ad_banner
ޓުރަންޕުގެ ޚިޔާލީ ފޮލާ - އީރާނުގެ ޔުރޭނިއަމް ވަގަށްނެގުމުގެ ތަދުބީރު

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

1 މޭ 2026

އެމެރިކާގެ ނޫހެއްކަމަށްވާ [ވޮޝިންޓަންޕޯސްޓު]ން ޢާންމުކުރި ކުއްލި ރިޕޯޓެއްގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ؟ އެ ރިޕޯޓުގައި ބުނާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕަށް ޚާއްޞަ ތަދުބީރެއް ޕެންޓަގަނުން ހުށަހަޅައިފިއެވެ. އެ ތަދުބީރަކީ ޓުރަންޕު އަމިއްލައަށް އެދިގެން ތައްޔާރުކޮށްފައިވާ ރޭވުމެކެވެ. އަދި އެ ތަދުބީރުގެ ނަމަކީ [ރިސްކީ ކޮމާންޑޯ ޕްލޭން ޓު ސީކް އިރާންސް ޔުރޭނިއަމް] (ކޮމާންޑޯއިން ފޮނުވައިގެން އީރާނުގެ ޔުރޭނިއަމް އަތުލައިގަންނާނެ ގޮތުގެ ހިރާސީ ތަދުބީރު)އެވެ. އެ ތަދުބީރުގައި ވަނީ ކޮން ވާހަކަތަކެއްތޯ ޚުލާސާ ގޮތެއްގައި ބަލައިލަމާތޯއެވެ!

އީރާނުން މަތީދަރަޖައަކަށް މުއްސަނދި ކޮށްފައިވާ 238.03 ކިލޯގެ ނުވަތަ 1000 ޕައުންޑުގެ ޔުރޭނިއަމްގެ ވާހަކަ އެ ތަދުބީރުގައި އެބަ އޮތެވެ. އީރާނުގެ ބިމުގެ ކޮންމެވެސް ހިސާބެއްގެ 300 ފޫޓް އަޑީގައި، އިސްފަހާނާއި އަދި ނަތަލް ނިއުކުލިއަރ މަރުކަޒުގެ ތެރޭގައެވެ. އެމެރިކާއިން ބޭނުންވަނީ، އެ ޔުރޭނިއަމް އެ ތަނުން ވަގަށްނަގައިގެން، ނުވަތަ ގަދަކަމުން ފޭރިގަނެގެން އީރާނުން ބޭރަށް ގެންދާށެވެ.

އެކަމަކު، އަސްލު ސުވާލަކީ، އެ ޔުރޭނިއަމް އީރާނުން ފޭރިގަންނާންނާނީ އަދި އީރާނުން ބޭރަށް ގެންދާނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބު، އިނބަށް އަޑުއިވިވަޑައިގަތުމުން ހައިރާންވެ އަންތަރީސްވަޑައިގަންނަވާނެއެވެ.

މި ކަން ކުރުމަށް ޓަކައި، ޕެންޓަގަންގެ ތަދުބީރުގައި، ހަތް ފިޔަވަޅެއްގެ ވާހަކަ ބަޔާންކޮށްފައި ވެއެވެ. އަސްކަރީ މުޙައްލިލެއްކަމަށްވާ ޚާލިދު އަލް މަންސޫރީ ވަނީ، އެ ހަތް ފިޔަވަޅު ވަރަށް ރަނގަޅަށް ތަޙުލީލުކުރައްވައި ބަޔާންކޮށްދެއްވައިފައެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ!

1.     ފުރަތަމަ ފިޔަވަޅަކީ އީރާނުގެ ބިމަށް ސިފައިން ބޭލުމެވެ. އެންމެ ފުރަތަމަ ކަމަކަށް އޮތީ، ސަތޭކަ ނުވަތަ ހާހެއްހައި ސިފައިން، ދުޝްމަނުންގެ ސަރަޙައްދަށް ވައިގެ އެހީގައި ގެންދިއުމެވެ. އަދި އެއަށްފަހު، އެމީހުން ވައިކުޑައިގެ އެހީގައި އީރާނުގެ ބިމަށް ބޭލުމެވެ.

2.     ދެވަނަ ފިޔަވަޅަކީ، އެމެރިކާގެ 82ވަނަ އެއަރބޯން ޑިވިޝަނުގެ އަސްކަރީ ސިފައިން އީރާނުގެ ބިމަށް ފޮނުވުމެވެ. 82ވަނަ އެއަރބޯން ޑިވިޝަނަކީ ކޮން ބައެއްކަމަށްތޯއެވެ؟ 82ވަނަ އެއަރބޯން ޑިވިޝަނަކީ އެމެރިކާގެ އެންމެ އެލީޓް ޕެރަމިލިޓަރީ ޔުނިޓެވެ. އެ މީހުން އީރާނުގެ ބިމަށް ފައިބާނީ ވައިކުޑައިގެ އެހީގައެވެ. އަދި އެ މީހުން ފޭބުމަށް ފަހު، އެ ސަރަޙައްދު އެ މީހުންގެ ބާރުގެ ދަށަށް ގެންނާނެއެވެ. މާނައަކީ، އީރާނުގެ ޔުރޭނިއަމް ހުރިކަމަށް ބުނާ ސަރަޙައްދު އެ މީހުންގެ ބާރުގެ ދަށަށް ގެނައުމެވެ.

އެކަމަކު، އެ ވަގުތު ކަންތައްތައް ވެގެންދާނީ ކިހިނެއްތޯއެވެ؟ ޚާލިދު އަލް މަންސޫރީ ވިދާޅުވާ ގޮތުން، އެ ވަގުތު އީރާނުގެ ސިފައިންނާއި އަދި ރައްޔިތުން ގެންދާނީ އެމެރިކާ ސިފައިންނަށް ބަޑިއާއި، އަދި އެހެނިހެން ހަތިޔާރުން ޙަމަލާދެމުންނެވެ. މާނައަކީ އެ ވަރުގެ ބޮޑު ހިރާހެއް، އެމެރިކާ ސިފައިންނަށް ކުރިމަތި ވެދާނެއެވެ.

3.     ތިންވަނަ ފިޔަވަޅަށް ބަލާ އިރު، އެ ސަރަޙައްދުގައި ވައިގެބަނދަރެއް ނުވަތަ އެންމެ ކުޑަމިނުން [ރަންވޭ]އެއް (މަތީންދާބޯޓު ޖައްސާ ތަނެއް) ތައްޔާރުކުރާން އެމެރިކާ ސިފައިންނަށް ޖެހޭނެއެވެ. ސަބަބަކީ އީރާނުގެ އެ ހިސާބުގަނޑުގެ އެއްވެސް ތަނެއްގައި ވައިގެ ބަނދަރެއް ނެތުމެވެ. ވީމާ ސުމަކުން ފައްޓައިގެން އެމެރިކާ ސިފައިންނަށް ޖެހޭނީ އެ ތަނުގައި މަތީންދާބޯޓު ޖައްސާތަނެއް ހަދާށެވެ. އެހެނީ، އެ ހިސާބުން ޔުރޭނިއަމް ވަގަށް ނަގައިގެން ލޮރީތަކަށް ބަރުކޮށްގެން އީރާނުގެ ތެރެއިން ގެންދިއުމަކީ މުސްތަހީލު ކަމެކެވެ. ދެން އެމެރިކާ ސިފައިން، ޔުރޭނިއަމް ހިފައިގެން ދާނީ ކިހިނެއްތޯއެވެ؟ ވީމާ، އެތަނުން ޔުރޭނިއަމް ގެންދާން ޖެހޭނީ ވައިގެ މަގުންނެވެ. އެ ހިސާބު ގަނޑަކު، މަތީންދާބޯޓު ޖައްސާނެ ތަނެއް ނެތެވެ. އެހެންކަމުން، އެމެރިކާ ސިފައިންނަށް ޖެހޭނީ ވައިގެބަނދަރެއް ހަދާށެވެ. އޭރުން، މުދާއުފުލާ މަތީންދާބޯޓެއް އެ ތަނަށް ޖައްސައި، ޔުރޭނިއަމް ހިފައިގެން އެ ތަނުން ފުރައިގެން ދެވޭނެއެވެ. މިއީ ހާސިލުކުރާން އެކަށީގެންވާ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ.

4.     ހަތަރުވަނަ ފިޔަވަޅަކީ ބިން ކޮންނާނެ ވެހިކަލްތަކާއި، އިކްއިޕްމެންޓްސްއާއި، އަދި އެހެނިހެން އާލަތްތައް ގެނައުމެވެ. ސަބަބަކީ، ބިމުގެ 300 ފޫޓް އަޑިއަށް، ހިލަ ފަރުބަދަތަކުގެ އަޑިއަށް، ދާން ބޭނުންވާ އިރު، ބޮން އަޅައިގެން އެކަނި އެ ކަމެއް ނުވާނެއެވެ. ބަރު މެޝިނަރީތައް ގެންނާން ޖެހޭނެއެވެ. 300 ފޫޓް އަޑިއަށް ކޮންނާން ޖެހޭނެއެވެ. ކިތަންމެ ވަރަކަށް ވެސް ބަންކަރުތައް ގޮއްވައިލާން ބޮންއެޅިދާނެއެވެ. އެކަމަކު، އެ ތަން ސާފުކޮށް ބިމުގެ 300 ފޫޓު އަޑިއަށް ފައިބައި، ޔުރޭނިއަމް ހޯދާން ޖެހޭނެއެވެ. އެއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެކެވެ.

5.     ފަސްވަނަ ފިޔަވަޅަކީ އެމެރިކާ ސިފައިން އެ ތަނަށް ފައިބާން ޖެހޭނީ ހަޒުމަތު ސޫޓު ލައިގެންނެވެ. ހަޒުމަތު ސޫޓަކީ ކޮން އެއްޗެއްތޯއެވެ؟ ރޭޑިއޭޝަނުން ޙިމާޔަތްކޮށްދޭ ސޫޓްލައިގެން މެނުވީ އެ ކަމަށް ޚާއްސަ ސިފައިންނަކަށް ވެސް، އެ ތަނަކަށް ނުފޭބޭނޭއެވެ. ހަމަ ތިބެފައި، އެ ތަނަކަށް ނުފެއިބޭނެއެވެ. އަދި އެއާ އެކު، ރޭޑިއޯއެކްޓިވް މާއްދާތަކުން ރައްކާތެރިކޮށްދޭ ހުރިހައި އެއްޗެއް ލާން ޖެހޭނެއެވެ. އަދި އެ ކަމަށް ޚާއްސަ އާލަތްތައް ހޯދާންޖެހޭނެއެވެ. އެ ވަރުގެ ރައްކާތެރި ހެދުމެއް އަޅައިގެން އެ ތަނަށް ފޭބުމުން، ޔުރޭނިއަމް ހޯދުމުގެ މަސައްކަތުގެ އިސްޕީޑު ވަރަށް ބޮޑަށް ދަށްވާނެއެވެ.

6.     ހަވަނަ ފިޔަވަޅަކީ "ބޫބީ ޓްރެޕްސް" ޗެކުކޮށް ބެލުމެވެ. ހުރިހައި ކޮންޓެއިނަރުތަކެއް ޗެކުކޮށް ބަލާން ޖެހޭނެއެވެ. އީރާނުން ވެސް ރައްކާތެރިކަމުގެ ކިތަންމެ ފިޔަވަޅުތަކެއް ހުންނާނީ އަޅައިފައިކަން ކަށަވަރެވެ. އީރާނަކުންވެސް 1000 ރާތަލުގެ ޔުރޭނިއަމް އެއް ތަނެއްގައެއް ނުބަހައްޓާނެއެވެ. ކޮންމެވެސް ކޮންޓެއިނަރެއްގައި، ބޮމެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އީރާނުން އެ ތަނުގައި ނަކަލީ ކޮންޓެއިނަރު ވެސް ބަހައްޓައިފައި ވެސް ހުރެދާނެއެވެ. އަދި، ކިތަންމެ ދަންތުރައެއް ވެސް އީރާނުން އެ ތަނުގައި ޖަހައިފައި ހުރެދާނެއެވެ. ވީމާ، އެ ތަނުން ޔުރޭނިއަމް ހޯދުމަކީ އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ.

7.     ހަތްވަނަ ފިޔަވަޅަކީ، ހުރިހައި އެއްޗެއް ޑީކޮންޓަމިނޭޓްކުރާން، އެމެރިކާ ސިފައިންނަށް ޖެހޭނެއެވެ. ހުރިހައި ޔުރޭނިއަމަކީ ވެސް ރޭޑިއޯއެކްޓިވް އެއްޗެކެވެ. އޭގެ ތެރޭގައި އެޓޮމިކް މާއްދާތައް ހިމެނޭނެއެވެ. އޭގެ ސަބަބުން އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާވެދާނެއެވެ. އަދި، ފަހަރެއްގައި ކިތަންމެ ބަޔަކު މަރުވެސް ވެދާނެއެވެ. ވީމާ، އެ ހުރިހައި ރޭޑިއޯއެކްޓިވް މާއްދާތަކެއް ސާފުކުރާން ޖެހޭނެއެވެ. އެއަށް ފަހު ނޫނީ، އެ އެއްޗެހި އެ ތަނުން ބޭރަކަށް ނުގެންދެވޭނެއެވެ. އެ ކަމަށް ކިހައި ވަގުތެއް ބޭނުންވާނެތޯއެވެ؟ އޭގެ ވަގުތުރޮނގު ނުވަތަ ޓައިމްލައިނަކީ ކޮބައިތޯވެ؟ އެ ކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ބޭނުންވާނެއެވެ. އަދި އެ ހުރިހައި ކަމެއް، އެހައި ފަސޭހައިން ވެދާނެކަމަށް ހީކޮށްގެން ނުވާނެއެވެ. އެމެރިކާ ސިފައިން ތިބޭނީ މެދުނުކެނޑި، އީރާނުގެ ޙަމަލާތަކުގެ އަމާޒުފަތްގަނޑަކަށް ވެފައެވެ. އީރާނުގެ ރައްޔިތުންނާއި އަދި އީރާނުގެ އަސްކަރިއްޔާގެ ހުރިހައި ބާރެއް ވާނީ، އެ ވަގުތު އެ ތަނަށް ޖަމާކޮށްފައެވެ. އަދި އެމެރިކާގެ ހާހެއްހާ ސިފައިންނަށް ޖެހޭނީ، އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ކުރިމަތީގައި، އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތްކުރާށެވެ.

ވީމާ، ހޭލައި ހުރެގެން ހުވަފެން ދުށުން ހުއްޓައިލުން ނޫން ގޮތެއް، އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަކަށް މިވަގުތު ނެތެވެ. ޕެންޓަގަނުގެ މި ތަދުބީރަކީ އެމެރިކާގެ ރައީސަށް ތަންފީޒުކުރެވޭނެ ތަދުބީރެއް ނޫނެވެ. މިއީ ޚިޔާލީ ފޮލައެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހިރާސް     ނ.    (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (3) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު.   risk

ހިރާސީ     ނއ.   (1) ހިރާހާ ގުޅޭ. (2) ހިރާސް އެކުލެވޭ. risky

ޚިޔާލީފޮލާ    ނ.    ތިމާގެ މިންވަރަށްވުރެ މައްޗަށް ޚިޔާލުގައި ރާވާ ރޭވުން.

ތަދުބީރު     ނ.    ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan

ކޮމެންޓު