ad_banner
ކުރީގެ ބޮޑެތި ޢާލިމުންނަށް ކުރާ ދޮގު ތުހުމަތުތައް - ނުރައްކާތެރި ފިތުނައެއް

އަލްއުސްތާޒު އަޙުމަދު މާޖިދު

12 އޭޕްރިލް 2026

އިސްލާމީ އުންމަތުގައި މީލާދީން 1740ގެ އަހަރުތަކާ ހަމަޔަށް ޢިލްމުވެރީން ޢަޤީދާއާ މެދު އުނގަންނަވައިދެއްވަމުން ގެންދެވި ހުރިހައި އެއްޗެއް ކަހަލަ ގޮތަކަށް ގޯސްކޮށް، ކުރީގެ ބޮޑެތި ޢާލިމުންނަކީ ޖުމުލަ ގޮތެއްގައި ބައެއް ގޮތްގޮތުން މަގުފުރެދިފައި ތިބި ބަޔަކަށް ހަދައި، އެތައް މިލިއަން މުސްލިމުންގެ ބޮލުގައި [ޤަބުރަށް އަޅުކަން ކުރުމުގެ] ޝިރުކާއި ފާފައިގެ ދޮގު ތުހުމަތު އަޅުވައި، އިބްލީސް މުސްލިމުންގެ ތެރޭގައި އެ ކަންތައްތަކެއް ފަތުރާން އެދޭ ދެ ކަންތައް ކަމުގައި ވާ "ބުޣުޟް އާއި ޢަދާވާތް"(Hate and Enmity) އަކީ ދީނުގެ ޢަޤީދާގެ ޢިމާރާތުގެ ދެ ތަނބުކަމަށް ހަދައިގެން، ނުބައި އަދި ބިރުވެރި ފިތުނައެއް އިސްލާމީ އުންމަތުގައި ފަތުރަމުންދާ މީހުންގެ އަވައިގައި މުސްލިމުން ޖެހޭ ގޮތުގެ ވަރަށް ހިތްދަތިކުރުވަނިވި މިސާލެއް އިހަކަށް ދުވަހު އަޅުގަނޑަށް ތަޖުރިބާކުރެވިއްޖެއެވެ.

އެ މިސާލަކީ ދިވެހިރާއްޖޭގެ ޢުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާއަކީ ކޮންމެވެސް ގޮތަކުން މި ދެންނެވި ފިކުރަށް ސިކުނޑި ދޮވެލެވިފައި ހުރި ކުއްޖެކެވެ. އޭނާ ގަދަބަހުން އަޅުގަނޑާ ދިމާޔަށް ބުނަމުން ގެންދިޔައީ ޙުއްޖަތުލްއިސްލާމް އިމާމު އަލްޣަޒާލީ (ރަޙިމަހުﷲ)އަކީ "ޢަޤީދާ ފާސިދު"ވުމުގެ ސަބަބުން މިއްލަތުން ބޭރުގައި ހުންނެވި ބޭފުޅަކުކަމަށެވެ.

ކޮންފަދަ ބިރުވެރިކަމެއްތޯއެވެ؟ މި ދަންނަވަނީ މި އުންމަތް ދެކެފައިވާ އެންމެ މަތިވެރި އެއް ޢާލިމުގެ ވާހަކައެވެ. އެ ކަލޭގެފާނަށް ވުރެ ޢިލްމުގައި ވަކީން ދަރަޖަ މަތިވެރި އެހެން ބޭކަލަކު އުފެދިފައި ނުވެޔޭ ދެންނެވޭވަރުގެ ޢިލްމުވެރި ބޭކަލެއްގެ ވާހަކައެވެ. އެއް އިރެއްގައި ދުނިޔޭގައި ހުރި އެންމެ ބޮޑު ޔުނިވަރސިޓީ (ނިޡާމިއްޔާ ބަޣްދާދު)ގެ ރެކްޓަރގެ މަޤާމަށް ޢުމުރުން ތިރީހަކަށް އަހަރުގައި ޢައްޔަންކުރެވުނު ބޭކަލެއްގެ ވާހަކައެވެ. މި އުންމަތުގެ ގާތްގަނޑަކަށް އިއްތިފާޤުން [ޙުއްޖަތުލްއިސްލާމް]ގެ ލަޤަބު އެރުވިވިފައި ވާ ބޭކަލެއްގެ ވާހަކައެވެ. ތަޒްކިޔާގެ މަގުގައި، ނަފުސުފުޅު އިޞްލާޙުކުރައްވައި، އިޙްސާންގެ މަގަށް ނަފުސުފުޅު ގެންދެވުމަށް ޓަކައި ދުނިޔޭގެ އެންމެ މަތީ ޢިއްޒަތްތަކާއި މަޤުބޫލުކަމާއި މަޝްހޫރުކަމާއި މުއްސަނދިކަން ދޫކުރައްވައި، ދިހަ ވަރަކަށް އަހަރު ވާންދެން ދުނިޔޭގެ ކަންކަމާ ވަކިވެވަޑައިގެން، ނަމެއް ނެތް [މަސައްކަތު މީހެއް]ގެ ގޮތުގައި މިސްކިތްތަކުން ކުނިފޮޅައި ސާފުކުރުން ފަދަ ކަންކަމުގައި އުޅުއްވި ބޭކަލެއްގެ ވާހަކައެވެ. ޒުހުދުވެރިކަމާއި ތަވާޟުޢުވެރިކަން ފަދަ އިސްލާމީ ޤިޔަމުތަކުން ނަމޫނާ ދެއްކެވި ބޭކަލެއްގެ ވާހަކައެވެ.

މިފަދަ މަތިވެރި ޢާލިމެއްގެ [ޢަޤީދާ]ގައި މިންއަޅައި، އެކަލޭގެފާނަކީ [މަގު ފުރެދި ޢަޤީދާ ފާސިދު ވެފައި ހުރި ޖާހިލެއް]ކަމަށް [ފަތުވާދޭ] ވަރަށް ޢުމުރުން 12 އަހަރުގެ ކުއްޖެއްގެ ސިކުނޑި ޚަރާބުކޮށްލާނީ ކޮންފަދަ ވިހަޔަކުންކަން އަޅުގަނޑު ތަފުޞީލުކޮށް ދެންނެވުމުގެ ބޭނުމެއްނެތެވެ. ތިޔަ ބޭފުޅުންނަށް ވެސް ކީރިތިވަންތަ ﷲ ބުއްދިއެއް ދެއްވިއެވެ. އެ ބުއްދީގެ ބޭނުންފުޅުކުރައްވާށެވެ!

­­­­­­­­­­­­­­­­­­_______________________

ނޯޓު: މުސްލިމުންގެ ތެރޭގައި "ބުޣުޟް" އާއި "ޢަދާވާތްތެރިކަން" ފެތުރުމީ ޝައިޠާނާ އެދޭ ކަމެއްކަން، އެއީ އޭނާގެ މަގުކަން، މިއީ އަޅުގަނޑު މީހަކު ނުވަތަ ބަޔަކު ދެކެ [އަންނަ ރުޅީގައި] ކޮށްލާ ދަޢުވާއެއް ނޫނެވެ. އެއީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވައިފައިވާ ވާހަކައެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް މާއިދާގެ 91ވަނަ އާޔަތް ބައްލަވާށެވެ! އެ އާޔަތް ތިރީގައި މި ލިޔަނީއެވެ.

)إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ فَهَلْ أَنتُم مُّنتَهُونَ (

ދެން، މި ދަންނަވާ ފިކުރުގެ މީހުން، "ބުޣުޟް ނުވަތަ ނަފްރަތާއި ރުޅިވެރިކަން" އަދި "ޢަދާވާތްތެރިކަން" މިއީ މުސްލިމުންގެ ޢަޤީދާ ފުރިހަމަ ކޮށްދޭ ޟަރޫރީ ދެ ބައިކަމަށް ބުނާ ވާހަކަޔަކީ ވެސް އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މިހެން ބުނީތީ އަޅުގަނޑާ ދިމާޔަށް ބަޔަކު ހެއްދެވިނުހެއްދެވިއަށް ގޮވައި، މަރުގެ އިންޒާރުދީ، އަޅުގަނޑު ހަލާކުކޮށްލާން ކުރެވޭން އޮތްހައި ކަމެއް ކުރިޔަސް، ޙަޤީޤަތް އޮތީ ފެންނާށެވެ. އެ ފިކުރުގެ ބާނީންގެ އެންމެ އިސް ދެތިން ބޭކަލެއްގެ ލިޔުއްވުންތައް އެކަނި ބެއްލެވިޔަސް، މި ދަންނަވާ ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ! އެއް މިސާލަކީ މީލާދީން 1742 ހައި ތާނގައި މި ފިކުރުގެ ބާނީ ޢިރާޤުގެ ބަޞަރާއަށް ފޮނުއްވި ފަތް ނުވަތަ ރިސާލާއެވެ. އޭގައި ސާފު ބަހުން މި ވާހަކަތައް ލިޔުއްވައިފައި އެބަހުއްޓެވެ. މި ފަތާ ބެހޭ މަޢުލޫމާތު ބޭނުންފުޅު ބޭފުޅުން، ޢަރަބި ބަހުން ވިއްޔާ ޢަލީ އައްޝާފިޢީ އަލްބަޞްރީ އަލްޤައްބާނީގެ [ފަޞްލުލްޚިޠާބު] ބައްލަވާށެވެ! އިނގިރޭސި ބަހުން ވިއްޔާ، ކޯލް އެމް. ބަންޒްލްގެ [ވައްހާބިޒަމް: ދަ ހިސްޓްރީ އޮފް އަ މިލިޓެންޓް އިސްލާމިކް މޫވްމަންޓް] މި ފޮތް ބައްލަވާށެވެ!

ކޮމެންޓު