ad_banner
"އީރާނުގެ ފަހުލަވާނުން ތިބީ ގައުމު ދިފާޢުކުރުމުގައި ޤުރުބާންވާން ތައްޔާރަށް"

އަބާ މުޙަންމަދު

10 އޭޕްރިލް 2026

މި ދިޔަ ފެބުރުވަރީ 28ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑައިލާން އީރާނާއި އެމެރިކާއިން އެޕްރީލު މަހު އަށްވަނަ ދުވަހު އެއްބަސްވިތާ މާ ގިނަ އިރުތަކެއް ނުވެ، އަދި އެމެރިކާއާއި އީރާނުން ޕާކިސްތާނުގައި ސުލްހައިގެވާހަކަތައް ހުކުރުދުވަހު (މިއަދު) ފަށާން ތައްޔަރުވަމުން އަންނަނިކޮށް އިޒުރޭލުން ވަނީ ލުބުނާނުގެ މީސް ގިނަ ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއްދީފައެވެ. މިއީ އެމެރިކާއާއި އިޒުލޭނުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި އެ ހަނގުރާމަ ލުބުނާނަށް ފުޅާކުރި ފަހުން ލުބުނާނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ވެސް އިޒުރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކުގައި އެއް ދުވަހެއްގެ މަތީން 300 މީހުން މަރައިލައި 1150 މީހުން ޒަޚަމުކޮށްލުމަކީ ސުލްހައިގެ އެއްބަސްވުމަށް މިހާރު އެޅިފައިވާ އެންމެ ބޮޑު ހުރަހެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ވެރިޔާ ޓެޑްރޯސް އަދުހަނޯމް ގެބްރެގޭސަސް އިޒުރޭލަށް ގޮވައިލައިފައިވަނީ ލުބުނާނުގެ މައި ދެ ހޮސްޕިޓަލު ސަރަހައްދު ސަލާމަތްކުރުމަށް ޓަކައި އިޒުރޭލުގެ އަސްކަރީ ބާރުތައް ދުރަށް ގެންދިޔުމަށެވެ. އިޒުރޭލުގެ ޙަމަލާތަކުން މަރުވަމުންދާ އާންމުން ގިނަކަމުން ލުބުނާނުގެ ސިއްޙީ ނިޒާމު މިހާރު އޮތީ އިންތިޒާމު ގެއްލިފައެވެ.    

މި ކަމާ ގުޅިގެން އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީ ވިދާޅުވީ އިޒުރޭލުން [ޑިޕްލޮމެސީ ކަތިލާން] އެމެރިކާއިން ރުހިގެން އޮންނަ ނަމަ، އަދި ސުލްހަ ގާއިމުކުރާން ބޭނުންނުވާ ނަމަ، އެއީ އެމެރިކާއިން އިޚުތިޔާރުކުރާ ގޮތެވެ. [އަހަރެމެންނަށް ހީވަނީ އެއީ އެމެރިކާގެ ގަޅިކަމެވެ. ނަމަވެސް އީރާނު އޮތީ އެ ކަމަށް ތައްޔާރުވެގެންނެވެ.]  ޢައްބާސް ވިދާޅުވިއެވެ.

ނަތަންޔާހޫ މިހާރު ބުނަނީ ލުބުނާނާ ސީދާ ވާހަތައް ފަށާން އިރުޝާދުދީފައިވާނޭކަމަށެވެ. ނަމަވެސް އިޒުރޭލުގެ ދިފާޢީ ވަޒީރު ބުނިކަމަށް އިޒުރޭލުގެ މީޑިއާއިން ބުނަނީ، [ހަނގުރާމައެއް ހުއްޓައެއް ނުލެވޭނެ]ކަމަށެވެ.
އިޒުރޭލުން ލުބުނާނަށް ޙަމަލާ ދޭން ފެށުމާ އެކު، އެ ޙަމަލާތައްދިނުމަށް ތާއީދުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ބުނެފައިވަނީ ގަލްފުގައި ހަނގުރާމަކުރުން ދެ ހަފުތާއަށް މެދުކަނޑައިލާން އެމެރިކާއާއި އީރާނުން އެއްބަސްވި އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާދިނުން ހުއްޓައިލުން ނުހިމެނޭކަމަށެވެ. އަދި އިޒުރޭލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވެސް ބުނީ އެހެންނެވެ. އެހެންނަމަވެސް އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރި ޕާކިސްތާނާއި، ހަނގުރާމައިގެ މަޒުލޫމު އީރާނުން ވެސް ބުނަމުން ދަނީ، އެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާދިނުން ހުއްޓައިލުން ވެސް ހިމެނޭކަމަށެވެ. މި ކަމާ ގުޅިގެން، ފަހުން އިނގިރޭސިވިލާތުން ވެސް ބުނެފައިވަނީ މެދުއިރުމަތީގައި ހަނގުރާމަކުރުން ހުއްޓައިލާން އެއްބަސްވި އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ވެސް ހިމެނޭން ޖެހޭކަމަށެވެ.

ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ނުހިމެނުމަކީ އެއްބަސްވުން ވަރަށް ބޮޑަށް ނާޒުކުވެ، އެ އެއްބަސްވުން އެކީ އެކަން ނެތިދާނެ ސަބަބެއްކަމަށް މުޙައްލިލުން ގަބޫލުކުރެއެވެ. މިހާރު ވެސް މި ކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. ލުބުނާނަށް އިޒުރޭލުން ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް އީރާނުން ގެންދަނީ ބުނަމުންނެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ޤާއިމްކުރި ފަހުން ވެސް ޔަހޫދީން ލުބުނާނަށް ޙަމަލާ ދެމުންދާތީ، ހުރުމޫޒު ކަނޑުއޮޅީން ތެޔޮ ޓޭންކަރުތަކަށް ދަތުރުނުކުރެވޭނެހެން އީރާނުން އަނެއްކާ ވަނީ އެ މަގު ބަންދުކޮށްފައެވެ. އެއީ އެއްބަސްވުމަށް ޢަމަލުކުރާން ފެށުމާއެކު ހުރުމޫޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުޞަތު ދެ ޓެޔޮ ބޯޓަކަށް ދިނުމަށް ފަހުގައެވެ.

ކުރިއަށް އޮތް ދެ ހަފުތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅައިފައިވާ ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް އީރާނުން ކުރީން ވަނީ އިޢުލާނުކޮށްފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭ ނަމަ އެ އެއްބަސްވުމަށް އީރާނުން އިޙުތިރާމުކުރާނެކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.

ނަމަވެސް އެ އެއްބަސްވުމާ އިޒުރޭލާއި އެމެރިކާ ވަނީ ކަނޑައެޅިގެން ޚިލާފުވެފައިކަމަށް އީރާނުންބުނެއެވެ. އީރާނުގެ ބަރުލަމާނުގެ ރައީސް މުޙައްމަދު ބާގިރު ޣާލިބާފު ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓައިލާން އިރާނުން ހުށަހެޅި 10 ނުކުތާގެ ތެރެއިން ތިން މާއްދާއަކާ، މަޝްވަރާތައް ފެށުމުގެ ކުރީން ވެސް އެމެރިކާއިން ވަނީ ޚިލާފުވެފައެވެ. އެމެރިކާއިން ޚިލާފުވެފައިވާ މާއްދާތަކުގެ ތެރޭގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ފާހަގަކުރެއްވި ފަދައިން، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ލުބުނާނަށް ވެސް ފުޅާކުރުމަށް އޮތް ނުކުތާއާ ޚިލާފުވުން ހިމެނޭކަމަށް މުހަންމަދު ބާޤިރު ވިދާޅުވެފައިވެއެވެ. މީގެ އިތުރަށް، އީރާނުގެ ވައިގެ ސަރަޙައްދަށް "ޖާސޫސީ ޑުރޯނެއް" ވަދެފައިވާކަމަށާއި، މިއީ އެ ފަދަ ކަންކަން މަނާކުރާ މާއްދާއާ ކަނޑައެޅިގެން ޚިލާފުވުންކަމަށް ޣާލިބާފު ވިދާޅުވިއެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އީރާނަށް އޮތުމަކީ ވެސް މި 10 ނުކުތާގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ނިރުބަވެރު ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވަނީ އިޒުރޭލުގެ މުހިންމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަސްލަހަތުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދީފައެވެ.

ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ.

މިހާރު ކަން ހިނގާ މަގަށް ބަލާ އިރު، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ ފުރުސަތު އަދި އޮތީ ވަރަށް ހަނިކޮށްކަމަށް މުހައްލިލުން ލަފާކުރެއެވެ. އެމެރިކާއާއި އިޒުރޭލުގެ މުޅި ފަލްސަފާއަކީ ހަނގުރާމަކުރުމާއި ގަދަބަދަވިކަންދެއްކުންކަމަށްވާތީ، ހަނގުރާމަނުކޮށް ހިމޭނުން ތިބުމަކީ އެބައިމީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އީރާނު އޮތީ އެންމެ ފަހު މީހާއަށް ދާންދެން ވެސް ގައުމު ދިފާޢުކުރުމުގައި ޤުރުބާންވާން ތައްޔާރަށެވެ.

ލަފުޒެއްގެ މާނަ:

މަޒުލޫމު      ނ.    އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ. victim

ކޮމެންޓު