ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
14 އޭޕްރިލް 2026
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް ޚިޔާނާތްތެރިވެ އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް، މަޑޫރޯ ވިއްކައިލީ، އޭނާގެ ޤައުމުގެ އަސްކަރިއްޔާއާއި، ސަލާމަތީ ޓީމުންނެވެ.
އޭނާ ހައްޔަރުކުރުމުގެ ތިން މަސް ކުރިން، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ، ސީ.އައި.އޭ އިން އޭނާގެ ވެރިކަމުގެ ފަށަލަތަކުގެ ތެރެއަށް ވަދެފައިވާ އިރު، އެއީ މުޅި ވެނެޒުއެލާގައި އެންމެންނަށް ވެސް އެނގޭ ފާޅުކަން ބޮޑު ސިއްރެކެވެ. އެމެރިކާއަށް އޮމާންކަމާ އެކު މަޑޫރޯ އަތުލައިގަނެވޭނޭ މަގު، އޭނާގެ ވެރިކަމުގެ މަތީ ފަންތީގައި ހިމެނޭ ބަޔެއް ފަރާތްތަކުން ކަށަވަރުކޮށްދީފި ނަމަ، ބޮޑެތި ޢަދަދުތަކުން ޑޮލަރު ދޭނެކަމަށް އެމެރިކާއިން އެމީހުންނަށް ވަޢުދުވިއެވެ.
މަޑޫރޯ ހައްޔަރުކުރިތާ އެތައް މަސްތަކެއްވީ އިރު ވެސް އެމެރިކާއިން އެ މީހުންނަށް ދޭނެކަމަށް ވަޢުދުވި ފައިސާއިން، އެއިން އެކަކަށް ވެސް އަދި މިހައި ތަނަށް ލޯލާރިއެއް ވެސް ލިބިފައިނުވެއެވެ.
މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ހިންގި ޚާއްޞަ އޮޕަރޭޝަންގެ ރޭ، ވެނެޒުއެލާގެ އަސްކަރީ ކޮމާންޑަރުން ވަނީ މިސައިލް ޑިފެންސް ސިސްޓަމްތައް، މަސައްކަތް ނުކުރާނޭ ގޮތް ހަދައި، އެމެރިކާ ސިފައިންގެ ބޮންއެޅިޔަސް، ރައްދުގައި ޙަމަލާނުދިނުމަށް އިންފެންޓްރީ ޔުނިޓްތަކަށް އަމުރުކޮށްފައެވެ.
ގާތްގަޑަކަށް ހަތަރު ގަޑި އިރު ވަންދެން އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔައީ ރިޔާސީ ގަނޑުވަރުގެ މަދު ގާޑުންކޮޅަކާއި، މަޑޫރޯއަށް ވަފާތެރި ސަލާމަތީ ބައެއް ސިފައިންނެވެ.
އީރާނުގައި 2025ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންތިޒާމުކޮށްގެން ހިންގި އަނިޔާވެރި މުޒާހަރާގެ މަސްތަކެއް ކުރިން މޮސާޑުން އީރާނަށް ވަދެ، އީރާނުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ރައްޔިތުންނަށް ހަތިޔާރު ފޯރުކޮށްދިން ނަމަވެސް އީރާނުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.
އާޔަތު الله ޢަލީ ޚާމަނާއީ ހައްޔަރުކޮށް، އޭނާގެ ވެރިކަން ވައްޓައިލައި، ވެރިކަން ބަދަލުކުރުމަށް ފުރަތަމަ ކުރިމަތިލާން ޖެހޭނީ ސުޕްރީމް ލީޑަރާއި، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ވަފާތެރި އިސްލާމީ އިންޤިލާބީ ގާޑުން ނުވަތަ އައި.އާރު.ޖީ.ސީ އާއެވެ. އައި.އާރު.ޖީ.ސީގެ ގާޑުންނަކީ ބުނިޔާދީ ގޮތެއްގައި، އެއްވެސް ބަޔަކަށް މަޢާފުކުރުމެއް ނުވާ، އަދި އިންތިހާއަށް ސުޕްރީމު ލީޑަރަށާއި، އަދި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ވަފާތެރި ބަޔެކެވެ. ސީ.އައި.އޭ އިން މަޑޫރޯގެ ސަލާމަތީ ބާރުތަކާ އެކު ކަންތައްތައް ކުރި ގޮތާއި ޚިލާފަށް، އައި.އާރު.ޖީ.ސީއާ ގުޅުމަށް މޮސާޑުން ކުރި މަސައްކަތް ވަނީ ލަދުވެތި ގޮތެއްގައި ފޭލިވެފައެވެ.
މޮސާޑުގެ ދިގު އަތް، އައި.އާރު.ޖީ.ސީގެ ތެރެއަށް ބޭނުނު ނަމަ، އީރާނުގެ ވެރިކަން ވައްޓައިލުމަކީ އެމެރިކާއަށް ދާދި ފަސޭހަ ކަމަކަށް ވީހެވެ. އެހެން ނަމަވެސް އައި.އާރު.ޖީ.ސީ ސަލާމަތުން ދެމި އޮތްހައި ހިނދަކު، އެމެރިކާއަކަށް އަދި އިޒުރޭލަކަށް ދުވަހަކު ވެސް އެ ކަން ކާމިޔާބެއް ނުވާނެއެވެ.
ވެރިކަންތައް ނުވަތަ ސަރުކާރުތައް ވައްޓައިލަނީ ބޭރުގެ ބާރުތަކަކުން ނޫނެވެ. ވެރިކަންތަކާއި ސަރުކާރުތައް ވައްޓައިލަނީ ސަރުކާރުތަކުގެ އެތެރޭގައި ތިބޭ ޣައްދާރުންނެވެ. ބޭރުގެ ބާރުތަކުން ކުރާ ކަމަކީ، އެ ފަދަ ޣައްދާރުން ފާހަގަކޮށް، އެ މީހުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާދޭނެކަމަށް ބުނެ، ދޮގު ވައުދުތަކެއްވެ، ސަރުކާރުތައް ވައްޓައިލުމުގެ މަސައްކަތް އެ ފަދަ ޣައްދާރުން ލައްވައި ފައްޓުވަނީއެވެ.
[އަހުރެމެންގެ ތެރެއިން މީހަކު މަރައިލުމަށް، އެ މީހުން އަބަދު ވެސް ބޭނުން ކުރަނީ އަހުރެމެންގެ ތެރެއިން އެކެކެވެ. ހަމައެކަނި ބޭނުމަކީ، އެ ކަން ކުރީ އަހުރެމެންގެ ތެރެއިން އެކަކު ކަމަށް ބުނުމެވެ.]