އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
23 އޭޕްރިލް 2026
ހަނގުރާމަތަކަށް އާންމު ގޮތެއްގައި އިންސާފުކުރަނީ ހަނގުރާމައިގެ މައިދާނުގައި ގަދަވަނީ ނުވަތަ ބަލިވަނީ ކޮން ބަޔެއްތޯ ބަލައިގެންނެވެ. ނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ކުރާ ހަނގުރާމަ ތަފާތެވެ. ދެބަސްވުންތަކުން ވަށައިލެވިފައިވާ އީރާނުން އުފައްދަނީ ތަފާރު ވައްތަރެއްގެ ނަތީޖާއެކެވެ. މި ހަނގުރާމައިގެ އަސަރު ބޮޑަށް ފޯރަނީ މި ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަކަށް ނޫނެވެ. މި ކަމުގެ އަސަރު ފޯރަނީ އެ ސަރަހައްދު ހުރަސްކޮށް ބާޒާރުތަކަށާއި ބިނާރަށާއި މުޖުތަމަޢުތަކަށެވެ. މި އަސަރު ފޯރަނީ މި ހަނގުރާމަ ބައްޓަންކުރުމުގައި ބައިވެރިވެސްނުވާ އަދި މި ކަން ކޮންޓުރޯލުކުރުމުގެ ބާރު ވެސް ނެތް ދުނިޔޭގެ އެކި ބައްރުތަކުގެ ގައުމުތަކަށެވެ.
މި ހަނގުރާމައިގެ އަސަރު ފޯރަނީ ހަމައެކަނި އަވަށްޓެރި ގައުމުތަކަކަށް ނޫނެވެ. މި ހަނގުރަމައިގެ ސަބަބުން އަސަރު ނުފޯރާ ހިސާބެއް މިއަދު ނެތޭ ވެސް ދެންނެވިދާނެއެވެ. މި ކަން ނިމޭނީ ކިހިނެއްކަމެއް އަދި ވެސް ލަފާކުރާކަށް ނޭނގެއެވެ. އީރާނު ގިއްގަޅުވައިލުމަކީ އެމެރިކާއާއި އިޒުރޭލުން ކުރީން ލަފާކުރި ފަދަ ފަސޭހަ ކަމަކަށް ނުވެއެވެ. އީރާނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އިޒުރޭލަށް ވެސް ހީނުކުރާ ފަދަ ގިނަ ގެއްލުންތަކެއް ލިބިއްޖެއެވެ. ބިނާރަށާއި މުޖުތަމަޢަށާއި އިގުތިޞާދަށް ވެސް ނޭދެވޭ އަސަރުތަކެއް އެބަ ކުރެއެވެ.
ޖޯގުރަފީ ގޮތުން އެމެރިކާ އޮތް ތަނުގެ ގޮތުން ސީދާ އެމެރިކާގެ ބިނާރަށް ގެއްލުންތަކެއް ނުލިބުނަސް މެދުއިރުމަތީގައި ހުރި އެ ބައިމީހުންގެ މަޞްލަޙަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެމެރިކާގެ އިގުތިޞާދަށް ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ. އަދި ސިޔާރީ މަސްރަޙަށާއި އެ މީހުންގެ ނުފޫޒާއި ބާރަށް ނޭދެވޭ އަސަރުތަކެއް ކޮށްފިއެވެ. މުޅި ދުނިޔޭގެ ހުރިހައި ނިޒާމަކަށް މި ހަނގުރަމައިން މިހާރު އަސަރުކޮށްފިއެވެ.
އެހެންކަމުން އެމެރިކާއަށް މިއަދު މި ވަނީ އެ މީހުންގެ މޫނުމަތި ރީތިކޮށްގެން މި ކަމުން ސަލާމަތްވާނެ ގޮތެއް ނޭނގިފައެވެ. އަދި އިޒުރޭލު ރުއްސައިގެން މިކަން ކުރާނޭ އެއްވެސް މަގެއް ވެސް ނުފެނެއެވެ. ނަމަވެސް ބަލި ގަބޫލުކޮށްގެން ހަނގުރާމަ ހުއްޓާކަށް އެމެރިކާ ބޭނުމެއްނޫނެވެ.
އީރާނަކީ ތަފާތު ގައުމެކެވެ. އެ މީހުން ތިބީ އެންމެ ފަހު މީހާއާ ޖެހެންދެން ގައުމު ދިފާޢުކުރުމަށް އަތުކުރި އޮޅައިލައިގެންނެވެ. އެ މީހުންގެ އުޞޫލުތަކާއި ޝަރުޠުތައް ދޫކޮށްލާކަށް އެ މީހުން އެއް ގޮތަކަށް ވެސް ނުވިސްނައެވެ.
އީރާނުގެ އިގުތިސާދު އެކީއެކަށް ފުނޑުފުނޑުކޮށްލުމުގެ ބޭނުމުގައި އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމުގެ ގޮތުން އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން އޮއްވައި އީރާނުން ތެޔޮ ވެސް އެބަ ބޭރުކުރެއެވެ. މި ހަފުތާގެ ތެރޭގައި އެކަނިވެސް އީރާނުން ތެޔޮ ބަރުކޮށްގެން ގިނަ އަދަދެއްގެ އުޅަނދުތައް ބޭރު ޤައުމުތަކުގެ ބަނދަރުތަކަށް ދަތުރުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް ދިރާސާ ކުރާ ވޯޓެކްސާއިން ހާމަކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އީރާނުގެ ދިދަ ނަގައިގެން ދަތުރުކުރި 'ހީރޯ 2'އާއި 'ހެޑީ' ނަމަކަށް ކިޔާ ތެޔޮ އުފުލާ ދެ އާގުބޯޓު އެޕްރީލު 20ވަނަ ދުވަހު ވަނީ އީރާންގެ ބަނދަރުން ފުރައިގެން ޢަރަބި ކަނޑަށް ދަތުރުކޮށްފައެވެ. އެ އުޅަނދުތައް ދަތުރުކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ނޭނގިއެވެ. ގާތްގަނޑަކަށް ހަތަރު މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މި ދެ އުޅަނދު އެމެރިކާގެ މަނަވަރުތަކަށް ފެނިފައިވަނީ މާދުރަށް ދަތުރުކުރި ފަހުންނެވެ. މިއީ އެމެރިކާއަށް ކުރިމަތިވި ވަރަށް ބޮޑު ލަދުވެތިކަމެކެވެ. ދުނިޔޭގެ ސުޕަރޕަވަރޭ ކިޔައިގެން އުޅޭ އެމެރިކާ ދުނިޔޭގެ ކުރިމަތީގައި ބޮޑު ބޭޒާރެއްވި ކަމަކަށެވެ.
އީރާނުގެ އިގުތިޞާދު ހަލާކުކޮށްލާން ކުރާ މަސައްކަތާ އެއްވަރަށް އީރާނުގެ އަސްކަރީބާރު ނައްތައިލުމަށް ތަކައި އެމެރިކާއިން ކުރާ މަސައްކަތް ވަކި ކުޑައެއް ނޫނެވެ. އީރާނުން ހަތިޔާރު އުފައްދާން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން މިހާރުވަނީ ދަތިކުރުމުގެ ހަރުކަށި އިތުރު ފިޔަވޅުތަކެއް އަޅައިފައެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނަށް ހަތިޔާރާއި އަސްކަރީ ސާމާނު ހޯދައިދިނުމުގައި ބައިވެރިވާ ބައެއް ފަރާތްތަކަށެވެ. މީގެ ތެރޭގައި އީރާނުގެ އިތުރަށް ތުރުކީވިލާތާއި އެކުވެރި ޢަރަބި އިމާރާތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ވަކިވަކި ފަރުދުންގެ އިތުރަށް، ހަތިޔާރު އުފުލާން ބޭނުންކުރާ މަތިންދާބޯޓުތައް ވެސް ހިމެނެއެވެ.
އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން ބުނަނީ އިތުރު ބެލިސްޓިކް މިސައިލް އުފެއްދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "އެމެރިކާއާއި [އެމެރިކާގެ] އެކުވެރި ގައުމުތަކުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާދިނުމަށް، އީރާނުން 'ޝާހިދު' މަރުކާގެ ޑުރޯނަށް ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުކުރަމުން އެބަ ގެންދެއެވެ.] އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެމެރިކާއިން މިހެން ނުބުނިކަމުގައި ވިޔަސް އީރާނުން ވެސް އެ މީހުންގެ ދިފާޢުގައި ކުރެވުނު ކޮންމެ ކަމެއް ކުރާނެކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ.
ކޮންމެއަކަސް އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ނިމުން އޮތް ހިސާބެއް އަދިއެއް ނޭނގެއެވެ. ނަމަވެސް އެމެރިކާއިން ވެސް ސީދާ ހަނގުރާމަކުރާން މިހާރު ފަސްޖެހޭކަން ދޭހަވެއެވެ. ހަނގުރާމަ ހުއްޓައިލާން ހަދައިފައިވާ ވަގުތީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް ޓުރަންޕު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ކުރީން ޓުރަންޕު ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރާން ނުވިސްނާ ކަމަށާއި އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރަށް އީރާނުން ޑީލެއް ނަހަދައިފި ނަމަ، އީރާނަށް އަލުން ޙަމަލާދީ މުޅި އީރާނުގެ ޙަޟާރަތު އެކީއެކަށް ނައްތައިލާނެކަމަށެވެ. ނަމަވެސް އެމެރިކާގެ އިންޒާރުތަކަކަށް އީރާނުން ދުލެއް ނުދިނެވެ. ސުލްހައިގެ ވާހަކަތަކުގެ ދެވަނަބުރަކަށް ދާކަށް ވެސް އީރާނަކުން ބޭނުމެއްނުވިއެވެ. އެއީ މާނައެއް ނެތްކަމެއްކަމަށް އީރާނު ގަބޫލކުރާތީއެވެ.
އާދޭހެވެ! އެމެރިކާއަށް އުޅެނީ މި ހަނގުރާމައިން ރީތި ނަމަކާއިގެން ނުކުންނާނެ މަގެއް ނުފެނިގެންނެވެ. އީރާނުން ތިބީ އަމާންދޭ ގޮތަކަށް ނޫނެވެ. ބަލާން ތިބެމާ ހިނގާށެވެ.