އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
24 އޭޕްރިލް 2026
އާންމު މުދަލަކީ ކޮބައިތޯއެވެ؟ އެއީ އެއިން ފައިދާ ލިބިގަތުމުގައި ރަށުގެ އެންމެން ނުވަތަ ގައުމުގެ އެންމެން ބައިވެރިވާ އެންމެހައި ތަކެއްޗެވެ. ފައިސާއާއި އުޖޫރައެވެ. ބިނާތަކާއި ޢިމާރާތްތަކެވެ. މަގުތަކާއި ބަނދަރުތަކާއި ފާލަންތަކާއި ދާލަންތަކެވެ. ތަޢުލީމުދޭ މަރުކަޒުތަކާއި ފަރުވާދޭ ކްލިނިކްތަކާއި ހަސްފަތާލުތަކެވެ. ޔަތީމުޚާނާތަކާއި މުސްކުޅިން ބަލަހައްޓާ ގޮވެތިތަކެވެ. ފަޅުތަކާއި ކަނޑުތަކާއި އޮއިވާލި ކަނދުފަތިތަކެވެ. ދަނޑުބިންތަކާއި ފަޅުރަށްތަކެވެ. މައިދާންތަކާއި ބަގީޗާތަކެވެ. ވަލިއްޔުލްއަމުރުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި ތަންތަނާއި ތަކެއްޗެވެ. އެއިން ރައްޔިތުންނަށް މަންފާކުރާ ތަންތަނާއި އެއްޗެއްސެވެ. އެއީ އެންމެން އެ އެއްޗެހީގައި ބައިވެރިވާ އަދި ޙިއްސާކުރާ އެއްޗެއްސެވެ. އެ އެއްޗެއްސާ ހަވާލުވެ ތިބި މީހުން އެއިން އެއްޗެއްގައި ޖެހިގެންނުވާނެއެވެ. އެ ތަކެތި ބޭނުންކުރާން ވާނީ އާންމު މަޞްލަޙަތު ނިޔާކުރާ ގޮތަށެވެ. އާންމު ގަވައިދުތަކާއި ޤާނޫނުތަކާ އެއް ގޮތަށެވެ. މި މަގުން އެއްކިބާވާ މީހާއަށް ﷲގެ ރުހިވޮޑިނުގަތުން ލިބިގެންވެއެވެ.
އާންމު މުދަލަކީ ކިތަންމެ ކުޑަވިޔަސް ބޮޑުވިޔަސް އެންމެންގެ މުދަލެކެވެ. އެއީ އެ ތަކެތި ބެލެހެއްޓުމާ ހަވާލުވެ ތިބި ބަޔަކާ ހަވާލުކުރެވިފައިވާ އަމާނާތްތަކެކެވެ. މި އަމާނާތްތައް ބަލަހައްޓާން ޖެހޭނެއެވެ. އެ ތަކެއްޗަށް ރައްކައުތެރިވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ [1]- (غنيمة) މުދަލަށް خيانة ތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرةއަށް) އަންނާނެތެވެ. ދެން، ކޮންމެ نفسއަކަށްމެ އެ نفسއެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.))
ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((مَنِ استَعمَلنَاهُ مِنكُم عَلَى عَمَلٍ فَكَتَمَنَا مِخيَطًا فَمَا فَوقَهُ كَانَ غُلُولًا يَأتي بِهِ يَومَ القِيَامَةِ [2]- ތިމަންކަލޭގެފާނު ތިޔަބައިމީހުން ކުރެ މީހަކާ މަސައްކަތެއް ހަވާލުކުރެއްވުމުން، އެ މީހާ ތިމަންކަލޭގެފާނަށް ތިނޯހެއް ވިޔަސް ނުވަތަ އެއަށް ވުރެ ބޮޑު މިންވަރެއް ވިޔަސް ވަންހަނާކޮށް އޭގައި ޖެހުނު ނަމަ، އެއީ ޤިޔާމަތްދުވަހުން އެއާ އެކު އޭނާ ގެނެވޭނެ ޚިޔާނަތެކެވެ.))
އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إِنَّ رِجَالًا يَتَخَوَّضُونَ في مَالِ اللهِ بِغَيرِ حَقٍّ، فَلَهُمُ النَّارُ يَومَ القِيَامَةِ [3] - ހަމަކަށަވަރުން ﷲގެ މުދަލުގައި ޙައްޤަކާ ނުލައި ޖެހޭ ބަޔަކު ވެއެވެ. ފަހެ އެބައިމީހުންނަށް ޤިޔާމަތްދުވަހުން ނަރަކަ ވެއެވެ.))
މާތްﷲ ރުއްސުންލެއްވި އަބޫ ޙުމައިދުއް ސާޢިދީ ވިދާޅުވިއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيهِ وَسَلَّمَ ޒަކާތު މުދާ ޖަމާކުރުމަށް ޓަކައި އުޒުދުވަންހައިގެ އިބްނުއްލަތުބިއްޔާ ނަމަކަށް ކިޔާ މީހަކު ފޮނުއްވިއެވެ. މި މީހާ ޒަކާތު މުދާ އެއްކޮށްގެން ރަސޫލާގެ އަރިހަށް އައިސް ދެންނެވިއެވެ. މިއީ ތިޔަބޭކަލުންނަށް ހުރި އެއްޗެއްސެވެ. މިއީ އަޅުގަނޑަށް ހަދިޔާއަށް ލިބުނު އެއްޗެއްސެވެ. އެ ހިނދު ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((فَهَلّا جَلَسْتَ في بَيْتِ أبِيكَ وبَيْتِ أُمِّكَ حتّى تَأْتِيَكَ هَدِيَّتُكَ إنْ كُنْتَ صادِقًا – ތިބާއަކީ ތެދުވެރިއެއް ނަމަ ތިޔަ ހަދިޔާ ތިބާގެ ގާތަށް އާދޭތޯ ބަލާން ތިބާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި ނިކަން އިނދެބަލާށެވެ!)) ދެން ތެދުވެވަޑައިގެން މިންބަރަށް އަރައިވަޑައިގެން މާތް ﷲއަށް ޙަމްދު ތާރީފުކުރެއްވުމަށް ފަހު ޙަދީސްކުރެއްވިއެވެ. ((فإنِّي أسْتَعْمِلُ رِجالًا مِنكُم على أُمُورٍ ممّا ولَّانِي اللَّهُ، فَيَأْتي أحَدُكُمْ فيَقولُ: هذا لَكُمْ، وهذِه هَدِيَّةٌ أُهْدِيَتْ لِي، فَهَلّا جَلَسَ في بَيْتِ أبِيهِ وبَيْتِ أُمِّهِ حتّى تَأْتِيَهُ هَدِيَّتُهُ إنْ كانَ صادِقًا! فَواللَّهِ لا يَأْخُذُ أحَدُكُمْ مِنْها شيئًا - قالَ هِشامٌ: بغيْرِ حَقِّهِ- إلّا جاءَ اللَّهَ يَحْمِلُهُ يَومَ القِيامَةِ، ألا فَلَأَعْرِفَنَّ ما جاءَ اللَّهَ رَجُلٌ ببَعِيرٍ له رُغاءٌ، أوْ ببَقَرَةٍ لها خُوارٌ، أوْ شاةٍ تَيْعَرُ، ثُمَّ رَفَعَ يَدَيْهِ حتّى رَأَيْتُ بَياضَ إبْطَيْهِ: ألا هلْ بَلَّغْتُ؟. (( أَمَّا بَعدُ، فَإِنِّي أَستَعمِلُ رِجَالًا مِنكُم عَلَى أُمُورٍ مِمَّا وَلاَّني اللهُ، فَيَأتِي أَحَدُكُم فَيَقُولُ: هَذَا لَكُم وَهَذَا هَدِيَّةٌ أُهدِيَت لي، فَهَلاَّ جَلَسَ في بَيتِ أَبِيهِ أَو بَيتِ أُمِّهِ فَيَنظُرَ أَيُهدَى لَهُ أَم لا؟! وَالَّذِي نَفسِي بِيَدِهِ لا يَأخُذُ أَحَدٌ مِنهُ شَيئًا إِلاَّ جَاءَ بِهِ يَومَ القِيَامَةِ يَحمِلُهُ عَلَى رَقَبَتِهِ، إِن كَانَ بَعِيرًا لَهُ رُغَاءٌ أَو بَقرًا لَهُ خُوَارٌ أَو شَاة تَيعر، ثمَّ رَفَعَ يَدَيهِ حَتَّى رَأَينَا عَفرَتَي إِبِطَيهِ ثُمَّ قَالَ: "اللَّهُمَّ هَل بَلَّغتُ اللَّهُمَّ هَل بلغت؟ [4]- ފަހެ ހަމަކަށަވަރުން މާތް ﷲ ތިމަންކަލޭގެފާނާ ހަވާލުކުރެއްވި ބައެއް ކަންކަން ކުރުމަށް ޓަކައި ތިޔަބައިމީހުންގެ ތެރެއިން ބައެއް މީހުންނާ އެ ކަންކަން ހަވާލުކުރައްވަމެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު އެ މަސައްކަތްކޮށްފައި އައިސް އެބަ ބުނެއެވެ. މިހުރީ ތިޔަބައިމީހުންގެ އެއްޗެއްސެވެ. މިހުރީ އަޅުގަނޑަށް ހަދިޔާގެ ގޮތުގައި ދެވުނު އެއްޗެއްސެވެ. ފަހެ އޭނާއަކީ ތެދުވެރިއެއް ނަމަ ތިޔަ ހަދިޔާ އޭނާގެ ގާތަށް އާދޭތޯ ބަލާން އޭނާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި ނިކަން އިނދެބަލާށެވެ! ތިމަންކަލޭގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވައި ޙަދީސްކުރައްވަމެވެ. އެއިން އެއްޗެއް ނުނަގާށެވެ! އެއިން އެއްޗެއް ނެގި މީހާ ޤިޔާމަތް ދުވަހުން އޭތި އޭނާގެ ކަރުގައި އެލުވައިގެން އަންނާނެތެވެ. އެއީ އަޑުފަޅައިފައިވާ ޖަމަލެއްކަމުގައި ވިޔަސް ގެރިއެއްކަމުގައި ވިޔަސް ކަންބަޅިއެއްކަމުގައި ވިޔަސްމެއެވެ. އެއަށް ފަހު އެކަލޭގެފާނު ދެ އަތްޕުޅު އެކަލޭގެފާނުގެ ކިހިލިފަތްޕުޅުގެ ދޮންކަން ފެންނަ ވަރަށް މައްޗަށް އުފުއްލަވައި ޙަދީސްކުރެއްވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި އަޅާ އެ ކަން ބަޔާންކޮށްދީފީމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި އަޅާ އެ ކަން ބަޔާންކޮށްދިފީމެވެ.))
މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވިއެވެ. ޚައިބަރުގެ ދުވަހުގައި ނަބިއްޔާގެ ބައެއް ޞަޙާބީން މިވެނި މީހަކީ ޝަހީދެކެވެ. އެވެނި މީހަކީ ޝަހީދެކެވެ. މިހެން ގޮސް އެބޭކަލުންނަށް މީހެއްގެ ގާތަށް ވަޑައިގެންނެވުނެވެ. އޭނާ ޝަހީދެކޭ ވިދާޅުވުމުން ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((كَلاَّ؛ إِنِّي رَأَيتُهُ في النَّارِ في بُردَةٍ غَلَّهَا أَو عَبَاءَةٍ [5]– ހަމަހިލާ އެހެނެއް ނުވާނެއެވެ. އޭނާ ޣަނީމާގެ ތެރެއިން ބުރުދާއަކަށް ނުވަތަ ޢަބާއާއަކަށް ޚިޔާނަތްތެރިވުމުގެ ސަބަބުން އޭނާ ނަރަކައިގައި ވަނިކޮށް ދެކެވަޑައިގަތީމެވެ.))
އާންމު މުދަލަށް ޚިޔާނަތްތެރިވުމުގެ ކަންތައް ވަރަށް ތަފާތު ސިފަސިފައިގައި ހިނގައެވެ. އޭގެތެރޭގައި:
1- ރަނގަޅަށް މަސައްކަތްނުކުރާ މުވައްޒަފުގެ މަސައްކަތް ވަންހަނާކުރުން
2- މީސްތަކުންނަށް ޚިދްމަތްދިނުމަށް ކަނޑައެޅިފައިވާ ވަގުތުކޮޅު މީޑިއާ އޮޅިތަކުގައްޔާއި ޚަބަރު ކިޔުމުގައްޔާއި ޗެޓުކުރުމުގައި ނަގައިލުން.
3- ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައިގެން އަމިއްލަ ޖީބަށް އެތެރެވާ އެއްޗެހި ގިނަކުރުން
4- ސައި ނުދެނީސް އެއްވެސް ޚިދްމަތެއް ލިބުން އަވަސްކޮށްނުދިނުން.
5- މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން ވައްކަންކުރުން
6- ރިޝްވަތުނެގުމާއި ރިޝްވަތަށް ދޮރުހުޅުވައިގެން މަސައްކަތްތައްކޮށްދިނުން
7- ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން
8- ވަކި މީހަކަށް ފެތޭ ގޮތަށް ވަޒީފާތަކަށް އިޢުލާންކޮށްގެން ވަޒީފާތައް ދިނުން.
9- ބީލަންތަކާއި މަޝްރޫޢުތައް ދިނުމުގައި ރަށްޓެހިކަމަށާއި ގާތްތިމާގެ ކަމަށާއި ކަމިޝަނަށް ބެލުން
10- ވަޤްފު މުދާ ވަޤްފުތަކުގެ މަޤުޞަދާ ޚިލާފަށް ހޭދަކުރުން
11- ޒަކާތުމުދާ ހޭދަކުރުމުގައި ބެހެނިވެރީންނަށް އިސްކަންނުދިނުން
12- މިސްކިތްތަކުން ވައްކަންކުރުން
13- އާންމު ޚިދްމަތްދޭ ތަންތަން ރަނގަޅަށް ނުބެލެހެއްޓުން
މި ފަދަ ކަންކަމަށް އަރައިގަނެވެނީ އީމާންކަން ބަލިކަށިވުމުގެ ސަބަބުންނާއި ﷲ ބައްލަވައިވޮޑިގަންނަވާކަން ހަނދާންނެތުމުންނާއި އާޚިރަތްދުވަހު ތިމާގެ މަސްއޫލިއްޔަތާ މެދު ސުވާލުކުރެވޭނެކަމާ މެދު ޣާފިލުވުމާއި މުރޫއަތްތެރިކަން ކުޑަވުމާއި މި ކަންކަމުގެ ޝަރުޢީ ޙުކުންތަކާއި އެ ކަންކަމުގެ ޢިޤާބު ނޭނގުމުންނެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި އާންމު މުދަލަށް އަރައިގަތުމަކީ މުސްލިމުންނަށް ޢަދާވަތްތެރިވުމެކެވެ. އެއީ ﷲގެ ޙަޟުރަތަށް ތައުބާވާން ޖެހޭ ބޮޑު ޖަރީމާއެކެވެ. އޭނާއަށް ގަވާއިދާ ޚިލަފަށް ނެގިފައިވާ ކޮންމެ އެއްޗެއް ރައްދުކުރާންޖެހޭނެއެވެ. މި ކަމުގައި އޮތް ފަރުވާއަކީ އީމާންކަމުގެ ބާރެވެ. މި ބާރު ގަދަވި ވަރަކަށް އޭނާ ﷲ ދެކެ ބިރުވެތިވެ ތަޤުވާވެރިވެ އޭނާއަށް ޙައްޤުނުވާ އެއްޗެއްސާ ދުރުހެލިވާނެތެވެ. އޭނާގެ ދީނާއި އޭނާގެ ޞާލިޙު ޢަމަލުތައް ބޭކާރުވެގެން ދިޔަ ނުދިނުމަށް ޓަކައި ޝައްކު އުފެދޭ އެއްވެސް ކަމަކަށް އަރައެއްނުގަންނާނެތެވެ. ލޮބުވެތި ރަސޫލާ عَلَيهِ الصَّلاةُ وَالسَّلامُ ޙަދީސްކުރެއްވިއެވެ. ((وَمَنِ اتَّقى الشُّبُهَاتِ فَقَدِ استَبرَأَ لِدِينِهِ وَعِرضِهِ[6] - ޝައްކުވާ ކަންތައްތަކާ ދުރުހެލިވާ މީހާ އޭނާގެ ދީނާއި އޭނާގެ އަބުރުގެ ޝަރަފު ރައްކައުތެރިކޮށްފިކަން ކަށަވަރެވެ.))
އާންމު މުދާ ރައްކައުތެރިކުރުމުގެ އަހައްމިޔަތާ ބެހޭ ގޮތުން ވާހަކަދައްކާ އިރު އާންމު މުދާ ބަލަހައްޓާ މަސްއޫލުވެރީންނާ ޖައްސައިލައިގެން އުޅުމުގެ ނުބައިކަމުގެ ވާހަކަ ވެސް ދައްކާން ޖެހޭކަމަށް ފެނެއެވެ. މީހަކަށް ރަނގަޅު ވަޒީފާއެއް ލިބުމުން ނުވަތަ މީހަކަށް ތަނަވަސްކަމެއް ލިބުމުން އެ ކަމާ ޙަސަދަވެރިވާ އެތައް ބަޔަކު އުޅެއެވެ. ކުށެއް ނެތް މަޢުޞޫމު މީހުންނަށް ލަޑުދޭން އުޅޭ މީހުން ވެސް އުޅެއެވެ. އަޅުގަނޑުމެން މި ފަދަ މީހުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އިތުރަށް ދެއްކުމުގެ ބަދަލުގައި އެ ކަން ޖެހޭނީ ފަސާދައާ ބެހޭ މަސްއަލަތައް ބަލާ ރަސްމީ ފަރާތްތަކަށް ހުށައަޅާށެވެ. ފާށާކުރާށެވެ. އެއީ ހެޔޮކަންތައްކުރުމުގައި އެއްބާރުލުމެކެވެ. އެއްވެސް ހެތްކަކާ ނުލައި މީހުންގެ އަބުރު ކަތިލާން އުޅުމަކީ ބޮޑު ފާފައަކަށް އަރައިގަތުމެކެވެ. އެއީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގައިލުމެކެވެ. ލޮބުވެތި ރަސޫލާ عَلَيهِ الصَّلاةُ وَالسَّلامُ ޙަދީސްކުރެއްވިއެވެ. ((وَمَن قَالَ في مُؤمِنٍ مَا لَيسَ فِيهِ، أَسكَنَهُ اللهُ رَدغَةَ الخَبَالِ حَتى يَخرُجَ مِمَّا قَالَ [7]– މުއުމިނެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދެއްކި މީހާ، އެ ދެއްކި ވާހަކައިން ބޭރުވެއްޖައުމަށް ދާންދެން ނަރަކައިގެ އަހުލުވެރިންގެ ފާދިޔަތަކުގެ ތެރޭގައި ވަޒަންވެރިކުރައްވާނެތެވެ.))
ބައެއް ލަފުޒުގެ މާނަ:
އޮޅި ނ. (1) ގަވައިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކު މީހުން. (2) ބަޔަކު މީހުން.
ވަގުފު ނ. މުދަލެއްގެ އަސްލު ދެމެހެއްޓުމާ އެކު، އެއިން ލިބިދޭނެ މަންފާ ސަދަގާތުގެ ގޮތުގައި ވަކި ފަރާތަކަށް ޚާއްސަކޮށް، އެ މުދަލެއް މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ހިފަހައްޓާ ހިފެހެއްޓުން. endowment
މީޑީއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާ ނަން. media
ފާށާކުރުން މ. ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުން. wistle blowing
ތާރީފު ނ. މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise
މަރުޖާ:
1] - آل عمران: 161.
[2] - أخرجه مسلم (١٨٣٣)، وأحمد (١٧٧٢٣)، والطبراني (١٧/ ١٠٦) (٢٥٦)
[3] - أخرجه البخاري (٣١١٨) و أحمد (٢٧٣١٨)، والدارقطني في (( الإلزامات و التتبع )) (ص ٧٥) و الترمذي (٢٣٧٤)
[4] - أخرجه البخارى ( ٧١٩٧ ) و مسلم (١٨٣٢)
[5] - أخرجه ابن حبان (٤٨٥٧)، وأحمد (٢٠٣)، ومسلم (١١٤)، وابن أبي شيبة (٣٦٨٨٥)
[6] - أخرجه ابن أبي شيبة (٢٢٤٣٥)، بلفظه، والبخاري (٥٢)، ومسلم (١٥٩٩)، وأحمد (١٨٣٧٤)
[7] - أخرجه أبو داود (٣٥٩٧)، وأحمد (٥٣٨٥)