އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
17 އޭޕްރިލް 2026
ކުޑަވެސް ޝައްކެއް ނެތެވެ. އެމެރިކާއާއި އީރާނަށް އެކީގައި ސުލްހައިގެ މުއާހަދާއަކާ ހަމައަށް ވާޞިލުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެމެރިކާއިން ސުލްހައިގެ ވާހަކަދައްކާން ހުށަހަޅާ ޝަރުތަކީ އީރާނުން ދުވަހަކު ވެސް ގަބޫލުކުރާނެ ޝަރުތެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އީރާނުން އެމެރިކާއަށް ކުޑަކޮށް ވެސް އިތުބާރެއްނުކުރެއެވެ. އިތުބާރަކީ ގެއްލިއްޖެ ނަމަ އަލުން އަނބުރައި ހޯދާން ފަސޭހަ އެއްޗެއް ނޫނެވެ. މާޒީގައި އެމެރިކާއާއި އިސްރާއީލުން ޢަމަލުކޮށްފައިވާ ގޮތާއި ދައްކައިފައި ހުރި ވާހަކަތަކާ ދިމާނުވާތީ އެ މީހުންނަށް ކުޑަކޮށް ވެސް އިތުރުބާރެއް ނުކުރެވޭނެއެވެ. އެހެންކަމުން ހނަގުރާމަ ހުއްޓޭނީ ކޮންމެވެސް އެއްބަޔަކު [ބަލިވެގެން]ނެވެ.
އީރާނާއި އެމެރިކާއާ ދެ މެދު ދައްކާން އުޅޭ ސުލްހައިގެ ވާހަކަތައް ކުރިއަށް ނުދާ މައިގަނޑު ސަބަބަކީ މިއީ އެވެ. އިތުބާރުގެ މައްސަލައެވެ. އަނެއް ސަބަބަކީ އެމެރިކާއިން އީރާން ކުޑަކަކޫމައްޗަށް ތިރިކުރާން ހުށައަޅާ ޝަރުތުތަކަކީ އީރާނުން ދުވަހަކު ވެސް ގަބޫލުކުރާނޭ އެއްޗެއް ނޫނެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ދާދި ފަހުން ވިދާޅުވެފައިވަނީ، ސުލްޙަވެރި ބޭނުންތަކަށް ޓަކައި ޔޫރޭނިއަމް ފައްކާކުރުމުގެ ޙައްގަކީ ދޫކޮށްލާނޭ ހައްގެއް ނޫންކަމަށެވެ. ބަޤާއީ ވިދާޅުވި ގޮތުގައި ނިޔުކުލިއަރު ހަކަތަ ހޯދާން މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ގަނޫނުތަކުން އަދި ވަކީން ޚާއްޞަކޮށް [ނިޔުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ] (އެހެން ގޮތަކަށް ދަންނަވާ ނަމަ، ނިޔުކްލިއަރ ހަތިޔަރު އުފެއްދުން މަނާކުރާ މުޢާހަދާގެ ދަށުން ވެސް ހުއްދަކުރެވިފައިވާ ކަމެކެވެ. އެހެންވީމާ، ނިޔުކުލިއަރު ތަރައްގީކުރުމުގެ ހައްގަކީ އެ ކަމާ މެދު މަޝްވަރާ ވެސް ނުކުރެވޭނޭ، އަދި ފާޅުވެގެންވާ ހައްގެއްކަމަށް އޭނާ ވިދާޅުވިއެވެ.
ތެހެރާނުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އީރާނުގެ ނިޔުކްލިއަރު ޕްރޮގުރާމާ ބެހޭ ގޮތުން ހުޅަނގުގެ މީޑިއާތަކުން ފަތުރާ އަސާސެއް ނެތް ތުކުމަތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ބާރުލައްވައި ވިދާޅުވީ އެއީ އެހެން ގައުމުތަކެކޭ ވެސް އެއް ފަދައިން އީރާނަށް ވެސް ލިބިގެންވާ ހައްގެއްކަމަށެވެ. އެހެންވީމާ އީރާނަށް ލިބިގެންވާ ތަރައްގީގެ މި ހައްގަކީ އެ ހައްގާ މެދު މަޝްވަރާ ވެސް ކުރެވޭނެ އަދި އެއްވެސް ގައުމެއްގެ ފިއްތުންތަކުގެ ސަބަބުން ދޫކޮށްލެވޭނެ ހައްގެއް ނޫންކަމަށެވެ.
ބާޤާއީ ވިދާޅުވި ގޮތުގައި ސުލްހަވެރި ބޭނުންތަކަށް ޓަކައި ނިޔުކުލިޔަރު ފައްކާކުރުމުގެ ހައްގަކީ ގައުމެއްގެ ހެޔޮކަމުން ލިބިފައިވާ ހައްގެއް ނޫންކަމަށާއި އެއީ ބަޔެއްގެ ފިއްތުންތަކެއްގެ ސަބަބުން ދޫކޮށްލެވޭނެ ހައްގެއް ވެސް ނޫންކަމަށެވެ.
އެނާ ވިދާޅުވީ ނިޔުކުލިއަރު ހަޔިތާރު އުފެއްދުން މަނާކުރާ ބައިނަލއަގުވާމީ މުޢާހަދާ (NPT) ގައި އީރާނުންސޮއިކުރި ކުރުމަށް އަބަދު ވެސް އިހުތިރާމުކުރާނޭކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ މަޝްވަރާއެއް ކުރާ ނަމަ، ފުރަތަމަ ވެސް ފުޅާ ދާއިރާއެއްގައި އޮނިގަނޑެއް ކަނޑައަޅާން ޖެހޭ ކަމަށެވެ. އޭގެ ފަހުން ސުލްހައާއި ހަނގުރާމައާ މެދު މަޝްވަރާ ކުރެވިދާނެކަމަށެވެ. ނަމަވެސް ނިޔުކުލިއަރ ހަކަތައާ ބެހޭ ވާހަކަތަކަކީ މަޝްވަރާ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ނިޔުކުލިއަރ ހަތިޔާރު މާނާކުރާ އެއްބަސްވުމަކީ ދުނިޔޭގައި ވެސް ފާހަގަކުރެވޭ ފަދަ ޚާއްޞަ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ 1968ގައެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރާން ފަށައިގައިވަނީ 1970ގައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ނިޔުކުލިއަރު ހަތިޔާރާއި ނިޔުކުލޔަރު ފަންނިއްޔާތު ދުނިޔޭގައި ފެތުރުން ހުއްޓުވުމެވެ. މި މަގުސަދު އާންމު ގޮތެއްގައި އދ.އިން ބަޔާންކުރަނީ މައިގަނޑު ތިން ނުކުތާއަކުންނެވެ.
• ފެތުރުން ހުއްޓުވުން
ނިޔުކުލިއަރު ހަތިޔާރު ނެތް ގައުމުަކުން އެއްބަސްވެފައިވަނީ އެ ފަދަ ހަތިޔާރެއް ނޫފެއްދުމަށެވެ. މިހާރު އެ ފަދަ ހަތިޔާޜު ހުރި ގައމުތަކުން އެއްބަސްވެފައިވަނީ އެ ފަދަ ހަތިޔާރެއް އެހެން ބަޔަކަށް ނުދިނުމަށެވެ.
• ހަލާކުކުރުން
ނިޔުކުލިއަރު ހަތޔާރު ހުރިކަން އެނގިފައިވާ (އެމެރިކާ، ރަޝިއާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ) މި ފަސް ގައުމުން އެއްބަސްވެފައިވަނީ އެ ފަދަ ހަތިޔާރުތައް މުޅިން ނައްތައިލުމަށް ޓަކައި ވާހަކަތައް އަވަހަށް ފެށުމަށެވެ.
• ނިޔުކުލިއަރު ހަކަތަ ސުލާހަވެރި ބޭނުމަށް ޓަކައި ބޭނުންކުރުން:
ބައިނަލްއަގުވާމީ އެޓޮމިކު ހަކަތައާ ބެހޭ ބައިނަލްއަގުވާމީ ޖަމުއިއްޔާއަށް އެނގުމާ އެކު، ސުލްހަވެރި މަގުސަދަކަށް ޓަކައި އެ މިންވަރަށް ނިޔުކުލިޔަރު ތަރައްގީކުރުމަކީ ދުނިޔޭގެ ކޮންމެ ދައުލަތަކަށް ވެސް ލިބިގެންވާ ސިޔާދަތީ ހައްގެކެވެ.
މި ހިނގާ 2026ވަނަ އަހަރާ ހަމައަށް އައި އިރު 191 ގައުމަކުން މި އެއްބަސްވުމުގައި ވަނީ ސޮއިކޮށް މި އެއްބަސްވުން ބަލައިގެންފައެވެ. ފާހަގަކުރެވޭ ގޮތުނުގައި އިންޑިއާއާއި ޕާކިސްތާނާއި އިސްރާއީލަކުން މި މުއާހަދާގައި ސޮއެއް ނުކުރެއެވެ. އަދި އުތުރުކޮރެއާއިން ވަނީ 1991ގައި މި މުޢާހަދާއިން ނުކުމެފައެވެ. މިހާރު މި ގައުމުތަކުގައި ވެސް އެ ހަތިޔަރު އެބަ ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ވީމާ، އެމެރިކާއިން ބުނާހައި އެއްޗެއް އީރާނަކުން ގަބޫލެއްނުކުރާނެއެވެ. އެހެންކަމުން ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމަކީ އަދި އެހައި ފަސޭހަ ކަމެއް ނޫނެވެ.