ad_banner
މީސްމީޑިއާގެ ފިކުރީ އިސްތިބްދާދިއްޔަތު - ދާދިވަރުކޮށް "ބަލައިފާސްކުރާ ކޯޓަކަށް" މުޖުތަމަޢު ބަދަލުވުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 އޭޕްރިލް 2026

ކުރީ ޒަމާނުގެ ހަރުބަހެއް ބުނާ ގޮތުގައި [ބަސް ބުނުމަކީ ރިހިކަމުގައިވާ ނަމަ، ހަނުހިމޭނުންލުމަކީ ރަނެވެ.] އެހެނަސް މިއަދުގެ ދާދިވަރު ހިއްސާ ބާޒާރުގައި މި ނަގުދުގެ އަގެއް ނެތެވެ.

މިއަދު މީހުންނަށް ހެނދުނު ތެދުވެވެނީ މުޅީން އައު ހާލަތެއްގެ ތެރެއަށެވެ. ބަސްބުނުމުގެ ހައްޤު ތިބާއަށް ދީފައި ދޫކޮށްލަނީއަކީއެއްނޫނެވެ. އޮޅިތަކުގައި ހުންނަ ވާހަކަތައް ކިޔައި އެ އެއްޗެއްސަށް ރައްދުދޭން ތިބާއަށް މަޖުބޫރުކުރުވަނީއެވެ. އެހެން ނޫނީ ގުރޫޕުތަކުގެ ޖަމާޢަތްތަކުން ތިބާ "ނައްސި" ގޮޅިއަށް ނުވަތަ "އެކަހެރި" ގޮޅިއަށް ވައްޓައިލައިފާނެއެވެ.

މިއަދު އަޅުގަނޑުމެން މި އުޅެނީ  އިޖުތިމާޢިއްޔާތު (ސޯޝަލޮޖީ)ގައި މި ކިޔާ [މީސްމީޑިއާގެ ފިކުރީ  އިސްތިބްދާދިއްޔަތު]ގައެވެ. އެއީ ލޮލަށް ނުފެންނަ ވެރިވެގަތުމުގެ ނިޒާމެކެވެ. އެއީ ދުސްތޫރުތަކުގެ ޤާނޫނުތަކުގެ ބާރުގެ ދަށުން ވެރިކަންކުރާ ނިޒާމެއްނޫނެވެ. އެހެނަސް މި ނިޒާމު ވެރިކަންކުރަނީ  (Algorithms)އިންނެވެ. މި ނިޒާމުގައި މީސްމީޑިއާގެ އޮޅިތަކަކީ ދާދިވަރުކޮށް ބަލައި ފާސްކުރާ ކޯޓުތަކެއް ފަދަ ތަނެކެވެ. ދަންޖައްސާ ވައުގަނޑު ކުއްލިއަކަށް މެހިގެން ހިނގައިދާނއެވެ. ތިބާއަށް ކުރެވޭ ކޮމެންޓެއްގެ ސަބަބުންނެވެ. ނުވަތަ ތިބާއަށް ލެވޭ ފޮޓޯއެއްގެ ނުވަތަ ވީޑިއޯއެއްގެ ސަބަބުން އެތައް މިލިއަން ބަޔަކު ތިބާގެ ހަތުރަކަށް ވެދާނެއެވެ.

މި ތާނގައި ނުރައްކާތެރި އަދާތަކީ ފަންނިއްޔަތެއްނޫނެވެ. އެކަމަކު އިންސާނެއްގެ ހައިސިއްޔަތުން ކުރެވޭ ކަމެކެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ [ޖަމާޢަތުގެ ސައިކޮލޮޖީ]، އަކުރުން އަކުރަށް ތަތުބީގުކުރެވޭ ތަނެވެ. ވަރަށް ބިރުވެރި ސުމޭކު ކޮޕީއަކުންނެވެ. މީހަކަށް "ހޭޝްޓެގު"އެއްގެ މައްޗަށް އެރެވޭ އިރަށް ނުވަތަ [ޙަފުލާ]ގައި ބައިވެރިވެވޭ އިރަށް އޭނާގެ މިނިވަން ޝަޚުޞިއްޔަތު  ގެއްލިގެންދެއެވެ. އޭނާގެ ނާގިދު އަމިއްލަ ވިސްނުން ޖަމާޢަތުގެ [އައިނުގެ ވިސްނުން]އާ އެއް ގޮތަށް ބަދަލުވެގެން ދެއެވެ. ލަނޑުދަނޑި [ޙަޤީޤަތް ދެނެގަތުން]އިން [ޖަމުރާގައި ބައިވެރިވުން]އަށް ފުރޮޅިގެން ދެއެވެ. މި އޮއިވަރާ ދެކޮޅަށް ފަތާން އުޅެފި ނަމަ ޖެހިގެން އަންނަ ޝިކާރައަކަށް ވެގެންދާނީ ތިބާއެވެ.

މި އިޖުތިމާޢީ ބިރުވެރި ފިއްތުމަށް  ސިޔާސީ އިޖުތިމާޢިއްޔާތުގައި [ހަނުހުރުމުގެ އެނބުރޭ އޮއިގަނޑު]ގެ ނަންދެވިފައިވެއެވެ. [ހަޅޭއްލަވާ ބައިގަނޑު]ން އެ މީހުން، މާނަވީ ގޮތުން ކަތިލައިފާނެތީ ބުއްދިވެރީންނާއި ނާގިދު ފިކުރުގެ ވެރީން، ހަނުތިބުމަށާއި އެކަހެރިކަމަށް އިސްކަން ދެއެވެ. ނަތީޖާއަކަށް ވަނީ އަޑުގަދަ މީހުންގެ ވެރިކަމެވެ. އެމީހުންގެ ނިޔާއަކީ މުޠުލަޤު ނިޔާއެވެ. އިސްތިއުނާފުކުރުމެއް ނެތެވެ. މުރާޖާކުރުމެއް ވެސް ނެތެވެ. ނޭނގިތިބެ ހަރުކަށި ޤާޟީންތަކަކަށް ބަދަލުވެވުނީއެވެ. [ބައިވެރިވުން]އަށް ނުވަތަ [Share]އަށް ފިތައިލުމުންނެވެ. މޮނިޓަރުގެ ފަހަތުގައި ތިބީ ލެއާއި މަހުން އުފެދިފައިވާ އިންސާނުންތަކެއްކަން ހަނދާން ނައްތައިލައިގެންނެވެ.

އަޅުގަނޑުމެން އެންމެން މުޖުތަމަޢުގެ ހަރުކަށިކަމާ ދެކޮޅަށް ޝަކުވާކުރަމުއެވެ. މުޖުތަމަޢުން އޯގާވެރިކަން ނެތިފައިވާކަމާ ދެކޮޅަށް ކުސްތަޅަމުއެވެ. މި ހަރުކަށިކަމުގެ ތެރެއަށް މި ވަންނަނީ ހަމަ އަމިއްލައަށެވެ. އަމިއްލަ އިނގިލަތަކުން ކީ ބޯޑުގެ ފިތްތަކަށް ފިތައިގެންނެވެ. ބައެއް މީހުން ލައްކައިންލައްކައިން [ރުހުން] ނުވަތަ ލައިކުސް ލިބިފައިވާތީ ބާރުގަދަ މަހުޖަނެއްކަމަށް ދެކެއެވެ. އަޅުގަނޑުމެން މި އުޅެނީ ޤަދީމީ ޒަމާނުގެ ރޯމަނުންގެ ބަނޑުމުސާރައަށް ބައްދާ މައިދާނެއްގައި ކަހަލައެވެ. މި ތާނގައި ފަނޑިޔާރަކީ ވެސް އަދި ޖައްލާދަކީ ވެސް ހަމަ ކުޅިބަލާ މީހުންނެވެ.

ހަނދާނުގައި ބަހައްޓާން ޖެހޭ މުހިންމު ނުކުތާއަކީ [ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން]ގައި [ހަނުހުރުން]ގެ މިނިވަންކަން ވެސް އޮންނާނެއެވެ. ތިބާ ހެނދުނު އިޤުތިޞާދީ މާހިރަކަށް، މެންދުރު ކުޅިވަރު ކޮމެންޓޭޓަރަކަށް، ހަވީރު ޢަދުލުވެރި ޤާޟީއަކަށް، ރޭގަނޑު ދީނީ ނަސޭހަތްދޭ ވާޢިޒަކަށްވާކަށް ނުޖެހޭނެއެވެ. ބައެއް ފަހަރަށް ވިސްނައިލުމަށް ޓަކައި މަޑުޖައްސައިލުން އަދި ރަނގަޅު ރައުޔަކާ ހަމައަށް ދެވެންދެން ހަނުހުރުން ވިސްނުންތެރިކަމުގެ ކުންނަށް ވެދާނެއެވެ.  ބަހަކީ މަސްއޫލިއްޔަތެކެވެ. އެއީ އަމާނަތެކެވެ. އެއީ ވަގުތުގެ ނާރެހުގައި އެނބުރޭ "ޕޯސްޓް"އެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަފުލާ      ނ.     (1) އުފާވެރި މުނާސަބަތެއް ފާހަގަކުރުމަށް، މީހުންތަކެއް އެއްތަނަކަށް އެއްވާ އެއްވުން. (2) އުފާވެރި މުނާސަބަތެއް ފާހަގަކުރުމަށް މީހުންތަކެއް އެއްވެފައިވާ ތަން. (3) އުފާވެރި މުނާސަބަތެއްގައި ކުރާ ޖަލްސާ.

ނައްސި     ނއ.    (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (2) ނޭދެވޭ ނުވަތަ ނުރުހެވޭ. (3) ސުމަކަށް ވުރެ ދަށް.

ނަގުދު      ނ.     ފައިސާ

ނާރެސް     ނ.     (1) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށް ޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް. pivot (2) އުޑީގެ އަޑިކިބައިގެ މެދުގައި މަތިކިބަ ހިފެހެއްޓުމަށް ޓަކައި ޖަހައިފައި ހުންނަ ދަނޑިގަނޑު.

ނާގިދު      ނ.     ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ރަނގަޅު ނުރަނގަޅު ސިފަތަކާ މެދު ޚިޔާލު ފާޅުކުރާ ނުވަތަ ފާޑުކިޔާ މީހާ. critic (2) ނއ. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ނުރަނގަޅު ސިފަތައް ފާޅުކުރާ. critical

ނިޒާމު      ނ.     (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު. system

ކުންނަ      ނ.     (1) މުއިނަރު. (2) މުއިރު.

ކުސްތެޅުން   ނ.     ކުޑަކުއްޖަކު ކަމަކަށް އެދިގެން ކުކުރުމާ އެކު ތަކުރާރުކޮށް ކިޔުން.

ކޮމެންޓު     ނ.     ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން. comment

އަދާތު      ނ.     (1) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް. (2) އާލަތް  

އެކަހެރި     ނ.     (1) އެކަނި. (2) އެހެނިހެން މީހުންނާ ދުރު ނުވަތަ ވަކި. (3) ކަންކަމާ ދުރު. (4) ޖަމާޢަތާ ދުރު.

ފަންނިއްޔަތު  ނ.     ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އުފައްދާ އާލަތްތައް. technological tools

ދާދިވަރު     ނއ.    (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް. virtual

ތަތުބީގު     ނ.     ތަންފީޒުކުރާ ކުރުން. ބޭނުންކުރާ ކުރުން. execution, application

ސުމޭކު      ނ.     (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. digital (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ.     

ކޮމެންޓު