އަސްމާ އަބޫބަކުރު
12 އޭޕްރިލް 2026
މިއަދަކީ އަހަރެންގެ ނަތީޖާ ލިބޭނެ ދުވަހެވެ. އިންތިޒާރުކުރެވެނީ އެ ވަގުތަށެވެ. ހިތްތެޅެނީއެވެ. މޭވެސް ތެޅެނީއެވެ. މީހާ ފިނިވަނީއެވެ. ކަންބޮޑުވެ ހާސްވަނީއެވެ. އިއްޔެއިން ފެށިގެން އޮށްޓަރު ހުރި ކާއެއްޗެއް ނުކަމެވެ. ކާން އުޅުނަސް ނުކެވޭތީއެވެ. އަހަރެން ހިތަށް އަރަމުން ދިޔައެވެ. ވޭތުވެ ދިޔަ މަހެއްހައި ދުވަހު ގިނަ ވަގުތު ހޭދަކުރީ ކެންޕޭނުކުރުމުގައެވެ. ވޭތުވެ ދިޔަ ތިންސަތޭކަ ފަސްދޮޅަސް ފަސްދުވަސް ހޭދަކުރީ މި ކަމަށް ނަފުސު ހޭނުމުގައެވެ. ކުރި މަސައްކަތުގެ އަގު މިއަދު ފެންނާނެއެވެ. ކިޔަވާ ކުދީން ވެސް އެ ކުދީން ދިހަ އަހަރު ކުރި މަސައްކަތުގެ ނަތީޖާއަށް ނޭދޭ ވަރަށް އަހަރެން އެބަ ތެޅެމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ.
އަހަރެން މީ މިނިވަން ކެންޑިޑޭޓެކެވެ. އަހަރެން ދެކޭ ގޮތުގައި ރައްޔިތުންގެ ކެންޑިޑޭޓަކީ އަހަންނެވެ. ނަޞްރުއްރަޙުމާނެވެ. އަހަރެން ހޮވިއްޖެ ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެއާ ދުވާލު ހުންނާނަމެވެ. މި ކަމުގައި ވަރަށް ބޮޑު އުންމީދެއް އެބަ އޮތެވެ. އަހަރެން ކިޔެވީ ޕްރޮޖެކްޓު މެނޭޖުމަންޓްގެ ދާއިރާއިންނެވެ. މިހައި ތަނަށް ސިވިލްސަރވެންޓެއްގެ ގޮތުގައި ހުރެގެން ގައުމަށް ކޮށްދެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހެއެވެ. މީހަކު ވަޒީފާގެ މައިދާނުގައި ވެސް އެއްޗެއް ބުނެފައެއް ނެތެވެ. ބުނާނެ ޖާގަ ވެސް އހަރެން ނުދެމެވެ. އެހައި ވަރަށް ބަރާބަރަށް މަސައްކަތްކުރަމެވެ. ގަޑިއަށް ފަރުވާތެރިވަމެވެ. މަސައްކަތްކުރަނީ ތެދުވެރިކަމާ އެކުއެވެ. އެންމެންނާ ގުޅޭ މުވައްޒަފަކަށް ވެވޭތޯ ބަލަމެވެ.
ވޭތުވެދިޔަ ތިރީހަކަށް ދުވަހު އަހަރެންގެ ތާވަލު އޮތީ ކެންޕޭނަށް ހުސްކޮށްފައެވެ. ރަށުގެ އެކި ހިސާބުތަކުގެ ގޭގެއަށް ގޮސް ކޮންމެ މީހަކާ ވަކިވަކީން ބައްދަލުކުރުމުގައެވެ. މެނިފެސްޓޯ ކިޔައިދިނުމުގައެވެ. އަހަރެން ބޭނުމީ ރަށް ތަރައްޤީކުރާށެވެ. ރައްޔިތުންގެ ވިސްނުން ތަރައްޤީކުރާށެވެ. އަތަށް އަރާ ވޯޓް ކަރުދާސްކޮޅާ މެދު ފަސް އަހަރު ފަދައިން ފަސް ފަހަރަށް ވިސްނާށެވެ. ޕާޓީއިން ބުނީތީ ބުނާ މީހަކު ހޮވުމުގެ ބަދަލުގައި ތިމާ އަމިއްލަ ސިކުނޑި ހެޔޮ ގޮތުގައި ބޭނުންކުރާން ރައްޔިތުން ގާތު ބުނީމެވެ. ޢާއިލާ މީހުން ބުނާ މީހަކަށް ފާހަގަޖެހުން ދޫކޮށްލައި ގައުމާއި ރަށަށް ހެޔޮ ގޮތް ހޯދޭނެ މީހުން ހޮވާން އަހަރެން އެދުނީމެވެ. އެންމެ ރަނގަޅުކަމަށް ފެންނަ ކެންޑިޓޭޓުން ހޮވުމަށް ޓަކައި ވޯޓުދޭން އެތައް ވާހަކަތަކެއް ދެއްކީމެވެ. އަހަރެންގެ ނަޒަރުގައި އަހަރެން މީ އެއްވަނައެވެ. ކޮންމެ މީހަކު ވޯޓުލާން ގޮސް ފަސް ފަހަރަށް ވިސްނައިފި ނަމަ އަހަރެންގެ ނަން ހިމަނާނެއެވެ. އެހައި ވެސް އުންމީދު އޮތެވެ.
"މިރޭ ވެސް ނަސްރު ނުނިދައި އަދިވެސް ހަމަ މަސައްކަތުގައި؟ ތިޔަ ވަރުން ތިޔަ ހިސާބު ހެދުމުގައި ވަގުތު ދުއްވައިލަނީތަ؟ އަރާމު ވެސް ބޭނުންވާނެއްނު؟" ރޭދެބައިވުމުން ފުރަތަމަ ނިދިގަނޑު ހަމަކޮށް ލޯ އުނގުޅަމުން އަންހެނުން ސިޓިންގރޫމަށް ނިކުތެވެ. އަހަރެން އުޅޭ ގޮތް ފެނި އަންހެނުން ކަންބޮޑުވެއެވެ. ކިތަންމެ ފަހަރަކު ނުސީދާކޮށް އަހަރެން ސިޔާސީ މަގާމަކަށް ނުދިއުމަށް އަންހެނުން އެދުނެވެ. އެކަމަކު އަހަރެން ބޭނުމީ ރަށު ރައްޔިތުންނަށް ޓަކައި ކޮންމެ ވެސް ކަމެއް ކޮށްދެވޭނެ ދާއިރާއިން ކިޔަވާފައި ހުރީތީ ކުރިމަތިލާށެވެ.
އަހަރެން ހުޅުވައިގެން ގެންގުޅުނު ފައިލުތައް ލައްޕައިލައިފައި ގޮސް އެނދުގައި އޮށޯތީ އަންހެނުން އެ ވަރަށް ބާރުއެޅީމައެވެ. އެ ރޭ އަހަރެން އޮށޯތުމާ އެކު އަންހެނުން ބުނި ވާހަކަ މިހާރު ވެސް ހަނދާންވެއެވެ.
"ތިޔަ ދޮރުން ދޮރަށް (އެއް ގެއިން އަނެއް ގެޔަށް) ސަލާންޖަހަމުން ހިނގުމުގެ ބޭނުމަކީ ކޮބާ؟ މިހާރު ދެން މީސްމީޑިޔާ ކެންޕޭނު ބޮޑަށް ކުރުމުން ގިނަ ބަޔަކަށް ފެންނާނެ. ދޮރުން ދޮރަށް ތިޔަ މެތަޑު މިހާރު ބާވެއްޖެ. ތިޔަ ކަން ކުރާންބޭނުން ނަމަ ނިކަން އާ ގޮތަކަށް ކުރަންވީނުން." އެރޭ އަހަރެންގެ ލޮލަށް ސަވާރުވެފައި ހުރި ނިދި ފިލައިގެން ދިޔައީ އެ ބުނާ ގޮތަކަށް ކެންޕޭނުކުރާން މޮޅެތި ޚިޔާލުކުރާން ފެށުމުންނެވެ. އަންހެނުން ނިދިކަން ޔަގީންވުމުން އަނެއްކާ ތެދުވެ އެކި މީހުން ކެމްޕޭނުކުރާ ގޮތް ޗެކުކުރާންފެށީއެވެ.
ރަށުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ގާތަށް ދެވިއްޖެއެވެ. އަތޮޅުގައި ދިރިއުޅޭ ރަށުގެ މީހުންގެ ގާތަށް ވެސް ދެވިއްޖެއެވެ. ދެން އޮތީ މާލެ ދިއުމެވެ. މާލޭގައި ވެސް ރަށުގެ ފަންސާހަކަށް މީހުން އުޅެއެވެ. އެ އެންމެންގެ ގާތަށް ދާން ވެސް އަހަރެންގެ ޕުލޭނުގައިވެއެވެ. މާލެ ގޮސް ރަށުގެ އެންމެންގެ ގާތަށް ދާ ވާހަކަ ބުނުމުން އަހަރެންގެ މަންމަ ކަންބޮޑުވެއްޖެއެވެ.
ކަންބޮޑުވާނެތާއެވެ. މަންމަ ނުދައްކާ ވާހަކަ އެ ދުވަހު މަންމަ އަހަރެންގެ ގާތުގައި ދެއްކިއެވެ. ބައްޕައަކީ ކާކުކަން އަހަންނަށް އޭރަކު ނުވެސް އެނގެއެވެ. ނަން ފިޔަވައެވެ. އަހަރެން ބައްދަލުކުރާން އޮތް ލިސްޓު މަންމައަށް ދެއްކުމުން ޗެކުކުރިއެވެ. އޭގައި އޮތް ނަން ފެނުމުން މަންމަ ކިޔައިދޭން ފެށިއެވެ.
"ބައްޕައަކީ މި ރަށު މީހެއް. މިހާރު މާލޭގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ. މަންމައާ ކާވެނިކުރުމަށް ފަހު މަހެއް ވެސް ނުވަނީސް މާލެ ދިޔަ ގޮތަށް ޚަބަރެއް ނުވޭ. އެތައް ވަރަކުން ބައްޕަގެ މަޢުލޫމާތު ލިބުނު އިރު، ދަރިފުޅުގެ ބައްޕަ އަހަރެން ވަރިކޮށްފި. ބައްޕަ މާލޭ މީހަކަށް ވެގެން މުއްސަނދި ދިރިއުޅުމެއް އުޅޭން ފެށީ. ދަރިފުޅުގެ އެއްވެސް މަޢުލޫމާތެއް ބައްޕައަކަށް ނޭނގޭނެ. މަންމަ ވެސް ބައްޕަ ވަރިކުރި ހިސާބުން ރަމީޒާ ކައިވެނިކުރީ." މަންމަ ދެއްކި ވާހަކަތަކުން މަންމަ ހިތުގައި ބައްޕައާ މެދު އެއްވެސް ނަފުރަތެއް ނޫނީ ރުޅިވެރިކަމެއް ވެސް ނެތެވެ. މަންމަގެ މަގުސަދަކީ އަހަރެން މާލެގޮސް އެންމެންނާ ބައްދަލުކުރާ އިރު، ބައްޕައާ ވެސް ބައްދަލުވާނެކަން އެނގި އިތުރަށް އަހަރެން އަނދިރީގައި ނުބެހެއްޓުމެވެ. މި ހުރިހައި ދުވަހު އަހަރެންގެ ދޮންބައްޕަ އަހަރެން ގެންގުޅުނީ ދަރިއަކު ފަދައިންނެވެ. ނުލާހިކު ރަނގަޅެވެ.
މަންމަ ދެއްކި ވާހަކަތަކުން ބައްޕައާ ބައްދަލުކުރުމަށް އިތުރަށް ޝައުޤުވެރިވެއްޖެއެވެ. މަންމަ ނުބުނި ނަމަ އެހެން މީހުންނާ ބައްދަލުކުރާ އުސޫލުން އަހަރެން ގޮސް ވާހަކަ ދައްކާނެއެވެ. އެކަމަކު އެކަން އެނގުމުން ތަފާތު ވާނެތާއެވެ. އަހަރެން މާލެ ގޮސް ކޮންމެ ގެއަކަށް ދިޔަސް އެންމެ ބައްދަލުކުރާން ބޭނުންވަނީ އަހަރެންގެ ބައްޕަޔާކަން ހިތް ބުނަމުން ދިޔައެވެ. އެ ގެއަށް ދާން އަހަރެން ނިކުތީއްސުރެ ހިތްތެޅޭ ވަރުން ދެ ފަހަރު ނިކުމެފައި ވެސް ނުދާން ނިންމީމެވެ. ގޮސްގެން ވާނެ ގޮތެއް ނޭނގޭނެތީއެވެ. ހަދާނެ ގޮތެއް އަހަންނަށް ވެސް ނޭނގެއެވެ. އެންމެފަހުން ކޮންމެ ގޮތެއް ވަރިހަމަކަމަށް ހަދާފައި ނިކުމެއްޖައީމެވެ.
ބައްޕަގެ މަޢުލޫމާތު އެނގުނަސް އުޅޭ ތަނެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ފަހުން ރަށު މީހުން ގާތު އަހައިގެން މަޢުލޫމާތު ހޯދީއެވެ. ބައްޕަ އުޅެނީ ހުޅުމާލެއިން ބިމެއް ގަނެގެން އެ ބިމުގައި އެތައް ބުރިއަކަށް ގެ ހަދައިގެންނެވެ. އެ ހިސާބަށް ގޮސް އުސް އެ ޢިމާރާތަށް ނަޒަރު ހުއްޓައިލުމުން ބައްޕަގެ ތަނަވަސްކަން އިހްސާސްކުރެވުނެވެ. އެކަމަކު އަހަރެންގެ މަންމައަށް ހެދި ގޮތުން އަހަރެން ދެކެ ވެސް ނަފުރަތުކުރާނެތާއެވެ. މާ ގިނަ އިރު ވިސްނާން ނުހަދައި ރަނގަބީލުޖެހުމުން ނިކުތީ ބޭރު މީހެކެވެ. ބައްޕަގެ ނަން ބުނުމުން ވީހޮސްޕިޓަލްގައޭ ބުންޏެވެ.
އެ މެއިޑްގެ ފަރާތުން ބައްޕަ ބަލިވެ އުޅޭކަން ވެސް އެނގުނެވެ. އަހަރެން ކުރާން ބޭނުންވާ ކެމްޕޭނު މަޑުޖައްސައިލައިފައި ބައްޕައާ ބައްދަލްކޮށްލާން ހޮސްޕިޓަލަށް ދިޔައީ ހަވީރު ފަހެއް ޖަހަނިކޮށެވެ. ރިސެޕްޝަނުން މަޢުލޫމާތު އޮޅުންފިލުވައިގެން ބައްޕަ އޮތް ޕްރައިވެޓް ކޮޓަރިއަށް ގޮސް ވަން އިރު އެނދުގައި އިށީނދެ އިނީ ފިރިހެނެއްކަމުން އެއީ ބައްޕަކަން އަހަންނަށް އެނގުނެވެ. ބައްޕަ އިނީ އިށީނދެގެންނެވެ. ހައިރާންކަމުގެ ނަޒަރަކުން ނުދަންނަ ބީރައްޓަސާ ހަތަރުކަޅިހަމަކުރާ ގޮތަށް އެނދުގައި އިށީނދެ އިން ބައްޕަ އަހަންނާ ދިމާއަށް ބަލައިލިއެވެ. އެއީ އަހަރެންގެ ބައްޕަކަމަށް ބަލައިފައި ގޮވާނެ ގޮތަކާ މެދު ވިސްނާކަށް މާގިނަ ވަގުތެއް ނުލިބުނެވެ.
"ބައްޕާ. ޙާލުކިހިނެއް؟" އަހަރެން އަޑު އޭރު ތުރުތުރުލާކަން އަހަންނަށް ވެސް ފާހަގަކުރެވުނެވެ. އެތަނުގައި އިށީނދެ އިން އަންހެން މީހާ އެއަށް ވުރެ ހައިރާންކަމާ އެކު ބަލަހައްޓައިގެން އިނެވެ.
"ތިޔައީ ކާކު؟ ބައްޕާއޭ؟" ރަހުމުގެ ކަންފުޅެއް ނެތް ލޮލުގެ ތޫނު ނަޒަރު އަމާޒުކޮށް އެހެން ބުނުމުން އަހަރެން ހިތަށް ވަރަށް ތަދުވެއްޖެއެވެ. އެކަމަކު ދެވަނަ ފަހަރަށް ރަނގަޅަށް އަހަރެންގެ މޫނަށް ބަލައިލުމާ އެކު ބައްޕަ ކަމެއް ހަނދާންކުރާހެން ހީވިއެވެ. އަހަރެންގެ މޫނު ފެނުމުންކަން ނޭގެއެވެ. ބައްޕަ ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކޮށްފިއެވެ.
"ތިޔައީ ކޮން ރަށެއްގެ ކުއްޖެއް؟" އަހަރެން ރަށް ބުނުމުން ބައްޕައަށް ހައިރާންކަން ލިބުނެވެ.
"މަންމަ އަކީ ކާކު؟" ސުވާލުކުރި ލެއް އަވަސްކަމުން ބައްޕަގެ އެ ކާވެނީގެ ހަނދާން ހުރިކަން ކަށަވަރުވެއްޖެއެވެ.
"ޖަމީލާ ސަލީމް" އަހަރެން އެހެން ބުނުމާއެކު ބައްޕަ އެނދުން ކުއްލިއަކަށް ތެދުވީއެވެ. ތިޔައީ ޖަމީލާގެ ދަރިއެއްހޭ އަހައިލިއެވެ.
[މިއީ ޖަމީލާ ސަލީމާއި ޢަބްދުއްރަޙްމާންގެ ދަރިއެއް.] އަހަރެން މޭގައި އިނގިލ ޖައްސާލަމުން ބުނީމެވެ. އެތާ އިށީނދެ އިން އަންހެން މީހާ ކުއްލިއަކަށް ތެދުވެ ބައްޕަގެ ގަމީހުގައި ހިފިއެވެ.
[ރަޙުމާނު ކީއްވެ އަހަންނަށް އޮޅުވައިލީ؟] އަނެއްކާ އަނެއް ކަންތަކެވެ. އެއީ ދޮންމަންމަކަން އެނގުނެވެ. މާލެ އައީ އެހެންކަމަކު ވިއަސް މިޖެހުނީ މާބޮޑުމެއްތާއޭ އަހަރެންގެ ހިތަށްއެރިއެވެ.
[އަހަރެން އޮޅުވައެއް ނުލަން. އަހަރެންގެ ކުށަކީ ރަޒިއްޔާއާ އިންނަށް ޖަމީލާ ވަރިކުރިކަން. އޭރު އަހަރެން ހިތަކަށް ނާރާ އަހަރެންގެ ދަރިއަކަށް ޖަމީލާ ބަލިވެ އިންނާނެކަމެއް. ޅަދުވަހު އެޅުނު ޅައެއްޗެއް އެއީ ރަޒިއްޔާއާ އިންނަންވެގެން އަހަރެންގެ އަތްނބެއް ނުހުންނާނެކަން ބުނުން. އެ ހިސާބުން ވަރިވާކަމެއް އޭރު ނުވެސް އެނގޭ. އެ ކަން އެނގުނުއިރު ޖަމީލާ ވަރިކުރެވިފައި އޮތީ، ރަށުގެ މީހުންގެ ތެރެއިން ކޮންމެވެސް މީހަކު އެ ބުނާނީ. ރަޒިއްޔާއާއި އިނދެފައި ޖަމީލާ ހޯދާން ވެސް ނޫޅެ އޭރު ދިޔައީ ރާއްޖޭން ބޭރަށް. އައިއިރު ޖަމީލާ އެހެން މީހަކާ އިނދެފި."
ޙަގީގަތް ވާނީ ހަގީގަތަށެވެ. ބައްޕައަށް އަހަރެން މީ ދަރިއެއްކަމަށް ގަބޫލު ކުރެވުނަސް ދޮންމަންމައާއި ބައްޕަގެ ދަރީން ނިކުތީ އަހަންނާ ދެކޮޅަށެވެ. އެއީ ބައްޕައަކީ މުއްސަންޖަކަށް ވުމުން އެ ކަމުން ފައިދާ ނަގާން ވަގު ސެޓްފިކެޓު ހައްދައިގެން އުޅޭކަމަށް ބުނެއެވެ. ބައްޕަގެ ގެދޮރު ހުރީތީ އެ ތަން ބޭނުންވެގެންނޭ ކިޔައިގެން ވެސް އެތައް އެއްޗިއްސެއް ކިޔެވެ. އެ މީހުން ކިޔާހައި އެއްޗެއް ކިޔަން އަހަރެން ހުރެފައި އެންމެފަހު ވަގުތު ބުނީމެވެ.
[ކިތަންމެ ވަރަކަށް އަހަރެންމީ ރަޙްމާނުގެ ދަރިއެއް ނޫންކަމަށް ބުންޏަސް އަހަރެންމީ ޢަބްދުއްރަޙްމާނުގެ ދަރިއެއް. މުދަލާ ފައިސާއާ ހެދިއެއް އަހަރެން ނޫޅެން. ބޭނުން ނަމަ އަހަރެން ރަށަށް ދިއުމުގެ ކުރީން ޑީއެންއޭ ޓެސްޓް ހަދާ." ބައްޕަ ގާތުގައި އަހަރެންގެ ދަތުރާ ބެހޭ ގޮތުން ބައްޕަ ސުވާލުކުރުމުން ކިޔައިދީފައި އަހަރެން އެނބުރި ރަށަށް އައީ ބައްޕަގެ ހިތުން ޖާގަ ހޯދައިގެންނެވެ.
ރަށުގެ ހުރިހާ ފޮށްޓެއް ގުނައި ނިމިއްޖެއެވެ. އަހަރެން އޮތީ ވިއްސަކަށް ވޯޓު ދަށްކޮށެވެ. އެ ކަމާ ދެރަވެގެން ގެއަށް ގޮސް އިސްދަށަށްޖަހައިގެން އިން ގޮތުން އަންހެނުން ކަންބޮޑުވެއްޖެއެވެ. އެހެނިހެން ދާއިރާތަކުގެ ވޯޓު ލިބޭނޭކަމާ މެދު އުންމީދެއް ނެތެވެ. މާލޭގައި ހުރި އެހެނިހެން ދާއިރާތަކުގެ ފޮށީން އެންމެ ގިނަ ވޯޓް ލިބުނީ އަހަންނަށެވެ. އެންމެ ފަހުވަގުތު އަހަރެން ކުރިހޯދައި އެންމެ ގިނަ ވޯޓު ލިބިގެން ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އަހަރެންނެވެ. އަހަރެންގެ މަޤްސަދު ހާސިލްކުރުމަށް ބައްޕަގެ އެހީތެރިވީކަން އެނގުނީ ނަތީޖާ އިޢުލާނުކުރި ފަހުންނެވެ. މާލޭގައި ހުރި އެކުވެރި ހުމައިދުގެ ފަރާތުން އެނގުނު ގޮތުގައި ބައްޕަ އަހަންނަށް ޓަކައި ރަށު މީހުންގެ ގޭގެއަށް ކެމްޕޭނުކޮށްދެން ދިޔައެވެ. ފައިސާ ޚަރަދުކުރިއެވެ. އަހަރެން ހުރީ އުފަލުން ރޮވިފައެވެ. އެ ވަގުތު ބައްޕަ ޖަހައިފައި އަހަރެން ސޭވްކޮށްފައިވާ ނަންބަރުން ގުޅިއެވެ. މިއީ އަހަރެން ރަށަށް އައިފަހުން ވެސް ބައްޕަގެ ކޯލެއް ލިބުނު ފުރަތަމަ ފަހަރެވެ.
[މަރުޙަބާ ދަރިފުޅާ!] ދަރިފުޅާއޭ ކިޔައިފައި ގޮވާލުމުން ހިތަށް ކުރި އަސަރުން އަހަރެން ލޮލުން ކަރުނަ ނީރައިލިއެވެ. ގެއްލުނު ލޯބި އަނބުރައި ލިބުމުންނެވެ. އަހަރެން ޢުމުރުން ވީހައި ދުވަހު ކަމެއް ނުކޮށްދިނަސް މިއަދު ބައްޕަ ކުރި މަސައްކަތަށް ތަޢުރީފު ޙައްގެވެ. ހަމަ އެ ގޮތަށް ރައްޔިތުން، ވެސް އެކަނިމައި އެކަނި އަމިއްލަ ގޮތުން ނިކުތް އަހަރެން ބަލައިގަތީ އަހަންނަށް ކުރި އިތުބާރެއްގެ ސަބަބުންނެވެ. (ނިމުނީ)