އަބާ މުޙަންމަދު
18 އޭޕްރިލް 2026
ހުރުމޫޒު ކަނޑުއޮޅި އީރާނުން އަލުން ހުޅުވައިލުމަކީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށާއި އަދި އެއީ އީރާނުން ބަލި ގަބޫލުކުރީކަމަށް ވެސް އެމެރިކާއަށް ތާއީދުކުރާ މީހުން ގަބޫލުކުރެއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ބަލިވީ އެމެރިކާއެވެ. އީރާނަކީ ބާރެއްކަމަށް ދުނިޔެއަށް ސާބިތުވެއްޖެއެވެ. ނަމަވެސް މިހާރު ވެސް އެމެރިކާއިން ބުނަމުންދަނީ އީރާނުގެ މައްސަލައާއި ލުބުނާނުގެ ހަނގުރާމަ ހުއްޓައިލުމާއި މި ދެ ކަމަކީ ތަފާތު ދެ ކަމެއްކަމަށެވެ. އެހެންނަމަވެސް އީރާނުން ހުރުމޫޒު ކަނޑުއޮޅި ހުޅުވީ ލުބުނާނަށް ދޭ ޙަމަލާތައް ހުއްޓައިލުމުންނެވެ. އަދި މިހާރު ވެސް އީރާނުން ބުނަނީ ހުރުމޫޒު ކަނޑުއޮޅި ހުޅުވައިފައި ބާއްވާނީ ލުބުނާނުގައި ސުލްހަ ގާއިމުކޮށްގައި އޮންނަ މުއްދަތަށް އެކަނިކަމަށެވެ. މަޙުމޑު އަރާޣުޗީ ވިދާޅުވީ ހުރުމޫޒު ކަނޑުއޮޅި ހުޅުވައިލީ ޣައްޒާއާއި ލުބުނާނަށް ދޭ ޙަމަލާތައް ހުއްޓައިލުމަށް އީރާޏުން ކުރި ޑިމާންޑުތައް ފުރިހަމަކުރީމާކަމަށެވެ.
ޓުރަންޕު އެންމެ ފުރަތަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާނުކުރި އިރު، އޭގެ ތެރޭގައި ލުބުނާން ވެސް ހިމެނެއެވެ. މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި އީރާނުން ވެސް ބުނެފައިވަނީ އެ އެއްބަސްވުމުގައި ލުބުނާން ހިމެނޭކަމަށެވެ. ނަމަވެސް، އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަލުން މި ދަނޑިވަޅުގައި ލުބުނާނަށް ހަމަލާދޭންފެށީއެވެ. މިކަން ހުއްޓުވާން އެމެރިކާއިން އުޅުމުން ވެސް އެ ކަން ނުހުއްޓައި ހަމަލާތައް ކުރިއަށް ގެންދިޔައެވެ. އެންމެ ފަހުން އެމެރިކާއަށް ވެސް އިޒުރޭލާ އެއްބަސްވެ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭކަމަށް ބުނީއެވެ.
މިހާރު ވެސް އެމެރިކާގެ ރައީސް ޓުރަންޕު ބުނަނީ ލުބުނާނުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލި ހުއްޓައިލުމާއި އީރާނާ އެކު ކުރިމަގުގައި ހަދައިފާނެ ޑީލަކާ ގުޅުމެއް ނެތްކަމަށެވެ. ނަމަވެސް ލުބުނާނަށް ހަމަލާދިނު އިޒުރޭލަށް [ހަރާންކޮށްފައި]ވާނޭކަމަށް ވެސް ޓުރަންޕު ބުންޏެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މަޙުމޫދު އަރާޣަޗީ ވިދާޅުވަނީ [ލުބުނާނުގައި ސުލްހަ ގާއިމުކުރުމާ ގުޅުވައިގެން ހުރުމޫޒު ކަނޑުއޮޅި ހުޅުވައިލީ]ކަމަށެވެ. [އަދި ލުބުނާނުގައި ސުލްހަ ގާއިމުކުރެވިފައި އޮންނަ މުއްދަތުގައި ހުރުމޫޒު ކަނޑުއޮޅީން އެއްވެސް ހިފެހެއްޓުމެއް ނެތި ވިޔަފާރި އުޅަނދުތަކަށް ވަދެނުކުމެވެވޭނެއެވެ.]
އެކަމަކު އީރާނުގެ އިންގިލާބީ ލަސްކަރުން ބުނަނީ ހުރުމޫޒު ކަނޑުއޮޅި ހުރަސްކުރާ ކޮންމެ އުޅަނދެއް އީރާނުގެ ބާރުތަކުން ކުރީން ހުއްދަ ހޯދާންޖެހޭނެކަމަށެވެ. އަދި ކަނޑައެޅިގައިވާ ވަކި މަގުތަކަކުން ނޫނީ ދަތުރެއްނުކުރެވޭނެއެވެ.
ލުބުނާނުގެ ހިޒުބުﷲއިން ބުނަނީ 10 ދުވަހަށް ހުއްޓައިލެވުނު ހަނގުރާމަ ދާއިމީވެ، ލުބުނާނުގެ ދެކުނުން އެކީ އެކައްޗަކަށް އިޒުރޭލުން ފައިބައިގެން ދާންޖެހޭނެކަމަށެވެ.
ނަމަވެސް މިހާރު ވެސް އެމެރިކާއިން ބުނަމުންދަނީ އީރާނުގެ މައްސަލައާއި ލުބުނާނުގެ ހަނގުރާމަ ހުއްޓައިލުމާއި މި ދެ ކަމަކީ ތަފާތު ދެ ކަމެއްކަމަށެވެ. އެހެންނަމަވެސް އީރާނުން ހުރުމޫޒު ކަނޑުއޮޅި ހުޅުވީ ލުބުނާނަށް ދޭ ޙަމަލާތަކާއި ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓައިލުމުންކަމަށެވެ. އަދި މިހާރު ވެސް އީރާނުން ބުނަނީ ހުރުމޫޒު ކަނޑުއޮޅި ހުޅުވައިފައި ބާއްވާނީ ލުބުނާނުގައި ސުލްހަ ގާއިމުކޮށްގައި އޮންނަ މުއްދަތަށް އެކަނިކަމަށެވެ. މާނައަކީ އަލުން ޙަމަލާތައް ފަށައިފި ނަމަ، އަލުން ހުރުމޫޒު ބަނދުކުރާނެޔޭއެވެ.
އެމެރިކާއިން މިހާރުވަނީ އީރާނަށް ޝުކުރުވެސް އަދާކޮށްފައެވެ. އަދި ލުބުނާނުގެ ރައީސަށް ތާރީފުކުރަމުން ގޮސް ޚުޝާމަދު ވެސްކޮށްފައެވެ. އެހެންވީމާ، ހަގީގަތުގައި ބަލިވީ އެމެރިކާއެވެ. އީރާނަކީ ބާރެއްކަމަށް ދުނިޔެއަށް ސާބިތުވެއްޖެއެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރުކަމަށް އެމެރިކާއިން ކުރާ ދަޢުވާއަށް ވެސް އީރާނުން ވަނީ ވަރަށް ވަރުގަދަ ރައްދެއް ދީފައެވެ. އީރާނުން ބުނަނީ އެމެރިކާއަކީ ސުޕަރ ޕަވަރަކަށް އެމެރިކާއަށް ވެދާނެކަމަށާއި ނަމަވެސް އެއީ އީރާނަކަށް ނޫންކަމަށެވެ. އީރާނަށް ހަމައެކަނި [ސުޕަރ ޕަވަރ]އަކީ (އެންމެ ބާރުގަދަ ފަރާތަކީ) ﷲ ސުބުޙާނަކޫ ވަތަޢާލާއެވެ. އެ ކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އެ ނޫން އެއްވެސް ފަރާތަކީ ބާރުގަދަ ފަރާތެއްކަމަކަށް އީރާނަކުން ގަބޫލެއް ނުކުރެއެވެ.