އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
25 އޭޕްރިލް 2026
އެމެރިކާއަށް އިތުބާރު ނުކުރެވޭތީ، އެމެރިކާއިން އީރާނާ އެކު، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވާން އުޅުނު މަޝްވަރާގެ ދެވަނަ ބުރަށް ދިޔުމުގެ ބޭނުމެއް ނެތްކަމަށް ބުނެ، އެ ކަމާ ދެކޮޅުހެދުމަށް ފަހު، އަލުން އެ މަޝްވަރާއަށް ދާން އީރާނުން ގަބޫލުވީ އީރާނުން ބުނާ ޝަރުތުތަކާ އެމެރިކާއިން މަޝްވަރާކުރާން ބޭނުންކަމަށް ބުނުމުންނެވެ.
ކުރީން ހެދި ވަގުތީ އެއްބަސްވުމުގެ މުއްދަތު މި އެޕްރީލު މަހު 22އަށް ހަމަވުމުގެ ކުރީން އީރާނުން އެމެރިކާއާ އެކު، ޑީލެއް ނަހަދައިފި ނަމަ، އެމެރިކާއިން އީރާނަށް ބޮންއަޅާން ފަށާނެކަމަށާއި އީރާނުގެ މުޅި ޙަޟާރަތު އެކީއެކަށް ނައްތައިލާނެކަމަށް އެމެރިކާއިން ދިން އިންޒާރުތަކަކަށް އީރާނަކުން ނުއެއް ސިހުނެވެ. އެމެރިކާއިން ދީފާނެ ޙަމަލާއަކަށް އީރާނުން ތައްޔާރުވެ، މާތް ﷲއާ ވަކީލުކޮށް ﷲއަށް ދުޢާކުރުމަށް ފަހު، ރައްޔިތުން [ﷲ އަކުބަރު]ގެ ތަކުބީރުގެ އަޑު އުފުލަމުން މަގުތަކަށް ނުކުތީއެވެ. އީރާނުގެ ހިތްވަރުގަދަ ސިފައިންނަށް ނަޞްރުދެއްވުން އެދި ދުޢާކުރަމުންނެވެ.
ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އެމެރިކާއިން ޙަމަލާއެއް ނުދިނެވެ. އަދި ސުލްހައިގެ މުއްދަތު ހަމަވާން ކައިރިވުމުން ވަކި ތާރީޚެއް ނެތި މުއްދަތު އިތުރުކުރީއެވެ. އެންމެ ފަހުން އީރާނުން ހުށަހަޅާ ޝަރުތަކާ މެދު މަޝްވަރާކުރެވިދާނެކަމަށް އެމެރިކާއިން ބުނީއެވެ. އެހެންކަމުން އީރާނުން ދެވަނަ ބުރުގެ މަޝްވަރާގައި ބައިވެރިވާން އެއްބަސްވީއެވެ. ނަމަވެސް މަޝްވަރާގެ ތިންވަނަ ބުރެއް ނޯންނާނެކަމަށް ދެ ފަރާތުން ވެސް އެއްބަސްވެއެވެ.
ކޮންމެއަކަސް މި މަޝްވަރާތަކަށް ޓަކައި މިހާރު އީރާނުގެ ޚާރިޖީ ވަޒީރު، އައްސައްޔިދު ޑރ. ޢައްބާސް އަރާގްޗީ ހުންނެވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. އަދި އެމެރިކާގެ ދެ މަންދޫބުންކަމަށްވާ އިސްޓީވް ވިޓުކޮފާއި، ޖަރެޑް ކުޝްނާރ މިއަދު ހެނދުނު އިސްލާމްއާބާދަށް ދާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި މަޝްވަރާގެ މޭޒުދޮށަށް އެމެރިކާއާއި އީރާނު ގެންދާން ޕާކިސްތާނުން ކުރި މަސައްކަތަށް ކުރިއެރުމެއް މި ލިބުނީ މަޝްވަރާތަކުގައި މަރުތަޅު އެޅުވި، މި މަޝްވަރާގައި އީރާނު ބައިވެރިވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓޭ ހެގުސަތު ބުނަނީ [އީރާނަށް އަދި ވެސް ހުޅުވިފައިވާ ދޮރެއް އެބަ ހުރި]ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ބުނަނީ [ކައިރި މުސްތަގުބަލެއްގައި] އިޒުރޭލާއި ލުބުނާނުގެ އިސްވާރުންގެ މި ފަދަ ބައްދަލުވުމަކަށް މެހުމާޏުދާރީ އަދާކުރުމަށް އޭނާ އުންމީދުކުރާކަމަށެވެ. އޭނާ މިހެން ބުނީ ބަލިކަށިވެފައި އޮތް ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު މާދަމާއަށް ހަމަވާން ކައިރިވެފައިވަނިކޮށް ތިން ހަފުތާއަށް މުއްދަތު އިތުރުކުރުމަށް ފަހުގައެވެ.
މި ކަންކަން މިހެން ހިނގަމުންދާ އިރު، އެމެރިކާގެ މަތީންދާބޯޓު އުފުލާ ތިންވަނަ މަނަވަރު މިހާރު މެދުއިރުމައްޗަށް ހިނގައްޖެއެވެ. ކަނޑުގެ ވަރުގަދަ ހަނގުރާމައެއް ކުރެވޭ ގޮތަށް [ޔޫއެސްއެސް ޖޯޖު އެޗް ޑަބްލިޔޫ ބުޝް] މެދުއިރުމައްޗަށް މި ދިޔައީ ކުރީން އެ ސަރަހައްދުގައި އޮތް ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑާއި ޔޫއެސްއެސް އަބްރަހަމް ލިންކަނާ ގުޅުމަށެވެ.
މިއީ އެމެރިކާ ބުނާހާ ގޮތަކަށް އީރާނު އެސްބަސްކުރުމުމަށް ޓަކައި ބިރުދައްކާން ޓުރަންޕު ކުރާ ކަމެއްކަމަށް ބެލެވެއެވެ. ނަމަވެސް އީރާނަކީ ތަފާތު ގައުމެކެވެ. އެ މީހުންނަށް އެޅޭން ހުރި ހުރިހައި ފިޔަވަޅެއް އެޅުމަށް ފަހު، ވަކީލުކުރަނީ ﷲއަށެވެ. އަދި ކާފަރުންނާ ހަނގުރާމަކޮށް ޝަހީދުވުމަކީ އީރާނުގެ ކޮންމެ ރައްޔިތަކުމެ ލިބޭން ބޭނުންވާ ޝަރަފެކެވެ. ވީމާ، މި އަދު ދައްކާން އުޅޭ ވާހަކައިން، ނުވަތަ ކުރާން އުޅޭ މަޝްވަރާތަކުން ނުކުންނާނޭ ނަތީޖާއާ މެދު ވަނީ ޝައްކު އުފެދިފައެވެ.