ad_banner
ޝައިޚު ޣަޒާލީގެ ރައުޔުގައި ނަމާދުއަޅައިފި މީހާގެ ހުކުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

27 އޭޕްރިލް 2026

ޝައިޚު މުޙައްމަދު ޣަޒާލީއަކީ މި ޒަމާނުގެ އިސްލާމީ ޢިލްމުވެރިއެކެވެ. ހިކުމަތްތެރި މުފައްކިރެކެވެ. ވިހިވަނަ ގަރުނުގައި އުފެދުނު އިސްލާމީ ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނޭ، އަދި، މިސުރަށާއި އިސްލާމީ ދުނިޔެއަށް ހެޔޮ އަސަރުތަކެއް ފޯރުކޮށްދެއްވި އިލްމުވެރީންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. އޭނާގެ ވާހަކަފުޅުތަކުގެ ސަބަބުންނާއި އޭނާ ދޫކުރައްވައިފައި ވަޑައިގަތް، އޭނާގެ 90 ވަރަކަށް ފޮތް ވެސް މެދުވެރިކޮށެވެ. މިސުރުގައި އިސްލާމީ އާ ހޭލުންތެރިކަމެއް އުފައްދައިލުމުގައި އޭނާގެ މުހިންމު ދައުރެއްވާކަން ފާހަގަކުރެވެއެވެ. 1989ގައި މަލިކު ފައިސަލްގެ އިނާމު އޭނާއަށް އެރުވުނެވެ. އޭނާ އަވަހާރަވީ 1996ގައެވެ.

ޝައިޚު އަލްޣަޒާލީ އަރިއަހަށް މީހަކު އައިސް ސުއާލުކުރިއެވެ. "ނަމާދު އަޅައިފި މީހާގެ ހުކުމަކީ ކޮބައިހެއްޔެވެ؟"

ދެން ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ. [އޭނާގެ ހުކުމަކީހެއްޔެވެ؟ އޭނާގެ އަތުގައި ހިފައިގެން މިސްކިތަށް ދިޔުމެވެ.]

މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ފަދަ މިހަކާ މެދު ވެސް، މަޑުމައިތިރިކަމާއި ރިވެތި އަދަބުތައް އިސްކޮށް ގެން ކަންތައްކުރުމެވެ. ނަސޭހަތެއްދެވޭ މަގާމެއްގައި ތިމާ ހުރި ނަމަ، އެ ކަން ވެސް ރީތި ސިފައެއްގައި އަދާކުރުމެވެ. ހެޔޮ މަގަށް މީހުން ލެނބި، ގުޅުންތައް ވެސް ގާއިމުވެ، ދިރުން ލިބިދެނީ ކަންކަމުގައި ރިވެތި އުސްލޫބެއް، ރިވެތި އާދަތަކާއި ރިވެތި އަދަބުތައް، ގެންގުޅުމުންކަމެވެ. މީސްތަކުން އައިބުތަކުގެ ތެރެއިން އައިބެއް ގަނޭތޯ ދޮށި އެއްލައިގެން، އެ މީހުންގެ އައިބުތައް ހޯދައި، ބާނައިގެނެއް ނޫންކަމެވެ.

އާދޭހެވެ! އެކަކު އަނެއްކަކަށް ނަސޭހަތްދިނުމަކީ އޮތް ކަމެކެވެ. ކުރާން ޖެހޭ ކަމެއް ވެސް މެއެވެ. ނަމަވެސް، އެ ކަން ކުރުމުގައި، އެކަކު އަނެކަކާ މުއާމަލާތްކުރުމުގައި، އަދަބުތަކާއި ރިވެތި އަޚުލާގު އިސްކުރާން ޖެހެއެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރުމެވެ. އެކަކު އަނެކަކުގެ އަމިއްލަ ކަންކަމާ ނުބެހި އުޅުމެވެ. ކަމެއް ކުރުމާއި ނުކުރުމުގައި ކޮންމެވެސް އުޒުރެއް ވެސް އޮވެދާނެކަމަށް ބެލުމެވެ. މީހެއްގެ އަމިއްލަ ޝަޚުސީ ދާއިރާގެ ކުޑަ ބޮޑު މިން ފާހަގަކޮށް އެ ދާއިރާގެ ހުދޫދަށް އަރައިނުގަނެ ހުންނާން ދަސްކުރުމެވެ. ހަދީސެއްގައި އިރުޝާދު ދެވިފައިވާ ފަދައިންނެވެ. [من حسن إسلام المرء تركه لا يعنيه.] ([މީހާގެ އިސްލާން ކަމުގެ ރީތި ކަމުގެ ތެރެއިން، އޭނައާ ނުބެހޭ ކަންތައް ދޫކޮށްލުން، ހިމެނެއެވެ.])

އެހެންވެ، ތިމާ ހިތާ ނުވާ ކަމެއް، އެހެން މީހެއްގެ ކިބައިން ފެންނަ ހިނދު، އޭނާއާ މެދު ހަރުކަށި ގޮތެއްގައި އަމަލުކުރުމަކީ ރީތި އަޚުލާގީ ސިފައަކަށް ނުވެއެވެ. މަދަނީ އަދަބުގެތަކުގެ ތެރޭގައި ވެސް އެ ކަމެއް ނުހިމެނެއެވެ. އަދި ހަމަ އެހެންމެ، އެ ގޮތަކީ ހިކުމަތްތެރިކަމުގެ ތެރެއިން ހިމެނޭ ގޮތެއްކަމުގައި ވެސް ބެލެވޭނޭ ހެނެއް ހިއެއް ނުވެއެވެ. ބިރުދައްކައި، އަތް އިސްކޮށްގެން މީހުންގެ ހިތްތަކެއް މިލްކެއްނުކުރެވޭނެއެވެ.

ކީރިތި ގުރުއާނުގައި ވެސް މިކަމަށް އިޝާރަތްކުރައްވައި މަގު ދައްކަވައިފައި ވެއެވެ. )ادع إلى سبيل ربك بالحكمة والموعظة الحسنة، - ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ މަގަށް، ހިކުމަތާއި ހެޔޮ ނަސާހަތް ބޭނުންކޮށްގެން ދައުވަތު ދެއްވާށެވެ!( މިއާޔަތުގައެވެ. އަދިވެސް، )ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ، - '(އަދާވާތްތެރިޔާއާ މެދުވެސް) ރިވެތި ގޮތުގައި ކަންތައްކޮށް އޭނާއަށް ރައްދުދޭށެވެ! އޭރުން، އެމީހަކާ އިނބައާ ދެމެދު އަދާތްތެރިކަން އޮތް މީހާވެސް ވަރަށް ގާތް ހެޔޮއެދޭ ރަހުމަތްތެރިއެއް ފަދަ މީހަކަށް ވެގެންދާތަން ފެންނާނެއެވެ.'( އަދި ވެސް އެހެން އާޔަތެކެވެ. )وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ، - (މީހުންނާ މުއާމަލަތް ކުރެއްވުމުގައި،) ކަލޭގެފާނަކީ (މުހައްމަދުގެފާނަކީ)، ގޮތެއް ނެތް (ދޫ ނުބައި، ރިވެތި އަޚުލާގެއް ނެތް)، ހިތްހަރު ބޭފުޅެއް ނަމަ، މީސްތަކުން ކަލޭގެފާނު ދޫކޮށް ކަލޭގެފާނުންގެ އަރިހުން ދުރަށް ދިޔައީހެވެ. ފަހެ (އެމީހުންނަށް ކުރެވޭ ކުށްތަކަށް) އެމީހުންނަށް މާފުކުރައްވައި، އެމީހުންނަށްޓަކައި ފާފަފުއްސެވުމަށް އެދިވަޑައިގެން ދުއާކުރައްވާށެވެ! (

އާދޭހެވެ! މީހެއްގެ ކިބައިން ގޯހެއްކަމަށް ބެލެވޭ ކަމެއް ފެނުމުން، ޝައިޚު ޣަޒާލީ ވިދާޅުވާ ފަދައިން އޭނާ ފައްސައިނުލައި އޭނާގެ އަތުގައި ހިފާށެވެ!

ކޮމެންޓު