އަބާ މުޙަންމަދު
19 އޭޕްރިލް 2026
ލޯކަލް ކައުންސިލްތައް ވުޖޫދަށް އައި ފަހުން އއ. ރަސްދޫ ރަށު ކައުންސިލް އޮތީ އެއް ޕާޓީއެއްގެ ބާރުގެ ދަށުގައެވެ. ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހަމަ އެ ޕާޓީގެ ބާރުގެ ދަށުގައެވެ. މި ގޮތުގައި 18 އަހަރު ވޭތުވުމަށް ފަހު، މި އެޕްރީލު މަހު ބޭއްވި ލޯކަލް ކައުންސިލުގެ އިންތިޚާބުގައި މުޅި ކައުންސިލާއި ކައުންސިލްގެ ރައީސްކަމަށް ވެސް މުޅީން އެހެން ޕާޓީއަކުން ކާމިޔާބު ހޯދިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަމާއި މެންބަރުކަން ވެސް ހަމަ އެ ޕާޓީއިން ހޯދިއެވެ. މިއީ ކުރީން ވެރިކަން ކުރަމުން އައި ޕާޓީއަށް 100 އިންސައްތަ ނާކާމިޔާބީއެކެވެ.
މި ކަންކުރުމުގައި ކުރީން ވެރިކަންކުރަމުން އައި ޕާޓީގެ ވަރަށް ގިނަ މެންބަރުން މި ފަހަރު އިންތިޚާބު ކާމިޔާބުކުރި ޕާޓީއާ އިންތިޚާބުގެ ކުރީން ވަނީ ގުޅިފައެވެ. ވަރަށް ގިނަ ޒުވާނުންތަކެކެވެ. މި ކަމުގެ ސަބަބުން އިންތިޚާބީ މި ބޮޑު ބަދަލު ގެންނާން ފަސޭހަވިއެވެ.

މި ކަން ރަސްދޫން ދުށީ ވަރަށް ބޮޑު ގައުމީ ކާމިޔާބީއެއްގެ ގޮތުގައެވެ. މި ކާމިޔާބީ ލިބުމާ އެކު، އެ ކަން ފާހަގަކުރާން އެ ރަށުން ބޭނުންވީ ހަމަ އެކަނި ރަށު ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައެއް ނޫނެވެ. އެކަމަކު ގައުމީ ފެންވަރުގައެވެ. އެ ކަމަށް ޓަކައި ކެންޕޭނު ޓީމުން ކުރި މަސައްކަތުން އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަށް މަހާ ރެހެންދި ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. އަދި ހުކުރު ދުވަހުގެ ރޭ އެ ރަސްމިއްޔާތު ބާއްވާ ގޮތަށް ހަމަޖެހުނެވެ.
ނަމަވެސް މި ވަރަކުން ވެސް އަދި އެ ބޭފުޅުން ފުއްދައެއްނުލެއްވިއެވެ. އެ ބޭފުޅުން ބޭނުންފުޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެ ޙަފުލާގައި ބައިވެރިވެވަޑައިގެންދެއްވާށެވެ. އެ ބޭފުޅުންގެ އިލްތިމާސަށް އިޖާބަދެއްވައި އެ ޙަފުލާގައި ރައީސް ބައިވެރިވެވަޑއިގަންނަވާ ގޮތަށް ހަމަޖެއްސެވިއެވެ. އަދި މި ކާމިޔާބީ ފާހަގަކުރުމުގެ ޙަފުލާ، އެއް ދުވަހަށް ފަސްކޮށް ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހުނެވެ.
މި ކަމަށް ޓަކައި ވަރަށް ގިނަ ޢިއްޒަތްތެރީން އިއްޔެ ހަވީރު 3:30ގައި ރަސްދުވަށް ވަޑައިގަތެވެ. އަދި 4:30ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޒުވާނުން ބާރަުވެރިކުރުމާއި ކުޅިވަރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ރާފިޢާއި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާވަލީދާއި ޞިއްޙަތާއި އިޖުތިމާޢި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ބައެއް ސްޓޭޓު މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބުންނާއި ބައެއް ކުންފުނިތަކުގެ ވެރީން ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ވެރީންނާއި ޕީއެންސީގެ ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
މެހުމާނުންގެ ޝަރަފުގައި އޮތް ވަރަށް ޚާއްޞަ ސައިފޮދެއް ހަވީރު 5:30ގައި ރަސްދޫ [ޕީއެންސީ ހައުސް]ގައި އޮތެވެ. އަދި މެހުމާނުންގެ ޝަރަފުގައި ބޭއްވި ރޭގަނޑުގެ ޚާއްޞަ ޖާފަތެއް ވެސް އޮތެވެ. މި ޖާފަތް އޮތީ ވެސް ބަނދަރު ސަރަހައްދުގައި ހަވާ އެރުވުމަށް ފަހުގައެވެ.

އުފާ ފާޅުކުރުމުގެ ޙަފުލާ ނުވަތަ ޖަލްސާ އޮތީ ރޭގަނޑު 8:30ގައި ބަނދަރު ސަރަހައްދުގައެވެ. އެންމެ ޚާއްޞަ ނަންބަރަކީ ޖަލްސާއަށް ފަހު 9:30ގައި ބޭއްވި ހަވާއެރުވުމެވެ. ހަވާއެރުވުމުގެ ހިތްގައިމު މަންޒަރު ދެކެލާން މުޅި ރަށް ބަނދަރުމަތީ ސަރަހައްދަށް ޖަމާވެފައި އޮތް ފަދައެވެ. މީސް ގިނަކަމުން އޮތީ ތޮއްޖެހިފައެވެ. ދޮޅު ހާހެއްހައި މީހުންނާ ކައިރިކުރާ އާބާދީއެއް ދިރިއުޅޭ މި ރަށުގެ ހުރިހައި އެންމެން، ކުޑަކުދީންނާއި ބޮޑެތި މީހުންގެ މޫނުމަތީން ފެނުނީ ހިނިތުންވުމެވެ. ރަސްދޫ ރައްޔިތުންގެ އިތުރަށް އެ އަތޮޅު އުކުޅަހާއި ތޮއްޑޫގެ ގިނަ ޢަދަދެްގެ ރައްޔިތުން ވެސް މި ޙަފުލާގައި ބައިވެރިވިކަން ފާހަގަކުރެވުނެވެ. ހަވާ އެރުވުމަށް ފަހު، ސަގާފީ އައިޓަމްތަކެއް ވެސް ހުށަހަޅައިދިނެވެ. ބޮޑުބެރާއި ތާރައިގެ ހިތްގައިމު ހުށަހެޅުންތަކެކެވެ.
އާދޭހެވެ! ލިބުނު ކާމިޔާބީގެ އިތުރަށް އެ ކާމިޔާބީ ފާހަގަކުރުމުގެ އިޙުތިފާލުތަކުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންނަށް ދެ އުފަލެއް ލިބުނީއެވެ. ރައްޔިތުން ހޯދި ކާމިޔާބީ، ގައުމީފެންވަރެއްގައި ފާހަގަކުރެވުނީއެވެ.
މި ރަސްމިއްޔާތު ނިންމުމަށް ފަހު، ރޭ ދަންވަރު 11:53ގައި ހުރިހައި މެހުމާނުން ވަނީ މާލެވަޑައިގެންފައެވެ. މާދަމާއަކީ މި މަސައްކަތުގައި ބުރަކޮށް އުޅުނު ހުރިހައި ރައްޔިތުން ހިތްހަމަޖެހުމާ އެކު އަރާމުކޮށްލާނެ ދުވަހަކަށްވާނެކަމަށް [ފަރަގު] އުންމީދުކުރެއެވެ. ރަސްދޫ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ. މި މުބާރިކުބާދީގައި އުކުޅަހާއި ތޮއްޑޫ ރައްޔިތުން ވެސް ޝާމިލުކުރަމެވެ.