އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
24 އޭޕްރިލް 2026
އިސްލާމީ އުންމަތުގައި ހިމެނޭ، ޣައްޒާއާއި އީރާނާއި ލުބުނާނަށް، އިންސާނިއްޔަތާ ޚިލާފު ޢުދުވާނުތައް އިޒުރޭލުން ހިންގައި، އަދި ހިންގަމުންދާ މި ދަނޑިވަޅުގައި އެ ކިޔާނުން ދޭ އެންމެ މަތީ މަދަނީ އެވޯޑު، ރިޔާސީ ޝަރަފުގެ މެޑެލި (ޕްރެޒިޑެންޝަލް މެޑަލް އޮފް އޮނަރ) އާޖެނޓީނާގެ ރައީސް ޖެވިއަރ މިލެއިއަށް ދިނުމުން އަންގައިދޭ ވަރަށް ގިނަ ހަގީގަތްތަކެއް އެބަ ހުއްޓެވެ.
އެންމެ ފުރަތަމަ، 2026 އެޕްރީލު 20ގައި މި މެޑެލި، އިޒުރޭލުގެ ރައީސް އިސްހާގު ހަރްޒޮގް، އާޖެންޓީނާގެ ރައީސަށް ދިން ސަބަބުކަމަށް ބޭރުފުށުން ފެންނާން ހުރި ސަބަބުތަކަށް ބަލައިލަމާތޯއެވެ!
މިއީ މި ފަދަ މެޑެއްޔެއް ބޭރު ގައުމެއްގެ ރައީސަކަށް ދިން ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ. މި އެވޯޑު ދީފައިވަނީ ރައީސް މިލާރ ޖެރޫސަލަމަށް ކުރި ރަސްމީ ދަތުރުގައެވެ. އެހެންކަމުން މި މެޑެލި ދިނުމުގެ ސަބަބުކަމަށް މީޑިއާއިން ފެންނަ ސަބަބުތަކަށް ބަލައިލާނަމެވެ.
· އާދަޔާ ޚިލާފު ތާއީދާއި ހަރުދަނާ ބަދަހި ގުޅުން
ޖެވިއަރ މިލެއި ފާހަގަކުރެވިފައިވަނީ އޮކްޓޫބަރު 7ގައި އިޒުރޭލާއި ޙަމާސާ ދެމެދު ބަދަލުކުރެވޭން ފެށުނު ޙަމަލާއާ ގުޅިގެން އިޒުރޭލާ އެކު އޮތް ރަޙުމަތްތެރިކަމާއި އޯގާވެރިކަމާއި ތާއީދު އެންމެ ފުރަތަމަ ހާމަކުރި ރައީސަށެވެ. މިލެއިގެ ފުރަތަމަ ފުރަމާނަ ދަތުރު 2024 ފެބްރުވަރީމަހުގެ ތެރޭގައި އިޒުރޭލަށް ކުރިއެވެ. އެއީ ޣައްޒާއާ ދެކޮޅަށް އިޒުރޭލުން ދެމެން ގެންދިޔަ ޙަމަލާތައް އެންމެ ހޫނު ދުވަސްވަރުގައެވެ. މި ޒިޔާރަތް އިޒުރޭލުގެ ރައީސް ސިފަކޮށްފައިވަނީ ދެ ގޮތެއްނުވާ ސާބިތު [ހިތްވަރުގަދަ ރަހުމަތްތެރިކަމެއް]ގެ ގޮތުގައެވެ.
· ބައިނަލއަގުވާމީ ދާއިރާގެ ތާއީދު
މި އިނާމު ރިވެލިކޮށްދެނީ ބައިނަލްއަގުވާމީ މަސްރަހުގައި [ތުނި އަދި ފުޅާކޮށް] އިޒުރޭލަށް މިލެއި ކުރަމުންދާ ތާއީދާއި އިޒުރޭލަށް ތާއީދުކުރާން އޭނާ ގެންގުޅޭ ސާފު ޞަރީޙަ ސިޔާސަތާއި ފުރިހަމަ އެއްބާރުލުމެވެ.
· އަސީރުންގެ ހައްގުގައި އަޑުއުފުލުން
އޮކުޓޯބަރު 7ގައި ހިފެހެއްޓުނު އަސީރުން، ޚާއްޞަކޮށް އާޖެނޓީނާގެ ނަސްލަށް ނިސްބަތްވާ އަސީރުން ދޫކޮށްލުމަށާއި އެ މީހުން އަނބުރައި އެ މީހުންގެ ވަޠަނަށް ފޮނުވުމަށް ބައިނަލްއަގުވާމީ މައިދާނުގައި ސާބިތުކަމާ އެކު އަޑު އުފުލަމުން ގެންދިޔަ ރައީސަކީ ހަމައެކަނި މިލެއިކަން ފާހަގަކުރެވެއެވެ.
· ހިއްސާކުރާ ގިޔަމުތައް
ދެ ރައީސުންނަކީ ވެސް [ޔަހޫދީ-ނަސްރާނީ ގިޔަމުތައް] ދެމެހެއްޓުމުގައި ކަށަވެތި ދެ މީހުންނެވެ. އަދި އާޖެންޓީނާއަކީ، އިޒުރޭލުގެ [މިނިވަންކަމުގެ ހުޅުކޮޅު] ދަމަހައްޓާން ތާއީދުކޮށް، އާޖެންޓީނާގެ ސަފާރާ ޖެރޫސަލަމަށް ގެންދާނެކަމުގެ ޔަގީންކަން ދީފައިވާ ގައުމެކެވެ.
· ރޫހީ ގުޅުން
ޔަހޫދީ ސަގާފަތާއި ތަރިކައާއި އިސްރޭލުގެ ބިމާ ދޭތެރޭ، ޖެވިއަރ މިލެއިގެ ހިތުގައި އޮންނަ ޚާއްސަ ގުޅުން އިޒުރޭލުގެ ރައީސް އިސްހާގު ހަރްޒޮގު ފާހަގަކުރިއެވެ.
މިލެއިގެ މި ތާރީޚީ ޒިޔާރަތުގައި އިޒުރޭލުގެ ރަސްމީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ޓޯޗު ދިއްލުމުގެ ފުރުސަތު މިލެއިއަށް ދިނުމުން މި ޝަރަފު ލިބުނު ބޭރުގެ ފުރަތަމަ ރައީސަކަށް ވުމުގެ [ޝަރަފު] ވެސް މިލެއިއަށް ވަނީ ލިބިފައެވެ.
އެހެންކަމުން ޖެވިއަރ މިލެއިއަށް އިޒުރޭލުން މި ދިން [ޝަރަފަކީ] މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ޢުދުވާނުތަކަށް މިލެއިކުރާ ތާއީދު ފާހަގަކުރުމާ އެކު، އެ ކަން ދާއިމަށް އަބަދަށް ދެމެހެއްޓުމުގެ ނިޔަތުގައި ދީފައިވާ މެޑެއްޔެއްކަން ފާހަގަކުރެވެއެވެ.
ބައެއް ލަފުޒުގެ މާނަ:
ކަށަވެތި ނއ. (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި. (2) ކަށަވަރު.
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް.
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.