ad_banner
ﷲ: އަޅުތަކުންނަށް އޯގާވަންތަކަން ބޮޑު ރަސްކަލާނގެ (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17 އޭޕްރިލް 2026

ކީރިތި ޤުރްއާން ކިޔެވުމަކީ ހިތާމައިން ފޯވެފައިވާ ކޮންމެ ހިތަކަށް ލިބިގެންވާ ތަސައްލީއެކެވެ. ކަންބޮޑުވުމުން ވޭންލިބެމުންދާ ކޮންމެ ނަފުސަކަށް ލިބިގެންވާ ބޭހެކެވެ. ﷲގެ އަޅާ ތެދުވެރިކަމާ އެކު އެކަލާނގެ ޙަޟްރަތަށް ހިނގައްޖެނަމަ އެ ޙަޟްރަތުން އޭނާއަށް އޭނާގެ މުޞީބާތަށް ހަމްދަރްދީއާއި ތަޢުޒިޔާ ލިބޭނެތެވެ. އޭނާގެ ނަފުސަށް ހިތްހަމަޖެހުން އޮއްސަވާދެއްވާނެތެވެ. އޭނާގެ ފުރާނައިގައި އުންމީދު އިންދަވައިދެއްވާނެތެވެ.އޭނާއަށް ރިޒްޤު ތަނަވަސްކޮށްދެއްވައި ފުދުންތެރިކުރައްވާނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ [1]-اللَّه އީ، އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަކަންބޮޑު ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رزق ދެއްވަތެވެ. އަދި އެކަލާނގެއީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެއެވެ. )) 

މި އާޔަތާ މެދު ވިސްނަވާށެވެ! މި އާޔަތުގެ މާނަތަކާއެކު ބުރެއްޖައްސަވާލައްވާށެވެ! ތިބާގެ ހިތް ފުރިގެންދާނީ އޯގާވެރިކަމާއި އިޙްސާންތެރިކަމާއި ލޯތްބާއި ކުލުނުގެ އިޙްސާސްތަކުންނެވެ. ޢާލަމުތަކުގެ ވެރިރަސްކަލާނގެއީ އެކަލާނގެ ޒާތުފުޅުގައި އެންމެ ރިވެތި ސިފަފުޅުތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އެއްވެސް މަޚްލޫޤަކަށް ބޭނުންފުޅުވެވޮޑިނުގަންނަވައެވެ. އެހެނަސް އެކަލާނގެ އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގަންނަވައެވެ. އެކަލާނގެ އަޅުންނަށް ރަޙްމުކުރައްވައެވެ.

ތިބާ ﷲއަށް އީމާންވާ އަޅެއް ކަމުގައިވާ  ނަމަ، އަދި  ތިބާ ﷲ އެއްކައުވަންތަކުރާނަމަ، ތިބާ އަބަދުވެސް އެކަލާގެ ޙަޟްރަތަށް ބޭނުންވެގެންވާ ފަރާތެއްކަން ޤަބޫލުކުރާނެތެވެ. އެކަލާނގެއަށް ތިބާ ބޭނުންވެގެންވާކަން ޤަބޫލުކުރާނެތެވެ. އެކަލާނގެ އޯގާވަންތަކަމާއެކުގައި ވުމަށް ބޭނުންވާނެތެވެ.U   ވަޙީކުރެއްވިއެވެ. (( يَاأَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ [2]- އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ))  ﷲގެ އަޅުން ހުރިހާ ކަމެއްގައި ، ޙަރަކާތްތެރިވުމުގައްޔާއި ހަމަހިމޭންކަމުގައި ހުރުމަށް ޓަކައި އެކަލާނގެއަށް ބޭނުންތެރިވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ އާދަމުދަރިޔާ ލައި ކޮންމެ ނެވާއެއްގައި އެކަލާނގެއަށް  ބޭނުންތެރިވެއެވެ. އޭނާ ދިރިހުންނަ ކޮންމެ ސިކުންތުކޮޅެއްގައި އެކަލާނގެ އޯގާވަންތަކަމަށް ބޭނުންތެރިވެއެވެ.

ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ ތެރޭގައި  اللَّطِيفَ ވެއެވެ. އައްލަޠީފުގެ މާނައަކީ ހުރިހާ ކަންކަމަކާއި އެއްޗެއްސެއްގެ އެތެރުފުށް މޮޅަށް  ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.އިންސާނާގެ ޟަމީރުގައި ވާ އެއްޗެއްސާއި ހިތަށް އަރާހައި އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.ވަންހަނާވެގެންވާ ހުރިހާ އެއްޗެއްގެ ތަފުޞީލުތައް މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ. اللَّهُ تَعَالَى ވަޙީކުރެއްވިއެވެ. ((يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ[3] -ލޮލުގެ خيانة ތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.)) ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތްޕުޅުގައި ވިދާޅުވެފައިވެއެވެ. ((يَٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ[4] - އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ))  

މާތް ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ގޮތަށް އަޅުތަކުންގެ ހުރިހާ ކަމެއް ތަދްބީރުކުރައްވާ ހިންގަވައެވެ. އެކަލާނގެ ކަންތައްތައް މިންވަރުކުރައްވާ ހިންގަވަނީ އޯގާވެރިކަމާއި ރަޙްމުވެރިކަމާއެކުގައެވެ. މީސްތަކުން ހީނުކުރާ ގޮތްގޮތަށް އެކަލާނގެ މީސްތަކުންނަށް ރިޒްޤުދެއްވަތެވެ. ސިކުނޑިއަށާއި ލޮލަށް  ނުވިސްނޭ ގޮތަށް،  ދެނެނުގަނެވޭ ގޮތަށް ،އެކަލާނގެ  ނުބައި ކަންކަމާއި މުޞީބަތްތައް އެއްފަރާތްކުރައްވަތެވެ. اللهُ Y ވަޙީކުރެއްވިއެވެ. ((  لَّا تُدْرِكُهُ ٱلْأَبْصَٰرُ وَهُوَ يُدْرِكُ ٱلْأَبْصَٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ [5]  - އެކަލާނގެ ذات ފުޅު (ދުނިޔެމަތީގައި) ލޯތަކަކަށް ނުފެންނާނެތެވެ. އެކަލާނގެ، އެ ލޯތައް ދެކެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.))

 ﷲގެ އެންމެ ރިވެތި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ اللَّطِيفِގެ މާނައަކީ އެކަލާނގެއީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއެކު އެކަލާނގެ އޯގާވަންތަކަން އެންމެހާ މަޚްލޫޤުންނަށް ލައްވަވާ ރަސްކަލާނގެއެވެ.

ކީރިތި ޤުރްއާނުގައި މި އިސްމުފުޅު ދެފަހަރު الخبير އާއެކު ވާރިދުވެފައި ވެއެވެ. އެހެންވެ އޭގެ މާނަތަކުގެ ތެރޭގައި އެންމެ ކުދިކުދި ކަންތައްތަކާއި އެއްޗެހިތައް ދެނެވޮޑިގަތުން ހިމެނެއެވެ.

މި ސިފަފުޅަކީ ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަމާއި ހުސްޠާހިރުވަންތަކަމާއި އަރަހުށިކަމާ ގުޅިފައިވާ ސިފަފުޅެކެވެ.

މާތްﷲގެ އޯގާވަންތަކަން ދުނިޔަވީ ޙަޔާތުގައި އެންމެހައި މަޚްލޫޤުންނަށް ލިބިގެންވެއެވެ. އެބައިމީހުން ހެއްދެވުމާއި، އެބައިމީހުންގެ ރިޒްޤުތައް މިންވަރުކުރެއްވުން ވެއެވެ. ޤިޔާމަތްދުވަހުން އެކަލާނގެ އޯގާވަންތަކަން ޚާއްޞަވެގެން ވަނީ މުއުމިނުންނަށެވެ.

ޔޫސުފުعَلَيْهِ السَّلَامُގެ ވާހަކައިން ﷲ ތަޢާލާގެ ލަޠީފުވަންތަކަން ފެނިގެންދެއެވެ.ތުއްޕުޅުއިރު ވަޅަކަށް ވައްޓައިލެވުނީއެވެ.މި ވަޅުން ފެން ނަގަން އައި ބަޔަކު އެކަލޭގެފާނު ވަޅުން ނަގައިގެން ގޮސް މިޞްރުގެ ޢަޒީޒަށް ވިއްކާލީއެވެ.އޭނާގެ ގޭގައި ނޯކަރެއްގެ ގޮތުގައި އުޅުއްވިއެވެ.އެ ގެއިން އެކަލޭގެފާނށް އެތައް މުޞީބާތްތަކެއް ކުރިމަތވެވަޑައިގަތެވެ. ކުށަކާނުލައި ޖަލަށްލެވުނެވެ.މާތް ﷲ މިޞްރުގެ ރަސްގެފާނަށް ހުވަފެނެއް ދައްކަވައިފުމަށް ދާންދެން ޖަލުގައި އެތައް އަހަރަކު ހުންނެވިއެވެ.މި ހުވަފުނުގެ ތެރެއިން މާތް ﷲ އެކަލާނގެ ހެޔޮފުޅުވަންތަކަމާއި ޔޫސުފުގެފާނުގެ ކުށެއްނެތްކަން މީސްތަކުންނަށް ދެއްކެވިއެވެ. ޖަލުގައި ހައްޔަރީއަކަށް ހުންނެވި ޔޫސުފުގެފާނު މިޞްރުގެ ޢަޒީޒަކަށް އިސްކުރެވުނީއެވެ. އެކަލޭގެފާނުގެ އަޚުން ތައުބާވެވަޑައިގެން އިޞްލާހުވެވަޑައިގަތެވެ. އެތައް އަހަރުތަކެއް ވަންދެން ބީރަށްޓެހި ވެށްޓެއްގައި އުޅުއްވުމަށްފަހު ޔޫސުފުގެފާނުގެ މުޅި ޢާއިލާ އަލުން އެއްތަންކުރެއްވީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَٰٓأَبَتِ هَٰذَا تَأْوِيلُ رُءْيَٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ [6] - އަދި يوسفގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން تختއަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، سجدةއަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން حق ތެދެއްކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ أخންނާ ދެމެދު شيطانއާ ނުބައިކޮށްފުމަށް ފަހުގައި، بدوىންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވިކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅު ގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.))   (ނުނިމޭ)


މަރުޖާ:

[1]  - الشورى: ١٩

[2]  - فاطر: ١٥ 

[3]  - غافر:١٩

[4]  - لقمان: ١٦

[5]  - -  الأنعام: ١٠٣ 

[6]  - يوسف:١٠٠

ކޮމެންޓު