އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 އޭޕްރިލް 2026
ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެގެން ނިންމައިލުމުގައި ސަބަބުވެރިވަނީ ކާކުހެއްޔެވެ؟ އީރާނުގެ ވަފުދުގައި ހިމެނިވަޑައިގަތީ އެ ގައުމުގެ ފަރާތުން ބަސްބުނުމުގެ އިޚުތިޔާރު ފުރިހަމައަށް ލިބިވޑައިގެން ތިއްބެވި ބޭފުޅުންނެވެ. ބައިނަލްއަގުވާމީ މައިދާނުގައި ތަޖުރިބާކާރުންނެވެ. އެ ވަފުދުގެ ކޮންމެ ބޭފުޅަކީ ޢިލްމީ ގޮތުން ޕީއެޗްޑީ ހޯލްޑަރުންނެވެ. ޙިކުމަތްތެރި ވިސްނުންތެރި ޢިލްމުވެރީންނެވެ.
އަނެއް ކޮޅުން އެމެރިކާގެ ފަރާތުން ދިޔަ ވަފުދުގައި ހިމެނުނީ ޓުރަންޕު ބުނި އެއްޗެއް ބުނާން ފޮނުވި ބަޔެކެވެ. ވިސްނައި ފިކުރުކޮށްގެން އެއްޗެއް ބުނުމުގެ އިޚުތިޔާރު ނެތް އަދި ތަޖުރިބާއެއް ނެތް ބަޔެކެކެވެ. ޓުރަންޕުގެ ރައްޓެހީންނާއި ދަނބިދަރީންނާއި މި ފަދަ މީސްމީހުންނެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ޑިޕްލޮމެސީއަކީ ކޮން އެއްޗެއްކަން ވެސް އެނގޭ ބަޔެއް ނޫނެވެ. އެހެންކަމުން ޓުރަންޕު ބޭނުންވާ ގޮތަށް އީރާނުން އެއްބަސް ނުވެއްޖެ ނަމަ ދެން ދައްކާނެ ވާހަކައެއް އެ މީހުންނަކަށް ނޭނގެއެވެ. އަދި އިތުރު ވާހަކައެއް ދެއްކުމުގެ އިޚުތިޔާރެއް ވެސް އެ މީހުންނަކަށް ނެތެވެ.
އީރާނުގެ ބަރުލަމާނުގެ ރައީސް ޑރ. މުޙަންމަދު ބާޤިރު ޣާލިބާފު ވިދާޅުވީ ޕާކިސްތާނުގައި އޮތް މަޝްވަރާތަކުގައި އެމެރިކާގެ ވަފުފުދަށް އީރާނުގެ އިތުބާރު ހޯދާނެ ގޮތް ނޭނގިގެން މަޝްވަރާތައް ނާކާމިޔާބުވީކަމަށެވެ.
އެމެރިކާގެ ވަފުދުގެ ވެރިޔަކަށް ހުރި، އެމެރިކާގެ ނާއިބު ރައީސް އަދި ޓުރަންޕުގެ ގާތް އެކުވެރިޔާ ޖޭޑީ ވާންސް ކުރީން ބުނެފައިވަނީ އެ ވާހަކަތައް އެއްވެސް ޑީލަކާ ހަމައަށް ނުގޮސް ނިންމައިލާން ޖެހުނީ [ނިހާއީ އަދި އެންމެ ރަނގަޅު ހުށަހެޅުން] އީރާނުން ގަބޫލުނުކުރީމައެވެ.
ޕާކިސްތާނުގައި އެމެރިކާއާއި އީރާނުން ބޭއްވި [ސުލްހައިގެ] ވާހަކަތައް ނާކާމިޔާބުވެފައިވާތީ އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުންވެސް ވަނީ ވަރަށް ބޮޑަށް ނާއުންމީދުވެ ވާހަކަދައްކައިފައެވެ. އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގ އިލްތިމާސްކުރަނީ އަލުން އެނބުރި މަޝްވަރާގެ މޭޒުދޮށަށް ދާށެވެ.
އީރާނުން މިހާރު ނިންމައިފައިވަނީ އީރާނަށް އިގުތިސާދީ ގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޓަކައި ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި އެ ގައުމުގެ ތެޔޮ އުފެއްދުމާއި ބޭރުކުރުން، ހަނގުރާމަ ފެށުމުގެ ކުރީން އޮތް މިންވަރަށް ވުރެ 70-80 އިންސައްތަ އިތުރުކުރާށެވެ. އިގުތިސާދީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ގައުމު ފަހަތަށް ޖެހުނު ތަން ކުރިއަރުވައި، ލިބުނު ގެއްލުން އަނބުރައި ފޫބައްދާށެވެ.
މި ކަންކަން މިހެން ހިނގަމުންދާ އިރު އިޒުރޭލުން ދެކުނު ލުބުނާނަށް ދޭ ހަމަލާތައް މެދުކަނޑައިލުމެއް ނެތި ކުރިއަށް ގެންދަނީއެވެ. ހަމަލާތައް ހައްތާ ވަރުގަދަކުރަނީއެވެ. އިއްޔެ ވެސް އެ ޙަމަލާތަކުގައި ޤާނާ އަވަށުން ފަސް މީހަކާއި މާރޫބު އަވަށުން ހަ މީހަކު މި ޙަމަލާތަކުގައި މަރުވެފައިވެއެވެ. މާރިޗު ދެވަނަ ދުވަހުގެ ފަހުން މަދުވެގެން 2020 މީހުން ލުބުނާނުން މަރުވެ، 6436 މީހުން ޒަޚަމުވެފައިވާކަމަށް ލުބުނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިހާރު ޓުރަންޕު ވިސްނަމުންދަނީ ޙުރުމޫޒު ކަނޑުއޮޅި، އެމެރިކާގެ އަސްކަރީ ބާރު ބޭނުންކޮށްގެން އެކީއެކަށް ބަންދުކޮށްލާށެވެ. އެ ކަމުގެ ސަބަބުން އީރާޏުގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކަށް ގެއްލުންވާނެއެވެ. މި ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ހަމަ އެކަނި އިގުތިސާދީ ގޮތުން ފައިދާވާނީ ރޫސީވިލާތަށެވެ.