ad_banner
ކާބަފައިން ހޯދި ސައިންސަށް އިޙުތިރާމުކުރުން

ޙަކީމް ސަލްމާނު ފަހުމީ

8 އޭޕްރިލް 2026

ދިވެހި ބޭސްވެރިކަމަކީ ހަމައެކަނި ސަގާފީ އަދި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ފަރުވާގެ ނިޒާމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ސައިންޓިފިކް ނަޒަރިއްޔާތަކުން ބަލާ އިރު ވެސް ގަބޫލުކުރެވޭ ފަދަ އުސޫލުތަކެއް އެކުލެވިގެންވާ ކަމެކެވެ.

ދިވެހި ބޭސްވެރިކަމުގެ އިލްމަކީ ޒަމާނުއްސުރެ ކުރެވުނު ތަޖުރިބާތަކާއި ފެނުނު ކަންކަމުގެ މައްޗަށް ބިނާވެ، ޖީލަކުން ޖީލަކަށް ނަގުލުވަމުން އައިސްފައިވާ އިލްމެކެވެ. މި ދާއިރާގައި ބޭނުންކުރާ ގަސްގަހާގެއްސާއި، މުލާއި، ފަތްޕިލާވެއްޔަކީ އޭގައި ކެމިކަލް މާއްދާތަކެއް އެކުލެވިގެންވާ އެއްޗެހި ކަމަށްވާ އިރު، އެ ތަކެތިން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތަކަކީ ޒަމާނީ ސައިންސުން ބާރުދޭ ކަންކަމެވެ.

ޒަމާނުއްސުރެ ދިވެހި ބޭސްވެރީން އައީ ވަކިވަކި ގަސްގަހާގެހީން ހަށިގަނޑަށް ކުރާ އަސަރުތައް ވަރަށް ގާތުން ބަލަމުންނެވެ. އެ ގޮތުން ހުން މަޑުކުރުމަށާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކުރުމަށާއި، ފާރުގަނޑު ފަސޭހަކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންކުރާ ތަކެއްޗަކީ އެތައް ފަހަރަކު ތަކުރާރުކޮށް ކުރެވުނު ތަޖުރިބާތަކުގެ ނަތީޖާއެވެ.

މި ގޮތަށް ކަންކަން ހޯދައި ދެނެގަތުމަކީ ސައިންސުގެ ވެސް އަސާސެވެ. އެއީ ކަންކަން ބަލައި، ތަޖުރިބާކޮށް، އޭގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކަންކަން އިސްލާހުކޮށް ތަރައްގީކުރުމެވެ.

މިއަދުގެ ސައިންސުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ގަސްގަހާގެހީގައި ހުންނަ މާއްދާތަކުގެ ފައިދާ ސައިންޓިފިކް ގޮތުން ސާބިތުކޮށްދީފައެވެ.

 ހަމަ އެ ފަދައިން، ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ތަކެތީގެ ފައިދާ ވެސް ސައިންޓިފިކް ގޮތުން ދިރާސާކޮށް ހޯދިދާނެއެވެ. ރާއްޖޭގެ ކަނޑާއި ފަޅުގެ މާހައުލުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ދިރުންތަކަކީ މި ފަދަ ފުޅާ ދިރާސާތަކެއްކުރުމަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ.

އެހެންނަމަވެސް، މި ދެ ދާއިރާ ގުޅުވައިލުމުގައި މެދުމިންގަނޑެއް ހިފެހެއްޓުމާއި އިހުތިރާމްކުރުން މުހިންމެވެ.

ދިވެހި ބޭސްވެރިކަމުގެ ސަގާފީ އަދި ތާރީޚީ އަގު ގެއްލޭ ފަދަ ގޮތަކަށް ސައިންޓިފިކް އޮނިގަނޑެއްގެ ތެރެއަށް އެ ކަން ފެއްތުމަކީ ރަނގަޅު ކަމެއްނޫނެވެ. އެކަމަކު، އޭގެ ސައިންޓިފިކް ބައިތައް ދެނެގަތުމަކީ ގަދީމީ އިލްމާއި ޒަމާނީ ހޯދުންތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށްދޭނެ ކަމެކެވެ. މިއީ މި އިލްމު ދިރާސާކޮށް، ރައްކާތެރިކަމާ އެކު ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ދިވެހި ބޭސްވެރިކަމަކީ "ސައިންސަށް ބިނާވެފައިވާ" އެއްޗެކޭ ބުނުމުގެ މާނައަކީ އެއީ ލެބޯރެޓަރީތަކެއްގައި އުފެއްދި އެއްޗެކޭ ބުނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވައިފައިވާ ގުދުރަތީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

ސައިންސަކީ ފަހުން އެ ގާނޫނުތައް ހޯދައި އޮޅުންފިލުވައިދޭ ވަސީލަތެކެވެ. ދިވެހި ބޭސްވެރިކަމަކީ ތިއަރީތަކަކަށް ވުރެ ބޮޑަށް، އިންސާނާގެ ހަށިގަނޑާއި ގުދުރަތާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ފަރުވާގެ ނިޒާމެކެވެ.

ޚުލާސާކޮށް ދަންނަވާ ނަމަ، ދިވެހި ބޭސްވެރިކަމަކީ އާދަކާދައާއި، ތަޖުރިބާއާއި، އަދި ގުދުރަތީ ސައިންސް އެކުލެވިގެންވާ ފުރިހަމަ ނިޒާމެކެވެ.

މި ކަމަށް އިހުތިރާމްކުރުމަކީ އޭގެ ސަގާފީ އަގު ވަޒަންކުރުމާ އެކު، އޭގައި އެކުލެވޭ ސައިންޓިފިކް ފައިދާތައް ވެސް ބަލައިގަތުމެވެ. މި ގޮތަށް ކަންކަން ކުރުމުން، މި އަގުހުރި އިލްމު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓު