެތިގެނެއްނޫނެވެ. އުންމަތްތައް ހަލާކުވެގެން ގޮސްފައިވަނީ  އެ އުންމަތްތަކުގައި ފަސާދަ ފެތުރުމުންނެވެ. އެ އުންމަންތުގެ މީހުން އަމާނާތްތަކަށް ޚިޔާނަތްތެރިވުމުންނެވެ. އެ އުންމަތުގެ މީހުން މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުމުންނެވެ. ﷲ U ވަނީ މި ކަމަށް ސަމާލުވުމަށް އަންގަވައި އިންޒާރުދެއްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً [5]- އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނަ އައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ.)) ފަސާދަ ފާޅުވެ އާންމުވަމުންދާ އިރު އަނގަމައްޗަށް ނަގައިގެން ހަނުތިބެއްޖެ ނަމަ އެ ކަމުގެ ނުބައިކަން އެންމެންނަށް އާންމުވެ ޝާމިލުވެގެންދާނެއެވެ. ފަސާދަ ފެތުރިއްޖެނަމަ ހިތްތައް ހަލާކުވެ ގައުވެދާނެއެވެ. ގިޔަމުތައް ގެއްލި ނެތިގެން ހިނގައިދާނެއެވެ. އޭރުން އޮންނާނީ ޖަންގަލީގެ ޤާނޫނެވެ. ބާރުގަދަ އެތި ނިކަމެތި އެތި ކާ އުޞޫލެވެ.   

 ނަޒާހަތްތެރިކަމަކީ އުފުލޭ ޝިޢާރެއްނޫނެވެ. އެއީ ޖަލްސާތަކުގައި ދެކެވޭ ވާހަކައެއް ވެސް ނޫނެވެ. އެ ކަން ވާންޖެހޭނީ ޙަޔާތުގެ މަންހަޖަކަށެވެ. އެއީ ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންގެ މަގެވެ.  

ނަޒާހަތްތެރިވާންޖެހޭނީ ހަމައެކަނި މަސްއޫލުވެރީންނެއްނޫނެވެ. ކޮންމެ މުސްލިމަކު ނަޒާހަތްތެރިވާން ޖެހޭނެއެވެ. ކޮންމެ މަޔަކާއި ބަފަޔަކު އޭނާގެ ގޭގައި ނަޒާހަތްތެރިވާން ޖެހޭނެއެވެ. ކޮންމެ އެދުރުބެއަކާއި އެދުރުދައިތައަކު ކިލާހުގައި، މަދުރަސާގައި ނަޒާހަތްތެރިވާން ޖެހޭނެއެވެ. ކޮންމެ ވިޔަފާރިވެރިއަކު ބާޒާރުގައި ނަޒާހަތްތެރިވާން ޖެހޭނެއެވެ. ކޮންމެ ޒުވާނަކު މީސްމީޑިޔާ އޮޅިތަކުގައި ނަޒާހަތްރިވާން ޖެހޭނެއެވެ. ބޮޑު މީހަކަށް ވިޔަސް ކުޑަ މީހަކަށް ވިޔަސް ކަމަކާ ހަވާލުވެފައިވާ ކޮންމެ މީހަކު ނަޒާހަތްތެރިވާން ޖެހޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((كُلُّكُم راعٍ وكُلُّكُم مَسؤولٌ عن رَعيَّتِه[6]-ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބަލައި ބެލެހެއްޓުންތެރިއެކެވެ. އަދި ތިޔަބައިމީހުންކުރެ ކޮންމެ މީހަކު އޭނާ ބަލަހައްޓާންޖެހިފައިވާ ބަޔަކާ މެދު ޒިންމާދާރުވާން ޖެހޭނެތެވެ.))   

ފަސާދައާ ދެކޮޅަށް ހަނގުރާމަކުރުމަކީ އަހުރެމެންގެ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެކެވެ. އެ ކަމާ ދެކޮޅަށް ހަނގުރާމަކުރުމަކީ އަޅުކަމެކެވެ. އެ ކަމަށް ހެޔޮ  ޖަޒާދެއްވާނެއެވެ. އޭނާގެ ފަތުގައި  މި ކަން ލިޔުއްވާނެއެވެ. ތިބާ ބާޠިލަކާ ދެކޮޅުހަދާ ކޮންމެ ފަހަރަކީ، އަދި ތިބާ އާންމު މުދަލެއް ޙިމާޔަތްކުރާ ކޮންމެ ފަހަރަކީ، ތިބާއަށް ﷲގެ ރުއްސެވުން ލިބޭނެ ކަމެކެވެ. ތިބާގެ އުންމަތަށް މަތިވެރިކަން ލިބޭނެ ކަމެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނަޒާހަތްތެރިކަން       ނއނ.  މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ސާބިތުވުމުގެ ސުލޫކާއި އަޚުލާޤު ހުރި ކަން.

ކަށަވެތި           ނއ.   ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި. committed

އަނަފާ           ނ.    ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާނެގުން. exploitation

އަނިޔާވެރިކަން      ނއނ.  (1) ޢަދުލާއި ޚިލާފަށް ކަންތައް ކުރާކަން. (2) އަނިޔާކުރާކަން.

އިހުތިރާމް         ނ.    (1) ކަމޭހިތާހިތުން. (2) ގަދަރުކުރާ ކުރުން.

އިންޒާރު          ނ.   (1) ކުރިމަތި ވެދާނެ ދެރައަކުން ނުވަތަ ނުރައްކަލަކުން ސަލާމަތް ކުރުމުގެ ގޮތުން ކުރާން އުޅޭ ނުވަތަ ކުރާ ކަމެއް ހުއްޓުވުމަށް ދޭ ނަސޭހަތް. (2) ކުރިމަތި ވެދާނެ ދެރައަކާމެދު ނުވަތަ ނުރައްކަލަކާ މެދު ސަމާލުކުރުވާ ކުރުވުން.

އިހާނެތިކަން       ނއ.   (1) ގަދަރު ކުޑަކަން ނުވަތަ އަޅައިލުމެއްނެތްކަން. (2) ރަޙުމުކުޑަ ނުވަތަ އަނިޔާވެރިކަން.

އޮޅި            ނ.    (1) ގަވައިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކު މީހުން. (2) ބަޔަކު މީހުން. (3) އަށިއަށީގެ ދެ ފަރާތުގައްޔާއި ދެކޮޅާ މެދުގައި ހުންނަ ފަތް. (4) ދޮރުދޮރުގެ މައްޗާއި ތިރީގައި ހުންނަ ހުރަސް.

ފަސާދަ          ނ.    (1) ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ. (2) ފިތުނަ. (3) ބަޣާވާތް. (4) ގަޑުބަޑު

ފިތުނަ           ނ.    ކަމަކާ މެދު ދެބަސްވުން އުފެދިގެން ދެމިގެންދާ ދެކޮޅުވެރިކަން. (2) ފަސާދަ (3) ގަޑުބަޑު. (4) ހިތްނުބައިކަން.

ގަދަރު           ނ.    ޝަރަފު. ޢިއްޒަތް. އިޙުތިރާމު

ގިޔަމު           ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

މަންހަޖު          ނ.    އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް.curriculum

މަސްލަހަތު            ނ.    (1) ބަޔެއްގެ ތެރޭގައި އޮންނަ ރީތި، އޮމާން، ސުލްހަވެރި، ހަމަޖެހޭ ގޮތް. (2) ކަމެއްގައި ހިމެނޭ މީހެއްގެ މާލީ ނުވަތަ އެހެން ވެސް ފައިދާ ނުވަތަ ހައްގު ނުވަތަ ޒިންމާ.

މަސްއޫލިއްޔަތު      ނ.    (1) ކަމެއް ބޮލުގައި އަޅަންޖެހޭ ޖެހުން. (2) ކަމެއްގެ ޒިންމާ. responsibility

މާހަރާ           ނއ.   ސިއްރު ކުރުމެއް ނުވަތަ ފޮރުވުމެއް ނެތި ފެންނަ. transparent  

މީސްމީޑިއާ        ނ.    ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media

މިވާދު           ނ.    (1) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ކަނޑައަޅާ ކަނޑައެޅުން. (2) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ދޭ ނުވަތަ ލިބޭ ފުރުސަތު. appointment

ޝާމިލު          ނ.    އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވާ އެންމެހައި އުންސުރުތައް ހިމެނޭ. inclusive

ޝިޢާރު          ނ.    (1) މޮޓޯ ނުވަތަ ހިފަހައްޓާ އުސޫލު ހާމަކޮށްދޭ ބަހެއް ނުވަތަ އިބާރާތެއް. theme (2) ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓަން ﷲ އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތައް.


މަރުޖާ: 

[1]  - القصص: 77

[2] - آل عمران: 161

[3]  - أخرجه أبو داود (٣٥٨٠)، والترمذي (١٣٣٧) وابن ماجه (٢٣١٣)، وأحمد (٦٩٨٤

[4]  - أخرجه مسلم (١٠١)، وأحمد (٩٣٩٦)، والبزار (٨١٢٥) و الترمذي (١٣١٥)  والطبراني (١١/ ٢٢١)

[5]  - الأنفال: 25

[6]  -  أخرجه البخاري (٨٩٣)، ومسلم (١٨٢٩)

ކޮމެންޓު