އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 އޭޕްރިލް 2026
އަންގާރަ ދުވަހަށް ދީފައިވާ ސުންގަޑިއަށް ހުރުމޫޒު ކަނޑުއޮޅި އެކީއެކަށް ހުޅުވައިނުލައިފި ނަމަ، އީރާނުގެ ހަކަތަ އުފައްދާ ހުރިހައި ނިޒާމަކާއި ދާލަންތަކެއް ސުންނާފަތިކޮށް ނައްތައިލާނެކަމުގެ އިންޒާރުދީ ބިރުދެއްކުމުން އީރާނުން ދިނީ ވަރަށް ފިނި ރައްދެކެވެ.
އީރާނުގެ އަސްކަރިއްޔާގެ ފަރާތުން މީޑިއާގައި ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ [އެމެރިކާ އެ ވަނީ ހަގީގަތެއް ނެތް ވާހިޔާތެއްގައިކަމަށާއި އެ ފަދަ ލަދުވެތި އަދި ބޭއަދަބީ ބަސްތަކެއް ބަލައެއްނުގަނެވޭނެ]ކަމަށެވެ.
އެމެރިކާއިން މި ފަދަ މުޑުދާރު އިންޒާރުތައް ދޭ އިރު، ހޯމަދުވަހު ވެސް ވަނީ މުޅި އީރާނުގެ އެއްކޮޅުން އަނެއްކޮޅަށް ބޮންއަޅއިފައެވެ. އެމެރިކާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން އީރާނުން 34 މީހަކު މަރުވެފައިވެއެވެ. ނަމަވެސް އީރާނުން ގަލްގެ ގައުމުތަކަށް ހަމަލަދެނީ އެ ގައުމުތަކުގެ ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް އެކަންޏެވެ. އެމެރިކާއާއި އިޒުރޭލަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް މީޑިއާއިން ސިއްރުކުރަމުން ގެންދާތީ، އީރާނުގެ ޙަމަލާތަކުން ލިބޭ ސީދާ ގެއްލުން ބަޔާންކުރާކަށް ނޭނގެއެވެ. މީސްމީޑިއާއިންނާއި ބައެއް އެހެން މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ގަލްފުގައި ހުރި އެމެރިކާގެ ހުރިހައި މަރުކަޒުތަކެއް މިހާރުވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި އިޒުރޭލުގް ސިނާއީ ރަށްކަމަށްވާ ހައިފާއާއި ވެރިރަށް ތައްލުއަބީބު ވެސް ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެފައެވެ.
ޓުރަންޕުގެ މި އިންޒާރަށް ފަހު ބުނެފައިވާ ގޮތުގައި ހަނަގުރާމަ ހުއްޓުމަށް ޓަކައި އެމެރިކާއިން ހުށަހެޅި ސުލްހައިގެ އެއްބަސްވުމަށް މަސްލަހަތުވެރި މަންދޫބުން މެދުވެރިކޮށް އީރާނުން ދިން އިޖާބަ ފާގަގަކޮށްލެވޭ ވަރަށް ރަނގަޅެވެ. ނަމަވެސް [ފުދޭ ވަރަށް އަދިވެސް ރަނގަޅެއް ނޫނެވެ.]
ޓުރަންޕު މި އިންޒާރުތައް ދެމުންދާ އިރު، އިޒްރޭލާއި އެމެރިކާއިން ސުމާރެއް ނެތި އީރާނަށް މިސައިލުން ހަމަލާދެމުން އެބަގެންދެއެވެ.
އިޒުރޭލުން މި އަދު ޚަބަރުދިން ގޮތުގައި ތެހެރާނުގެ ތިން އެއަރުޕޯޓަކަށް ހަމަލާދީ ވަރަށް ގިނަ މަތީންދާބޯޓާއި ހެލިކޮޕްޓަރުތަކެއް ހަލާކުކޮށްލައިފިއެވެ. އަދި އެންމެ ބޮޑު ޕެޓްރޯކެމިކަލް އެކުވެންޏަށް ވެސް ބޮންއަޅއިފައިވާނެކަމަށް ބުނެއެވެ. މިއީ އީރާނުގެ [ސައުތު ޕާރސް ގޭސް ފީލްޑް]އެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ގޭހުގެ ޚަޒާނާ ހުރި މަރުކަޒެވެ.
[ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީ]ގެ ވެރިޔާ ބުނާ ގޮތުގައި މި ތަންތަނަށް މިހައި ވަރުގަދަ ހަމާލާތައް ދިނުމަކީ މުޅި ސަރަހައްދަށް ކެމިކަލް ލީކުވެ، މުޅި ސަރަހައްދަށް ނުރައްކާ ފޯރައިދާނެ ކަމެއްކަމަށްވާތީ، މި ޙަމަލާތައް ވަގުތުން ހުއްޓައިލާންޖެހެއެވެ.
އަނެއްކޮޅުން އިޒުރޭލާއި އެމެރިކާގެ ޙަމަލާތަކެއްގައި އީރާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ މޭޖަރ-ގެނެރަލް މާޖިދު ޚާޟަމީ ވަނީ ޝަހީދުކޮށްލައިފައެވެ.
މިހާރު އެމެރިކާއާއި އިޒުރޭލުގެ މުޅި އަމާޒުހުރީ ޣައްޒާއަށް ވެސް ޙަމަލާ ދިން ގޮތަށް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ހުރިހައި ވަސީލަތްތްކާއި ބިނާރު ހަލާކުކޮށް ސުންނާފަތިކުރުންކަމަށްވާތީ، އެމެރިކާގެ މަގުސަދަކީ އީރާނުގެ ރައްޔިތުން ނައްތައިލައިގެން ނަމަ ވެސް އީރާނުގެ ބިމަށް ވެރިވެގަނެ، އެ ތަނުގެ ގުދުރަތީ މުއްސަނދިކަން ފޭރިގަތުންކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. މި ވާހަކަ އީރާނުގެ އޮފިޝަލުން ވެސް ވަނީ ވިދާޅުވެފައެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތަކީ ޑޮނަލްޑު ޓުރަންޕާއި ބުންޔާމީން ނަތަންޔާހޫއެވެ.