ad_banner
"ހަނގުރާމައިގެ އެއްވެސް މަގުސަދެއް އެމެރިކާއަކަށް ހާސިލެއް ނުވޭ." – ޢައްބާސް ޢަރަޣުޗީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 އޭޕްރިލް 2026

އީރާނުގެ ޚާރިޖީ ވަޒީރު ޑރ. ޢައްބާސް ޢަރަޣުޗީ، ރޫސީވިލާތުގެ އިސް ވަފުދާ ބައްދަލުކުރެއްވުމުގެ ކުރީން ނޫސްވެރީންނަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން މަޝްވަރާތައް ބާއްވާން ބޭނުންވެގެން އުޅުނީ އެ މީހުންނަށް އެ މީހުން ފެށި ޣައިރުޤާނޫނީ ހަނގުރާމައިން ޙާޞިލުކުރާން ބޭނުންވި އެއްވެސް މަގުސަދެއް (ދުނިޔޭގެ [ބޮޑު ބާރު]ކަމަށް ދަޢުވާކުރާ އެމެރިކާއަކަށް) ހާސިލުނުވެގެންކަމަށެވެ. ރޭ ރޫސީވިލާތުގެ ސެއިންޓު ޕީޓާރސްބާރގުގައި ރޫސީވިލާތުގެ އިސް ވަފުދަކާ ވަނީ އަރަޣުޗީ ބައްދަލުކުރައްވައި އީރާނު-އެމެރިކާ ހަނގުރާމައާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. ރޫސީ ވަފުދުގައި ރޫސީ ރައީސް ވުލަޑުމީރު ޕުޓިނާއި ޚާރިޖީ ވަޒީރު ލަވްރޯފު ވެސް ހިމެނިވަޑައިގަތެވެ.

މީގެ ކުރީން އީރާނާ އެކު އެމެރިކާއިން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވާން އުޅުނު މަޝްވަރާތަކުގެ ދެވަނަ ބުރު ނުބާއްވައި ވަނީ ފޭލިވެފައެވެ. މި ކަމުގައި އީރާނުން ކުށްވެރިކުރަނީ އެމެރިކާއެވެ. އެމެރިކާއިން ބަދުނާމުކުރަނީ އީރާނެވެ.

އީރާނުން ބުނަނީ އެމެރިކާއިން ދައްކާން އުޅެނީ ހަމަ ފުރަތަމަ ބުރުގައި ވެސް ދެއްކި ވާހަކަތައްކަމަށާއި މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށެވެ. ފުރަތަމަ ބުރުގައި ދެއްކި ވާހަކަތައް އަލުން ތަކުރާރުކުރާން އިސްލާމްއާބާދުގައި ބާއްވާން އުޅުނު އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ބޭމެއް ނެތްކަމަށް ވެސް އީރާނުންވަނީ ބުނެފައެވެ. އަދި އެއްވެސް އިތުރު މަޝްވަރާއެއް ނުކޮށް އެމެރިކާއިން ބޭނުންވާ ކަންތަކަށް އީރާނު އެއްބަސްކުރުވާން ބާރުއެޅުން ނޫން އެހެން ނިޔަތެއް އެމެރިކާއަކުން މަޝްވަރާތަކުގައެއް ނުގެންގުޅެއެވެ. އެހެންކަމުން އެ ފަދަ މަޝްވަރާތަކެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތްކަމަށް ކުރީން ވެސް އީރާނުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގައި އޮތް ބައްދަލުވުމަށް ދާން އީރާނުން ފަސްޖެހުމާ ގުޅިގެން އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވާން އެމެރިކާއިން ނިންމިއެވެ. އެއަށް ފަހު، މި ދިޔަ ހޮނިހރު ދުވަހު ފްލޮރިޑާގައި ނޫސްވެރީންނަށް މަޢުލޫމާތު ދެމުން ޓުރަންޕު ބުނެފައިވަނީ [އޭނާގެ އިސް މަންދޫބުންކަމަށްވާ ސްޓީވް ވިޓުކޮފާއި އޭނާގެ ދަނބިދަރި ޖެރާޑް ކުޝްނާރގެ ދަތުރު ކެންސަލްކުރުވީ އީރާނުން ހުށަހަޅާ ނުގުޅޭ ހުށަހެޅުންތަކަށް ދާން ބޭކާރު ދަތުރުތަކަކާއި އެތައް ޚަރަދުތައް ހިނގާތީ]ކަމަށެވެ.

އާދީއްތަ ދުވަހު ޓުރަންޕު ބުނެފައިވަނީފެބްރުވަރީ 28ގައި ފެށުނު  ހަނގުރާމަ ހުއްޓާން ވާހަކަދައްކާން އީރާނުން ބޭނުން ނަމަ، އީރާނަށް އެމެރިކާއަށް އާދެވިދާނެކަމަށާއި ނުވަތަ ތެލިފޯނުން ގުޅައިގެން ވެސް މަޝްވަރާކުރެވިދާނެކަމަށެވެ.

[އެ މީހުން ބޭނުން ނަމަ، އަހަރެމެންގެ ގާތަށް އެ މީހުންނަށް އާދެވިދާނެއެވެ. ނުވަތަ ފޯނުން އެ މީހުންނަށް ގުޅިދާނެއެވެ. ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން އަހަރެމެންގެ ފޯނު އެބަހުއްޓެވެ. އަހަރެމެންގެ ވަރަށް ރީތި، އަދި ރައްކާތެރި ފޯނުލައިންތައް އެބަހުއްޓެވެ.] ޓުރަންޕަށް ތާއީދުކުރާ ފޮކުސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓުރަންޕު ބުނެފައިވެއެވެ. [އެއްބަސްވުމުގައި އޮންނާންވީ ކޮން ވާހަކަތަކެއްކަން އެ މީހުންނަށް އެނގޭނެއެވެ. އެއީ ވަރަށް އާދައިގެ ވާހަކައެކެވެ. އެ މީހުންނަކަށް ނިޔުކުލިއަރު ހަތިޔާރެއް ނުގެންގުޅެވޭނެއެވެ. މި ކަމާ އެއްބަސްނުވަންޏާ ބައްދަލުކުރުމުގެ ބޭނުމެއް ނެތެވެ.]

އީރާނުން ކުރީން ވެސް ވަނީ އެމެރިކާގެ އޮފިޝަލުންނާ އެކު ބައްދަލުވާން ފަސްޖެހިފައެވެ. ތެހެރާނުގެ އޮފިޝަލުން ބުނެފައިވަނީ [މި ވަގުތު، ކުރީން ވެފައިވާ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ އިރު، އަދި ހުރުމޫޒު ކަނޑުއޮޅި ބަންދުކޮށްގެން އުޅޭ އިރު، އަދި މާނަވީ މަޝްވަރާތަކަކަށް އެމެރިކާއިން ބޭނުންނުވާ އިރު، ސީދާ ވާހަކަތައް ބޭއްވުމަކީ މާނައެއް ނެތް ބޭކާރު ކަމެއް]ކަމަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ފޯނުން ގުޅުއްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު އަރިހު ވިދާޅުވެފައިވަނީ ބިރުދައްކައިގެން ވަކި ކަމަކަށްބާރުއަޅާން ބާއްވާ މަޝްވަރާތަކެއްގައި އޭނާގެ ގައުމުން ބައިވެރިވާން ބޭނުންނުވާކަމަށެވެ.

އެހެންނަމަވެސް އީރާނުގެ ޚާރިޖީވަޒީރު ޢައްބާސް އަރަޣުޗީ ވަނީ މި ދިޔަ ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި ސަރަހައްދީ ބައެއް ގައުމުތަކަށް ވަޑައިގެން ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރައްވައިފައެވެ. މިހާރު ރޫސީ މަސްއޫލުވެރީންނާ އެކު މަޝްވަރާތައްކުރައްވަމުން ގެންދަވަނީ މީގެ ކުރީން ޕާކިސްތާނާއި ޢުމާނަށް ވެސް ވަޑައިގަތުމަށް ފަހުގައެވެ.

ޢައްބާސް އަރަޣުޗީ ރޫސީވިލާތުގެ ސެއިންޓް ޕީޓަރސްބާރގުގައި ހުންނަވައި ދެއްވި ޚިޠާބެއް އީރާނުގެ ނޫސް އެޖެންސީ [އައިއާރުއެންއޭ]އިން ވަނީ ދުރައް ދައްކައިފައެވެ. އެ ޚިޠާބުގައި އޭނާ ވިދާޅުވެފައިވެއެވެ. [ މިހާރު ހިނގަމުންދާ ކަންތައްގަނޑުގެ ތެރޭގައި ހަނގުރާމާއިގެ ކާމިޔާބީތަކާ މެދު ރޫސީ އެކުވެރީންނާ އެކު މަޝްވަރާކޮށްލާން ލިބުމަކީ، ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ.]

އީރާނުން އެ މީހުންނަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ (މަދަނީ ބޭނުންތަކަށް ޓަކައި ޔޫރޭނިއަމް ފައްކާކުރުމުގެ) ހައްގު ދޫކޮށްލާން އިންކާރުކުރެއެވެ. ނަމަވެސް އެމެރިކާއިން ހަނގުރާމަ ހުއްޓާން ކުރާ އެންމެ ވަރުގަދަ ޝަރުޠަކީ ނިޔުކުލިއަރ ހަކަތައާ ބެހޭ ހުރިހާ އެއްޗެއް އީރާނުން ދޫކޮށްލުމާއި ހަތިޔާރު އުފައްދާން ކުރާ ހުރިހާ މަސައްކަތެއް ހުއްޓައިލުމެވެ. މިއީ އިޒުރޭލުން ބޭނުންވާ ދެ ކަންތަކެވެ. އެމެރިކާ ލައްވައި އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރާން އިޒުރޭލުން ކޮންމެހެން ވެސް ބޭނުންވެއެވެ. އިޒުރޭލުން ހުވަފެން ދެކޭ، [ވަރުގަދަ އިޒުރޭލު] ހެދުމަށް ޓަކައި ސަރަހައްދީ ގައުމުތަކުގެ ބިން ހިފާން ކުރާ މަސައްކަތާ ދެކޮޅަށް ޗުއްޕު ވެސް ބުނާނެ ބަޔަކު މި ދުނިޔޭގައި އޭރުން ނުތިބޭނެކަން އިޒުރޭލާއި އެމެރިކާއަށް އެނގެއެވެ. އަދި ގަލްފުގެ ބައެއް ގައުމުތަކުން ވެސް މި ކަމަށް އެމެރިކާ ކިބައިން އެދެއެވެ. އެހެނީ އީރާނު ފިޔަވައި ގަލްފުގެ އެހެން ހުރިހައި ގައުމުތަކެއް އޮތީ އެމެރިކާގެ މުށުތެރޭގައެވެ. ނަމަވެސް ޔުރޭނިއަމް ފައްކާކުރުމުގެ ހައްގާއި އަމިއްލަ ދިފާޢަށް ޓަކައި ހަތިޔާރު އުފެއްދުމާއި މި ދެ ކަމަކީ އީރާނުން އެއްވެސް ހާލެއްގައި ގަބޫލުވާނެ ކަމެއް ނޫނެވެ. އެ މީހުން ބުނަނީ އެ ވާހަކަތަކަކީ ހުރަސްކުރެވިގެން ނުވާނެ [ރަތް ރޮނގެއް]ކަމަށެވެ.

އެހެންކަމުން ވާހަކަދައްކައިގެން މި މައްސަލަ ހައްލުނުވެ މަރުތަޅުއެޅުވިފައިވާތީ، ޑިޕްލޮމެސީ މަރުވީތޯ ބައެއް މީހުން ސުވާލުކުރެއެވެ. ނަމަވެސް އޮސްޓުރޭލިއާ އިންސްޓިޓިއުޓްގެ ބައިނަލްއަގުވާމީ އަދި ސަލާމަތީ ކަންތައްތަކާ ބެހޭ ޕްރޮގްރާމުގެ ޑިރެކްޓަރ އެމާ ޝޯރޓިސް ވިދާޅުވަނީ އަދިވެސް އެ ކަމަށް މަގު ބަންދުނުވާކަމަށެވެ.

ކޮމެންޓު