ad_banner
ޒަމާނީ ފަތުވާދިނުންތަކާއި ގަޑުބަޑުކަން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

10 އޭޕްރިލް 2026

ދާރުލްއިފުތާއަކީ ނުވަތަ ފަތުވާދޭ ވިދާރާތަކާއި މަޖިލިސްތަކަކީ އިސްލާމީ މުޖުތަމަޢުތަކުގައި އަސާސީ ރުކުނެކެވެ. ޝަރުޢީ ޙުކުންތައް ބަޔާންކޮށްދޭ ދީނީ މަރުޖާ ކަމުގައި ވާތީއެވެ.މުސްލިމުންގެ ދީނީ އަދި ދުނިޔަވީ ކަންކަމުގައި އެމީހުންނަށް އިރުޝާދުދީ ހެޔޮމަގު ދައްކައިދޭތީއެވެ.

އިސްލާމީ ތާރީޚުގައި މުފުތީއަކީ ވަރަށް ޤަދަރުވެރި މީހެކެވެ. އޭނާގެ ޢިލްމުގެ ތަނަވަސްކަމާއި ވިސްނުންތޫނުކަމާއި ޢިލްމުވެރީންނާ އެކު ވަގުތުތައް ހޭދަކުރާތީއެވެ. ޒަމާނީ އައު މަސްއަލަތަކާމެދު ވިސްނާ މީސްތަކުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދޭތީއެވެ. އޭނާގެ ނަޒާހަތްތެރިކަމާހެދި އޭނާގެ ރައުޔަށް މުޖުތަމަޢުގެ އެންމެން ވެސް އިޙްތިރާމުކުރެއެވެ. މުފުތީގެ ދައުރަކީ ހަމައެކަނި ފަރުދުންނަށް އިރުޝާދު ދިނުމެއްނޫނެވެ. މީގެއިތުރަށް ޝަރުޢީ ފިޤްހީ ތުރާސް ރައްކައުތެރިކުރުމާއި މި ޢިލްމުތައް ފުރޭފުކުރުމާއި ތަރައްޤީކުރުން ވެސް މުފުތީގެ ދައުރުގެ ތެރޭގައި ވެއެވެ.

މިއަދު ވަނީ އަދަދުނުކުރެވޭހައި ގިނަ ޗެނެލްތަކާއި މީޑިއާ މަންސަތަކާއި ވަސީލަތްތައް އުފަންވެފައެވެ. އެހެންކަމުން ޝަރުޢީ ޙުކުންތައް މާ ރަނގަޅަށް ދިރާސާކުރެވިގެން ފާޅުވާންޖެހޭނެއެވެ. މާ ރަނގަޅަށް އިންތިޒާމުކުރެވޭން ޖެހޭނެއެވެ. މާ ފުންކޮށް މަސްއަލަތަކަށް  ނަޒަރު ހިންގެންޖެހޭނެއެވެ. ނަމަވެސް ޙަޤީޤަތަށް ބަލާއިރު ފެންނަނީ "އިޖުތިހާދާއި އިފުތާގެ ގަނޑުބަޑުކަން"އެވެ.

މިއީ އެތައް ބަހާތަކެއްގެ ނަތީޖާއެކެވެ. އޭގެ ތެރޭގައި އިންޓަނެޓާއި މީސްމީޑިއާއާއި ފަޒާއީ ޗެނެލްތަކަށް ވާޞިލުވުން ފަސޭހަވުން ވެއެވެ. މި ކަމުގެ ސަބަބުން ޞައްޙަނޫން މަޢުލޫމާތުތައް ވަރަށް ބާރަށް ފެތުރިގެން ދެއެވެ. ބައެއްފަހަރަށް މި ވަސީލަތްތަކުގެ ތެރެއިން  ކޮންފަރާތެއްކަން ނޭނގޭ ފަރާތްތަކުން ވެސް މަޢުލޫމާތު ދެއެވެ. އަނެއްބައި ފަހަރަށް އޮޅުވައިލުމުގެ ގަސްތުގައި ނުބައި މަޢުލޫމާތުތައް ލައިފައިހުރެއެވެ. އަދި ބައެއް ފަހަރަށް އެ ފަރާތެއްގެ މަޤްޞަދު ޙާޞިލުވާ ގޮތަށް ލިޔެފައި ހުންނަ މަގާލުތައް ވެސް ޝާއިއުކުރެއެވެ. އަދި މިހާރަކަށް އައިސް ސިނާރުގެ އެޕުތަކުން ޞައްޙަ ނޫން ދީނީ މަޢުލޫމާތުތައް އުފައްދަމުން ފަތުރަމުން ވެސް ދެއެވެ.

މިއަދުގެ މި ޙާލަތުގެ ސަބަބުން ފަތުވާދިނުމަށް ބޭނުންވާ ޝަރުޢީ އަދި ޢިލްމީ ޤާބިލުކަމާއި އަހްލިއްޔަތާ ނުލައި ބައެއްމީހުން ދީނީ ކަންކަމުގައި "ފަތުވާ" ދެމުންދާ ތަން ފެނެއެވެ. މި ކަންކަން ބަލައި ފިޔަވަޅުއަޅާ "ޙަޤީޤީ" ފަތުވާ ވިދާރާއެއް  ނެތުމުންނެވެ. ޢިލްމުވެރީންގެ މެދުގައި ވިލަރެސްކުރުން ނެތުމުންނެވެ.ޢިލްމުވެރީން ދީނީ މަޞްލަޙަތު އިސްނުކުރާތީއެވެ. އަމިއްލަ އެދުމާހެދިއެވެ.ސިޔާސީ އަމާޒުތަކާއި މީޑިއާ ލަޑުދަނޑިތަކާ ހެދިއެވެ. ދީނީ ނިވާފަތްގަނޑެއްގެ ދަށުން ރިޒުޤު ހޯދާން ބޭނުންވާ މީހުންނާއި މަޝްހޫރުވާން ބޭނުންވާ މީހުންނާއި އެނގޭކަން ދައްކާން ބޭނުންވާ މީހުން ގިނަކަމުންނެވެ.

މި ޡާހިރާ އިތުރަށް ނުބައިވުމުގެ ސަބަބުތަކުގެ ތެރޭގައި މަޢުލޫމާތު ލިބިގަންނަ މީހާގެ ދީނީ ސަޤާފަތުގައި އާރުލުން ކުޑަވުންވެއެވެ. މި ކުޑަކަމަކީ ވެސް އެތައް ބަހާތަކެއްގެ މަތީގައިވާ ކަމެކެވެ. އޭގެ ތެރޭގައި ޒަމާނީ ތަޢުލީމުގެ މަންހަޖުގައި ދީނީ ތަރުބިޔަތަށް ދެވޭ އިސްކަން ކުޑަވުން ވެއެވެ. ދީނީ ތަރުބިޔަތުގެ މާއްދާތަކުގެ އޮށްޓަރު ދަރިވަރުންނަށް އޮޅުންފިލުވައިދޭން އެނގޭ ވަރުގެ މުދައްރިސުންނާއި މުދައްރިސާއިންގެ ކިބައިގައި މަދުކަމުންނެވެ. ބައެއް އެދުރުންގެ ފެންވަރު ދަރިވަރުންގެ ފެންވަރާ ހަމައަށް ވެސް އުފުއްލިފައިނުވާތީއެވެ. މަޢުލޫމާތު ހުށައެޅުމުގައި އެދުރުން، ސިންދަފާތު ތަރީގާތައް ބޭނުންނުކުރާތީ ދަރިވަރުން މި މާއްދާއަށް ނަފުރަތުވަމުންދާތީއެވެ. މި ބަހާތަކުގެ ސަބަބުން ވަންހަނާ އެޖެންޑާތަކުގެ ވެރީންނާއި އަނަފާވެރީންގެ އަސަރުގައި ޖެހި ބެހި ގެއްލެނީއެވެ.

އިފުތާގެ ގަޑުބަޑުކަމުގެ ސަބަބުން ބޭރަށްހިންގަނީ ހަމައެކަނި ފަރުދުންނެއްނޫނެވެ. މުޅި މުޖުތަމަޢަށް ވެސް މި ގަޑުބަޑުކަމުގެ އަސަރު ވަނީ ފޯރައިފައެވެ. މި ކަމުގެ ސަބަބުން ސިކުނޑިތަކަށް ދަނީ އޮޅުންއަރަމުންނެވެ. ރަނގަޅީ ކޮން [ޝައިޚެއް]ގެ ބަހެއްކަމެއް ހިފާންވީ ކޮން ރައުޔެއްގައިކަމެއް ނެނގޭތީއެވެ. މި ކަމުގެ ސަބަބުން ޝަރުޢު ޤަބޫލުނުކުރާ ޙައްދުފަހަނަޅައިދޔުމުގެ ފިކުރާއި، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު، އަދި މެދުމިނުން ކައްސައިލައިފައިވާ ލުއިފަސޭހަކަމުގެ ފިކުރު ވަނީ ފެތުރިފައެވެ. މި ގަޑުބަޑުކަމުގެ ސަބަބުން އިސްލާމްދީނުގެ ރީތި ސާފު ފޮޓޯ ވަނީ ހުތުރުވެފައެވެ. ކޫރުންއެޅިފައެވެ. މި ގަޑުބަޑުކަމުގެ ސަބަބުން ރަސްމީ ދީނީ މުއައްސަސާތަކާއި އިތުމާދުކުރެވޭ ޢިލްމީ މަރުޖާތަކުގެ އިތުބާރު ވަނީ ކުޑަވެފައެވެ. މިއީ އިސްލާމީ މަފުހޫމުތައް އޮޅިގެން ހިނގައިދާނޭކަމުގެ އިންޒާރީ ޑަނޑޫރާއެކެވެ.

ފަތުވާދިނުމުގެ ގަޑުބަޑުކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޒަމާނީ ފިޤްހީ މަސްއަލަތަކުގައެވެ. ޚާއްޞަކޮށް މާލީ އިޤްތިޞާދީ މަސްއަލަތަކުގައެވެ. އިސްލާމީ ބޭންކުތަކާއި ވިޔަފާރި ބޭންކުތަކުގެ މުޢާމަލާތުތަކާ ބެހޭ ގޮތުންނެވެ. ޟަރޫރާތުގެ ގިއުގަނޑުގެ ތެރޭގައި ރިބަވީ މުޢާމަލާތުތައް ހުއްދަކުރާ ފަތުވާތައް ފެނެއެވެ. ޢިލްމުވެރީންގެ ރައުޔު ތަފާތުވުމަކީ އުންމަތަށް ހުރި ރަޙުމަތެކޭ ކިޔެއެވެ. މި ބަސްފުޅުގެ ޙާލަތާއި ވާޤިޢަށް ބެލުމެއްނެތިއެވެ. މި ބަސްފުޅަކީ "ޡަންނީ" މައްސަލަތަކާ ބެހޭ ބަސްފުޅެކެވެ. އެއީ ޤަޠަޢީ ނައްޞުން އޭގެ ޙުކުންތައް އެނގޭ މައްސަތަކާ ބެހޭ ބަސްފުޅެއްނޫނެވެ. ޝަރުޢީ ގޮތުން އޭގެ ޙުކުން ސާފު، ޞަރީޙަ މަސްއަލަތަކުގައި މި ބަހަކަށް ޢަމަލެއްނުކުރެވޭނެއެވެ.

ފަތުވާދިނުމުގެ ގަޑުބަޑުކަމަކީ އިސްލާމީ މުޖުތަމަޢުތަކާ މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފަތުވާދިނުމާ ބެހޭ ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުން ވަރުގަދަކުރާން ޖެހޭ ކަމެކެވެ. ނެޓުގައި ޝާއިއުކުރެވޭ ފަތުވާތައް ބަލައި، އެ ފަތުވާތަކުގެ ކުރިމަތީގައި ދޮރު ބަންދުކުރުމަށް ޓަކައި ފިޔަވަޅުއަޅައިގެންނެވެ. މި ފަދަ ނުބައި ފަތުވާތަކުގެ ޞައްޙަ ގޮތް ބަޔާންކޮށްދީގެންނެވެ. އާންމު ދީނީ ސަޤާފަތު ވަރުގަދަކޮށް ފަތުރައިގެންނެވެ.

ފަތުވާދިނުން ތަންޒީމުކުރުމަކީ ހަމައެކަނި އިޖުރާއީ މަސްއަލައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ޝަރުޢީ ޟަރޫރަތެކެވެ. މުޖުތަމަޢު ޙިމާޔަތްކުރުމަށް ޓަކައި ކުރާންޖެހޭ ކަމެކެވެ. ކުރިމަގު އަމާންކުރުމަށް ޓަކައި ކުރާންޖެހޭ ކަމެކެވެ. ރާއްޖޭގެ އިސްލާމްވަންތަކަމާއި ސުންނަތްވަންތަކަން ދެމެހެއްޓުމަށް ޓަކައި ލާޒިމު ކަމެކެވެ. [ފަޟީލަތުއްޝައިޚު ސިނާރު]އާ މެދު ވިސްނާންޖެހޭ ކަމެކެވެ. ކޮންމެ ޚަޠީބަކަށް، ދީން އުނގެނޭ ކޮންމެ ދަރިވަރަކަށް،  ކޮންމެ މުޖުތަހިދަކަށް "ޝައިޚު" ކިޔުމާ މެދު ވެސް ވިސްނައިލާން އެބަ ޖެހެއެވެ.

މާތްﷲ ރަޙްމަތްލެއްވި އަލްއިމާމު ޝާފިޢީގެފާނު ވިދާޅުވިއެވެ. ((ﷲގެ ފޮތުން ނާސިޚާއި މަންސޫޚު، މުޙްކަމާއި މުތަޝާބިހު، ތަންޒީލާއި ތައުވީލު ނޭނގޭ މީހާއަށް ﷲގެ ދީނުގައި ފަތުވާދިނުން ހުއްދަވެގެންނެއް ނުވެއެވެ.))

ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. )هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ (އާލު ޢިމްރާނު: 7) - އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آيةތަކެއް އޭގެ ތެރޭގައި ވެއެވެ. އެ آيةތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި متشابه آيةތަކެއް ވެސްވެއެވެ. (އެބަހީ: اللَّهއަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظرއަކުން ބަލައިގެން މެނުވީ އޭގެ މާނަ ދޭހަނުވާ آيةތަކެއް ވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެ ގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آيةތައް އެކި ގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آيةތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ آيةތަކުގެ حقيقى މާނަ، اللَّهއަށް މެނުވީ އެނގިގެނެއް ނުވެތެވެ. (

 

ބައެއް ލަފުޒުގެ މާނަ:

ބަހާ       ނ.    (1) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. (2) ބައި

އަނަފާ      ނ.    ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާނެގުން. exploitation

އަސަރު     ނ.    (1) ލިސާން. (2) އިހުސާސު. (3) ނިޝާން. (4) ފާހަގަ.

މަގާލު      ނ.    ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)

މީސްމީޑިއާ   ނ.    ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.social media

ވިދާރާ      ނ.    (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް.  

ފަތުވާ      ނ.    (1) ޝަރުޢީ ގޮތުން ޙުކުމެއް ކަނޑައަޅާން ހުންނަ މީހަކު، ޝަރުޢީ ކަމަކާމެދު، ހުއްދަކަމަށް، ނުވަތަ ނޫންކަމަށް ބުނާބުނުން. (2) ރަށުތެރޭގައި ޢާންމުކޮށް ވާހަކައެއް ފަތުރާ ފެތުރުން.

ތަންޒީމު     ނ.    ރާވައި އިންތިޒާމުކޮށް ހިންގުމުގެ ނިޒާމު.

ތަރީގާ      ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. method (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު. creed

ސަގާފަތު    ނ.    އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ.  culture

ސިނާރު      ނ.    ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. artificial intelligence

ސިންދަފާތު   ނ.    އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. diversity

ޑަނޑޫރާ     ނ.    އެލުވައިފައި ހުންނަ ބޮޑެތި ރަނގަބީލު. large hanging bell

ކޮމެންޓު