އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
11 އޭޕްރިލް 2026
މުޅި ގަލްފު ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަމުންދާ އިރު، އީރާނުގެ އިސް އޮފިޝަލުން މިހާރު ތިބީ ސުލްހައިގެ ވާހަކައަށް ޓަކައި ޕާކިސްތާނުގައެވެ. އެމެރިކާގެ އޮފިޝަލުން ވެސް ޕާކިސްތާނަށް ހިނގައްޖެއެވެ.
އީރާނުގެ ފަރާތުން މި މަޝްވަރާގައި އިސްކޮށް ތިއްބަވާނީ ބަރުލަމާނުގެ ރައީސް މުޙަންމަދު ބާޤިރު ޣާލިބާފާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޣުޗީއެވެ. އެމެރިކާގެ ފަރާތުން އިސްކޮށް ތިބެނީ ނާއިބުރައީސް ޖޭޑީ ވޭންސާއި ޚާއްބަ މަންދޫބު ސްޓީވް ވިޓްކޯފާއި ޓުރަންޕުގެ ދަނބިދަރި ޖަރެޑް ކުޝްނާރެވެ. ވާހަކަތައް އަދި ފެށުނު ކަމެއް ނޭނގެއެވެ.
ސުލްހައިގެ ވާހަކަތައް ފަށާން ކުޑަތަންވެފައިވިޔަސް އެމެރިކާގެ މައްޗަށް އީރާނުން ކުޑަކޮށް ވެސް އިތުބާރެއް ނުކުރެއެވެ. އީރާނުން އޮތީ އެ މީހުންނަށް އެމެރިކާއާއި އިޒުރޭލުގެ ހަމަލާތަކުން ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި ހުރުމޫޒު ކަނޑުއޮޅީން ދަތުރުކުރާ އުޅަނދުތަކުން ފީނެގުން ކުރިއަށް ގެންދާނެކަން މަޝްވަރާގެ ތެރޭގައި ވެސް ހާމަކުރާ ގޮތަށެވެ.
ސުލްހައިގެ މަގު އަދި ވެސް އޮތީ މާ ދުރުގައެވެ. އީރާނުން ހުށަހަޅާ 10 ނުކުތާގެ ހުށަހެޅުމާއި އެމެރިކާއިން ހުށަހަޅާ 15 ނުކުތާގެ ހުށަހެޅުމުގައި ދެ ފަރާތުން ވެސް ޚިލާފުތަކެއް އެބަހުއްޓެވެ.
އެންމެ ބޮޑު ދެބަސްވުމެއް އުފެދިގައިވަނީ އީރާނާ އެކު ވެވިފައިވާ ހަނގުރާމަ ހުއްޓުމުގެ ވަގުތީ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ހިމެނުމާ މެދުގައެވެ. މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި އަދި އީރާނުން ވެސް ބުނަނީ އެ އެއްބަސްވުމުގައި ލުބުނާނު ހިމެނޭކަމަށެވެ. އެމެރިކާއިން މި ކަމަށް ކުރީން އެއްބަސްވި ނަމަވެސް އިޒުރޭލުން އެ ކަމާ ދެކޮޅުހެދުމުން ފަހުން އެމެރިކާއިން ވެސް ބުނަނީ އެ އެއްބަސްވުން ލުބުނާނުގެ މައްޗަށް ނުހިނގާނެކަމަށެވެ.
އީރާނުން ބުނަނީ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރީން ދެ ކަމަކަށް އެއްބަސްވާންޖެހޭނެކަމަށެވެ. އެއީ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާނު ހިމެނޭކަމަށް އެއްބަސްވުމާއި އެމެރިކާއާއި ހުޅަނގުން ހިފަހައްޓައިފައިވާ އީރާނުގެ ހަރުމުދާތައް ދޫކޮށްލުމެވެ. މި ދެ ނުކުތާއަށް އެއްބަސްނުވަނީސް ސުލްހައިގެ މަޝަވަރާތައް ނުފެށޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ވިދާޅުވެއެވެ.
އީރާނުގެ އަސްކަރީ ކޮމާންޑަރ ވިދާޅުވެފައިވަނީ ތަކުރާރުކޮށް ދެ ފަރާތުގެ އިތުބާރު ނަގައިލައިފި ނަމަ، އީރާނުން އޮތީ ބަޑީގެ ޓްރިގަރުގައި އަތްބާއްވައިގެންނެވެ. މާނައަކީ ޙަމަލާތަކަށް ތައްޔާރުވެގެންނެވެ.
ހަމަ މި ފަދައިން ޓުރަންޕުވެސް އޭނާގެ އިންޒާރުތައް އީރާނުގެ މައްޗަށް ތަކުރާރުކުރެއެވެ. [އެންމެ މޮޅު ހަތިޔާރުތައް މަނަވަރުތަކަށް މި އަރުވަނީއެވެ. ކުރިއަށް ވުރެ މަތީ ފެންވަރުގައި ހަމަލާތައްދީ އީރާނު ހަލާކުކޮށްލާނަމެވެ.] [ނިއުޔޯކު ޕޯސްޓަށް ދިން ބަސްދީގަތުމެއްގައި ޓުރަންޕު ބުނެފައިވެއެވެ. [އަހަރެމެންނަށް ޑީލެއް ނެހެދިއްޖެ ނަމަ، އެ ހުރިހައި ހަތިޔާރެއް އަހަރެމެން ބޭނުންކުރާނަމެވެ. ވަރަށް އަސަރުވެރިކަމާ އެކު އޭގެ ބޭނުން ހިފާނަމެވެ.]
އެހެންކަމުން މި ސުލްހައިގެ ވާހަކަތައް ކާމިޔާބުވާނެކަމަށް ބެލުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
އަނެއްކޮޅުން މެދުއިރުމަތީގެ ޙާލަތު ވަރަށް ސީރިއަހެވެ. އިޒުރޭލުން ގޮތެއްފޮތެއް ނުބަލައި ލުބުނާނަށް، ލުބުނާނުގެ މަދަނީ ބިނާރަށް ޙަމަލާދީ ތަންތަން ފަނާކުރަނީއެވެ. އެތައް ސަތޭކަ ބަޔަކު މަރުވަނީ އެވެ. މިހާރު ލުބުނާޏުގައި އޮތީ ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.
އާދޭހެވެ! ހަމަ މި ވަގުތު ވެސް ގަލުފުގެ ބިންމަތީގެ ހާލަތު އޮތީ ވަރަށް ނުތަނަވަސްކޮށެވެ.
ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ހުކުރު ދުވަހު ވިދާޅުވި ގޮތުގައި ބުދަދުވަހު އެކަނި ވެސް އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާގައި 357 މީހުން ވަނީ މަރުވެފައެވެ. މި ޢަދަދު އަދި މަތިވާނެކަމަށް ވެސް ބެލެވެއެވެ.
އަނެއްކޮޅުން އީރާނުގައި އިންޓަރނެޓުގެ ޚިދުމަތް ނުލިބޭތާ 40 ދުވަހަށް ވުރެ ގިނަވެއްޖެއެވެ. މިއީ ތާރީޚުގައި ވެސް މިހާ ގިނަ ދުވަހު އިންޓަރނެޓުގެ ޚިދުމަތް މެދުކެނޑުނު ފުރަތަމަ ފަހަރެވެ.
އީރާނާއި އެމެރިކާގެ ވާހަކަތައް ކާމިޔާބުވެ ދުނިޔޭގައި ސުލްހަ ގާއިމުވުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ. ނަމަވެސް ޓުރަންޕު ކަހަލަ މީހަކު އެމެރިކާގެ ވެރިކަމުގައި ހުރެގެން މި ފަދަ ސުލްހައެއް ދެމި އޮތުމަކީ ވަރަށް ދުރުކަމެކެވެ. ބަލާން ތިބެމާ ހިނގާށެވެ! (މައުލޫމާތު: އަލްޖަޒީރާ، ފޮޓޯ: ރޮއިޓާރސް)