އައްޝައިޚު އިބްރާހީމް އަޙުމަދު
15 އޭޕްރިލް 2026
ޤައުމެއްދިރޭނީ ޤައުމުގައި ހުރެގެންނެ ރޫޙެއް ހަމަ ދިރޭ
އައުދާނަ ޤައުމީ ލޯބި ހިތްތަކުގައި އުފެދިންނޭ ދިރޭ
___________________________________________
[. . . ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ މިބައިތުން އަޅުގަނުމެންނަށް ޤައުމިއްޔަތާއި ޤައުމީލޯބި ސިފަކޮށް ދެއްވައެވެ. އެހެނަސް އެކަން އެމަނިކުފާނު ސިފަކުރައްވަމުން ވިދާޅުވަނީ [އޭ މުޙިއްބުލްވަޠަނޭވެ! އޭ ވަޒަންދެކެ ލޯބިވުމުގެ އަގުމާތް ގަހަނާއިން ޒީނަތްތެރިވެގެންވާ ޢިއްޒަތްތެރި ވެރިޔާއެވެ! ޤުދުރަތު ކަލޭ އުހެއްދި ކަމީ ވަޒަނަށް ހާދަހާވާ ބޮޑު އުހަލެކެވެ. ކަލޭ ދުނިޔޭގައި ނުވާނަމަ ، ވަޒަނުގައި އެއްވެސް އުހަލެއް ، އެއްވެސް ހަރުދަނާ ކަމެއް، އެއްވެސް އަގެއް ނުހުރީސްކަން ކަށަވަރެވެ. ކަލެޔަކީ ދުނިޔެމަތީގައިވާ އެންމެ މާތް އެންމެ އެދެވިގެންވާ ސިފައިން ސިފަ ލިބިގެންވާ މީހާއެވެ. ކަލޭ ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ތރިހިނގާ ހިނގުމެކޭ އެއްފަދައިން މަގަކު ކައްސައެއް ނުލަމުއެވެ. ފަލަކަކުން ކަލޭގެ ފައިތިލައެއް އެއްކިބާތެއް ނުވެއެވެ. ކަލޭ ކުރާ ކޮންމެ ކަމެއްގައި ، ކަލޭގެ ކޮންމެ ޙަރަކާތެއްގައި ވަޒަންދެކެ ލޯބިވުމާއި ، އިޚްލާޞްތެރިކަމާއި، ޙިފްޡުވެގެންވެއެވެ.][1]
___________________________________________
ޤައުމިއްޔަތު މި ލަފުޒު ނިސްބަތް ވެފައިވަނީ ޢަރަބި ބަހުގެ ޤައުމު މިއިން އުފެދުނު ނަމަކަށެވެ.[2] ޤައުމޭ މި ކިޔަނީ މީސްތަކުންގެ ޖަމާޢަތެއްގެ ބަޔަކު އެކުވެގެން ދިރިއުޅޭ ބިމަށެވެ. [3] އެހެންވެ ޤައުމިއްޔަތު މި ލަފުޒަކީ ޤައުމަށް ނިސްބަތްވާ ނަމެއްގެ ގޮތުގައި ހިމެނޭ ލަފުޒެކެވެ. ޢަރަބި ބަހުގެ ޤައުމު މި ލަފުޒު އެކިއެކި ރަސޫލު ބޭބޭކަލުންގެ އުންމަތްތަކަށް ވެސް ބޭނުން ކުރެވިފައިވާކަމަށް ކީރިތި ޤުރުއާނުން ދަލީލުކުރެއެވެ. ފަހެ ނޫޙުގެފާނާ މުޚާޠަބުކުރައްވައި އެކަލޭގެފާނަށް އެންގެވިކަމަށް މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ [4] މާނައީ : "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެ މީހުންގެ ގާތަށް رسولކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެ މީހުންނޭވެ! ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. " ޤައުމިއްޔަތު މިބަސް މާނަކުރެވޭ އެއް ގޮތަކީ މިއީ ވަޠަނާއި ބަހާއި އެއް ތާރީޚަކާއި ލަނޑުދަނޑި އެއްގޮތްވާ ގޮތުގެ މަތީން އެއް ސަގާފަތެއްގެ އަހުލުވެރީން އެކުލެވިގެން އުފެދިގެން އަންނަ އިޖުތިމާޢީ ޢާޠިފީ ގުޅުމަކަށް ކިޔާ ނަމެކެވެ.[5]
ޢަރަބި ބަހުގެ ޤައުމިއްޔަތު އިނގިރޭސިބަހުގެ މާހިރުން މާނަކުރަނީ (Nationalism) މިމާނައިގައެވެ. މިއީ ޤައުމިއްޔަތު މި ލަފުޒަށް ވުރެ ހަނި މާނައެއް އެކުލެވޭ ލަފުޒެކެވެ.
އިންޓަރނޭޝަނަލް ރިލޭޝަންސްގެ ގިނަ ޕްރޮފެސަރުން ވިދާޅުވާ ގޮތުގައި ޤައުމިއްޔަތަކީ މުޖުތަމަޢު ޙަރަކާތްކުރުވާ އެއްމެ މަތީ ބަހާއެވެ. އަދި ޤައުމުތަކުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަދި އެ ކަމުގައި ޙުކުމު ކަނޑައެޅުމުގައި ބެލޭ އެއް ލަނޑުދަނޑިއެވެ. އަދި ޤައުމިއްޔަތަކީ ޤައުމުގެ މަޞްލަޙަތު ކަނޑައަޅައިދޭ ފަރާތެވެ.
އެހެންވެ އެބައިމީހުން ޤައުމިއްޔަތު މާނަކުރަނީ ކަނޑައެޅިފައިވާ ވަކި ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށް ޙަޟާރީ ގޮތުން ވަކި ޖަމާޢަތެއްގެ ބަޔަކު ނިސްބަތްވާ ނުވަތަ ވަކި ޝުޢޫރުތަކެއް ޤަބޫލުކުރާ ވަކި ޖަމާޢަތެއްގެ ބަޔަކު، އެބައިމީހުން ގުޅިގެން އެކުވެރިކަމާ އެކު އެ މީހުންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެއް އިޙްސާސަކާއެކު އުޅޭ އުޅުމަށެވެ.[6]
ހަމަ އެފަދައިން ޢަރަބި ބަހުގެ އަހުލުވެރީން ޤައުމިއްޔަތެކޭ އެއް ފަދައިން އެ ފަދަ މާނައެއް އެކުލެވޭ އެހެން ލަފުޒެއް އެ ބަހުގައި ބޭނުންކުރެއެވެ. އެއީ ވަޠަނިއްޔަތެވެ. މި ލަފުޒު ނިސްބަތްކުރެވެނީ ވަޠަނަށެވެ. ޢަރަބި ބަހުގެ ބަސްފޮތެއްކަމުގައިވާ ލިސާނުލްޢަރަބުގައި ބަޔާންކުރަނީ ވަޠަނަކީ އެ ބަޔަކު ދިރިއުޅޭ ސަރަޙައްދަކަށް ކިޔާ ނަމެއްކަމަށެވެ.[7] ޑރ. އައްޒުނައިދީ ބަޔާންކުރައްވަނީ ވަޠަނިއްޔަތަކީ އެ ބައެއް ޖޯގްރަފީ ގޮތުން އެ ނިސްބަތްވާ ސަރަޙައްދުގެ އިތުރަށް އާދަކާދައާއި ސަގާފަތާއި އެ ނޫން އެހެނިހެން ނިޒާމުތަކުގެ މައްޗަށް ބިނާވާ ބަހާއެއް ކަމަށެވެ.[8] މިއީ ޔޫރަޕުގެ ތެރެއިން އުފަންވި ފިކުރަކަށް ކިޔާ ނަމެކެވެ. މި ލަފުޒު އިނގިރޭސި ބަހުގެ އަހުލުވެރީން މާނަކުރަނީ ("Patriotism") މި މާނައަށެވެ.[9] ޖޯޖް އޯބެލް މިބަސް އިނގިރޭސި ބަހުން މާނަކުރަނީ ("Patriotism") މި ލަފުޒަށެވެ. މީގެ މާނައަކީ ވަކި ސަރަޙައްދަކަށް ނުވަތަ ބިމަކަށް އިޚްލާޞްތެރިވުމެވެ. ތެދުވެރިވުމާއި ވަފާތެރިވުމެވެ. ފަރަންސޭސީންގެ ޗާލްސް ޑިގޯލް ވިދާޅުވަނީ "ވަޠަނިއްޔަތަކީ ތިމާގެ ޤައުމުގެ ރައްޔިތުން ދެކެ ލޯބިވުމެވެ." ޖަރުމަނުގެ ކުރީގެ ރައީސެއްކަމުގައިވާ ޔޯހަންސް ދެކެވަޑައިގަންނަވާ ގޮތުގައި "ވަޠަނިއްޔަތަކީ ތިމާގެ ވަޒަން ނުވަތަ ޤައުމު ދެކެ ލޯބިވުމަށް ކިޔާ ނަމެކެވެ."[10] އަޞްލުގައި ޕެޓްރިއޮޓިޒަމަކީ ޔޫނާނީ ލަފުޒެކެވެ. އޭގެ މާނައަކީ ޤަބީލާއެވެ. އެހެންނަމަވެސް ޢަރަބި އެންސައިކްލޮޕީޑިޔާގައި ބުނަނީ ވަޠަނިއްޔަތުގެ މާނައަކީ ވަޠަނުގެ ދަރިޔަކު އޭނާގެ ވަޠަނަށް އިޚްލާޞްތެރިވުމާއި އެ ޤައުމުގެ ރައްޔިތުން ދެކެ ލޯބިވުމާއި އާދަކާދައާއި ސަގާފަތަށް ލޯބިކުރުމާއި ތާރީޚާއި މެދު ފަޚުރުވެރިވުމާއި ވަޠަނުގެ ޚިދުމަތުގައި ޤުރުބާންވުމެވެ.11
ޤައުމިއްޔަތުގެ ބަހާތައް
1- އެއްދަރިފަސްކޮޅަކަށް ނިސްބަތްވުން
2- ޖޯގްރަފީގޮތުން ހިމެނޭ ސަރަޙައްދީ އެއްބައިވަންތަކަން
3- ބޭނުންކުރާ ބަސް
4- ގުޅިފައިވާ ތާރީޚް
5- ދީން
ދަރިފަސްކޮޅުގެ ގޮތުން އެއްބަޔަކަށް ނިސްބަތްވުން
ޤައުމިއްޔަތުގެ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޤައުމެއްގައި ދިރިއުޅޭ އެންމެން އެއް ދަރިފަސްކޮޅަކަށް ނިސްބަތްވުމަކީ ޤައުމިއްޔަތުގެ އެންމެ ފުރަތަމަ ބަހާ ނުވަތަ އަސާސެވެ. އެހެނީ އެ ޢިލްމުވެރީން ޤަބޫލުކުރާ ގޮތުގައި ތަފާތު ދަރިފަސްކޮޅުތަކަކުން ޤައުމެއް ބިނާވުމަކީ ޤައުމުވަންތަކަމަށް އޭގެ ނޭދެވޭ އަސަރުތައްކުރާނެ ކަމެކެވެ. އެހެންނަމަވެސް އެއީ މުޅީން ރަނގަޅު ފިކުރެއް ނޫންކަން ޤައުމިއްޔަތުގެ ތަޙުލީލުތަކުން ހާމަވެއެވެ. އެއީ ހަމައެކަނި އޮތް ވަހުމެއް ނުވަތަ ޝައްކެއްކަމުގައި ބެލެވޭކަމަށް މި ޒަމާނުގެ އެންތުރަޕޮލޮޖިސްޓުން ހާމަކުރައްވައެވެ. އެ ބޭފުޅުން ވިދާޅުވަނީ އެ ކަމަކީ ޢިލްމީ ގޮތުން ސާބިތުވާ ކަމެއްނޫނެވެ. އަދި މި ކަމަށް ބާރުދޭ ބައެއް ހެކިތައް އެ ބޭފުޅުން ބަޔާންކުރެއްވިއެވެ.[12] އެހެންވެ މިޔަށް އެ ބޭފުޅުން އިތުރުކުރައްވާ ދެކަމެއްގެ ވާހަކަ ވެއެވެ.
(ހ) ހަމައެކަނި އެއް ދަރިފަސްކޮޅެއްގެ މައްޗަށް ބިނާވާ އެއްވެސް ޖަމާޢަތެއް ނުވަތަ އެއްވެސް ޤައުމެއް ނުވެއޭ ބުނުމެވެ. ސަބަބަކީ ހިޖުރައިގެ ސަބަބުން ނުވަތަ ޤައުމުތަކުގެ ސަރަޙައްދު ހުރަސްކޮށް ޖޯގްރަފީ ގޮތުން ތަފާތު ސަރަޙައްދުތަކުގެ މީހުން ވެސް އެ ފަދަ ތަންތަނަށް އައިސް ވަޒަންވެރިވަމުން ދިއުމެވެ. އެހެންކަމުން އެ ފަދަ ބަޔެއްގެ ތެރޭގައި މި ގޮތަށް މި މަސްހުނިވާ މަސްހުނިވުމުގެ ތެރެއިން އެ ފަދަ މީހުންނަކީ އެއް ދަރިފަސްކޮޅަށް ނިސްބަތްވާ ބަޔެކޭ ބުނެވޭކަށް ނޯންނާނެއެވެ. އެހެންވުމުން އެ ފަދަ ބަޔަކު ދިރިއުޅެމުންދާ ޤައުމުތަކުގައި ޤައުމިއްޔަތު އެ ނިސްބަތްވަނީ އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ ބަޔަކަށޭ ބުނެވޭކަށް ނުއޮވެއެވެ.
(ށ) އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ ބަޔެކޭ ބުނެ ދައްކާނެ ނުވަތަ ގޮވައިލާނެ ޚާއްޞަ ގޮތްތަކެއް ހުރި ކަމެއް ނެތެވެ. މި ފަދަ އަގުހުރި ޚާއްޞިއްޔަތު ޤައުމިއްޔަތުގެ މައްޗަށް ބިނާވާ ޢުންޞުރުތައް ތަފާތުކަމަށް ބެލުމެއްނެތި، މި ފަދަ ގޮތްތަކެއް ގެންގުޅުމަކީ އޮތް ކަމެއްނޫނޭ ބުނެވެއެވެ. އަދި އެއް ދަރިފަސްކޮޅަށް ނިސްބަތްވާ އަގުހުރި ޚާއްޞަ ކަންކަމުން ކޮންމެ ޤައުމިއްޔަތަކަށް ވެސް އެހެން ޤައުމިއްޔަތުތަކަކާ ތަފާތުވަމުން ދާނެއެވެ. އަދި އެއީ ކޮންމެ ޤައުމެއްގައި ވެސް ހުންނނާންވާނެ އަގުހުރި ޚާއްޞަ ސިފައެކެވެ. އެހެނަސް އެއީ އަގެއް ނެތް އެއްޗެކޭ ބުނެވޭނެ ގޮތެއް ނުއޮންނާނެއެވެ.
މި ފަދަ ބުނުންތަކަށާއި ދަޢުވާތަކަށް ބަލާ އިރު، ޙަޤީޤަތުގައި އެއް ދަރިފަސްކޮޅަކަށް ނިސްބަތްވުމަކީ އެއަށް ދެވަނަ ބަދަލެއް ކަނޑަނޭޅޭ ފަދަ މުހިންމު ކަމެކެވެ. ޤައުމިއްޔަތެއްގައި ކޮންމެހެން ހުންނާންޖެހޭނެ ސިފައެކެވެ. އަދި އެއް ދަރިފަސްކޮޅަކަށް ނިސްބަތްވުމަކީ އެ ފަދަ ޤައުމެއްގައި އެ ރައްޔިތުން ޤައުމިއްޔަތުގެ މަތީގައި ބިނާކުރާން ފަސޭހަވާނެ ކަމެކެވެ. އެ ވާހަކަ ދައްކަމުން ކާރލްޓަން ހެއިންޒް ވިދާޅުވަނީ އެއް ދަރިފަސްކޮޅަކަށް ނިސްބަތްވުމުގެ ސަބަބުން ގުޅިފައިވާ އެއް ޖަމާޢަތެއްގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު ދިރުވައި އާލާކުރުމާ އެކު ތަރައްޤީކުރުމަށް މަގުފަސޭހަވާނެއެވެ. މި އުޞޫލުން ދިވެހީން ނިސްބަތްވަނީ އިންޑޯ އާރިއަން ދަރިފަސްކޮޅަށްކަން ތާރީޚުން ސާބިތުވެއެވެ. އެހެންވީމާ އެ ކަމުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި އެހީތެރިކަމާ ގުޅިގެން މަސައްކަތްކުރުމާއި މި ފަދަ ކަންކަން އަށަގެންފައި ވެއެވެ. އެހެންވީމާ ބައިބައިވުމާއި ލޭއޮހޮރުވުން ނެތުމާއި އެއް އިޙްސާސެއް ކުރެވުމާއި ޤައުމަށް ޓަކައި ޤުރުބާންވުމާއި އެއްމެން އެކުގައި އުޅުމުގެ ރޫޙު އަންޒަމާނުއް ސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވެއެވެ. [13]
އެހެނަސް ހިޖުރަކުރުމުގެ ތެރެއިން ޤައުމުތަކުގެ އާބާދީއަށް މިއަދު މި އަންނަ ބަދަލުތަކުގެ ސަބަބުން އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ ބަޔަކު ދިރިއުޅެމުންދާ ޤައުމުތައް ނެތި ދިޔަޔަސް އެ ޤައުމުތަކުގައި ޤައުމިއްޔަތު އާލާކުރެވޭ އެހެނިހެން ބަހާތަކުގެ އަލީގައި ރައްޔިތުންގެ ކިބައިގައި އެ ސިފަތައް ހަރުލެއްވިއްޖެ ނަމަ، އެ ކަމުގެ އަސަރު އެ ބަޔެއްގެ އެއްބައިވަންތަކަމަށާއި ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެއެވެ. ދުނިޔޭގެ ތާރީޚަށް ބެލިނަމަވެސް ދަރިފަސްކޮޅުގެ އެންމެ ކުރީގައި އޮތީ އާރިޔަން ދަރިފަސްކޮޅެވެ. އެހެނަސް ދުނިޔޭގެ ކުރިއަރައިފައިވާ ބައެއް ޤައުމުތަކުގެ ޙާލަތު މިހާރު އޮތީ އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ މުޖުތަމަޢެއްގެ ގޮތުގައެއްނޫނޭ ބުނެވިދާނެއެވެ. މިސާލަކަށް އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އެމެރިކާއާއި އަދި މިނޫނަސް މިފަދަ ޤައުމުތަކުން މި ކަންކަން ފެންނާން އެބަހުއްޓެވެ.
19ވަނަ ޤަރުނުގެ ކުރީކޮޅުގައި ޔޫރަޕުގެ މީހުން ވެސް ގެންގުޅުނު އެއް ޚިޔާލަކީ އެއްދަރިފަސްކޮޅަކަށް ނިސްބަތްވުމުގެ ޚިޔާލެވެ. އެހެނަސް އެ ޚިޔާލަކީ މިއަދު ޢަމަލުކުރެވޭ ޚިޔާލެއް ނޫނެވެ. ހަމަ އެފަދައިން ކުރީން ދެންނެވިހެން ދުނިޔެއަށް އައި ހިޖުރައިގެ ދަތުރުފަތުރުގެ ކުރިއެރުމުގެ ތެރެއިން ޔޫރަޕާއި އެމެރިކާ ކެނެޑާ ފަދަ ތަންތަނުގައި ވަޒަންވެރިވި ގިނަ ބަޔެއްގެ ސަބަބުން މި ކަން ހާމަވެއެވެ.[14] ހިޖުރަކޮށް ވަޒަންވެރިވެ އެ ތަންތާނގެ އަހުލުވެރީންނަށްވީ އެ ފަދަ ފަރާތްތަކުގެ ސަބަބުން އެ ތަންތާނގެ ޤައުމިއްޔަތު ހިފެހެއްޓެނީ އެޤައުމުތަކުގައި ޤައުމިއްޔަތުގެ ޝުޢޫރުތައް ދިރުވައި އާލާކުރެވޭނެ ގޮތަށް އެ ފަދަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ބައްޓަންކޮށްފައި ވުމުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިލިނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ގިނަ ދަރިފަސްކޮޅުތަކަށް ނިސްބަތްވާ ބަޔަކު މިހައިތަނަށް މަދު ނަމަވެސް މިހާރު ކުރެވެމުންދާ ކާވެނިތަކާއި ރަށްރަށުގައި ވަޒަންވެރިވެ ދިރިއުޅޭ އާބާދީގައި ހިމެނޭ ބިދޭސީންގެ ބޮޑު ޖަމާޢަތާއި އެ ކަމުގެ ސަބަބުން މުޖުތަމަޢަށް އަންނަމުންދާ ބަދަލުތަކުން ޤައުމިއްޔަތަށް ލޮޅުންއަރާ އެރުން ހުއްޓުވޭނީ ޤައުމިއްޔަތު ދިރުވައި އާލާކުރެވޭނެ ގޮތްތަކެއް ޒަމާނީ ތަޢުލީމުގެ މަންހަޖުގައި ހިމެނިފައި އޮވެގެންނެވެ. އޭރުން ޤައުމިއްޔަތު ކުރިއަރާނެއެވެ.
އެއްދަރިފަސްކޮޅަކަށް ނިސްބަތް ވުމަކީ އެއްބައިވަންތަކަން އާލާވާކަމެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވެސް އެއްބައިވަންތަކަމާ އެކު ދިރިއުޅޭ ބަޔެކެވެ. އެ ކަކު އަނެކަކަށް އެހީތެރިވުމާއި އިޙުތިރާމުކުރުމާއި ލޯތްބާއި ކުލުނުގައި ނަމޫނާ ބަޔެއްކަމަށް އިބްނު ބަޠޫޠާ ލިޔުއްވައެވެ. އޭނާ ބަޔާންކުރައްވަނީ "ގާތުން ބޮލި ކޮއްޓޭއެއް ދީގެން ވެސް އެހެން މީހަކު ގޮވައިގެން ޝަރީޢަތަށް ނުގޮސް ވޭތޯ" ދިވެހިން ބަލާކަމަށެވެ. ލޭ އޮހުރުވުމާއި މާރާމާރީ ފަދަ ކަންކަން މަދުކަން ސިފަކުރައްވައި އިބްނު ބަޠޫޠާ ލިޔުއްވަނީ އޭނާ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވިއިރު މީހެއްގެ އަތްކަނޑަން ޙުކުމްކުރުމުން އެ ވާހަކަ އަޑުއަހާން ތިބި މީހުން ވެސް ހޭނެތިގެން ވެއްޓުނުކަމަށެވެ.[15]
(ށ) ޖޯގްރަފީ ގޮތުން ގުޅިފައިވާ ސަރަޙައްދެއްގައި ދިރިއުޅެމުންދާ ބަޔެއް
ބައެއް ބުނުންތަކުގައި ވަނީ ނުވަތަ ވަރުގަދައަށް ޤަބޫލުކުރާ ގޮތުގައި ޖޯގްރަފީ ގޮތުން ގުޅިފައިވާ ސަރަޙައްދަކަށް ނިސްބަތްވާ ބަޔަކު ތިބުމަކީ އެ ޤައުމެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމާ އެކު އެއްބައިވަންތަކަމާ އެކު ދިރިއުޅުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ބެލެވޭނެ ކަމެކެވެ. ސަރަޙައްދު ކަނޑައެޅިފައިވާ އިންވަކިވެފައިވާ ޤައުމެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ޙިއްޞާއެއް އޮންނާނެއެވެ. މުޔަރ ވިދާޅުވަނީ ބައިނަލްއަޤްވާމީ ގޮތުން އުންމަތްތައް ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކުރަނީ ޖޯގުރަފީ ގޮތުން އެއްބައިވަންތަ ސަރަޙައްދެއްގައި ދިރިއުޅެމުންދާ ބަޔެއްގެ ތެރޭގައިކަމަށެވެ. [16]
މި ޙަޤީޤަތަށް ބަލާ އިރު ޕައިރެނީސް (Pyrenees) ފަރުބަދަ އަކީ ޤަދީމީ އައިބީރިޔާ ސަރަޙައްދާ ހުޅަނގު ޔޫރަޕްގެ އެހެނިހެން ޤައުމުތަކުގެ ސަރަޙައްދާ އިންވަކިކުރާ ފާހަގައެވެ.[17] އެފަރުބަދައިގެ ސަބަބުން އިންވަކިވެފައިވާ އައިބީރިޔާ ސަރަޙައްދުގައި ވަކި ޤައުމިއްޔަތެއް ހެދި ބޮޑުވެގެން ދިޔުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. މި ޒަމާނުގެ ސްޕެއިން ޙަޤީޤަތަކަށް ވެގެންދިޔައެވެ. އަދި ހަމަ އެހެންމެ އަލްބާ ފަރުބަދައިގެ ސަބަބުން އިޓަލީގެ އެއްބައިވަންތަކަން ހިފަހައްޓައިދިނެވެ. އަދި ބަލްކަންގެ ފަރުބަދަތަކުގެ ސަބަބުން އެ ހިސާބުގައި އުފެދުނު ތަފާތު ޤައުމިއްޔަތުތައް އުފެދިގެން ދިޔައެވެ. އަދި އެޤައުމުތައް އެގޮތުގައި ކުރިއަރައި ދިޔައެވެ.[18] (ނުނިމޭ)
[4] ސޫރަތުލްއަޢުރާފު 59
[6] އިސްމާޢީލް ޞަބްރީ މަޤްލަދު، އަލްޢަލާޤާތުއްސިޔާސާތިއްދައުލިއްޔާ: ޖާމިޢަތުލް ކުވައިތު، ކުވައިތު، 1984، ޞ97
[7] އިބްނު މަންޡޫރު މުޙައްމަދު ބުނު މަކްރަމް ، ލިސާނުލްޢަރަބު: ބައިރޫތު ، ދާރު ޞާދިރު 1990، ޖ13/ ޞ 451
[11] ޢަރަބި އެންސައިކްލޮޕީޑިޔާ: މުއައްސަސަތި އަޢުމާލިއްނަޝްރި ވައްތައުޒީޢި، ރިޔާޟް، 1996، ޞ 110
[12] އިސްމާޢީލް ޞަބްރީ މަޤްލަދު، އަލްޢަލާޤާތުއްސިޔާސާތިއްދައުލިއްޔާ: ޞ97
[14] އިސްމާޢީލް ޞަބްރީ މަޤްލަދު، އަލްޢަލާޤާތުއްސިޔާސާތިއްދައުލިއްޔާ: ޞ98
[15] މުޙައްމަދު އަމީނު، ތަންޤީޙްކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު: ނޮވެލްޓީ ޕްރެސް، މާލެ ، 2002، ޞ64
[16] އިސްމާޢީލް ޞަބްރީ މަޤްލަދު، އަލްޢަލާޤާތުއްސިޔާސާތިއްދައުލިއްޔާ: ޞ98
[18] އިސްމާޢީލް ޞަބްރީ މަޤްލަދު، އަލްޢަލާޤާތުއްސިޔާސާތިއްދައުލިއްޔާ: ޞ99