ad_banner
އީރާނުގެ ޚާރިޖީ ވަޒީރު ޓުރަންޕަށް ދިން ރައްދު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

9 އޭޕްރިލް 2026

އެމެރިކާއާއި އިޒުރޭލުން އީރާނަށް ޣައިރުގާނޫނީ ގޮތުން ދޭން ފެށި ޙަމަލާ މިހާރު ފާޑަކަށް ދެ ހަފުތާއަށް ހުއްޓުމުގެ ކުރީން އެއްވެސް ހަމައެއް ލަމައެއް ނެތް، ހުރިހާ ގާނޫނުތަކާއި އަޚުލާގީ އުސޫލުތަކާ ވެސް ޚިލާފު ޓުރަމްޕް ދިން އިންޒާރަށް އީރާނުގެ ޚާރިޖީ ވަޒީރު ދިން ރައްދަކީ ވަރަށް ރީތި ރައްދެކެވެ. ޓުރަންޕު ބުނެފައިވެއެވެ. [އީރާނު މުޅިން ފުނޑު ފުނޑުކޮށްލައި 'ގަލުގެ އަސްރަށް' އީރާނު ފަހަށް ޖައްސާލާނޭ ވާހަކައެވެ. އޭނަ ބުނާ ގޮތަށް އީރާނުން ކަންތައް ނުކޮށްފި ނަމައެވެ.]

މި އިންޒާރަށް އީރާނުގެ ޚާރިޖީ ވަޒީރު ރައްދުދެއްވައި ވިދާޅުވިއެވެ: [ޙަޟާރާތްތައް ވެއްޓި ނެތި ދަނީ އެންމެ މީހެއް ބުނާ ބަހެއްގެ ސަބަބަކުން ނޫނެވެ. އިމްރާތޫރުތައް ވެއްޓި ދިޔަ ތަން ތާރީޚު ދެކެފައި ވެއެވެ. ނަމަވެސް، އެ އިމްރާތޫރުތަކުގެ ވެއްޓުން ކަނޑައަޅައިލީ ފަހަރެއްގައި ވެސް ބިރުގަތުމެއް ނޫނެވެ.]

[މި ރޭ ހިނގާނެ ވާހަކައެއް ކަލޭ (ވަރަށް ގިނަ ބައެއްގެ ލައުނަތް ލިބިގެންވީ ޓުރަމްޕު) ދައްކާ އިރު، ވަގުތަކީ ކަލޭގެ ބަހަށް ތަބާވާ އެއްޗެއްކަމުގައި ކަލޭ ދެކޭ ކަހަލައެވެ. އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. އަހަރުމެންގެ ގައުމު ފަދަ ގައުމުތަކުގެ އުމުރު މިންކުރެވެނީ ގަޑިތަކެއްގެ ދިގު މިނަކުން ނޫނެވެ. ނަމަވެސް، އަދުއްވުންގެ ހަމަލާތަކާ ކުރިމަތިލައި ހުއްޓުވުމުގެ ޖީލުތަކަކުންނެވެ.]

[ހަލާކުކޮށް ސުންނާފަތިކުރުމަކީ ކަލެއަށް ލިބިފައޮތް ބާރުކަމުގައި ކަލޭ ދެކޭ ނަމަ، މި ކަން ވެސް ދެނެގަންނާށެވެ. 'މި ފަދަ ސުންނާފަތި ކުރުމުގެ އަލިފާންގަނޑުތައް ރޯކުރާ މީހުންނަށް، ވަރަށް ވެސް މަދުން ނޫނީ އެ ފަދަ އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް ހިފެހެއްޓިފައެއް ނޯވެއެވެ.' މި ސަރަހައްދަކީ ކަލޭގެ ބުނުންތަކާއި ނިންމުންތައް ނިންމާ ހަނގުރާމައިގެ މައިދާނެއް ނޫނެވެ. މިއީ އަހަރުމެންގެ ގެދޮރެވެ. އަހަރުމެންގެ ސިޔާދަތު އޮތް ސަރަހައްދެވެ. އެހެންވެ، ކަލޭގެ ބުނުންތަކަކަށް މި ސަރަހައްދެއް ނުލެނބޭނެއެވެ. ކިތަންމެ އަވަހަށް އެ ކަން ކަލޭ ކުރާން ބޭނުންވި ކަމުގެ އަޑު ކަލޭގެ ވާހަކަތަކުން އިވުނު ކަމުގައި ވިޔަސް ވެހެވެ.]

[ކަލޭ ތި އިންޒާރުދެނީ މިރޭ ޙަޟާރަތުގެ ނިމުން އަންނާނެ ވާހަކަ ބުނެއެވެ. އަހަރުމެން މި އިންޒާރު ދެނީ އެއްވެސް ރެއަކަށް ފަހު، ދެން ފެނި ދިރި އޮންނާނޭ ނަތީޖާތަކުގެ ވާހަކައިންނެވެ. މުސްތަގުބަލު ބައްޓަން ކުރާނޭ ނަތީޖާތަކުގެ ވާހަކައިންނެވެ.]

[އެހެންވީމާ މާދަމާގެ އިރު އެރުމުގެ ކުރީން ރަނގަޅަށް ފުންކޮށް ވިސްނައިލާށެވެ. އެހެނީ، ބައެއް ރޮނގު ހުރަސްކުރުމަށް ފަހު، އެނބުރި ދާން ކުރީން އޮތް ގޮތަށް އޮންނާނޭ 'މާދަމާއެއް' ނޯންނާނެއެވެ.

(ނޯޓް: ޓުރަމްޕުގެ އިންޒާރަށް ފަހު، އަނެއްކާ ވެސް ދެ ހަފްތާއަށް މި ހަމަލާތައް ދިނުން ވަނީ ފަސްކުރެވިފައެވެ.)

* * * * * * * * * * *

މި ވާހަކަތައް ކިޔައިލާ އިރު ހަނދާންކޮށްލާން ޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބަ އޮތެވެ. އިރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ހަގީގީ އަމާޒަކީ ކޮބައިހެއްޔެވެ؟ މި ހަނގުރާމައިގެ އަމާޒު ކަނޑައަޅަނީ ކޮން ބައެއްހެއްޔެވެ؟ އެމެރިކާގެ ބައެއް އިސްވެރިން - މިސާލަކަށް އެ ގައުމުގެ ދިފާއީ ވަޒީރު - ބުނާ ގޮތުން މި ހަނގުރާމައަކީ އިޒުރޭލުގެ އެދުމުގެ މަތީން ކުރެވޭ ހަނގުރާމައެކެވެ. އިޒުރޭލުގެ މަގުސަދަކީ، އެ މީހުންނާ ހަމައަށް ތެދުވެ ސީދާ ލޮލުން ލޮލަށް ބަލައިލެވޭ ވަރުގެ ގައުމެއް މެދުއިރުމަތީގައި އޮތަ ނުދިނުމެވެ. މި ވާހަކަތައް އެކި ސިފަސިފައިގައި ލިޔެވި ޝާއިއު ކުރެވިފައި ވެއެވެ. 1982 ހިސާބުގައި އިބްރީ ނޫހެއްގައި ލިޔެވުނު ލިވުމަކާއި އަދި 2003ގައި ނިކުން 'އެން އެންޑް ޓު އީވެލް މި ލިޔުންތަކާއި އަދި މި ނޫން ވެސް ލިޔުންތަކުގައެވެ. ދާދި ފަހުން ވެސް، 'ދެން އަހަރުމެންގެ އަމާޒަކަށް ވާނީ ތުރުކީއޭ ވެސް އިޒުރޭލުގެ އިސް މީހަކު ބުންޏެވެ. މި ދެންނެވި މަގުސަދު ހާސިލުކުރުމުގެ ގޮތުން މެދު އިރުމަތީގެ ވަރުގަދަ ގައުމުތައްކަމަށް ބެލެވޭ ހުރިހައި ތަނެއްހެން ހަލާކުކޮށްލެވިއްޖެއެވެ. އިރާގާއި ސީރިޔާއާއި ލުބްނާނާއި ލީބިޔާއެވެ. ދެން، މިސުރާއި ޖޯޑަން އެ އޮތީ ދަރަނީގެ ދަންތުރައިގައި ޖައްސައި އަނގަ ބަންދުކުރެވިފައެވެ. ދެން، ކޮންމެ ވެސް މިންވަރެއްގެ ބާރެއް، އަދި، އަމިއްލަ މިނިވަންކަމަކާއި ގޮތެއް އޮތް ހަމައެކަނި ގައުމަކީ އިރާނެވެ. އަދި، އެ ބާރާއި ގޮތް، އުފެދި ހެދިގެން އައީ އެ މީހުންގެ ތެރެއިންނެވެ. އިންޕޯޓުކުރެވިގެންނެއް ނޫނެވެ. އަސްކަރީ އަދި އިގުތިސާދީ ބާރަކީ ވެސް ސީދާ ތަނުގެ ތެރެއިން އުފެދިފައި އޮތް ކަމެކެވެ. މި ކަން ބިނާވެފައި އޮތީ ތަނުގައި ހިންގައިލެވުނު ތައުލީމީ ނިޒާމެވެ. އެ ނިޒާމުގެ ދަށުން ނިކުތް މުފައްކިރުންނާއި އިލްމުވެރީންނެވެ. ހުރިހައި މައިދާނެއްގައި ވެސް މެއެވެ. އެހެންވެ، އިޒުރޭލުންނާއި އަދި އެމެރިކާއިން ވެސް ބޭނުން ވަނީ މި 'ޙަޟާރާތް' ފުނޑުފުނޑުކޮށްލުމަށެވެ. އެހެންވެ، ތިރީގައި އެވާ ސޫރައިން ވެސް ދޭހަވާ ގޮތުގައި، ހަނގުރާމައިގައި ހަމަލާ ދެވެނީ އަސްކަރީ އަމާޒުތަކަކަށް އެކަންޏެއް ނޫނެވެ. ޙަޟާރަތުގެ ކާރުޚާނާތަކަށެވެ. މަދަރުސާތަކާށާއި ޖާމިއާތަކަށާއި އިލްމީ އަދި ޓެކްނޮލޮޖީގެ މައުހަދުތަކަށެވެ. ހޮސްޕިޓާތަކަށާއި ބޭސް އުފައްދާ ކާރުޚާނާތަކަށް ވެސް މެއެވެ. މީގެ އިތުރަށް މި ފަދަ ތަންތަނުގެ ސިކުނޑިތައްކަމުގައިވާ އިލްމުވެރީންނަށެވެ. މިއީ އިރާގު ހަނގުރާމައިގައި ވެސް ފެނިގެން ދިޔަ މަންޒަރެކެވެ.

މިހުރިހައި ކަމަކުން ވެސް އެނގޭ މައިގަނޑު އެއް ކަމެއް އެބަ އޮތެވެ. ތަނެއްގެ ހަގީގީ ކުރިއެރުން ގުޅެނީ އުނގެނުމާކަމެވެ. ރަނގަޅު ތައުލީމީ ނިޒާމަކާއި އެ ތަނުން ނެރެވޭ ރަނގަޅު ސިކުނޑިތަކަކާ ކަމެވެ!!!

މިހެން ދަންނަވާ އިރު، އިސްތިސްނާވާ ތަނެއް އޮވެދާނެއެވެ! މިސާލަކަށް ދިވެހިރާއްޖެއެވެ. ރާއްޖޭގެ މީހުން ގަބޫލުކުރާކަމަށް މީހުން ބުނަނީ ތައުލީމަކީ މުހިންމު ކަމެއް ނޫންކަމެވެ. ދަރުމާރުކޭޓުގައި ދުވަސްކޮޅަކު އުޅެލުމުން ނޫނީ ހެއްވާ ބައި ކުޅެ ލަވަކިޔާން އުޅުމުން ގައުމެއް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތުކަން ރޭއްޖެއިން ލިބޭކަމެވެ. އަދި، ތަނުގެ ތައުލީމީ ސިޔާސަތުތަކާއި އިގުތިސާދި ސިޔާސަތުތަކާއި ގާނޫނީ ސިޔާސަތުތަކާއި ޚާރިޖީ ސިޔާސަތުތަކާއި މި ނޫން ވެސް ސިޔާސަތުތައް ކަނޑައަޅައިލުމުގެ ހުނަރާއި ގާބިލިއްޔަތު ގުޅެނީ މަގުމައްޗާއި އަދި އެކި ޕޯޑިޔަމްތަކުގައި ހަޅޭލަވައި ޝޯރުކުރުމާއެވެ!

ނަމަވެސް .... ދުނިޔޭގެ މަސްރަހުން ފެންނަނީ އަދި ތާރީޚުގެ ސަފުހާތައް ބުނެ އިއްވަނީ އެހެން ވާހަކައެކެވެ. މީހުން މީހުންނަށް ހަދަނީ އުނގެނުން ކަމެވެ. ކީރިތި ގުރުއާނުގައި ވެސް ބާރު އަޅައިފައިވާ ފަދައިންނެވެ. اقرأ މި އަމުރުފުޅާއި އަދި ވެސް އެހެން އެތައް އާޔަތަކާއި ނަބަވީ ހަދީސްތަކުން ވެސް އެނގެން އޮތް ފަދައިންނެވެ.

މި މަގާމުގައި އެހެން ވާހަކައެއް ވެސް ލިޔެލުން މުނާސިބުކަމަށް ދެކެމެވެ. قالَ ناسٌ من أصحابِ رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ يا رسولَ اللَّهِ مَن هؤلاءِ الَّذينَ ذَكرَ اللَّهُ إن تولَّينا استُبدِلوا بنا ثمَّ لا يَكونوا أمثالنا قالَ وَكانَ سلمانُ بجنبِ رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ قالَ فضربَ رسولُ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ فخِذَ سلمانَ وقالَ هذا وأصحابُهُ والَّذي نفسي بيدِهِ لو كانَ الإيمانُ منوطًا بالثُّريَّا لتناولَهُ رجالٌ من فارسَ. (ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަސްހާބު ބޭކަލުންގެ ތެރެއިން ބަޔަކު ދެންނެވިއެވެ. އޭ މާތް ﷲގެ ރަސޫލާއެވެ. އަހަރުމެން، [މާތްﷲގެ ދީނަށް] ފުރަގަސް ދީފި ނަމަ، އަހަރުމެންގެ ބަދަލުގައި އެ މަގާމަށް އެހެން ބަޔަކު ގެންނަވާނޭކަމާއި އަދި އެ ބަޔަކު އަހަރުމެން ފަދައިން ނުވާނެއޭ ނަންގަނެވިފައިވާ ބަޔަކީ ކޮބައިތޯއެވެ؟ އެ ވަގުތު ސަލާމާއި ސަލަވާތްލެއްވި މާތް ﷲގެ ރަސޫލާގެ އެއް ފަރާތްޕުޅުގައި ސަލްމާނުގެފާނު އިންނެވިއެވެ. ދެން، ސަލްމާނުގެފާނުގެ ފައިންޕުޅުގެ ފަލަމަސްގަނޑުގައި ސަލާމައި ސަލަވާތް ލެއްވި މާތްﷲގެ ރަސޫލާ ޖައްސަވާލައްވައިފައި ހަދީސްފުޅު ކުރެއްވިއެވެ: މި ކަލޭގެފާނާއި މި ކަލޭގެފާނުންގެ ގައުމުގެ މީހުންނެވެ. ތިމަންކަލޭގެފާނުންގެ ނަފްސު އެ ފަރާތެއްގެ އަތްޕުޅު މަތީ އޮތް ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އީމާންކަން (ބައެއް ރިވާޔަތްތަކުގައި، ދީން) ޘުރައްޔާ ތަރީގައި ބަނދެވިފައި އޮތަސް، ފާރިސްކަރައިގެ ބަޔަކު އެ ދީން ހޯދައިގަންނާނެއެވެ.)

މި ހަދީސްގެ އަސްލު އޮތީ ތިރީގައި ބަޔާންކުރެވިފައިވާ މަސްދަރުތަކުގައެވެ.

الراوي : أبو هريرة | المحدث : الألباني | المصدر : صحيح الترمذي

الصفحة أو الرقم: 3261 | خلاصة حكم المحدث : صحيح

التخريج : أخرجه الترمذي (3261) واللفظ له، وأخرجه البخاري (4897)، ومسلم (2546) باختلاف يسير

 

އިތުރު މަޢުލޫމާތު:

އިޒުރޭލާއި އެމެރިކާއިން އީރާނަށް ބޮންއެޅި ތަންތާގެ ކަށަވަރުކުރެވިފައިވާ ބައެއް ތަފާސްހިސާބު:

30 ޔުނވަރުސިޓީ

760 ސުކޫލު

އެތައް ހޮސްޕިޓަލެއް

އެތައް ޕްރޮފެސަރުންނެއް ޝަހީދުކޮށްލި

ޔުނިވަރުސިޓީ ދަރިވަރުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު، އެ ކުދީންގެ ގޭގައި ތިއްބައި ޝަހީދުކޮށްލި.

މިއީ މިނިވަންކަމެއް ނޫނެވެ. މިއީ ނިޒާމީ ގޮތެއްގައި ރާވައިގެން އީރާނުގެ ޢިލްމީ މުސްތަގުބަލު ފަނާކޮށްލާން ދީފައިވާ ޢުދުވާނެވެ.

ކޮމެންޓު