ad_banner
ހަނގުރާމައިގެ މަޢުލޫމާތުގެ އެންމެ ފަހުގެ އަދާހަމަ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

31 މާރިޗް 2026

އީނާނުގެ ޚަރުޤު ޖަޒީރާގެ ތެޔޮވަޅުތައް

·    [އިސްކަންދެނީ އީރާނުގެ ތެލުގެ މައްޗަށް އަތްގަދަކުރުމަށެވެ.] – ޓުރަންޕު

·    [ރައީސް ޓުރަންޕު އިސްކަންދެނީ އީރާނާ އެކު މި ހިނގާ އަރައިރުމުގެ ޙައްލު ޑިޕުލޮމެޓިކު މަޝްވަރާގެ ތެރެއިން ހޯދުމަށެވެ.] - އެމެރިކާގެ ޚާރިޖީ ވަޒީރު

ތެހެރާނުން ހުރުމޫޒު ކަނޑުއޮޅި ނުހުޅުވައިފި ނަމަ، މަދަނީ ހަކަތައިގެ ބިނާރާއި އިންޖީނުގެތަކާއި ތެޔޮވަޅުތަކަށް ހަމަލާދޭނެކަމަށް ބުނެ ރައީސް ޑޮނަލްޑް ޓުރަންޕު ވަނީ އީރާނަށް އިންޒާރުދީފައެވެ.

ހަމަ މި ދަނޑިވަޅުގައި ލުބުނާނުގެ އަސްކަރީ ޗެކު ޕޮއިންޓަކަށް އިޒުރޭލުން ދިން ޙަމަލާއެއްގައި ސިފައިންގެ މީހަކު މަރުވެ އިތުރު ބަޔަކު ވަނީ ޒަޚަމުވެފައެވެ.

އަނެއްކޮޅުން އިޒުރޭލުގެ ސިނާޢީ ރަށްކަމަށްވާ ހައިފާގެ ބާޒާން ތެޔޮކާރުޚާނާއަކަށް އެރި މިސައިލު ޙަމަލާއެއްގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވެ އަނދަމުންދާކަމަށް ވެސް ޚަބަރު ލިބެއެވެ.

އީރާނުގެ މިސައިލުތައް ހަލާކުކޮށްލަމުންދާކަމަށް ގަލްފުން ލިބޭ ޚަބަރުތަކުގައި ބަޔާންކޮށްފައިވާ އިރު، ކުވައިތުން ޚަބަރު ލިބިފައިވާ ގޮތުގައި ކުވައިތުގެ އިންޖީނުގެއަކާއި ފެން އުފައްދާ ކާރުޚާނާއަކަށް އީރާނުން ދިން މިސައިލު ހަމަލާއެއްގައި، އެ ތާނގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާގެ ރައްޔިތަކު ވަނީ މަރުވެފައެވެ.

ހަމަ މި ފަދައިން އެމެރިކާ-އިޒުރޭލުން އީރާނުގެ ތަބްރޭޒުގައި ހުންނަ ޕެޓުރޯކެމިކަލް މަރުކަޒަކަށް ދިން ޙަމާލައެއްގެ ސަބަބުން ތެހެރާނުގެ ވަކި ބައަކުން ކަރަންޓު ކެނޑިފައިވާކަމަށް ވެސް ވަނީ ޚަބަރު ލިބިފައެވެ. މިއާ ގުޅިގެން އީރާނުން ދެކުނު އިސްރާއީލުގެ ސިޔާއީ ސަރަހައްދަކަށް ދިން ހަމަލާއެއްގައި އެ ތާނގައި އަލިފާން ރޯވެ ކެމިކަލް ނީރުމުގެ ބިރު ވަނީ އުފެދިފައެވެ.

މި ޙާލަތު މިހެން އޮތް އިރު، [ފައިނޭސްޝަލް ޓައިމްސް]އަށް ޑޮނަލްޑު ޓުރަންޕު ދިން ބަންދީގަތުމެއްގައި ސާފުކޮށް ބުނެފައިވަނީ އީރާނުގެ ތެލުގެ މައި ރަށްކަމަށްވާ ޚަރުގު ޖަޒީރާ ހިފާން މަސައްކަތްކުރާ މައިގަނޑު ސަބަބަކީ އީރާނުގެ ތެލުގެ މައްޗަށް އަތްގަދަކުރުންކަމަށެވެ. މިހާރު އެމެރިކާގެ އެންމެ އިސް އަމާޒަކީ އެ ޖާޒީރާ ހިފުންކަމަށް ވެސް އޭނާ ބުންޏެވެ.  

ޚަރުގު ޖަޒީރާއަކީ 22 އަކަކިލޯމީޓަރު (8.5 އަކަމީޓަރު)ގެ ބޮޑުމިނުގެ ޖަޒީރާއެކެވެ. މިއީ އީރާނުގެ ތެލުގެ މައި ހަބެވެ. މިއީ އީރާޏުގެ ސިފައިން ވަރަށް ވަރުގަދައަށް ޙިމާޔަތްކުރަމުން ގެންދާ ރަށެކެވެ. އެ ޖަޒީރާއަށް އެއްވެސް މީހަކަށް އެރެނީ އީރާނުގެ އޮފިޝަލުން ވަރަށް ވަރުގަދައަށް ބަލައި ފާސްކުރުމަކާ އެކު، ސަލާމަތީ ޗެކުކުރުމަށް ފަހުގައެވެ.

މިއީ އީރާނުން އެކްސްޕޯޓުކުރާ 90 އިންސައްތަ ތެޔޮ އުފައްދާ ރަށެވެ. މި ރަށުން ދުވާލެއްގެ މައްޗަށް ދުވާލެއްގެ މައްޗަށް 1.5 ފީފާ ތެޔޮ އުފައްދައެވެ.

އެ ޖަރީގައިގައި ހުރި އަސްކަރީ މަރުކަޒަށް، ނިމެމުން މިދާ މާރިޗު 14ވަނަ ދުވަހު އެމެރިކާއިން ބޮންއަޅައިފައިވާނެކަމަށް ވެސް ޓުރަންޕު ވަނީ ހާމަކޮށްފައެވެ.

[އޯގާތެރިވުމަށް ޓަކައި ތެލުގެ ބިނާރާއި އެ ވަސީލަތްތައް އެކީއެކަށް  ނައްތައިލާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހުރުމޫޒުން ދަތުރުކުރާ އުޅަނދުތަކަށް އެ ސަރަހައްދު ހުޅުވައިލާން ކުރާ މަސައްކަތަށް އީރާނުން ނުވަތަ އެއްވެސް ފަރާތަކުން ހުރަސްއަޅައިފި ނަމަ، ހަމަ ވަގުތުން މި ނިންމުމާ މެދު އަލުން ވިސްނާނަމެވެ.] ޓުރަންޕު އޭނާގެ 'ޓުރުތު ސޯޝިއަލް'ގައި ލިޔެފައިވެއެވެ.

މި ހުރިހައި ބިރުދެއްކުންތަކަކާއި ހަރުކަށިކަމެއް ޓުރަންޕުގެ ބަސްމަގުން ފެނުނުކަމަށް ވިޔަސް، އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ 'އަލްޖަޒިރާ'އަށް ދން ޚާއްޞަ ބަސްދީގަތުމެއްގައި ބުނެފައިވަނީ [ރައީސް ޓުރަންޕް އިސްކަންދެނީ އީރާނާ އެކު މި ހިނގާ އަރައިރުމުގެ ޙައްލު ޑިޕްލޮމެޓިކު މަޝްވަރާގެ ތެރެއިން ހޯދުމަށެވެ.] އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި [އީރާނާ އެކީ ކުރެވެމުންދާ ހަނގުރާމަ ނިންމުމަށް ޓަކައި މެދުވެރީންގެ ޒަރީޢާއިން ތެހެރާނާ އެކު ސީދާ ވާހަކަދެކެވެމުން އެބަދެއެވެ.] ނަމަވެސް މި ވާހަކަ އީރާނުން ކަށަވަރުކޮށްދީފައިވާކަމުގެ މަޢުލޫމާތެއް [ފަރަގު މީޑިއާ]އަކަށް އަދި ލިބިފައެއް ނެތެވެ.

މުޅީން ކަށަވަރުނުވާ މަސްދަރުތަކުން ދާދި ދެންމެއަކު ޚަބަރު ލިބިފައިވާ ގޮތުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓުކޮމް) ޔުނިޓާ ގުޅުން ހުރި އެލީޓް ޔުނިޓްތައް ހިމެނޭ ގޮތަށް، އެމެރިކާގެ ފަންސާހަށް ވުރެ ގިނަ ސިފައިން، ހުރުމޫޒު ކަނޑުއޮޅީން ހައްޔަރު ކޮށްފިއެވެ. މި ކަން ހާމަކޮށް އީރާނުން އާންމުކުރި ބަޔާނުގައި ވަރަށް ހަރުކަށި އިންޒާރެއް ވެސް އެމެރިކާއަށް ވަނީ ދީފައެވެ. [އީރާނަކީ ވެނެޒުއެލާއެއް ނޫންކަމަށާއި، އަދި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅަކާ މެދު ގޮތްނިންމާނޭ ބާރަކުން ކުރިމަތިލާނެ]ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް، މި ޙާދިސާ އެމެރިކާގެ ކަމާ ބެހޭ އެއްވެސް ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ. މީގެ ކުރިންވެސް އީރާނުގެ މިފަދަ ކޮންމެ ޚަބަރަކީ ދޮގެކޭ ބުނެ އެމެރިކާއިން ފުރަތަމަ އެ ކަންކަން ދޮގުކުރެއެވެ. ނަމަވެސް ފަހުން މި ފަދަ ގިނަ ކަންކަމަށް ޓުރަންޕު އިޢުތިރާފު ވެފައި އެބަހުއްޓެވެ. މަތިންދާބޯޓް އުފުލާ މަނަވަރު ޔޫ.އެސް.އެސް އާރު ޖެރަލްޑް ފޯޑަށް އީރާނުން ދިން ވަރުގަދަ ޙަމަލާގެ ޚަބަރަކީ މި ފަދަ ޚަބަރެކެވެ.

މީގެ ކުރީން އެމެރިކާގެ ބިންމަތީ ސިފައިން އީރާނުގެ ޚަރުގު ޖަޒީރާ ހިފާން ދާ ވާހަކަ ބުނެ އީރާނަށް ބިރުދެއްކުމުން އީރާނުން ބުނެފައިވަނީ އެ މީހުން ތިބީ އެ ފަދަ ބަޔަކު އަންނަންދެން އިންތިޒާކޮށްގެންކަމަށެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނީރުން      މ.    އެއްޗެއްގެ ދެރަކަމުން ނުވަތަ އެ އެއްޗެއް ފޫވެއްޓިގެން އޭގައި ހުރި ދިޔާއެއްޗެއް ނުވަތަ ގޭހެއް މަދުމަދުން ބޭރަށް ނުކުތުން. leak

އަދާހަމަ     ނ.    (1) އެއްޗަކާ ނުވަތަ ކަމަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތުގެ އެންމެ ފަހުގެ ފެންވަރު. update

ކޮމެންޓު