އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
30 އޭޕްރިލް 2026
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ރޫސީވިލާތުގައި ޤުރުއާން ކިޔަވައިދޭ މަދަރުސާތައް ވެސް ހިމެނޭ ގޮތުން, އިސްލާމީ ތަޢުލީމުދޭ ތަންތަނަށް އިސްޓޭޓުތަކުގެ ބަޖެޓުން ޚަރަދުކުރުމުގެ ހުއްދަ މިހާރުވަނީ ރޫސީ ސަރުކާރުން ދީފައެވެ. މި ވާހަކަތަކާ އެކު، ކީރިތި ރަސޫލާ މުޙަންމަދުގެފާނުގެ ސީރަތު މުޅި ގައުމުގެ ކަންކޮޅުތަކުގައި ހުރިހާ އިސްކޫލުތަކެއްގައި ކިޔަވައިދޭން ގައުމީ މަންހަޖަށް އިތުރުކޮށްފިކަމަށް މި ދުވަސްވަރު ބައެއް ރިޕޯޓުތަކާއި މީސްމީޑީއާގެ މަންސަތަކުގައި އެބަ ރިޕޯޓުކުރެއެވެ. މިއީ ވެސް ތެދަކަށް ވެދާނެއެވެ. ނަމަވެސް އެ ކަން އެއްވެސް މަރުޖާއަކުން އަދި ކަށަވަރެއްނުވެއެވެ.
ހަމަ ގައިމު ވެސް ރޫސީވިލާތުގައި މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ބައެއް ސްޓޭޓުތައްކަމަށްވާ ތަތަރުސްތާނާއި ޗެޗްނިޔާއާއި ދާގަސްތާނުގައި އިސްލާމީ ތަޢުލީމު ފެތުރުމަށާއި ޤުރުއާން ކިޔަވައިދޭ އިސްކޫލުތަކަށް އެ ސްޓޭޓުތަކުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. މި ކަމަށް ރޫސީ މައި ސަރުކާރުން ވަނީ ހުއްދަދީފައެވެ. މި އަހަރުގެ ކުރީކޮޅު އާންމުވެފައިވާ ބައެއް ރިޕޯޓުތަކުން މި ކަން ސާފުވެއެވެ.
އަދި މިފަދަ އިސްކޫލުތަކުގެ ތަޢުލީމުދިނުން ޙިމާޔަތްކުރުމަށް ޓަކައި ގާނޫނީ އޮނިގަނޑު ވެސް ވަނީ ވަރުގަދަކުރެވިފައެވެ. މީގެ ބޭނުމަކީ މާހަރާކަން އާންމުކުރުމާއެކު މި ފަދަ ދީނީ އިސްކޫލުތަކުން ހިންގާ އަދި އެ އިސްޓޭޓުތަކުން ތާއިދުކުރާ އިސްލާމީ ތަޢުލީމު ޙިމާޔަތްކުރުމެވެ.
މިއީ ހަގީގަތްކަމަށް ވިޔަސް ކައު އިތުރު ރަސޫލާގެ ސީރަތުން ލިބިދޭ ރަނގަޅު ސުލޫކާއި އަޚުލާޤު މުޅި ރޫސީވިލާތުގެ ހުރިހައި ކަންކޮޅެއްގެ ހުރިހައި އިސްކޫލުތަކެއްގައި ކިޔަވައިދޭން ލާޒިމުކޮށް ގައުމީ މަންހަޖަށް އެ މާއްދާ އިތުރުކޮށްފިކަމަށް މީސްމީޑިއާގައި ފެތުރޭ ޚަބަރުތައް ކަށަވަރުކުރެވޭނެ އެއްވެސް މަރުޖާއެއް އަދި ފެނިފައެއް ނެތެވެ.
ނަމަވެސް ފާހަގަކޮށްލާން ޖެހޭ ކަމަކީ އެކިއެކި މުނާސަބަތުގައި ރޫސީ ރައީސް ވްލަޑިމީރް ޕޫޓިން، ރޫސީވިލާތުގައި ފެތުރެމުން އަންނަ އިސްލާމީ ސަގާފަތަށް ފައްސި ނަޒަރަކުން ޚިޔާލުފާޅުކުރައްވައިފައިވާކަމެވެ. އަދި އިސްލާމީ އުޞޫލުތަކާ ޚިލާފު އެއްޖިންސުން ކާވެނިކުރުން ފަދަ ފިޠުރަތާއި އިންސާނީ ޠަބީޢާތާ ޚިލާފު މުޑުދާރު ކަންތައްތަކަށް ދުވަހަކު ވެސް ތާއީދުނުކުރައްވާނޭކަމަށާއި އެ ފަދަ ބަދުއަޚުލާގީ އަމަލުތައް ރޫސީވިލާތަށް އެތެރެވިޔަ ނުދެއްވާނެކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ. ހަމަ އެފަދައިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެއްވެސް ރަސޫލުބޭކަލަށް ނިސްބަތްކޮށް ކާޓޫނުކުރެހުމާއި ހުތުރު ބަހުން މުޚާޠަބުކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަމަށާއި އެ ކަމަށް އޭނާގެ ގައުމުން ޖާގަނުދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަދި މިއަދު ވެސް ރޫސީވިލާތުގެ ވެރިކަމުގެ ތެރޭގައި ހިމެނޭ މުސްލިމު އަޣުލަބިއްޔަތު އޮންނަ ޖުމްހޫރިއްޔާތަކުގެ ރައީސުންނާ ރައީސް ޕޫޓިނާ ދެމެދު ވަރަށް ގާތް ގުޅުމެއް ގާއިމުކުރެވިފައިވާކަމަށް ވެސް ވަނީ ސާބިތުވެފައެވެ.
ކައު ރަސޫލާގެ ސީރަތަކީ އިންސާނާގެ ދިރިއުޅުން އިސްލާޙުކޮށް ރަނގަޅު ސުލޫކެއްގައި ދިރިއުޅުން ބިނާކުރުމަށް ޓަކައި މުހިންމު ފިލާވަޅުތަކެއް ލިބިދޭ އެއްޗެއްކަމަށް ވާތީ ރަސޫލާގެ ސީރަތު ކިޔަވައިދޭން ޕޫޓިން ބޭނުންފުޅުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ކަން އަދި އަޅުގަނޑުމެންނަށް ކަށަވަރުވެފައިނުވަނީކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އިސްލާމީ ތަޢުލީމުދޭ އިސްކޫލުތަކަށާއި ޤުރުއާން ކިޔަވައިދޭ މަދަރުސާތަކަށް އިސްޓޭޓުތަކުގެ ބަޖެޓުން ޚަރަދުކުރާގޮތަށް ރޫސީ ސަރުކާރުން ހުއްދަދެއްވައިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި އިސްލާމީ ސަގާފަތާއި އިސްލާމީ އުޞޫލުތަކަށް ރޫސީ ރައީސް އިޙުތިރާމްކުރައްވާކަން ކިތަންމެ މުނާސަބަތެއްގައި އޭނާ ފާޅުކުރައްވައިފައިވާ ފައްސި ޝުޢޫރުތަކުން ވާނީ ހާވެފައެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ރޫސީ ރައީސަށް މާތް ﷲ ތެދުމަތުދައްކަވައި، އޭނާގެ ޚިދުމަތުން އިސްލާމް ދީނަށް ކުރިއެރުން ލިބުމެވެ. އޭނާއަށް ކާމިޔާބު މިންވަރުކުރެއްވުމެވެ.
ބައެއް ލަފުޒުގެ މާނަ:
މާހަރާކަން ނއނ. ސިއްރުކުރުމެއް ފޮރުވުމެއް ނެތި ފެންނަ ފެނުން.
ފައްސި ނއ. (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދައްކާ. (2) ގަބޫލުވެވޭ ނުވަތަ ރުހެވޭ.