ad_banner
سورة البقرة ގެ تفسيرއާ މެދު ޢަލީގެފާނުގެ ބަސްފުޅެއް - ބަނީއިސްރާއީލުގެ މީހުން ކަތިނުލާން ބަހަނާދެއްކި ގެރި

އިސްމާޢީލު މުބާރަކު

26 އޭޕްރިލް 2026

علي ابن ابي طالب ނުވަތަ ޢަލީގެފާނުގެ ފަރާތްޕުޅުން ވާރިދުވެގެން އައިސްފައިވާ ކީރިތި قرٱنގެ  ތަފްސީރު އަޅުގަނޑުމެންގެ ތެރޭގައި ނެތުމަކީ ޙައިރާން ވާން ޖެހޭ ކަމެކެވެ.  ސަބަބަކީ އެކަލޭގެފާނަކީ މާތް ރަސޫލާ އެ ބޭކަލަކަށް ތަފްސީރު ޢިލްމުދެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވި އިބްނި عباسގެފާނަށް ވެސް ތަފްސީރު ޢިލްމު އުނގަނައިދެއްވި ފުރަތަމަ އުސްތާޒެވެ.

ރަސޫލް صلي الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު އުފެދުނު ނާޞިބީ ފިތުނައިގެ ސަބަބުން  ޢަލީގެފާނުގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭން އޮތް މަންފާހުރި ބައިވަރު ޢިލްމު ވަނީ ގެއްލި ވަންހަނާވެފައެވެ. عليގެފާނު އުނގެނި ވަޑައިގެންނެވީ ސީދާ ރަސޫލް صلي الله وسلمގެ އަރިހުންނެވެ. މި ގޮތުން تفسير القمي  الكافيއޭ ކިޔުނު ފޮތުގައި عليގެފާނުގެ ފަރާތުން ވާރިދުވެފައިވާ ކީރިތި قرٱنގެ ބައެއް ތަފުސީރާއި تٱويل ހިމެނިފައި ވެއެވެ.

بقرة ސޫރަތަށް بقرة ކިޔުނު ސަބަބެއްކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެ ސޫރަތުގައި ބަނީ އިސްރާއީލު ބާގައިގެ މީހުންނަށް ގެރިއެއް ކަތިލުމަށް ﷲ އަމުރު ކުރެއްވީތީ ކަމަށެވެ. تفسير القميގައި އެހެންނަމަވެސް ޢަލީގެފާނު ވިދާޅުވެފައިވާ ގޮތުން بقرة  سورةއަށް އެ ނަން ކިޔުނު ގޮތުގެ ސިއްރު ދެނެގަތުމަށް ޓަކައި އެއަށްވުރެ ފުނަށް ވިސްނައި ތަދައްބުރުކުރާންޖެހެއެވެ.

ކީރިތި قرٱنގެ ސޫރަތްތަކުގެ ނަން އެއީ އެ ސޫރަތުގެ مفتاح (ތަޅުދަނޑި)ކަމަށްވެއެވެ. އެއީ އެ ސޫރަތެއްގެ ދޭހައިގެ ތަޅު ހުޅުވާ ތަޅުދަނޑިއެވެ. އެހެން ކަމުން بقرة ސޫރަތުގައި އަންނަ " بقرة " (ގެރީ)ގެ ވާހަކަ ރަމްޒުކޮށްދެނީ ބިމުގެ މައްޗަށް އިންސާނާގެ ކިބައިގައި ހިފައިފައިވާ ލޯތްބެވެ. ގެރިއަކީ ދަނޑު ހެއްދުމަށާއި ބިމުގެ ފަސްގަނޑު ޖެހުމަށް ބިމުގެ ފަތްޕިލާވެއްޔާ ވިނަ ކައިގެން އުޅޭ ވިސްނުންކޮށި ޖަނަވާރެކެވެ.

އެއިން ދޭހަކޮށްދެނީ (نفس الامارة)އެވެ. އިންސާނާޔަށް އަމުރުކުރާ ނަފުސެވެ. ނުވަތަ އިންސާނާ ކަންކަމަށް އެދިގެން ގޮވާ ހަވާނަފްސެވެ. بقرة ސޫރަތުގައި ނަންގަނެވިފައިވާ ގެރީގެ ވާހަކައިގައި ބަނީ އިސްރާއީލްގެ މީހުން ދިޔައީ، ޤުރްބާންކުރާން ﷲ އެންގެވި ގެރިޔާ މެދު ސުވާލު އުފައްދަމުންނެވެ. ޝަރުތުތައް މަތިކުރަމުންނެވެ. ކަން ނުކޮށްވޭތޯ ބަހަނާދައްކަމުންދެއެވެ.

އެހެނީ އިންސާނުންގެ طبيعةއަކީ ތިމާހިތްއެދޭ ކަންކަން قربانކުރާކަށް ޙަޤީޤަތުގައި ބޭނުމެއްނުވުމެވެ. މާއްދިއްޔަތަށް އިތުބާރުކުރެވިފައިވާލެއް ބޮޑުކަމުންނެވެ. ގޮތްދޫނުކުރާން އާދަވެފައި ތިބުމުގެ ސަބަބުންނެވެ. މާއްދިއްޔަތު އެއީ ޙަޤީޤަތެއްކަމަށް ގެރިޔަށް ވެސް ދަސްވެފައިވާހެން އިންސާނާއަށް ފަރިތަވެފައިވާ ބޯހަރުކަން ދޫކޮށް އިލާހީ ޤާނޫނަށް ތަބަޢަވާން އިންކާރުކުރެވޭ ވަރުންނެވެ.

އެހެންނަމަވެސް ސުވާލު ގިނަކުރި ވަރަކަށް ވާންޖެހޭ قرباني ދަނީ އުނދަގޫވަމުންނެވެ. އެންމެ ކަމަކުން ނިމޭން އޮތް ކަމެއް، ބައިވަރު ކަންތައްތަކެއް ފުރިހަމަކުރާން ޖެހުނު ރަސްމަކަށް އެ ކަން ވެގެން ދިއަހެން ހަވާނަފުސުގެ ގެރި قربانނުކޮށްފި ނަމަ، އިންސާނާޔަށް ދުނިޔަވީ ޙަޔާތު އުނދަގޫވާނެއެވެ. ދަތްކޮޅު ފައިބައިގެން ދެއެވެ. ބޮލުގެ އިސްތަށި ނުރަޔަށްވެދެއެވެ. ގައިގެ ބާރުދެރަވެދެއެވެ. ރައްޓެހީން ގެއްލިދެއެވެ. ޢިއްޒަތް ބީވެދެއެވެ. ގޮތްދޫނުކޮށް ހެދޭނެ އެއްވެސް ގޮތެއް ނޯވެއެވެ. މިއީ ހަމަ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސު އެދޭ މަވަންތަކަން ޤުރުބާންނުކުރާން އުޅެއުޅެ ހުއްޓައި ކަންތައްވާ ގޮތެވެ.

ޢަލީގެފާނު ވިދާޅުވެފައިވެއެވެ. އެއިން އަންގައިދެނީ މުޅި بقرة ސޫރަތުގެ ހުރިހައި އާޔަތެއް އެމުނި އެކުލެވިފައިވަނީ  تقوي ވެރިވާން އެދޭ މީހާ އޭނާގެ (އީގޯ)ގެ ގެރި ނުވަތަ ނަފްސު الامارة ގެ ގެރި ޤުރްބާންކުރާން ޖެހޭ ގޮތުގެ މައްޗަށް ދެއްވައިފައި އިރުޝާދުތައްކަމަށެވެ. ﷲ ކަންކަން ރާއްވަވައިފައިވާ ގޮތުގެ މައްޗަށް ތިމާގެ ނަފްސުގެ ދެކޮޅުހެދުން ދޫކޮށް ﷲގެ އިރާދަފުޅަށް އަމާންދީ ކިޔަމަންތެރިވުމުގެ މައްޗަށްކަމެވެ. 

އުފައްދައިގެން އުޅޭ އަސްލެއް ނެތް ޒާތީ މަވަންތަކަމުގެ ޝަޚުޞިއްޔަތު ޤުރުބާންކުރުމުގެ މައްޗަށެވެ. މި ގޮތުގެ މަތީން ތަދައްބުރުކޮށް، މި ސޫރަތުގެ އާޔަތްތަކާ މެދު، ވިސްނައިފި މީހަކަށް ކުރީން އޮޅުން ނުފިލައި ހުރި ކިތައްމެ މާނައެއް ދޭހަވާން ފަށާނެކަމަށް ޢަލީގެފާނު މި ސޫރަތުގެ ތަފުސީރުގައި ވިދާޅުވެއެވެ.

ރީނދޫ ކުލައިގެ ގެރިއެއްކަމަށް ﷲ ސިފަކޮށްދެއްވައިފައިވާ މާނައިން ދޭހަކޮށްދެނީ ނަފުސަށް ޖެހިފަވާ ރޫޙާނީ ބަލިމަޑުކަމެވެ. އެ ބަލި ޖެހިފައިވަނީ ހަމަ މިދެންނެވި ނަފްސު الٱمارةގެ ސަބަބުންނެވެ.  ތިމާގެ ހަވާނަފްސު ތިމާއަށް އަމުރުކުރަނީ ތިމާޔަށް ގެއްލުންދޭ ކަންކަމަށެވެ. ފައިދާވާ ކަންކަން މަނާކުރެއެވެ. ވަގުތީ އުފާ ދާއިމީ ނަތީޖާ ލިބޭ ކަންކަމަށް ވުރެ މާ އަސްލުކަމަށާއި ޙަޤީޤަތަކީ އެއީ ކަމަށް އޭތި ބުނެދެއެވެ.

بقرة ސޫރަތުގެ 216ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ (ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.)

ބަނީ އިސްރާއީލް ބާގައިގެ މީހުންނަށް އެ ރީނދޫ ގެރި قربانކުރާށޭ ﷲ އެ އަންގަވަނީ ރޫޙާނީ ގޮތުން ތިމާ ބަލިކުރަމުންދާ އީގޯ ނެތިކޮށް، އޭތީގެ قربانيއަކަށް ތިމާ ވުމުގެ ކުރީން ހިތް އެދޭ އެދުމުގެ އެގެރި قربانކުރުމަށެވެ. މާތް ﷲ އަންގަވަނީ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ (އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.) އެހެންވީ އިރު، ﷲ ކަމަކަށް އަމުރުކުރެއްވުމުން އަޅުގަނޑުމެން އިތުރަށް ވިސްނާންވީ ކޮން ކަމަކާތޯއެވެ! އެކަލާނގެއީ އެ ކަލާނގެ އަޅުން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.

އާދޭހެވެ! ބަނީ އިސްރާއިލް ބާގައިގެ މީހުން އެ ގެރި ހޯދިއެވެ. އަދި ޤުރްބާންކުރިއެވެ. މަރައިލެވިފައިވާ މީހެއްގެ މަރުގެ ސިއްރު އެ ޤުރްބާނީގެ ސަބަބުންހޯދުނެވެ. މަރުވެފައިވާ މީހާގެ ގައިގައި އެ ގެރީގެ ބަޔަކުން ޖެހުމުން މަރުވެފަވާ މީހާ ދިރިގެން ތެދުވެ އޭނާ މަރައިލީ ކާކުކަން ބުނެދިނެވެ.

ޢަލީގެފާނު ވިދާޅުވަނީ އޭގެ މުރާދަކީ ތިމާގެ އަމިއްލަ އެދުމުގެ އީގޯގެ ގެރި ޤުރުބާންކޮށްފި މީހަކަށް އޭނާގެ މަރުވެފައިވާ ކިތަންމެ ކަމެއް ދިރިގެން އަންނާނެ ވާހަކައެވެ. ނިމުނީކަމަށް ހީވެފައިވާ ކިތަންމެ ގުޅުމެއް، އަލުން ދިރިގެން އަންނާނެ ވާހަކައެވެ. ބަނގުރޫޓުވީކަމަށް ހީވެފައިވާ ކިތަންމެ ވިޔަފާރިއެއް އަލުން ދިރިގެން އަންނާނޭ ވާހަކައެވެ. ތިމާގެ ސިއްޙަތުން އުނިވެފައިވާ ކިތަންމެ ކަމެއް ރަނގަޅުވާނެ ވާހަކައެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެ ގެރި قربانނުކޮށް ވާނެ ހުރިހައި ބަހަނާއެއް ދައްކަމުއެވެ.  ސިނގިރޭޓް ބުއިން ފަދަ ފޮނިއެއްޗެހި ކެއުން ފަދަ، އަދި ހަށިގަނޑާއި ފުރާނައިގެ ތަރައްޤީއަށް ޓަކައި ހަދާން ޖެހޭ ތަމްރީންތައް ނަހަދައި، ކުރާން ޖެހޭ ކަންކަން ބުރަކަމަކަށްވެ، ހިތް އެދޭ ކަންކަން ހުއްޓައިނުލާން ވަރަށް ބަހަނާދައްކަމުއެވެ. އެ ގެރި ޤުރުބާންނުކުރާންވެގެންނެވެ.

ހިތުގައި ބަލިމަޑުކަމެއްވާ ބޭފުޅުންނަށް މިއީ ފިތުނައެއްކަމުގައި ވެސްވެދާނެއެވެ. ހުރިހައި އެންމެންނަކީ އެއް ގޮތަކަށް ވިސްނާ ބަޔަކަށް ވާކަށް ނުޖެހެއެވެ. އެހެންކަމުން ޢަލީގެފާނު ފަރާތުން تفسير القميގައި  ވާރިދުވެފައިވާ މި ސިއްރުތައް އަޅުގަނޑު މި ހާމަކުރަނީ  އީމާންވެގެން ތިބި މީހުންގެ އީމާނާކަން އިތުރުކުރުމަށް ޓަކައެވެ. ހިތުގައި ބަލިމަޑުކަމެއްވާ މީހުންގެ މެދުގައި ފިތުނަ އުފެއްދުމަކަށް ނޫނެވެ.  ތެދުމަގު ލިބެން ބޭނުން މީހަކަށް އަޅުގަނޑު މި މަޤާލުގައި ހާމަ މި ކުރާ ވާހަކަތަކުން ތެދުމަގަށް މަގުފަހިވާނެކަމުގެ އުންމީދުގައެވެ. 

ކީރިތި قرٱنގައި ބައެއް ސޫރަތް ފެށުމުގެ ކުރީން ހުންނަ ވަކި އަކުރުތަކަށް احرف النورانيةއޭ ކިޔައެވެ. މި ގޮތުން بقرة ސޫރަތުގެ ފުރަތަމަ ތިން އަކުރަކީ ކޮބައިތޯއެވެ. ا ، ل، م   މި ތިން އަކުރެވެ. ޢަލީގެފާނު ވިދާޅުވާ ގޮތުން އެއީ، އިންސާނުންގެ ތެރޭން ތިން ދަރަޖައަކަށް މީހުންގެ ނަފްސު ހޭވެރިވެފައިވާ ތިން ބަޔެއްގެ ވާހަކައެވެ. بقرة ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި އެ ވަނީ އެ ތިންބައި މީހުންގެ ވާހަކައެވެ. އެއީ ތަޤުވާވެރީންނާއި، މުނާފިޤުންނާއި، ކާފަރުންނެވެ. އެއީ:

(ا)  نفس أمّارة . 

(ل)  نفس اللوّامة 

(م)   نفس المطمئن. މި ތިން ބާވަތުގެ މީހުންނެވެ.

އިންސާނާގެ ކިބައިގައިވާ ހޭވެރިކަން އިތުރުވީ ވަރަކަށް އެއް ނަފްސުން އަނެއް ނަފްސަށް، ނަފްސު މަތިވެރިކުރެވެއެވެ. ޣާފިލްވީ ވަރަކަށް ދަށުދަރަޖަޔަށް ނަފްސު ވެއްޓެއެވެ. ހޭވެރިކަމަކީ  ރޫޙުގައި ހުންނަ ބާރެކެވެ.

ކަމެއް ހަނދާންކުރުމަށް ޓަކައި ކަންކުރާ ގޮތަކީ އެ ކަމާ މެދު، ހޭވެރިވަނީއެވެ. މީހަކާ ބައްދަލުކުރާން ދާ އިރު، އެ މީހަކު ފެނުމުން ކުރާން ޖެހޭ ކަންކަމާ މެދު، އަޅުގަނޑުމެން އެކަކު ވެސް ޣާފިލެއްނުވެއެވެ. ހޭވެރިވެވެއެވެ. ހިނިތުންވުމާއި ސަލާންކުރުމާއި ތިމާޔަށް ހުރެވުނީ ރީތި ފޭރާމެއް ލައިގެން ރީތިކޮށްތޯއާއި މި ފަދަ ހުރިހައި ކަމަކާ ހޭވެރިވެވެއެވެ.

ހަމަ މީހަކާ ބައްދަލުކުރާން ދާ އިރު، މި ދަނީ ކާކާ ބައްދަލު ކުރާންތޯ، ހުރެވުނީ ރީތި ފޭރާމެއް ލައިގެންތޯ، ހިނިތުންވެވުނުތޯ، ސަލާންކުރާން ޖެހޭނެތޯ، ގަޑީން ކިހައި އިރެއްތޯ، މި ހުރީ ބޫޓަށް އަރައިގެން ނުވަތަ ފައިވާނަށް އަރައިގެން ނުވަތަ ހުސްފަޔާތޯ ވިސްނައި ހޭވެރިވާހެން ހޭވެރިވާން ޖެހޭނެއެވެ. މި ކުރަނީ ކީއްކަމެއް ވެސް ނޭނގި ހޭވެރިކަމެއްނެތި ކަމެއް ކުރުމުން އެ ވާނީ ވަރަށް ބޮޑު  ޣާފިލްކަމެއްގައި ހުރެ ކުރި ކަމަކަށެވެ. އޭރުން ނިދައިފައި އޮތް މީހެކޭ ތަފާތެއް ނެތެވެ.

މިއީ އަޅުގަނޑުމެން މި މާއްދީ ދުނިޔޭގައި އުޅޭ އިރު، އިންސާނުންނާ މެދު ކަންކަން ބަހައްޓާ ގޮތްކަމަށްވާ އިރު، މާތް ﷲ ހަނދުމަކުރުމަށް ޓަކައި ހޭވެރިވާންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވާން ޖެހޭނެކަން އަޅުގަނޑުމެންނަށް ވިސްނައިގަންނާކަށް އުނދަގުލެއްނޫނެވެ. އެހެންކަމުން ﷲ ހަނދުމަކުރުމަށް ޓަކައި އެކަލާނގެއާ މެދު، ހޭވެރިނުވެވެންޏާ އެ ހުރެވެނީ ޣާފިލުވެގެންނެވެ. ހަގީގީ ޣާފިލުކަމަކީ މިއީ ނޫންތޯއެވެ!

ކޮމެންޓު
ކޮމެންޓުތައް
ފާތުން
27 އޭޕްރިލް 2026 20:39
ވަރަށް މުހިންމު މަޢުލޫމާތު މުއްސަނދި ލިޔުމެއް. ޝުކުރިއްޔާ ލިޔުންތެރިޔާ އަދި ފަރަގު. ނަފުސު ހޭލައްވައިލަދީފި.