އައްޝައިޚު އިބްރާހީމް އަޙުމަދު
14 އޭޕްރިލް 2026
2026 އޭޕްރީލް 7ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މަޢުރޫރު ބިން ސުވައިދުގެ އަރިހުން ރިވާވެގެން ވެއެވެ. "ތިމަންނާއާ އަބޫޒައްރު އައްރުބުޒާއިން ބައްދަލުވިއެވެ. އޭރު އޭނާ ލައިގެން ހުރި ފަދަ ފޭރާމެއް އޭނާގެ ޚާދިމު ވެސް ހުރީ ލައިގެންނެވެ. ދެން އެ ކަމާ މެދު ތިމަން ސުވާލުކުރީމެވެ. އެ ހިނދު އޭނާ ވިދާޅުވިއެވެ. ތިމަން މީހަކަށް އޭނާގެ މަންމަޔާ އަޅުވާ ހުތުރުބަހުން މުޚާޠަބުކުރީމެވެ. ފަހެ މިހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިބާ ތިޔަ ކުރީ ޖާހިލިއްޔަ ޒަމާނުގެ ކަމެކެވެ.
އެހެންވީމާ އިސްލާމް ދީނުގެ ސިޔާސަތަކީ އެންމެން ހަމަހަމަވުމުގެ ސިޔާސަތެވެ. މި ކަމަށް އިޝާރާތްކުރައްވައި ހުޅަނގުގެ މުފައްކިރެއްކަމުގައިވާ ގޮސްޓާފު ލޯބޮން ވިދާޅުވެފައިވަނީ ދުނިޔޭގެ އުންމަތްތައް. ޢަރަބީން ފަދަ ޢަފޫކުރާ ފާތިޙުންތަކެއް ދެކެފައެއް ނުވެއެވެ. އަދި އިސްލާމްދީން ފަދަ ސަމާޙާތްތެރި ދީނެއް ވެސް ދެކެފައެއް ނުވެއެވެ."[1]
6-ޢާލަމީ ސިފަ ލިބިގެންވުން
އިސްލާމީ ސިޔާސީ ނިޒާމުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި އެއީ ޢާލަމީ ސިފަ ލިބިފައިވާ އެއްޗެއްކަމުގައި ވުން ހިމެނެއެވެ. އެ ގޮތުން އޭގެ ތަޝްރީޢާއަކީ ހުރިހައި ޒަމާނަކާ ތަނަކަށް އެކަށީގެންވާ އެއްޗަކަށް ވެއެވެ. އެއީ އޭގައި އެންމެހައި މީސްތަކުންގެ މަޞްލަޙަތާއި މަންފާ ހިމެނިފައި ވާތީއެވެ. އަދި ވާންހުރި ކަންތަކާ ވަމުންދާ ކަންކަމާ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟުރަތުން މި ކަން ބާވައިލައްވަވައިފައި ވުން ހިމެނެއެވެ. ޢާލަމީ ސިފަ ލިބިފައިވާކަމުގެ ދަލީލެއްގެ ގޮތުން ފަހެ އެކަލާނގެ ވަޙީ ކުރެއްވިއެވެ. وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ [2] އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا [3] މާނައަކީ "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسولއާއެވެ."
ސުންނަތުގައި މި ވާހަކަ ބަޔާންކޮށްދޭ ދަލީލެއްގެ ގޮތުން މި ކަމަށް އިޝާރާތް ކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައި ވެއެވެ. لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ وَلَا يَتْرُكُ اللَّهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللَّهُ هَذَا الدِّينَ بِعِزِّ عَزِيزٍ أَوْ بِذُلِّ ذَلِيلٍ عِزًّا يُعِزُّ اللَّهُ بِهِ الْإِسْلَامَ وَذُلًّا يُذِلُّ اللَّهُ بِهِ الْكُفْرَ [4] މާނައަކީ ރޭދުވާލުގެ އަލިކަން ފޯރާ ހުރިހައި ހިސާބަކަށް މި ދީނުގެ ކަންތައްތައް ވާޞިލުވާނެކަމަށް ﷲ ތަޢާލާ ބަޔާން ކުރެއްވިއެވެ. އެ ގޮތުން ﷲ ތަޢާލާ ބޮޑެތި ރަށްތަކާއި ބަދަވީން އުޅޭ ކުދި ކުދި އަވަށްތަކަށް ވެސް މި ދީން ފޯރުން މަނާވާނެ އެންމެހައި ކަންކަން ނެތިކުރައްވައި ޢިއްޒަތްތެރިކަމާ އެކު ނުވަތަ ނިމަމެތިކަމާ އެކު މި ދީން ފޯރުއްވިއެވެ. އެއީ ދީނުގެ ސަބަބުން ﷲ ތަޢާލާ މީސްތަކުން ޢިއްޒަތްތެރިކުރެއްވުމެވެ. އަދި ނިކަމެތިކަމާ އެކު ކުފުރުގެ ކަންކަން ނިމިގެންދިޔުމަށެވެ."
މިފަދަ އެހެން ޙަދީޘެއްގައި ވެއެވެ. عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ زَوَى لِي الْأَرْضَ فَرَأَيْتُ مَشَارِقَهَا وَمَغَارِبَهَا وَإِنَّ أُمَّتِي سَيَبْلُغُ مُلْكُهَا مَا زُوِيَ لِي مِنْهَا [5] މާނައަކީ ، ޘައުބާން ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ދުނިޔޭގެ ބިން ﷲ ޖަމާކޮށް ދެއްވިއެވެ. ފަހެ ތިމަންކަލޭގެފާނަށް ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ފެނިގެން ދިޔައެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތަށް ތިމަންކަލޭގެފާނަށް ޖަމާކޮށްދެއްވުނު ތަންތަނުގެ ވެރިކަން ލިބޭހުއްޓެވެ.] އިސްލާމީ ތާރީޚުން ވަނީ މި ކަން ކާމިޔާބުކަމާ އެކު މި ކަން ހިނގާނެ ގޮތް ފެނިފައެވެ. އަދި ވެރިކަން ހިންގުމަށް ފުޅާ ތަނަވަސް ބިމެއް ލިބިފައި ވުމެވެ. އެހެންވެ އިސްލާމްދީން އައިސް އެ ދީނުގައި ތަފާތު މީސްމީހުންގެ މައްޗަށް ދީން ފެތުރުނެވެ. އަދި އެ މީހުން އެ ވެރިކަމުގައި ނުވަތަ ޙުކުމުގައި އެންމެން ބައިވެރިވެފައި ވެއެވެ. އަދި އެ ވެރިކަމުގެ ސަބަބުން ޢަރަބީން ވެރިކަމުގައި ބައިވެރިވެ އެ ކަންކަން ހިންގުމުގައި ޢަރަބީން ނޫން މީހުންނާ އެކު ޝާމިލުވެ އުޅުނުކަން ވަނީ އިސްލާމީ ތާރީޚުން ސާބިތުވެފައެވެ.
އިސްލާމީ ސިޔާސީ ނިޒާމުގެ ލަނޑުދަނޑިތައް
އިސްލާމީ ސިޔާސީ ނިޒާމުގެ ލަނޑުދަނޑިއަކީ ވަރަށް މަތިވެރި އުޞޫލުތަކެއް މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އޭގެ މުހިންމު ބައިތަކަކީ
* ދީން ޤާއިމުކޮށް ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުވެތިވުން
* ޢަދުލުވެރިކަން ޤާއިމުކުރުން
* މީސްތަކުންނަށްޓަކައި ދުނިޔެ އިޞްލާޙުކުރުން
1- ދީން ޤާއިމުކޮށް ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުވެތިވުން
އިސްލާމީ ވެރިކަމެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އަސާސީ މަޤްޞަދެއްކަމުގައި މި ބިންމަތީގައި އިސްލާމްދީން ޤާއިމުކުރުން ވިއެވެ. އެހެންވީމާ އިސްލާމީ ވެރިކަމެއް ހިންގާން ހުންނަ ކޮންމެ ވެރިއަކާ އޭނާގެ ކޮންމެ ނާއިބެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި މި ދެންނެވި ލަނޑުދަނޑި ޙާޞިލުކުރުމަށް މަސައްކަތްކުރުން ހިމެނިފައި ވެއެވެ. މި ކަމާ މެދު ވާހަކަދައްކަވަމުން ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ ވިދާޅުވެފައި ވެއެވެ. "ވެރިކަން ހިންގާ ކޮންމެ ވިލާޔަތެއްގެ މައްޗަށް ވާޖިބުވެފައިވާ ކަމަކީ ޚަލްޤުތަކުންގެ ކިބައިގައިވާ ދީނީ ކަންކަން އިޞްލާޙުކުރުމެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިން ދީނީ ކަންކަން ގެއްލި ހިގައްޖެ ނަމަ ބަޔާންވެގެންވާ ބޮޑު ގެއްލުމެއް އެބައިމީހުންނަށް އެ އޮތީ ވެފައެވެ. އެ ކަމުގެ ސަބަބުން ދުނިޔޭގައި ލިބޭ ނިޢުމަތްތަކުގެ މަންފާއެއް އެބައިމީހުންނަށް ނުކުރާނެއެވެ."[6]
އަލްއިމާމު އައްޝައުކާނީ ވިދާޅުވެފައިވެއެވެ. "ވެރިޔަކު ކަނޑައެޅުމުގައި ﷲ ތަޢާލާ ކަނޑައެޅުއްވި މަޤްޞަދުތަކުގެ ތެރޭގައި ދެކަމެއް ހިމެނެއެވެ. ފުރަތަމަކަމަކީ ދީނުގެ މަތިވެރިކަމާއި ހައިބަތު ޤާއިމުކުރުމެވެ. އަދި އަޅުތަކުން ﷲ ތަޢާލާ ކަނޑައެޅުއްވި ސީދާ ތެދުމަގުގައި ސާބިތުކުރެއްވުމެވެ. އަދި މި ދެންނެވި އަޅުތަކުން އެބައިމީހުން ރުހިގެންވާ ޙާލާއި ނުރުހޭ ޙާލުގައި ވެސް ﷲ ތަޢާލާ ނަހީ ކުރެއްވި ކަންކަމުން އެއްކިބާކޮށް ދުރުހެލި ވުމެވެ. ދެވަނަ ކަމަކީ މުސްލިމުން އެބައިމީހުންގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ދިމާއަށް ގެންދިއުމަށް ރާވާ ހަމަޖެއްސުމާ އެބައިމީހުންގެ ކިބައިން މަފުސަދާ ނުވަތަ ފަސާދަ ދުރުކުރުމެވެ. ފަހެ މާތް ﷲ ވަޙީ ކުރެއްވިއެވެ. شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ[7] މާނައަކީ "ތިޔަބައިމީހުންނަށްޓަކައި، އެ ކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحىކުރެއްވި دينއެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دينއެވެ. (އެ وصيةއަކީ) ތިޔަބައިމީހުން دين قائمކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! " މި ތާނގައި ދީން ޤާއިމު ކުރުމޭ އޮތް ބަހުގެ މާނައަކީ ދީނުގެ ރުކުންތައް ފުރިހަމަ ގޮތުގައި ޤާއިމުކުރުމެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންވުމާއެކު ތައުޙީދު ޤާއިމުކުރުމެވެ. އެކަލާނގެ ބާވާލެއްވި ފޮތްތަކަށް އީމާންވުމާއި ރަސޫލުބޭކަލުންނަށް އީމާންވުމާ ޖަޒާދެއްވާ ދުވަހަށް އީމާންވުމެވެ. އަދި މި ނޫނަސް މީހަކު މުއުމިނެއްކަމުގައި ވުމަށް ބޭނުންވާ ހުރިހައި ކަމެއް ކުރުމުގައި ދެމިހުރުމަށެވެ. މިތާގައި ދީން ޤާއިމު ކުރުމޭ އެއޮތް ބަސްފުޅުން އަންގައިދެނީ ދީނުގެ ރުކުންތަކަށް ރައްކާތެރިވެ ދީނުގެ މަގުން އެއްކިބާކޮށްފާނެ އެންމެހާ ކަންކަމުން ދުރުވެގަތުމެވެ. އަދި ދީނުގެ ރުކުންތަކަށް ސަމާލުވެ އޭގެ މަތީގައި ދެމިހުރުމެވެ.[8]
އަދި އިސްލާމީ ދައުލަތެއްގެ ލަނޑުދަނޑިއަކީ އިސްލާމީ މުޖުތަމަޢުގައި ފުރިހަމަ ގޮތުގައި ﷲއަށް އަޅުކަން ކުރެވޭނެ މަގު ތަނަވަސްކޮށްދީފައި ވުމެވެ. އެ ގޮތުން ދައުލަތުގެ މަސްއޫލިއްޔަތުގެ ތެރޭގައި މީސްތަކުންނަށް ނަމާދު ޤާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ވިލަރެސްކޮށް ހިންގުމާއި އިސްލާމީ ޝިޢާރުތައް ފާޅުކުރެވޭނެ މަގު ފަހިކުރުމާއި ހެއުކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެވޭނެ މަގު ފަހިކޮށްދިނުމާއި ޙިސްބާގެ ނިޒާމު ފުރިހަމައަށް ތަޠުބީޤުކުރުމާއި މި ނޫނަސް ދީނުގެ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
އިސްލާމްދީނުގެ އަޅުކަމަށް ދެއަޞްލެއް ވާކަމަށް ބުނެވެއެވެ. އެއީ އިޚުލާޞްތެރިވުމާއި ދީނުގައި ދެމިހުރުމެވެ. އެހެންވީމާ އެއްވެސް ޝައްކެއް ނެތްގޮތުގައި އިސްލާމީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވަނީ ފާސިދު ކަންތައްތަކާއި ޚުރާފާތްތަކާއި ބިދުޢަތަކާއި ޝިރުކުކުރުމާއި ހަނގުރާމަކޮށް މިދެކަންތައް ޙިމާޔަތް ކުރުމެވެ. އެހެންކަމުން ޝިރުކު ނައްތާލަން މަސައްކަތް ކުރުމާއެކު އިސްލާމީ ޝަރީޢަތާ ދެކޮޅަށް އެޝަރީޢަތް ބަދަލުކުރަން ނުވަތަ އެޝަރީޢަތް ނައްތާލަން މަސައްކަތް ކުރާ ފަރާތްތަކުން ޝަރީޢަތް ޙިމާޔަތް ކުރުމަކީ އިސްލާމީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެއީ ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުކަން ކުރުމަށްޓަކައި ފުރިހަމައަށް އެހީތެރިވުމެވެ. އަދި ބާޠިލު ޢަޤީދާތަކުން ދީން ޙިމާޔަތް ކުރުމާއި ޖާހިލުންގެ ތައުވީލުތަކުން ރައްކާތެރި ކުރުމެވެ. ފަހެ މާތްﷲ ވަޙީ ކުރެއްވިއެވެ. الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّـهِ عَاقِبَةُ الْأُمُورِ[9] މާނައަކީ "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّهއަށެވެ." (ނުނިމޭ)
[1] ޚާލިދު ބުނު ޢަލިއްޔު ބުނު މުޙައްމަދު، ފިޤްހުއްސިޔާސަތުއްޝަރުޢިއްޔާ، ޞ47
[2] ސޫރަތުލްޤަލަމް 52
[3] ސޫރަތުލްއަޢުރާފު 158
[4] އަޙްމަދު ބުނު ޙަންބަލު، މުސްނަދު އަޙްމަދު 6/ޞ4
[5] ރަވާހު މުސްލިމް
[6] މުޙައްމަދު ބުނު ޙަލީމު އިބްނު ތައިމިއްޔާ. ، މަޖުމޫޢުލްފަތާވާ : 28/ ޞ262
[7] ސޫރަތުއްޝޫރާ 13
[8] އަލްޙުކުމު ވައްތަޙާކުމު ފީޚިޠާބިލްވަޙްޔި : ޞ 436
[9] ސޫރަތުލްޙައްޖު :41