ad_banner
'ޓުރެވަލް ހައިޓްސް'އަށް ނަސްރުﷲ ދެއްވި ވަރުގަދަ ބަސްދީގަތުން: ދިވެހި ފަތުރުވެރިކަމުގެ އައު މިސްރާބު ހާމަވެއްޖެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 އޭޕްރިލް 2026

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެއަކީ ހަމައެކަނި "ޕޯސްޓްކާޑު" މަންޒަރެއް ނޫންކަން، މަޝްހޫރު މަޖައްލާ 'ޓްރެވަލް ހައިޓްސް' (Travel Heights)ގެ އެޕްރީލު މަހުގެ އަދަދަށް ވިޒިޓް މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ނަސްރުﷲ އާދަމް ދެއްވި ފުން، އަދި ޢިލްމީ ވަރުގަދަ ބަސްދީގަތުމުން ވަނީ ސާބިތުކޮށްދެއްވައިފައެވެ. "މޯލްޑިވްސް އަންވީލްޑް"ގެ ނަމުގައި 'ޓުރެވަލް ހެއިޓްސް'ގައި ޝާއިޢުކޮށްފައިވާ މި ލިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަން "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްއިން ބޭރަށް ނުކުމެ، 'ސްޕްލިޓް-ސްޓޭ' ނުވަތަ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ފަތުރުވެރިކަން އެކުލެވޭހެން ފުޅާވަމުންދާ ގޮތް ވަރަށް ފުރިހަމައަށް ކުރަހައިދީފައިވާ ލިޔުމެކެވެ.

ޗައިނާއާއި ރަޝިއާ ފަދަ ލީޑިންގ މާރުކޭޓުތަކުން 2026ވަނަ އަހަރުގެ ކުރީކޮޅު ފެނުނު ރެކޯޑު އަދަދުގެ ކުރިއެރުމާ އެކު، އިންޑިއާއާއި ޔޫރަޕުގެ އިތުރަށް އެމެރިކާގެ ބާޒާރަށް އަމާޒުކޮށްގެން ރާއްޖެއިން ގެންގުޅޭ އިސްތިރާޖީ ސިޔާސަތުތައް ނަސްރުﷲ ވަނީ ތަފުސީލުކޮށްދެއްވައިފައެވެ. ޚާއްޞަކޮށް، 'މޯލްޑިވިއަން'އާއި 'އެއަރ އިންޑިއާ'އާ ދެމެދު އޮތް ބައިލެޓަރަލް ޕާޓްނަރޝިޕްގެ ދަށުން، އިންޑިއާގެ ބޮޑެތި ސިޓީތަކުން ރާއްޖޭގެ އެތެރޭގެ 16 އެއަރުޕޯޓަކަށް،  އަލުން  ޗެކް-އިން  ވާން  ނުޖެހޭ ގޮތަށް، އެއް  އައިޓިނަރީގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ، ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ޓަކައި އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ.

މި ބަސްދީގަތުމުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް އަމާޒުކޮށްގެން ގެންގުޅޭ 'އެކްސްޕީރިއެންޝަލް' މާކެޓިންގއަށް ވެސް ވަނީ އަލިއަޅުވައިލައްވައިފައެވެ.  "ވާއު" އަތޮޅުގެ 'ނާސް ޝާކް' ސްނޯކްލިންގ އާއި، ބާ އަތޮޅުގެ 'މަންޓާ ރޭ'  ފަދަ ތަޖުރިބާތަކާއި، މީގެ އިތުރަށް އަލްޓްރާ  ލަގްޒަރީއަށް  ޚާއްސަކޮށް  ކައިވެނީގެ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ނ. އަތޮޅުގެ ވާހަކައަކީ ރާއްޖޭގެ ފަތުރުވެރިކަން  ތަރައްގީވަމުން އަންނަ މިންވަރުގެ ހެތްކެކެވެ.

މީގެ އިތުރަށް، ތިމާވެށި ރައްކާތެރިކުރުމަށް ޓަކައި 'މިނަރަލް އެކްރެޝަން ޓެކްނޮލޮޖީ' (MAT) ބޭނުންކޮށްގެން މުރަކައިގެ 300އަށް ވުރެ ގިނަ ގިއުގަނޑު ހަރުކުރުމާއި، 'ފޮސްޓަރ އަވަރ ފެހުރިހި' ފަދަ ކޮންޒަރވޭޝަން ޕްރޮގްރާމްތަކަކީ ހަމައެކަނި ލަގްޒަރީއަށް ވުރެ ބޮޑަށް، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ރާއްޖެއިން އިސްކަންދޭކަން ދުނިޔެއަށް ދައްކައިދޭ ކަންކަމެވެ. މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ހުރި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ދަތުރުތަކަށް މި ވަގުތު ކޮންމެވެސް ވަރެއްގެ ބުރޫއެރުމެއް އައި ނަމަވެސް، ރާއްޖެއަށް އޮތް މަގުބޫލުކަމުގެ ސަބަބުން ފަތުރުވެރީން ދަތުރުތައް ކެންސަލްކުރުމުގެ ބަދަލުގައި ފަސްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނިމި ދިޔަ އަހަރަކީ ރާއްޖެއިން 2.25 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ތާރީޚީ ކާމިޔާބީއެއް ހޯދި އަހަރަކަށް ވާ އިރު، މި އަހަރުގެ ޖެނުއަރީ މަހަކީ ވެސް ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި (131,000 އަށްވުރެ ގިނަ އެރައިވަލްސް) މަސްކަން ނަސްރުﷲ ފާހަގަކުރައްވައިފައިވެއެވެ.

ނަސްރުﷲ އާދަމަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ)ގެ ލީޑަޝިޕްގައި ހުންނެވި، މި ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ފަންނުވެރިޔާއެވެ. އަމަލީ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުން ހޯއްދަވައިފައިވާ މުއްސަނދި ތަޖުރިބާއާ އެކު، އޭނާއަކީ އިންޑަސްޓްރީގެ ވިންދާއި ގޮންޖެހުންތައް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެއް ތަޖުރިބާކާރެވެ. ވީ.އެމް.ސީއާއި އަމިއްލަ ސިނާއަތާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، އެއް މިސްރާބަކަށް މަސައްކަތް ގެންދިއުމަށް ޓަކައި އޭނާ ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، މި އަހަރު އަލަށް ފެށުނު "ފޭސަސް އޮފް މޯލްޑިވިއަން ހޮސްޕިޓާލިޓީ" ފަދަ އިސްނެންގުންތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

ހަމައެއާ އެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯ، ސިންދަފާތުކޮށް ދުނިޔޭގެ ބާޒާރުތަކުގައި ރާއްޖޭގެ މަގާމު ހިފެހެއްޓުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނިވަޑައިގަންނަވާ ސިޔާސަތުތަކަށް ނަސްރުﷲ ވަނީ އޭނާގެ ބަސްދީގަތުމުގައި ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ. ޚާއްޞަކޮށް، ކަނެކްޓިވިޓީއަށް ބިނާކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިގުތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ސާބިތުކަމާ އެކު ކުރިއަށްދާނޭކަމުގެ ޔަގީންކަންދޭ ކަމެއްކަން އޭނާ ފާހަގަކުރައްވައިފައިވެއެވެ. 

ނަސްރުﷲ ފަދަ، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު އިސް ބޭފުޅަކު މި ފަދަ ބަސްދީގަތުމެއް ދެއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާ މެދު އުންމީދު އައުވި ކަމެކެވެ. އަދި މި ބަސްދީގަތުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިގުތިޞާދީ ފިޔަވަޅުތަކަށް ރައްޔިތުންނަށް އިތުބާރު ލިބިދިން ބަސްދީގަތުމެއް ވެސްމެއެވެ. ހަމަ މިފަދައިން ބައިނަލްއަގުވާމީ މިފަދަ މަޝްހޫރު މަޖައްލާއެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މި ފަދަ މަގާލެއް ޝާއިޢުވުމަކީ، އޭގެ ޒާތުގައި ވެސް ރާއްޖޭގެ ޝުހުރަތު އިތުރުވާނޭ ކަމެއްކަން ކަށަވަރެވެ. މި ކަމަށް ޓަކައި [ފަރަގު މީޑީއާ]ގެ ފަރާތުން ނަޞްރުﷲއަށް ތަހުނިޔާއާއި ޝުކުރު ދަންނަވަމެވެ.

 

 

ބައެއް ލަފުޒުގެ މާނަ:

ބަސްދީގަތުން  ނ.    ސުވާލުކޮށްގެން އަނެކާގެ ކިބައިން ކަމަކާ ބެހޭ މައުލޫމާތު ހޯދުމަށް ނުވަތަ ސާފުކުރުމަށް ބާއްވާ ބައްދަލުވުން.  interview

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

މަގާލު        ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. diversity

ކޮމެންޓު