ad_banner
ޢާލަމީ ބޮޑު ސިއްރު!! ދަރަނީގެ ދަންތުރަ! ސަލާމަތްވާނީ ކިހިނެއް!؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

28 އޭޕްރިލް 2026

 346ޓްރިލިއަން ޑޮލަރުގެ ދަރަންޏެވެ. ހާސްނުވާށެވެ. މިއީ ޢާލަމީ މާލީ ނިޒާމުކަމަށްވާ ބްރެންޓް ވޫޑުސް މާލީ ނިޒާމުގައި ހިމޭން ކުޅިވަރެވެ. އެމެރިކާ އޮތީ 34.6 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގައި ޣަރަޤުވެފައެވެ. ޗައިނާ އޮތީ 16.5 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ޖަޕާނު އޮތީ 9.6 ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައެވެ. އިނގިރޭސިވިލާތް އޮތީ 3.1 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. އިންޑިއާ އޮތީ 2.8 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ވިލާތުގެ އެންމެ ބޮޑު ތިން ޤައުމުކަމަށްވާ ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، އަދި ޖަރުމަނުވިލާތުގެ ޖުމްލަ ދަރަންޏަކީ 6.5 ޓްރިލިއަން ޑޮލަރެވެ. ކެނެޑާގެ ޖުމްލަ ދަރަނި އޮތީ 2.1 ޓްރިލިއަން ޑޮލަރުގައެވެ. އަދި ބްރެޒިލްގެ ދަރަނީގެ ނިސްބަތަކީ 1.8 ޓްރިލިއަން ޑޮލަރެވެ.

މުޅި ދުނިޔޭގެ ޖުމްލަ ދަރަނީގެ މިންވަރަކީ 346 ޓްރިލިއަން ޑޮލަރުކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ހަމަގައިމު ވެސް އެ ޢަދަދު 97.7 ޓްރިލިއަން ޑޮލަރަށް ވުރެ ދަށެއް ނޫނެވެ. މިއީ ހަމައެކަނި ޢަދަދެއް ނުވަތަ ނަންބަރެއް ނޫނެވެ. މިއީ މީގެ ކުރީން އިންސާނީ ތާރީޚު ދުވަހަކު ވެސް ދެކިފައިނުވާ އަދި ތަޖުރިބާކޮށްފައި ނުވާ ބޮޑު މާލީ ބުރައެކެވެ.

މިއީ ތިބާގެ ވުޖޫދު ތެޅިގަންނާނެ ޙަޤީޤަތެކެވެ. މިސާލަކަށް އެއީ 346 ޓްރިލިއަން ޑޮލަރެވެ. އެހެންކަމަށްވާ ނަމަ، އެ ޢަދަދަކީ، ދުނިޔޭގެ ދާޚިލީ އިޤުތިޞާދީ އުފެއްދުންތެރިކަން ނުވަތަ ހަތަވިވަރަ، ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)އަށް ވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ. މާނައަކީ، މުޅި ދުނިޔެއިން ތިން އަހަރު ދުވަހު އެއްވެސް އެއްޗެއް ނުކައި، ނުބޮއި ތިބުމެވެ. އެއްވެސް އެއްޗެއް ނުއުފެއްދުމެވެ. އެއްވެސް ޚަރަދެއް ނުކުރުމެވެ. އޭރުން އެ ބިޔަ، ބޮޑު ދަރަނި ދެއްކިދާނެތޯއްޗެކެވެ.

އަސްލު ސުވާލަކީ، އަދި މިހައި ތަނަށް އެއްވެސް މީހަކު ނުކުރާ ސުވާލެކެވެ. އެންމެން، (ދުނިޔޭގެ ހުރިހާ ޤައުމުތައް) ދަރަނިވެރިވެއްޖެ ނަމަ، ދެން ވާނީ ކިހިނެއްހެއްޔެވެ؟ އޭރުން، ލޯނު ދޭނީ ކާކުހެއްޔެވެ؟ ދުނިޔޭގެ ޤައުމުތައް 346 ޓްރިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާ އިރު، ކޮންމެވެސް މީހެއްގެ އަތުގައި 346 ޓްރިލިއަން ޑޮލަރުގެ މުދާ ނުވަތަ އެސެޓްސް ހުންނާނެއެވެ.

އެއީ ކާކުހެއްޔެވެ؟ އެ ކުޅިގަނޑަކީ އާދައިގެ ކުޅިގަނޑެއް ނޫނެވެ. އެއީ ބާރާ ބެހޭ ކުޅިގަނޑެކެވެ. އަހުރެމެންނަށް ދަސްކޮށްދީފައިވަނީ ދަރަންޏަކީ އާދައިގެ ކަމެއްކަމުގައެވެ. ބޭންކުން ނުވަތަ މާލީ އިދާރާއަކުން ދަރަންޏަށް ފައިސާ ނަގާށެވެ. އަދި ފަހުން ސޫދު ނުވަތަ އިންޓަރެސްޓާ އެކު، އަނބުރައި އެ ދަރަނި އަދާކުރާށެވެ. އެ ހިސާބުން މައްސަލަ ނިމުނީއެވެ.

އެކަމަކު، ޙަޤީޤަތަކީ މުޅިން ތަފާތު އެއްޗެކެވެ؟ މި ޒަމާނުގެ ރައުސްމާލީ ނިޒާމުގައި، ހަމައެކަނި ދަރަނި ނަގަނީއެއް ނޫނެވެ. ދަރަނި އުފައްދަނީއެވެ. ދަރަނި ނަގާން މަޖުބޫރުކުރުވަނީއެވެ. ދަރަންޏާ ނުލައި ނޫޅެވޭ ވަރު ކޮށްލަނީއެވެ. އެ ވަގުތުކޮޅަކީ ފައިސާ ވިއްސާ ނުވަތަ އުފައްދާ ވަގުތުކޮޅެވެ.

ޙުކޫމަތަކުން ނުވަތަ ސަރުކާރަކުން ދަރަނިނަގާ އިރު، މާލީ އިދާރާތަކުން ހަމައެކަނި ލޯނުގެ ގޮތުގައި ފައިސާ ދެނީއެއްނޫނެވެ. ފައިސާ އުފައްދަނީއެވެ. އެންމެ ކްލިކެވެ. އެންމެ އެންޓްރީއެކެވެ. އަދި، އެ ޙުކޫމަތެއްގެ އެކައުންޓަށް ބިލިއަން ޑޮލަރު ޖަމާކުރެވެއެވެ. އެކަމަކު، އެ ހިސާބުން އަސްލު ކުޅިވަރު ފެށެއެވެ. އަދި ފައިސާ [ވިހާން] ފަށައެވެ. އެ ގޮތުން، ސޫދު ނުވަތަ އިންޓަރެސްޓް ނަގާން ފެށެއެވެ.

އަދި އެ ސޫދަކީ، އެއް ގޮތަކަށް ވެސް އުފެދޭ އެއްޗެއް ނޫނެވެ. އެއީ، ހިސާބުން ޖަހައިލެވޭ މަޅިއެކެވެ. މިސާލަކަށް، ސަރުކާރަކުން %5 (ފަހެއް އިންސައްތަ) ސޫދުގައި އަނބުރައި ދައްކާ ގޮތަށް ދަރަންޏަށް ނެގީ އެއް ޓްރިލިއަން ޑޮލަރެވެ. އޭގެ މާނައަކީ، އެއް ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ސޫދުގެ ގޮތުގައި، ކޮންމެ އަހަރަކު 50 ބިލިއަން ޑޮލަރު ދައްކާން ޖެހުމެވެ.

އެކަމަކު، ނިޒާމުން ފެންނާން އޮތީ އެއް ޓްރިލިއަން ޑޮލަރުގެ ދަރަންޏެކެވެ. އެހެންވީމާ ކޮންމެ އަހަރަކު ސޫދުގެ ގޮތުގައި ދައްކާ 50 ބިލިއަން ޑޮލަރު ހޯދާނީ ކޮންތާކުންހެއްޔެވެ؟ އެ ކަމުގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އިތުރަށް ދަރަނިނެގުމެވެ. ދެވަނަ ގޮތަކީ އާންމުންގެ އަތުން އިތުރަށް ޓެކްސް ނެގުމެވެ. އެ ހިސާބުން ވެސް ދަރަނީގެ ކަންތައްތައް ނިމުނީކީއެއް ނޫނެވެ. ދަރަނި ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން، ބޮޑުވަމުންނެވެ.

އެއީ ދުނިޔޭގެ ބްރެންޓަން ވުޑުސް މާލީ ނިޒާމުގެ އަސްލު ސިއްރެވެ. އެއީ އޮޅުމެއްނޫނެވެ. އެއީ އެ ނިޒާމު ފަރުމާކޮށްފައިވާ ގޮތެވެ. އެ ނިޒާމުގައި ދަރަނި އަބަދުވެސް ދާނީ އިތުރުވަމުންނެވެ. ސޫދަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. އަދި ދަރަނީދޭ ފަރާތުގެ މުއްސަނދިކަން ދާނީ އެއް ދުވަހުން އަނެއް ދުވަހަށް މައްޗަށެވެ.

އެހެންވީމާ، މި ހުރިހައި ފައިސާތަކެއް ދަނީ ކޮންތާކަށްހެއްޔެވެ؟ ޖަވާބަކީ އެހައި ސާދާ ޖަވާބެއް ނޫނެވެ. އެކަމަކު، ޖަވާބު ވަރަށް ސާފެވެ. އެ ފައިސާތައް ދަނީ މަރުކަޒީ ބޭންކުތަކަށާއި، ވުނައިގެ ބޮޑެތި އިދާރާތަކަށާއި، ބޭރުގެ ސަރުކާރުތަކަށާއި، އަދި އިންތިހާއަށް މުއްސަނދި ފަރުދުންގެ އެކައުންޓްތަކަށެވެ. އެކަމަކު، މީގެ އެންމެ ނުރައްކާތެރި ބަޔަކީ މަރުކަޒީ ބޭންކުތަކެވެ. ގިނަ މީހުން ހީކުރަނީ ދުނިޔޭގެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކަކީ ސަރުކާރުގެ އިދާރާތަކެއްކަމުގައެވެ. ހަޤީޤަތުގައި އެއީ މުޅީން ރައްޔިތުންގެ މިލްކުވެރި އިދާރާތަކެއްނޫނެވެ.

އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ އިބުރާޒެއް ނުވަތަ [ޓޫލް]އެކެވެ. ސަރުކާރުތަކުން ދަރަނި ނަގައެވެ. ބޭންކުތަކުން ފައިސާ އުފައްދައެވެ. އަދި، ރައްޔިތުން ސޫދު ދައްކައެވެ. އަދި ފައިދާ މައްޗަށް ދެއެވެ. އެއީ، ހިމޭންކަމާ އެކު ބަދަލުކުރާ ބަދަލުކުރުމެކެވެ. އެއީ، ހަނގުރާމައެއް ނޫނެވެ. އެއީ ވައްކަމެއް ވެސް ނޫނެވެ. އެއީ، ހިމޭން ނިޒާމެކެވެ. އެ ނިޒާމުގައި، ގިނަ މީހުން ނުވަތަ އަޣުލަބިއްޔަތަކީ ދަރަނިވެރީންނެވެ. މަދު ބަޔަކީ ނުވަތަ މައިނޯރިޓީއަކީ މިލްކުވެރީންނެވެ.

ދުނިޔޭގެ ޤައުމުތަކުގެ ދަރަނީގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއްގެ މިލްކުވެރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ބޮޑެތި މަހުޖަނުންނާއި، ހެޖް ފަންޑުތަކާއި، އަދި ބޮޑެތި ކޯޕަރޭޝަންތަކެވެ. މާނައަކީ ދަރަނި ދޫކޮށްގެން ސޫދުގެ ގޮތުގައި ފައިސާ ހޯދައިގެން މުއްސަނދި ވަނީ އެ ފަރާތްތަކެވެ. އޭގެ ތެރޭގައި، ރޮތުސްޗައިލްޑް، ރޮކްފެލާރސް، ބްލެކްރޮކް، ވެންގާޑު، ސްޓޭޓް ސްޓްރީޓް ގްލޯބަލް އެޑްވައިޒަރސް، ބްރިޖު ވޯޓަރ އެސޯސިއޭޓްސް، މޭން ގުރޫޕް އަދި އެލިއޮޓް އިންވެސްޓްމަންޓް މެނޭޖްމަންޓް ހިމެނެއެވެ.

މީގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގައި މިހާރު ޤާއިމުކޮށްފައިވާ މާލީ ނިޒާމުން، މުޠާލިބާކުރަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ދަރަންޏަށެވެ. ސޫދު އުފެއްދުމަކާ ނުލައި، ސޫދު ނަގައެވެ. އަދި ތަވާޒުނު ގެއްލުވައިލައެވެ. އެކަމަކު، އެ ނިޒާމެއް ތާއަބަދަކު ދެމިގެނެއް ނުދާނެއެވެ.

ދެންއޮތީ، އެންމެ ފަހު ސުވާލެވެ. ޙަޤީޤަތަށް ވުރެ ދަރަނި ބޮޑުވެ، އެއާ އެއް ވަރަށް ފައިސާ ލިބުން ހުއްޓިއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ދުނިޔޭގެ މާލީ ނިޒާމު އަމިއްލައަށް ރޫޅިގެން ހިނގައިދާނެހެއްޔެވެ؟ ނުވަތަ ފަޅައިގެން ހިނގައިދާނެހެއްޔެވެ؟

މި ރިބަވީ ނިޒާމަށް އޮތް ޙައްލަކީ ސީނުކަރައާއި، ރޫސީވިލާތުގައި އާންމުވެފައިވާ އިޝްތިރާކިއްޔަތާއި، އަދި ދުނިޔޭގައި އާންމުވެފައިވާ ރައުސްމާލިއްޔަތެއް ވެސް ނޫނެވެ. ޙައްލަކީ ހަމައެކަނި ރިބާއާއި، ނާޖާއިޒު ފައިދާއިން އެއްކިބާވެފައިވާ، އަދި ތަވާޒުނު ހިފެހެއްޓިފައިވާ އިސްލާމް ދީނުގެ އިޤުތިޞާދީ ނިޒާމެވެ.

 

ބައެއް ލަފުޒުގެ މާނަ

ހަތަވިވަރަ    ނ.    (1) ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. (2) ހާސިލުވާ އެއްޗެއް. GDP

ނިޒާމު      ނ.    (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު. system

އިގުތިސާދީ   ނއ.   (1) ލިބޭ އާމްދަނީއާއި އެ އާމްދަނީ ފުއްދުންތެރި ގޮތަކަށް ޚަރަދުކުރާން ރާވާ ރޭވުމާ ގުޅޭ. (2) ޤައުމެއްގެ އާމްދަނީއާއި އެ އާމްދަނީގެ ޚަރަދުބަރަދު ބަލަހައްޓާ ބެލެހެއްޓުމާ ގުޅޭ. (3) މާލީ ތަނަވަސްކަން ހުރިނެތްގޮތަ ގުޅޭ. economic

ވުނަ       ނ.    ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ. investment

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance

ކޮމެންޓު