ad_banner
ކީރިތި ޤުރްއާނުގެ ސުމޭކު ފިޠުރަތު (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 އޭޕްރިލް 2026

ކީރިތި ޤުރުއާނަކީ ﷲ Iގެ ކަލާމުފުޅެވެ. އެކަލާނގެ ވަޙީބަސްފުޅެވެ. އެއީ އެކަލާނގެ ހިދާޔަތާއި ނޫރެވެ.

މަތިވެރިކަމާއި މާތްކަމުގައި ކީރިތި ޤުރްއާނާ މަސީލު ފޮތެއް މާތްﷲ އުންމަތެއްގެ މައްޗަށް ބާވައިލައްވައިފައެއްނުވެއެވެ.

މާތް ﷲ U ކީރިތި ޤުރްއާނުގެ މުޢުޖިޒާތަށް ވުރެ މަތިވެރި މުޢުޖިޒާތަކުން ނަބީބޭކަލަކަށް ތާއީދުކުރައްވައިފައެއްނުވެއެވެ.

ކީރިތި ޤުރްއާނަކީ  އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ ފަހު ފޮތެވެ. 

މި ޤުރްއާނުގެ ކޮންމެ އަކުރަކީ ﷲ ތަޢާލާގެ މަތިވެރިކަމުގެ ދަލީލުތަކުން ދަލީލެކެވެ.

މި ޤުރްއާނުގެ ކޮންމެ ކަލިމައަކާއި އަކުރަކާއި ސޫރަތެއް ﷲގެ ކުޅަދުންވަންތަކަމަށް ހެކިބަސްދޭ ގޮތަށް މި ޤުރްއާނުގެ ކޮންމެ ވިޔައަކުރަކާއި އަދަދަކާއި ސުމޭކު ގެތުމަކީ ﷲގެ އެއްކައުވަންތަކަމުގެ ހެކިބަސްތަކެކެވެ.

ކީރިތި ޤުރްއާނުގެ ކޮންމެ އަކުރަކީ އޭގެ އަދަދުގެ ގޮތުންނާއި އޮތް ތަނުގެ ގޮތުން އަޖައިބުކުރަނިވި މުޢުޖިޒާތެކެވެ.

ކީރިތި ޤުރްއާނަކީ މުޖުމަލުކޮށް ވިޔަސް ތަފްޞީލުކޮށް ވިޔަސް  ﷲގެ   ހަރުދަނާ ބަސްފުޅެވެ.

އެއީ  ސޫރަތުގެ ފެންވަރުގައި ވެސް އަދި އާޔަތުގެ ފެންވަރުގައި ވެސް ﷲ ގެ ހަރުދަނާ ފޮތެވެ.

އެއީ ކަލިމައިގެ ފެންވަރުގައި ވެސް އަދި އަކުރުގެ ފެންވަރުގައި ވެސް  ﷲގެ ހަރުދަނާ ކަލާމުފުޅެވެ.

މި ފޮތުގެ މުޢުޖިޒާތްތަކުގެ ތެރޭގައި މި ފޮތުގެ އަކުރުތަކުގެ އަލިފުބާ ތަރްތީބު ވެއެވެ. 

މިޤުރްއާނުގެ ސުމޭކު ބިނާގެ ނާރެސްތަކުގެ ތެރެއިން އެއް ނާރެހަކީ އަކުރުތަކުގެ އަލިފުބާ ތަރްތީބެވެ. އަރަބިންނަށް އެމީހުންގެ އަލިފުބާ ތަރްތީބު އެނގުނީ  ކީރިތި ޤުރްއާން ބާވައިލައްވައި ނިމުނުތާ  80ވަރަކަށް އަހަރު ފަހުންނެވެ. ޤުރްއާނުގެ މުޢުޖިޒާތުގެ ކުންނަކީ މިއެވެ.

ކީރިތި ޤުރްއާނުގެ ނައްޞުތަކާ އަލިފުބާ އަކުރުގެ ތަރުތީބާ ދެމެދުގައި ހުރި ގުޅުމާމެދު ވިސްނައިލުމަށް ޓަކައި އޮޑިއަށް  އަރަމާހިނގާށެވެ!

-       ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ތަކުރާރުވެފައިވާ ލަފުޒަކީ ލަފުޒުލްޖަލާލަތި ﷲގެ އިސްމުފުޅެވެ.

-       ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ވާރިދުވެފައިވާ އަދަދަކީ އެކެކެވެ. واحد ނުވަތަ މި ލަފުޒުގެ ތަފާތު މޫ ލަފުޒުތަކެވެ.

-       ކީރިތި ޤުރްއާނުގައި އަޖައިބުވަނިވި ފަސް ހަރުފަތުގެ ތަރާނާއެއް ވެއެވެ.  މި ފަސް ހަރުފަތުގެ ތަރާނާއަށް ބަލައި ވިސްނާށެވެ!

-       ކީރިތި ޤުރްއާނުގައި ލަފުޒު (واحد)  25 ފަހަރު ވާރިދުވެފައި ވެއެވެ.  އެއީ 5 × 5

-       ކީރިތި ޤުރްއާނުގައި ލަފުޒު (إحدى) 5 ފަހަރު ވާރިދުވެފައިވެއެވެ.

-       ކީރިތި ޤުރްއާނުގައި ލަފުޒު (إحداهما) 5 ފަހަރު ވާރިދުވެފައިވެއެވެ.

-       ކީރިތި ޤުރްއާނުގައި ލަފުޒު (أحدهما) 5 ފަހަރު ވާރިދުވެފައިވެއެވެ.

-       ކީރިތި ޤުރްއާނުގައި ލަފުޒު (واحدًا) 5 ފަހަރު ވާރިދުވެފައިވެއެވެ.

-       ކީރިތި ޤުރްއާނުގައި ލަފުޒު (أحدًا) 20 ފަހަރު ވާރިދުވެފައިވެއެވެ. އެއީ 5 × 4

ޖިންނީގެ ފަސް ހަރުފަތުގެ ތަރާނާ

ފަސް ހަރުފަތުގެ އަޖައިބުވަނިވި ތަރާނާއަށް ބަލައިލުމަށް ޓަކައި  سورة الجنއަށް ދަމާހިނގާށެވެ!

-     سورة الجن ގައި (أَحَدًا) މި ކަލިމައަށް ނިމޭ 5 އާޔަތްވެއެވެ. މި އާޔަތްތަކަކީ :

1- يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا - 2

2- وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا - 7

3- وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا – 18

4- قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا – 20

5- عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا - 26

-     މި ފަސް އާޔަތުގެ ކަލިމަތަކުގެ ޖުމުލައަކީ  41 އެވެ.

-      41 އަކީ މުޤައްޠަޢާތު އަކުރުތަކުގެ  ތެރޭގައި ލަފުޒުލްޖަލާލަތި (ﷲ ) ގެ އަކުރުތައް ތަކުރާރުވެފައިވާ ޖުމުލަ އަދަދެވެ.

-     މިފަސް އާޔަތުގެ ތަރްތީބީ ވަނަތަކުގެ ޖުމުލައަކީ  73 އެވެ.

-      73 އަކީ ލަފުޒުލްޖަލާލަތި (ﷲ ) މި އިސްމުފުޅުގެ އަކުރުތަކުގެ އަލިފުބާތަރްތީބުގެ ޖުމުލައެވެ.

-      73 + 41 = 114 އެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.  

އިތުރަށް ކަށަވަރުކުރުން

-         އަލިފުބާ ތަރްތީބުގައި އަކުރު الألف ގެ ވަނައަކީ 1 އެވެ.

-         އަލިފުބާ ތަރްތީބުގައި އަކުރު اللّام ގެ ވަނައަކީ 23 އެވެ.

-         އަލިފުބާ ތަރްތީބުގައި އަކުރު اللّام ގެ ވަނައަކީ 23 އެވެ.

-         އަލިފުބާ ތަރްތީބުގައި އަކުރު الهاء ގެ ވަނައަކީ 26 އެވެ.

-         މިއީ ލަފުޒުލްޖަލާލަތި ( ﷲ )ގެ އަކުރުތަކެވެ. މި އަކުރުތަކުގެ އަލިފުބާ ތަރްތީބުގެ ވަނަތަކުގެ ޖުމުލައަކީ 73އެވެ. 

ވިސްނާށެވެ!

-         މުޤައްޠަޢާތު އަކުރުތަކުގައި އަކުރު الألف ތަކުރާރުވެފައިވަނީ  13 ފަހަރުއެވެ.

-         މުޤައްޠަޢާތު އަކުރުތަކުގައި އަކުރު اللّام ތަކުރާރުވެފައިވަނީ  13 ފަހަރުއެވެ.

-         މުޤައްޠަޢާތު އަކުރުތަކުގައި އަކުރު اللّام ތަކުރާރުވެފައިވަނީ  13 ފަހަރުއެވެ.

-         މުޤައްޠަޢާތު އަކުރުތަކުގައި އަކުރު الهاء ތަކުރާރުވެފައިވަނީ  2 ފަހަރުއެވެ.

-         ވީމާ މުޤައްޠަޢާތު އަކުރުތަކުގައި ލަފުޒުލްޖަލާލަތި ( ﷲ ) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 41ފަހަރުއެވެ.

-         މި ދެ އަދަދުގެ ޖުމުލައަކީ  41 + 73 = 114 . މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.

އެއް ނަތީޖާއެކެވެ. ސުމޭކުގެ އެއް ދަލާލަތެކެވެ.

ފާހަގަކުރެވުނީ ކޮން އެއްޗެއް؟

ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތަކުގެ އަލިފުބާ ތަރްތީބުގެ ޖުމުލައަކީ 73އެވެ. މިއީ ފުރައަދަދެކެވެ.

ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވާ ޖުމުލައަކީ 41 އެވެ. މިއީ ވެސް ފުރައަދަދެކެވެ.

 ފުރައަދަދު ގެއްލޭނީ ހަމަ އެ އަދަދުންނެވެ. ނުވަތަ 1ންނެވެ.

ﷲގެ އެއްކައުވަންތަކަމަށް އަދަދުތައް ހެކިވާ ގޮތަށް ނިކަން ބަލައިބަލާށެވެ! 

ލަފުޒު (قرآن)އަށް ބަލާ!

-         މި ފަސް އާޔަތުގައި އަކުރު القاف އައިސްފައިވަނީ 1  ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު الراء  ތަކުރާރުވެފައިވަނީ 6  ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު الألف  ތަކުރާރުވެފައިވަނީ 34  ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު النون  ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ.

-         ވީމާ މި ފަސް އާޔަތުގައި ލަފުޒު (قرآن) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 53 ފަހަރުއެވެ.

ޤުރްއާން ބާވައިލެއްވި ފަރާތް ( ﷲ )ގެ އިސްމުފުޅުގެ އަކުރުތަކާމެދު ވިސްނާށެވެ! 

-         މި ފަސް އާޔަތުގައި އަކުރު  الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު  اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު الهاء ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

-         މިއީ ލަފުޒުލްޖަލާލަތި ( ﷲ ) މި އިސްމުފުޅުގެ އަކުރުތަކެވެ. ތަކްރާރުވެފައިވާ އަކުރު اللّام ނުހިމަނައިފިނަމަ މިފަސް އާޔަތުގައި މި އިސްމުފުޅުގެ އަކުރުތައް ތަކުރާރުވެފައިވާ ޖުމުލަ އަދަދަކީ  61 އެވެ.

ފޮޓޯ ފުރިހަމަކުރުން

-         މި ފަސް އާޔަތުގައި ލަފުޒު  (قرآن)ގެ އަކުރުތައް ތަކުރާރުވެފައި ވަނީ 53 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި ހިމެނޭ ލަފުޒުލްޖަލާލަތި (ﷲ) މި އިސްމުފުޅުގެ އަކުރުތައް اللّام ތަކުރާރުނުކޮށް ޖުމުލަކޮށްފިނަމަ އޭގެ އަދަދަކީ 61އެވެ.

-         53 + 61  = 114 އެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ. އެއް ނަތީޖާއެކެވެ. ސުމޭކުގެ އެއް ދަލާލަތެކެވެ.

ކޮންމެ ގޮތަކަށް ބެއްޔަސް ފާޅުވަމުން މި ދަނީ ފިޠުރީ ސުމޭކެވެ.

ބޯހަރު މީހަކު ބުނެފާނެއެވެ. ތިބާ އެއް ލާމު އުނިކޮށްލީ ކީއްވެގެން ހެއްޔެވެ؟

ވަރަށް ރަނގަޅު ވާހަކައެކެވެ. ލާމު ތަކުރާރު ކުރީމާ ވާ ގޮތް ބަލާށެވެ.

-         މި ފަސް އާޔަތުގައި އަކުރު  الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު  اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު  اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި އަކުރު الهاء ތަކުރާރުވެފައިވަނީ 9 ފަހަރުއެވެ.

-          ވީމާ މި ފަސް އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައި ވަނީ 79 ފަހަރުއެވެ. 79 އަކީ ފުރައަދަދެކެވެ.

 އެއީ ޙައްޤެވެ. ﷲގެ ބަސްފުޅަކީ ((أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا  - النساء : 82 - ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.)) 

ފޮޓޯ ފުރިހަމަވުން

-         سورة الجن ގެ މި ފަސް އާޔަތުގައި ލަފުޒުލްޖަލާލަތި ( ﷲ ) ގެ ހަތަރު އަކުރު ތަކުރާރުވެފައި މި ވަނީ 79 ފަހަރުއެވެ.

-         ލަފުޒުލްޖަލާލަތި (ﷲ ) ގެ ހަތަރު އަކުރުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމުލައަކީ 73 އެވެ.

-         79އަކީ ވެސް އަދި 73އަކީ ވެސް ފުރައަދަދުތަކެކެވެ. މި ދެ އަދަދުގެ ޖުމުލައަކީ 79 + 73 = 152 އެވެ.

سبحان الله ! 152 އިޝާރަތްކުރަނީ ކޮން އެއްޗަކަށްހެއްޔެވެ؟

އެއީ سورة الجنގެ މި ފަސް އާޔަތުގެ އަކުރުތަކުގެ ޖުމުލައެވެ.

(ނުނިމޭ)  

ކޮމެންޓު