ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
2 މޭ 2026
ޚުދު ޓުރަންޕު ވެސް ބޭނުންވަނީ [ޓެރިފްގެ ހަނގުރާމަ]އެކެވެ. ޓުރަންޕު ބޭނުންވަނީ ޓެރިފު (އެހެން ގޮތަކަށް ދަންނަވާ ނަމަ މައުމޫލު)ގެ ސަބަބުން ޙިއްސާގެ ބާޒާރު މުޅީން ހަލާކުކޮށްލުމެވެ. މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ، ފުނޑައިލުމެވެ. ވަރަށް ގިނަ ބަޔެއްގެ ހިތަށްއަރައިދާނެއެވެ. ޓުރަންޕުގެ އަސްލު ބޭނުމަކީ ކޮބައިބާވައެވެ؟ މީގައި ވަރަށް ފުރިހަމަ ވަށަރޮނގެއް އެބަ އޮތެވެ. އެ ވަށަރޮނގު އެނގިގެން ނޫނީ، މީގެ ހަގީގަތެއް ނޭނގޭނެއެވެ.
ޓެރިފު ނުވަތަ ޑިއުޓީ ނުވަތަ މައުމޫލު ބޮޑުކުރާ ވަރަކަށް، ތަކެތީގެ އަގު މައްޗަށް ދާނެއެވެ. ތަކެތީގެ އަގުތައް ބޮޑުވުމާ އެކު، [ޓެރިފުގެ ހަނގުރާމަ] އެ ހިސާބުން އެ ފެށުނީއެވެ. އަދި، ކުންފުނިތަކުގެ ފައިދާ ދަށަށް ދާން ފަށާނެއެވެ. މީގެ އިތުރަށް، ކުރިއަށް އޮތް ތާނގައި، ކުންފުނިތަކުގެ ފައިދާ އިތުރަށް ދަށަށްދާނެކަމަށް އަންދާޒާކުރެވި، ޑިސްކައުންޓުކުރުމުގެ ސަބަބުން ޙިއްސާގެ ބާޒާރު މުޅީން ހަލާކުވެގެންދާނެއެވެ. ޙިއްސާގެ ބާޒާރުގައި، ޙިއްސާގެ އަގުތައް ދަށަށްދާން ފެށުމާ އެކު، ޙިއްސާގެ ބާޒާރުގެ ހިރާސް ބޮޑުކަމަށް މީހުންނަށް ގަބޫލުކުރެވި، "ބޮންޑު މާރުކޭޓާ" ދިމާއަށް މީހުންގެ ފޯކަސް ބަދަލުކޮށްލެވޭނެއެވެ. މިއީ ޑޮނަލްޑް ޓްރަމްޕު އަސްލު ބޭނުންވާ ގޮތެވެ. އެ ހިސާބުން ޙިއްސާގެ ބާޒާރުގައި ހުރި ފައިސާތައް އެ ބާޒާރުން ނުކުމެ، ބޮންޑު މާރުކޭޓާ ދިމާއަށް މިސްރާބުޖަހާނެއެވެ. ބޮންޑު މާރުކެޓާ ދިމާއަށް، ގިނަ ފައިސާ ދިޔަ ވަރަކަށް، ބޮންޑުގެ އަގުތައް މައްޗަށް ގޮސް، ބޮންޑަށް އޮންނަ ޑިމާންޑު އިތުރުވާނެއެވެ. އަދި ބޮންޑުގެ ޑިމާންޑު އިތުރުވި ވަރަކަށް، އިންޓަރެސްޓް ރޭޓު ދަށަށްދާން ފަށާނެއެވެ. އަދި ދަށް އިންޓަރެސްޓް ރޭޓުގައި، ބޮންޑު ގަންނާން މީހުން އެދޭން ފަށާނެއެވެ. މިސާލަކަށް: ކުރީން، ހަ އިންސައްތައިގައި ހުރި އިންޓަރެސްޓް ރޭޓް ދަށްކޮށް، 5.5 އިންސައްތަ ނުވަތަ ހަތަރު އިންސައްތައިގައި ވެސް، އެންމެފަހުން، ބޮންޑު ގަންނާން މީހުން އެދޭން ފަށާނެއެވެ. ސަބަބަކީ، ޙިއްސާގެ ބާޒާރާ ޚިލާފަށް، ބޮންޑުގެ ހިރާސް ކުޑަވުމެވެ. މި ގޮތަށް އިންޓަރެސްޓު ރޭޓު ދަށަށް ދިއުމަކީ، ޑޮނަލްޑު ޓްރަންޕަށް އަދި އެމެރިކާއަށް މި ވަގުތަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް އެމެރިކާގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 25.8 ޓްރިލިއަން ޑޮލަރެވެ. މީގެތެރެއިން 25 އިންސައްތަ ދަރަނި ނަގައިފައިވަނީ ޖަޕާނާއި ޗައިނާއިންނެވެ. އެމެރިކާއިން ބޭރުގެ ދަރަނީގެ އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރަކު، ގާތްގަނޑަކަށް އެއް ޓުރިލިއަން އެމެރިކާ ޑޮލަރު ދައްކާންޖެހެއެވެ. ވިސްނައިލާށެވެ! އިންޓަރެސްޓް ރޭޓް އެންމެ އިންސައްތައަކަށް ދަށަށް ދިޔަސް، އެމެރިކާގެ އިގްތިޞާދަށް އޭގެސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި މި އަހަރު، އެމެރިކާގެ ބޭރުގެ ދަރަނީގެ 7.2 ޓްރިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސްކުރަން ޓުރަންޕަށް ޖެހޭނެއެވެ. އެ ވަގުތު ދަށް އިންޓަރެސްޓް ރޭޓުގައި، އެ ކަން ކުރުމުން އޭގެ ސަބަބުން އެމެރިކާއިން އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރަކު ދައްކަމުންދާ ފައިސާ އެތައް ގުނައަކަށް ކުޑަވާނެއެވެ. ޓުރަންޕުގެ މި ފިޔަވަޅަކީ ވަރަށް ރަނގަޅަށް ހިސާބު ޖަހައިގެން އަޅައިފައިވާ ފިޔަވަޅެކެވެ. އަދި މިއީ އެމެރިކާއަށް ފައިދާކުރާނެ ވަރަށް ރަނގަޅު މަފުހޫމެއް (ކޮންސެޕްޓެއް) ވެސް މެއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމެރިކާގައި އިންޓަރެސްޓް ރޭޓް ދަށަށް ގޮސް، އެމެރިކާގެ ބޭރުގެ ދަރަނި ރީފައިނޭންސްކުރުމަށް ފަހު، ޑޮނަލްޑް ޓުރަންޕު، ޓެރިފުގެ މި ހަނގުރާމަ ނިމުމަކަށް ގެންނާނެއެވެ. އެހެން ނޫނީ، މި ހަނގުރާމަ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފި ނަމަ، އެމެރިކާއަށް ލިބޭ ގެއްލުން ވަކި ކުޑައެއްނުވާނެއެވެ. މިހާރު ޗައިނާއިން ވަނީ އެމެރިކާގެ ހުރިހައި މުދަލަކަށް 34 އިންސައްތައިގެ ޓެރިފެއް ކަނޑައަޅައި، އެ ކަން އިޢުލާނުކޮށްފައެވެ. ވީމާ ހަގީގަތުގައި މައުމޫލުގެ ހަނގުރާމަ ދަމަހައްޓާކަށް އެމެރިކާއަކަށް ވެސް ފަސޭހައެއްނުވާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ބޮންޑު ނ. ކަނޑައެޅި އެއްބަސްވެފައިވާ ވަކި ތާރީޚެއްގައި އިންޓަރެސްޓާ އެކު އަނބުރައި ދައްކާ ގޮތަށް، ކޮންމެވެސް ސަރުކާރަކުން ނުވަތަ ކުންފުންޏަކުން ނަގާ ދަރަނި.
އިންސައްތަ ނ. ސަތޭކަ ބައި ކުޅަ އެއް ބައި. (2) ސަތޭކައަށް ނިސްބަތްވާ މިންވަރެއް.
މައުމޫލު ނ. އިންޕޯޓު ޑިޔުޓީ.
ފުނޑައިލުން ނ. އެއްޗެއް ދައިމައްޗަށް އަޅައި، ފެން ނުވަތަ އެ ނޫން ވެސް ބޭނުންވާ ދިޔައި އެއްޗެއް ޖަހައި ފޮއި ހިންގައިގެން ހިމުންކޮށްލުން.