އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 އޭޕްރިލް 2026
ހުރުމޫޒު ކަނޑުއޮޅި ހުޅުވާން މަޖުބޫރުކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރާން ބަހުރައިނުގެ ތާއީދާ އެކު އިމާރާތުން ހުށައެޅި ގަރާރަށްވީ ކިހިނެއްހެއްޔެވެ؟ ޗައިނާއާއި ރޫސީވިލާތާއި ފަރަންސޭސިވިލާތުން އެ ގަރާރު ވީޓޯކުރީއެވެ. އިޒުރޭލާ ދެކޮޅަށް ހުށަހަޅާ ކޮންމެ ގަރާރެއް އެމެރިކާއިން ވީޓޯކުރާ ފަދައިން މި ތިން ގައުމުން ވެސް ވީޓޯގެ ބާރު ބޭނުންކުރީއެވެ. އެހެންކަމުން ވަރަށް ސާފުކޮށް މި އެނގެނީ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާއަށް ލިބިފައިވާ ބާރާއި ޝުހުރަތު މިއަދު ގެއްލިފައިވާ މިންވަރެވެ.
ފަންސޭސީން މި ނިންމި ނިންމުމަށް ދޭ އިނާމެއްގެ ގޮތުގައި ފަރަންސޭސީންގެ ބޯޓުފަހަރަށް ހުރުމޫޒު ކަނޑުއޮޅީން ދަތުރުކުރުމުގެ ހުއްދަދޭ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް އީރާނުން އެބަ ކުރެއެވެ. އަދި އަދި މި ކަނޑުއޮޅީން ފަރަންސޭސި ބޯޓެއް ނުކުތުމުގެ ހުއްދަ ހޮނިހިރު ދުވަހު އީރާނުންވަނީ ދީފައެވެ.
އީރާނުން ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމާ އެކު، ފަރަންސޭސި ވިލާތުގެ ރައީސް މެކްރޯން ފުރަތަމަ ބުނެފައިވަނީ ފަރަންސޭސި އުޅަނދުފަހަރު އެ ތަނުން ހުރަސްކުރުމަށް އެހީވުމަށް ޓަކައި ކަނޑުގެ ބާރެއް ހުރުމޫޒަށް ފޮނުވާނެކަމަށެވެ.
ފަރަންސޭސި ރައީސްގެ މި ނިންމުން ބަދަލުކޮށް، އީރާނާ ވާހަކަދައްކައިގެން އީރާނު ރުއްސައިގެން އެ ކަނޑުއޮޅީން ފަރަންސޭސި ބޯޓުފަހަރަށް ނުކުމެވޭނެ ގޮތް ހެދުމަށް ޓަކައި އަސްކަރީ ބާރަށް ވުރެ ޑިޕްލޮމެޓިކް ބާރު މާ އަސަރުވެރިކަމަށް ފަހުން މެކްރޯނަށް ވިސްނުނީއެވެ. އެހެންކަމުން މި އިސްތިރާޖު މަސައްކަތްކޮށް ފަރަންސޭސި ބޯޓުފަހަރަށް އެ ކަނޑުއޮޅި ހުރަސްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމުން އޭނާއަށް ސިޔާސީ ގޮތުން ވެސް ލިބުނު ފައިދާ މާ ބޮޑެވެ.
އީރާނުން ހުރިހައި ކާޑެއް ކުޅޭން ފެށުމުން މެދުއިރުމަތީގެ މުޅި ސަރަހައްދުގެ މިއުމާރިއްޔަތު އަލުން މިހާރު [ލިޔެވެނީ]އެވެ. ގަލްފުން އެލުމިނިއަމާއި ގޭހާއި ގަސްކާނާއާއި ތެޔޮ އެކްސްޕޯޓުކުރާން ބޭނުން ނަމަ، އީރާނާ ވާހަކަދައްކައިގެން ޑިޕްލޮމެޓިކު ހައްލެއް ހޯދުން ނޫން ގޮތެއް ނެތްކަން މިހާރު ގަލްފުގެ ގައުމުތަކަށް ވެސް ވިސްނިއްޖެއެވެ. މިހާރު، ޤަޠަރާއި ޢުމާނާއި ސުޢޫދީ ޢަރަބިއްޔާ ވެސް އެމެރިކާއާ ދުރަށް ޖެހޭން ފަށައިފިއެވެ. އެމެރިކާއަކީ އެ ގައުމުތަކަށް ރައްކާތެރިކަންދިނުމުގެ ގާބިލުކަން ނެތް ގައުމެއްކަން މިހާރު ގަލްފުގެ ދައުލަތްތަކަށް ވިސްނޭން ފަށައިފިއެވެ.
ޤަޠަރުން މިހާރު ބޭނުންވަނީ އިރާނާ އެކު ރަނގަޅު ރަޙުމަތްތެރިކަމެއް ބިނާކުރާށެވެ. އަދި ޤަޠަރުން މިހާރު ބުނެފައިވަނީ އީރާނަށް ޙަމަލާދޭކަށް ޤަޠަރުގެ ފަސްގަނޑު ބޭނުންކުރާކަށް އެމެރިކާއަކަށް ހުއްދައެއް ނުދޭނެކަމަށެވެ.
އެންމެ ބޮޑު ބަދަލެއް މިއައީ ސުޢޫދީ ޢަރަބިއްޔާގެ ސިޔާސަތަށެވެ. ސުޢޫދީ ޢަރަބިއްޔާއަކީ އިސްލާމީ އިންޤިލާބުގެ ފަހުން އަބަދު ވެސް އީރާނުގެ ހަތުރެކެވެ. މިހާރު ސުޢޫދީ ވަލީޢަހުދު މުޙަންމަދު ބްނު ސަލަމާނު ބުނެފައިވަނީ އޭނާ [ޓުރަންޕުގެ ފކޅގއި ބޮސްދޭނެކަމަށް ހީކޮށްގެންނުވާނެއެވެ.] އަދި ދެން ދުވަހަކު ވެސް އެމެރިކާއިން ހަތިޔާރު ނުގަންނާނެކަމަށް ވެސް މުޙަންމަދު ވަނީ ބުނެފައެވެ.
އަދި ހޮނިހިރުދުވަހު މުޙަންމަދު ވަނީ ރޫސީ ރައީސް ޕުޓިނަށް ގުޅައިގެން ވަރަށް ދިގުކޮށް ވާހަކަދައްކައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ސުޢޫދީ ޢަރަބިއްޔާއިން ބަލަނީ އެ މީހުންގެ ދިފާޢީ ބޭނުންތަކަށް ރޫސީންގެ އެހީތެރިކަން ހޯދާށެވެ. ސުޢޫދީ ޢަރަބިއްޔާގެ ދިފާޢި ބަޖެޓަކީ އަހަރަކު 90 ބިލިޔަން ޑޮލަރެވެ. މީގެ އިތުރަށް އެމެރިކާ ޑޮލަރަށް އެކަނި ތެޔޮވިއްކާތީ އަހަރަކު ޕެޓުރޯ ޑޮލަރުގެ މުޢާމަލާތުގެ ދެބައިކުޅައެއްބައި އެމެރިކާއަށް ލިބެނީ ސުޢޫދީޢަރަބިއްޔާއިންނެވެ.
ޓުރަންޕުގެ މޮޔަ ނިންމުންތަކުގެ ސަބަބުން އޭނާ ވަނީ ޕެޓުރޯޑޮލަރު މުޅީން ހަލާކުކޮށްލައިފައެވެ.
އީރާނުން ވެސް ސުޢޫދީގެ މި ނިންމުން ގަބޫލުކޮށް، ސުޢޫދީ ޢަރަބިއްޔާ ބަލައިގަންނާކަށް ވަގުތު އިސްރާފެއްނުކުރިއެވެ. މިހާރު އީރާނުން ސުޢޫދީ ޢަރަބިއްޔާއާ މުޚާޠަބުކުރަނީ ވެސް [އުޚުއްވަތްތެރި ޤައުމު]ގެ ގޮތުގައެވެ.
އެމެރިކާއަކީ ޙިމާޔަތް ކޮށްދޭނެ ފަރާތެއްކަމަށް ދެކެގެން އުޅޭ ބަޙުރައިނާއި އިމާރާތަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ވާ ގޮތް އަޅުގަނޑުމެން ބަލާން ތިބެމާ ހިނގާށެވެ! އެ ގޮތަށް އެމެރިކާއާ ބައިވެރިވެގެން އުޅޭ ކޮންމެ ބަޔަކު އީރާނުން ހަލާކުކޮށްލާނެއެވެ.
[ވޮޝިންގޓަން ޕޯސްޓު] ނޫހުގައި ލިޔުނު މަގާލެއްގައި، ވޮޝިންގޓަނުގައި ހުންނަ، އިމާރާތުގެ ސަފީރު ހަގީގަތުގައި އެ ވަނީ މި ހަނގުރާމައިގައި އެމެރިކާ ފަޅިއަށް ވަދެގެން އޭނާގެ ގައުމު ދަންޖައްސައިފައެވެ. އަބޫ ޡަބްޔާއި ދުބާއީއަކީ މިހާރު މާޒީއެވެ. ދުނިޔޭގެ މުއްސަނދިކަން މިހާރު ބަލަނީ އަދި އުންމީދުކުރަނީ މުޅީން އާ މައިދާންތަކަށެވެ.
އަންނަ ދަހަރުތަކުގައި ކިޔަވާ ކުދީންނާއި ޢިލްމުވެރީން، ކުރާ ދިރާސާތަކުގައި އިމާރާތާއި ބަޙުރައިން އެ މީހުންގެ އަމިއްލަ ގައުމު، ހަލާކުގެ ތެރެއަށް އެއްލައިލި ގޮތް ދިރާސާކުރާނެއެވެ. އަދި ނުބައި އަހަކަށް އަރައިގެން ނުބައި ދިމާއަކަށް ދަތުރުކުރި ގޮތް ދެނެގަންނާނެއެވެ. ތާރީޚުގެ ފަތްފުށްތައް އޮޅައިލުމުން ފެންނާނީ ވަރަށް ތަފާތު މަންޒަރެކެވެ. މުސްލިމުންގެ ނަމުގައި ތިބެ މުނާފިގުވެގެން އަވައްޓެރީންނާ ދުޝްމަނުމެ، ﷲގެ މަތީން ހަނދާން ނައްތައިލައި، ތިމަތިމާމެން ޙިމާޔަތް ކޮށްދޭނެ ހަމަ އެކަނި ފަރާތަކީ އެމެރިކާކަން ހީކޮށްގެން އުޅުނު ގައުމުތަކަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނު ހިތްދަތި ދުވަސްތައް ތާރީޚުން ކިޔައިދޭނެއެވެ.
ބައެއް ލަފުޒުގެ މާނަ:
އަސަރުވެރި ނއ. (1) ކަމެއްގެ އަސަރު ފޯރަނިވި. (2)ކަމަކުން ހާސިލުކުރާޏް ގަސްތުކުރާ ނުވަތަ އުންމީދުކުރާ ނަތީޖާ ނުކުންނަ.
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޓަކައި ރާވާރޭވުން ނުވަތަ ނުވަތަ ބޭޏުންކުރާ ހިކުމަތް.
އިމާރާތް ނ. އަލްއިމާރާތުލްޢަރަބިއްޔަތުލްމުއްތަޙިދާ (ޔޫއޭއީ)